بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، މިއަދަކީ ޒުވާނުންގެ ދުވަސް ކަމަށްވާތީ، ދުވަހުގެ ތަހުނިޔާ، ޒުވާނުންނާބެހޭ ހުރިހާ ކަންތައްތަކެއްގައި އުޅުއްވާ ބޭފުޅުންނަށާއި، ރާއްޖޭގެ ލޮބުވެތި ޒުވާނުންނަށް އަޅުގަނޑު ދަންނަވަން.

އާދެ، އެންމެ ފުރަތަމަ، ރާއްޖޭގެ ލޮބުވެތި ޒުވާނުން. އެމީހުންނަށްޓަކައި ބޭއްވޭ ދުވަހެއް މިއީ. އެމީހުންގެ ޚިދްމަތް ފާހަގަކުރުމަށްޓަކައި އެމީހުންނަށް އިތުރު ކުރިއެރުމާއި ތަރައްޤީއާއި ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި، މި ހުރިހާ ކަމެއް ރާވައި ހިންގުމުގެ ބޭނުމުގައި ބޭއްވޭ ދުވަހެއް ޒުވާނުންގެ ދުވަހަކީ. އެހެންވީމާ، މިއަދުގެ ޙައްޤުވެރި ފަޚުރުވެރި ޒުވާނުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާ މުބާރަކްބާދީ އަދާކުރަން. ހަމައެއާއެކު، ސަރުކާރުން ޒުވާނުންނާބެހޭ ކަންތައްތައް ހިންގަވައިދެއްވާ ހުރިހާ ބޭފުޅުންނަށާއި، އިދާރާތަކަށާއި، ފަރާތްތަކަށްވެސް އަޅުގަނޑު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދަންނަވަން. އޭގެތެރޭގައި، މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އަލްފާޟިލް ޙުސައިން ޙިލްމީއާއި، އެ މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުންނާއި، އަތޮޅުތަކުގެ އިސްވެރިންނާއި، އަތޮޅުތަކުގެ ރަށްރަށުގެ ވެރިންނާއި، އަތޮޅުތަކުގެ ރައްޔިތުންނާއި އަދި ކްލަބް ޖަމުޢިއްޔާތަކާއި، ޒުވާނުންނާބެހޭ އެކި ކަންކަމުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް އަޅުގަނޑުގެ ތަހުނިޔާގައި ޝާމިލުކުރަން.

އާދެ، މި އަހަރުގެ ޒުވާނުންގެ ދުވަސް މިފަހަރު މި ފާހަގަކުރަނީ، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި. އާދެ، މިރަށުގައި. އެހެންކަމުން މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މި ރަށުގައި މި ބާއްވާ އިޙްތިފާލުތަކަށް ރަށް ތައްޔާރުކުރެއްވުމުގެ ގޮތުން ރަށުގެ ވެރިންނާއި ރައްޔިތުންނާއި، ކްލަބް ޖަމުޢިއްޔާތަކުންނާއި ޒުވާނުން ކުރައްވާފައިވާ އިޚްލާޞްތެރި ބުރަ މަސައްކަތްތަކަށްޓަކައި އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. މި އިޙްތިފާލުގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އަދި މިރޭ ނިލަންދުއަށް އައުމުން، ނިލަންދޫ ރައްޔިތުން އަޅުގަނޑަށް ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ނިލަންދޫގެ ވެރިންނަށާއި، ރައްޔިތުންނަށް ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، އަޅުގަނޑު ނިލަންދެއަތޮޅު އުތުރުބުރީގެ މީހުން އުޅޭ ރަށްރަށަށް މިކުރާ ދަތުރުގައި، މިހާރު މި އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް މި ނިމުނީ. މިކަންކަމުގައި އަޅުގަނޑަށް އެހީތެރިވެދެއްވައި އުޅުއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އާދެ، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ވަޙީދުއްދީނާއި، މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް އަލްފާޟިލް ޙަމްދޫން ޙަމީދާއި، އަދި މިއަތޮޅު ހިންގެވުމާ މިވަގުތު ހަވާލުވެވަޑައިގެން ތިއްބެވި އަލްފާޟިލް މުޙަންމަދު ޝަރީފާއި، އަދި އަލްފާޟިލް ދޮން އާދަމްފުޅާއި، އަދިވެސް ހުރިހާ ރަށްރަށުގެ ވެރިންނާއި، އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް، މި ދަތުރުގައި އަޅުގަނޑަށް ވެދެއްވި އެހީތެރިކަމަށްޓަކައި ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ޒުވާނުންގެ ދުވަސް ފާހަގަކުރާ ސަބަބު އަޅުގަނޑަށް ދަންނަވައިލެވިއްޖެ. ދެން ބައެއް ބޭފުޅުންގެ ހިތްޕުޅަށްއަރާނެކަންނޭނގެ. ޒުވާނުންގެ ދުވަހަށް އަޅުގަނޑު މިހާބޮޑު ޝައުޤުވެރިކަމެއް މި ދެނީ ކީއްވެބާއޭ. އަދި އެއާއެކީގައި ދަންނަވާލަންޖެހެނީ، މި އަހަރުގެ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ، ރާއްޖޭގެ ޒުވާނުންނަށް ފޮނުއްވިއިރު، ޒުވާނުންނާއި، ކުޅިވަރާބެހޭ ވަޒީރު އަލްފާޟިލް ޙުސައިން ޙިލްމީ، އަޅުގަނޑުވެސް އޭގެތެރޭގައި ހިމެނުއްވި. އެހެންވީމާ އެކަމަށްޓަކައި އަލްފާޟިލް ޙުސައިން ޙިލްމީއަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. ކޮންމެގޮތެއްގައިވެސް ޒުވާނުންގެ ކަންތައްތަކަކީ، މި މަގާމުގައި ހުންނަ މީހަކު ވަރަށް އިސްކަންދޭންޖެހޭނެ ކަންތައްތަކެއް. އެއީ ޒުވާނުންނަކީ ޤައުމުގެ މުޞްތަޤްބަލް ކަމަށްވާތީ. އަދި މިހާރުގެވެސް އެންމެ އުފެއްދުންތެރި ބަޔަކީ މުޖުތަމަޢުގައި ޒުވާނުން ކަމަށްވާތީ. މިގޮތުން އަޅުގަނޑު ޒުވާނުންގެ ކަންތައްތަކަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދެވޭތޯ ބަލަމުންގެންދަން. އަދި ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވޭ އިޙްތިފާލުތަކުގައިވެސް ވެވުނުވަރަކުން ބައިވެރިވެވޭތޯ ބަލަން. މިގޮތުން މާލެއިން އުތުރުގެ ބައެއް ތަންތަނަށާއި، ދެކުނުގެ ބައެއް ތަންތަނަށް މީގެކުރިންވެސް ވަނީ، ޒުވާނުންގެ ދުވަހުގެ މި ރަސްމިއްޔާތުގައި ބައިވެރިވުމަށްޓަކައި ދަތުރުކޮށްފައި. އަދި މާލޭގައި ބޭއްވޭ ޒުވާނުންގެ މިފަދަ ކަންތައްތަކުގައިވެސް އަޅުގަނޑު މިގެންދަނީ ބައިވެރިވަމުން.

އާދެ، އަޅުގަނޑު ހިތަށްއަރަނީ މި މަގާމުގައި ހުރެގެން، ޒުވާނުންނާ ބެހޭގޮތުން ވާހަކަ ދައްކާއިރު، ޢަރަބި ޅެންވެރިޔަކު ވިދާޅުވެފައިވާ ބަސްކޮޅެއް، ޅެންބައިތެއް. އޭނާ ވިދާޅުވެފައިވަނީ، [اَلاَ لَيْتَ الشَبَابَ يَعُوْدُ يَومًا] [ދުވަހެއްގައިވެސް ޒުވާންކަން އެނބުރި އަންނާނެނަމައޭ އަހަރެން ހިތަށްއަރައެވެ. އޭރުން އަހަރެން މުސްކުޅިވެ ބޮލުގައި ނުރަޖެހުމުން، އަހަންނަށް ލިބިފައިމިވާ ހިތްދަތިކަމާއި، ވޭންތަކުގެ ވާހަކަ އެ ޒުވާންކަމަށް ކިޔައިދިނީމުހެވެ.] އެހެންވީމާ، ޒުވާންކަމަކީ ކޮންމެ އިންސާނަކުވެސް އެދޭ ކަމެއް. އެހެންނަމަވެސް އެއީ އުމުރުގެ ވަކިދުވަސްވަރެއް. އެދުވަސްވަރު ދިޔަނަމަވެސް އެމީހަކީ އެމީހެއްގައި ޚިދްމަތް ކުރުމުގެ ރޫޙު ހުރި މީހެއް ކަމުގައި ވަނީނަމަ، އެމީހެއްގެ ޞިއްޙަތު ތަންދިން މިންވަރަކުން ޚިދްމަތް ކުރުމުގެ ފުރުޞަތު ނުވަތަ ޤާބިލިއްޔަތު، އެ މީހަކަށް އޮންނާނީ ލިބިފައި. އެހެންވީމާ، ޒުވާންކަން ދިޔުމުން ޤައުމަށް ޚިދްމަތް ކުރުމުގެ ދައުރު ހަމަވީކީނޫން. އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ މީހުންނަކީ، އަދި މިތާނގައި ވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިންވެސް ބައެއް ބޭފުޅުންނަކީ ހަމަގައިމުވެސް ޒުވާންކަމުގެ ދައުރު ފަހަނައަޅައިގޮސްފައިވާ ބޭފުޅުން. އެހެންނަމަވެސް އެބޭފުޅުންނަކީ ހަމަ ޤައުމަށް ބޭނުންތެރި ބައެއް. ޚިދްމަތްތެރި ބައެއް. ކޮންމެ އުމުރެއްގައި ނަމަވެސް، މީހަކު މުޖުތަމަޢަށް ނުވަތަ ޤައުމަށް ޚިދްމަތްކުރަން ހުރިކަމުގައިވަނީނަމަ، އެމީހަކީ އެމީހެއްގެ ބޭނުން މުޖުތަމަޢަށާއި، ޤައުމަށް ވަރަށްބޮޑަށް ހިފޭނެ މީހެއް ކަމުގައިވާނެ.

އާދެ، ޒުވާނުންގެ ކަންތައްތައް ކުރިއެރުވުމަށް މިހާރުގެ ޒުވާނުންނާއި، ކުޅިވަރާބެހޭ ވަޒީރު އަލްފާޟިލް ޙުސައިން ޙިލްމީ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި އޭނާއަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. ހަމައެއާއެކީގައި އޭނާގެ ބެއްލެވުމުގެ ދަށުން އެ ވުޒާރާގެ އިސްވެރިންނަށާއި، އެ ވުޒާރާގެ ދަށުން ހަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ކުރީގެ މި މަގާމު ފުރުއްވި ބޭފުޅުން، އާދެ، އޭގެތެރޭގައި އަލްފާޟިލާ ރާޝިދާ ޔޫސުފް ހިމެނިވަޑައިގަންނަވާ. ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިން ހިމެނިވަޑައިގަންނަވާ. އަލްފާޟިލް ސަމަރުބުލޫ އިބްރާހީމް މަނިކު ހިމެނިވަޑައިގަންނަވާ. އެހެންކަމުން، ކޮންމެ ބޭފުޅަކުވެސް، އެ ބޭފުޅެއްގެ ދައުރުގައި އެ ކޮށްދެއްވި ޚިދުމަތްތަކަށްޓަކައި އެބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ، މިރޭގެ މި އުފާވެރި ބައްދަލުވުމުގައި، މި އަހަރުގެ ޒުވާނުންގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި، މަރްޙަބާ ކިޔަން. ޖަމާޢަތަށް ފައިދާހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުން. އިނާމު ދިނުމުގައި ބަލާ އެންމެބޮޑު ހަމައަކީ އެއީ. އެމީހަކު އެމީހެއްގެ ރޮނގުގައި ޖަމާޢަތަށް ކޮށްދޭ ޚިދްމަތް. ހިލޭސާބަހަށް ނުވަތަ އެހެން މީހުންނަށް، އެމީހަކަށް ލިބިފައިވާ ހުނަރު ދަސްކޮށްދިނުމުގެ ގޮތުން ކޮށްދީފައިވާ ޚިދްމަތް. މިގޮތުން މިރޭ މި އިނާމު ލިބިވަޑައިގެންނެވި 7 ބޭފުޅުންނަކީ، އޭގެތެރެއިން ކޮންމެ ބޭފުޅަކުވެސް، އެބޭފުޅެއްގެ ތަޢާރުފުގައި އަޅުގަނޑުމެންނަށް އިވިގެންދިޔަފަދައިން، އެބޭފުޅެއްގެ އަމިއްލަ ރޮނގުގައި ކުރިޔަށް ވަޑައިގެން، ކާމިޔާބީ ޙާޞިލުކުރެއްވުމުގެ އިތުރުން، ޖަމާޢަތަށް ހިލޭސާބަހަށް މަސައްކަތްކޮށްދެއްވައި، އެތައް ބަޔަކަށް އެބޭފުޅުންގެ ހުނަރުތައް ދަސްކޮށްދެއްވާފައިވާ ބައެއް. އެހެންވީމާ އެބޭފުޅުން އެ ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.

އާދެ، މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެން އެބަ ޚިޔާލުކޮށްލަންޖެހޭ، ޒުވާނުންނަކީ ކޮންބައެއްތޯ. ޒުވާނުންގެ ދައުރަކީ ކޮބައިތޯ. ޝައްކެއްނެތް، ޒުވާނުންނަކީ ޤައުމުގެ ދިރުން. ޤައުމުގެ ރޫޙު. މާދަމާ ޤައުމުގެ ކަންތައްތަކާ ހަވާލުވެ ތިބޭނެ ޒަޢީމުން. އެހެންކަމުން ޒުވާނުންނަށް ދޭންޖެހޭ ސަމާލުކަމާއި އަހަންމިއްޔަތަކީ، ކޮންމެ ޤައުމެއްގައިވެސް ވަރަށް މުހިންމު އެއްޗެއް. ޒުވާނުންނަށް ތަޢުލީމުގެ ފުރުޞަތު ލިބިދޭންޖެހޭ. އެކިއެކި ހުނަރުތައް ހާޞިލުކުރުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ. އެމީހުންނަށް މަސައްކަތުގެ ފުރުޞަތު ހޯދައިދޭންޖެހޭ. ޤައުމަށް ޚިދުމަތް ކުރުމުގެ ދޮރުތައް އެމީހުންނަށް ހުޅުވާލަދޭންޖެހޭ. މި ހުރިހާ ކަމެއްކޮށްގެން، ޤައުމުގެ ކުރިމަގު އެދެވޭގޮތުގައި ބައްޓަންކުރެވިގެންދާނީ.

އާދެ، މިއަދުގެ ޒުވާނުންނަކީ، ކުރިންވެސް ދެންނެވިހެން މުސްތަޤްބަލުގެ ޒަޢީމުން. ހަމައެއާއެކީގައި، ޒުވާން މައިންބަފައިންނަކީ އަޅުގަނޑުމެންގެ ޅަކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރަން ތިބޭ ބައެއް. މިކަން އެހެން އޮތުމާއެކު، މިއަހަރުގެ ރިޔާސީބަޔާނުގައި އަޅުގަނޑު ބަޔާންކުރިފަދައިން، ޒުވާން މައިންބަފައިންނަށް، އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު ފުރިހަމައަށް އަދާކުރެވޭނެ ގޮތްތައް، އޭގެ ހުނަރުތައް ތަޢާރުފުކޮށްދިނުމަށްޓަކައި، އެކަމާބެހޭ މަސައްކަތު ބައްދަލުވުންތަކެއް މިއަދުން ފެށިގެން މިދަނީ ބޭއްވެމުން. އޭގެ ބޭނުމަކީ ބަދަލުވަމުންދާ ދުނިޔެއެއްގައި ދިމާވާ އެކިއެކި ކަންތައްތަކާ ގުޅިގެން، ކިހިނެއްތޯ ދަރިން ތަރުބިއްޔަތުކުރާނީ، ދަރިންނަކީ ހެޔޮގޮތުގައި، އަޚްލާޤު ރަނގަޅު، ޤައުމަށް ފައިދާހުރި ބައެއްގެ ގޮތުގައި ކުދިން ތަރުބިއްޔަތު ކުރާނީ، ކިހިނަކުން ކަންތައް ކޮށްގެންތޯ މިއީވެސް އަޅުގަނޑުމެން ހަމަ ދަސްކުރަންޖެހޭނެ ހުނަރެއް. އެގޮތުން މިއަދު މި ފެށުނު މަސައްކަތު ބައްދަލުވުންތަކަކީ އަޅުގަނޑު ހިތުން އޭގެފައިދާ މުޞްތަޤްބަލުގައި އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށްބޮޑަށް ކުރަމުންދާނެ ކަމެއް.

އާދެ، ޒުވާނުންނަކީ ކުރިންވެސް ދެންނެވިފަދައިން، ޤައުމުގެ ތަރައްޤީގައި ވަރަށް މުހިންމު ހިއްސާއެއް އަދާކުރަން ތިބި ބައެއް. މި ދެންނެވި ޙިއްޞާ އަދާކުރުމުގައި އެންމެބޮޑަށް ބޭނުންވާ ކަމަކީ ޒުވާނުންގެ ކިބައިގައި މަސައްކަތްތެރިކަމުގެ ރޫޙު އުފެއްދުން. ނުވަތަ ޒުވާނުންގެ ކިބައިގައި މަސައްކަތްތެރިކަމުގެ ރޫޙު އުފެދިފައިވުން. މަސައްކަތްތެރިކަމުގެ ރޫޙު އުފެއްދުމުގެ ބިންގާ، ޅައިރުއްސުރެ އެ ކުދިންގެ ހިތްތަކުގައި އަޅައިދިނުމަކީ މިކަމުގެ އެންމެ ފުރަތަމަ ފިޔަވަޅު. ޒުވާނުންނަކީ އިއްޔެގެ ކުޑަކުދިން. ކުޑަކުދިންގެ ގޮތުގައި އެމީހުން ތިބޭއިރު މަސައްކަތްތެރިކަމުގެ ރޫޙު އެކުދިންގެ ހިތްތަކަށް ވައްދައިދޭންޖެހޭނެ. ހަމައެހެންމެ ޒުވާން ދައުރުގައި އެ ރޫޙު އިތުރަށް ހަރުދަނާކޮށް، ޒުވާނުންނަކީ އަބަދުވެސް އުފެއްދުންތެރި މަސައްކަތްތަކެއް ކުރާ ބަޔަކަށް ހަދަން އެބަޖެހޭ. ޤައުމުގެ ކުރިމަގު އުޖާލާވެގެންދާނީ، ނުވަތަ ޤައުމު ހާސިލުކުރަން އެދޭ ލަނޑުދަނޑިތައް ޤައުމަށް ހާސިލުކުރެވޭނީ، ޒުވާނުންނަކީ އުފެއްދުންތެރި، ބިނާކުރަނިވި މަސައްކަތްތަކެއް ކުރާ ބަޔަކަށްވެގެން. އެހެންވީމާ، ރާއްޖޭގެ ހުރިހާ ޒުވާނުންގެ މެދުގައި މަސައްކަތްތެރިކަމުގެ ރޫޙު އުފައްދައި، އެމީހުން ޢަމަލީ މައިދާނަށް ނެރުމުގައި، ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުންމީދުކުރަން.

ޒުވާނުންގެ ތަރައްޤީއަށްޓަކައި، ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރައްވަމުން ގެންދަވާ ޚިދުމަތްތަކަކީވެސް ވަރަށް މުހިންމު ޚިދުމަތްތަކެއް. މި ރޮނގުން ވަރަށް ބޭނުންތެރި ޚިދުމަތްތަކެއް، މި ދެންނެވި ކްލަބް ޖަމްޢީއްޔާ ޖަމާޢަތްތަކުން މިހާރުވެސް ކޮށްދެއްވަމުން އެބަގެންދަވާ. އެހެންކަމުން، މިފަދަ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުން ޒުވާނުންގެ ތަރައްޤީއަށްޓަކައި އެކުރައްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، ކޮންމެ އަހަރަކުވެސް އެންމެ ރަނގަޅަށް ޚިދުމަތްކުރާ ކްލަބް ޖަމްޢިއްޔާއެއް ހޮވައި، އެފަރާތްތަކަށްވެސް، އަންނަ އަހަރުން ފެށިގެން ސަރުކާރުން އިނާމުދޭގޮތަށް ހަމަޖެއްސި ވާހަކަ ވަރަށް އުފަލާއެކު މިރޭ ދަންނަވާލަން. މި އިނާމުވެސް ދެވޭނީ" ކޮންމެ އަހަރެއްގެ ޒުވާނުންގެ ދުވަހު ބައްވާ މިފަދަ އިޙްތިފާލުތަކުގައި. މިރޭގެ މި އިޙްތިފާލަކީ، ޒުވާނުންނާބެހޭ އިޙްތިފާލެއް ކަމަށްވިޔަސް، އަޅުގަނޑު މިހާރު އައިސް މިހިރީ ނިލަންދެއަތޮޅު އުތުރުބުރީ ވެރިކަންކުރާ ރަށް ނިލަންދޫގައި ކަމަށްވާތީ، ނިލަންދޫގެ ރައްޔިތުންނާ މުޚާޠަބުކޮށްވެސް އެއްޗެއް ދަންނަވާލުމަކީ އަޅުގަނޑު ދެކޭގޮތުގައި މިރޭ އަޅުގަނޑު ކުރަންޖެހޭނެ ކަމެއް. އެންމެ ފުރަތަމަވެސް އަޅުގަނޑު ދަންނަވާލާނީ، ނިލަންދޫގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ބެހެއްޓެވި އިޚްލާޞްތެރިކަމާއި، ތިޔަ ފާޅުކުރެއްވި މަރްޙަބާގެ ޝުޢޫރުތަކަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަމޭ.

ނިލަންދޫގެ ރައްޔިތުންނަކީ ތަރައްޤީއަށް މަސައްކަތް ކުރައްވާ ބައެއް. ތަޢުލީމަށް އިސްކަންދެއްވާ ރައްޔިތެއް. ހަމައެހެންމެ މި ރަށުގެ ޒުވާނުންނަކީވެސް ވަރަށް އުޅުން ރަނގަޅުކަމަށް، ހުރިހާ ފަރާތްތަކަކުންވެސް މަޢުލޫމާތު ދެމުން ގެންދާ ބައެއް. އެކަމަށްޓަކައި އަޅުގަނޑު ވަރަށްބޮޑަށް އުފާކުރަން. އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެތީގެ ބޭނުން މި ރަށުގައި އެއްގޮތަކަށްވެސް ނުކުރޭ. އެއީ އަޅުގަނޑު ހިތުން ވަރަށް އުފާވެރިކަމެއް. މުޅި ޤައުމު އެކަމަށްޓަކައި އުފާކުރަންޖެހޭކަހަލަ ކަމެއް. އެހެންވީމާ، މި ރަށުގެ ރައްޔިތުންނަށާއި، ވެރިންނަށާއި، ކްލަބް ޖަމްޢިއްޔާތަކުގެ ވެރިންނަށާއި، ކޮމިޓީތަކުގެ މެންބަރުންނަށާއި، އަދި މިރަށުގެ ޒުވާނުންނަށް މިކަމުގައި އަޅުގަނޑު ވަރަށްބޮޑަށް ތަހުނިޔާ ކިޔައި، މުބާރަކްބާދީ އަދާކުރަން.

އާދެ، ނިލަންދޫގައި ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް މި ބާއްވަމުންގެންދާ އިޙްތިފާލުތައް ބޭއްވުމުގައި، ނިލަންދޫ ޒުވާނުން ކުރެއްވި މަސައްކަތްތައް އަޅުގަނޑު ވަރަށްބޮޑަށް ހަނދާންކުރަން. މި ރަށުގެ ޒުވާނުން ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ހިތްވަރާއި އާ ބާރެއްލުމުގެ ގޮތުން، ސަރުކާރުގެ ޚަރަދުގައި މި ރަށުގައި ޒުވާނުންގެ މަރްކަޒެއް ބިނާކުރުމުގެ މަސައްކަތް ފެށްޓުމަށް، އަޅުގަނޑުގެ މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ، ވަޒީރުންނަށް އަޅުގަނޑު މިއަދު ދަންނަވައިފިން. އަދި މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ، ނިލަންދޫ ބަނދަރު ހަލާކުވެފައިވާ މައްސަލަ ކަމަށްވެސް އަޅުގަނޑަށް ވަނީ އެނގިފައި. އެހެންވީމާ، ނިލަންދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް، މި އަހަރުގެ ތެރޭގައި ފެށްޓެވުމަށްވެސް އަޅުގަނޑު އެބޭފުޅުންނަށް މިރޭ ދަންނަވައިފިން.

އާދެ. ދައުލަތުންދޭ، ކޮންމެ އަހަރަކުވެސް ދެމުންގެންދާ، އާންމު ޚިދްމަތުގެ އިނާމު މިއަތޮޅުގެ ތިންބޭފުޅަކު ވަނީ ހާޞިލުކުރައްވާފައި. އޭގެތެރެއިން އެއްބޭފުޅަކީ، މި ރަށުގެ ބޭފުޅެއް. އޭނާއަކީ އަލްފާޟިލް އަޙްމަދު މުސާ، ފ. ނިލަންދޫ އަތިރީގެ. އޭނާ މި އިނާމު ހާޞިލު ކުރައްވާފައިވަނީ 1992 ވަނަ އަހަރު، ދަނޑުވެރިކަމުގެ ރޮނގުން. އެހެންވީމާ، އޭނާ މިތަނަށް ވަޑައިގެން އިންނެވުމާ އެކީގައި އޭނާއަށް ވަރަށްބޮޑަށް ތަހުނިޔާ ދަންނަވައި، މުބާރަކްބާދީ އަދާކުރަން. އެފަދަ ޚިދުމަތްތެރި ބޭފުޅުންގެ ޚިދުމަތް އަބަދުވެސް ނިލަންދުއަށާއި، މިއަތޮޅަށާއި، މުޅި ރާއްޖެއަށް ލިބެމުންދާނެކަމުގެ ޔަޤީންކަން އޮތް ވާހަކަވެސް ވަރަށް އުފަލާއެކު ދަންނަވާލަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އަޅުގަނޑު މި އަތޮޅަށް މިކުރި ދަތުރުގައި، މިއަތޮޅުގެ ހުރިހާ ރަށްރަށަކުން އަޅުގަނޑަށް ވިދާޅުވި މަރްޙަބާއަށްޓަކައި، އެ ރަށްރަށުގެ ވެރިންނަށާއި، އެ ރަށްރަށުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ތަކުރާރުކުރަމުން. ހަމައެހެންމެ ނިލަންދުއަށް އައުމުންވެސް ނިލަންދޫ ރައްޔިތުން ވިދާޅުވި މަރްޙަބާއަށްޓަކައި، ޝުކުރު ދަންނަވަމުން. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި ބަރަކާތްލެއްވުން. ރާއްޖޭގެ ޒުވާނުންނަކީ މިއަދުވެސް އަދި މާދަމާވެސް އަދި އަންނަން އޮތް ޖީލުތަކުގައިވެސް ރާއްޖެއަށް ފައިދާކުރަނިވި ބޭނުންތެރި ޚިދުމަތްތަކެއް އަދާކޮށްދޭ، ހަރުދަނާ ބައެއް ކަމުގައި އެކަލާނގެ ލެއްވުން. ހަމައެފަދައިން، އަޅުގަނޑުމެންގެ ޤައުމުގެ އެންމެންނަކީވެސް ޤައުމަށް ފައިދާކުރަނިވި މަސައްކަތްތަކެއް ކުރާ، އެބައެއްގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ލިބިގެންދާ ބަޔަކު ކަމުގައި މާތްﷲ މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ރާއްޖެއަށް އަބަދުވެސް އަމަންއަމާންކަމާއި، ޞުލްޙަ މަސަލަސްކަމާއި، އުފާފާގަތިކަމާއި، ތަރައްޤީއާއި ބާއްޖަވެރިކަން އެކަލާނގެ މިންވަރުކުރެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.