بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلى آلـه وأصـحابه أجمعـين.

އާދެ، އަޅުގަނޑު މިއަދު ދަރަނބޫދުއަށް މިއައީ، މިހާރު އަޅުގަނޑު ނިލަންދެއަތޮޅު އުތުރުބުރީގެ މީހުން އުޅޭ ރަށްރަށަށް ކުރާ ދަތުރެއްގައި. އެ ދަތުރުގެ ބޭނުން، ދެންމެ އަލްފާޟިލް މުޙަންމަދު ޝަރީފުގެ ވާހަކަފުޅުގައި ވިދާޅުވެދެއްވައިފި.

އާދެ، މިއަތޮޅުގެ ރަށްރަށަށް ޒިޔާރަތް ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑު ރައީސްކަމާ ހަވާލުވިފަހުން އެތައް ފަހަރެއްގެމަތިން ރާއްޖޭގެ އަތޮޅުތަކަށް ދަތުރުތަކެއްކޮށްފިން. ވަރަށް ގިނަ ރަށްރަށަށް އެއްފަހަރަށްވުރެ ގިނަފަހަރު ދިޔުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. އެގޮތުން ދަރަނބޫދުއަށްވެސް މީގެކުރިން ހަތަރުފަހަރެއްގެ މަތިން އަޅުގަނޑު ވަނީ ޒަޔާރަތްކޮށްފައި. މިއީ އަޅުގަނޑުގެ ފަސްވަނަ ޒިޔާރަތް.

އާދެ، އަޅުގަނޑު މި ކުރާ ދަތުރުތަކުގެ ބޭނުމަކީ، މީހުން އުޅޭ ރަށްރަށުގެ ޙާލުއަހުވާލު ބަލައިލުން. އެމީހުންގެ ތަރައްޤީގެ މަސައްކަތްތައް ހުރިނެތްގޮތާއި، އަދި ރަށްރަށަށް ދިމާވެފައިވާ ދަތިތަކާއި، ރައްޔިތުން ބޭނުންވާ ކަންތައްތަކާއި، އަދި ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ކުރެވެންހުރި ތަރައްޤީގެ މަސައްކަތްތައް ކުރެވެންހުރި ގޮތްގޮތާއި މިކަންކަމުގެ މަޢުލޫމާތު އޮޅުންފިލުވުން. މިދަތުރުގައި އެ މަސައްކަތް އަޅުގަނޑު ކުރަމުން މިގެންދަނީ. މީގެކުރިން މިއަތޮޅުގައި ހިމެނޭ ފަސްރަށުގެ ތެރެއިން، ތިން ރަށަކަށް އަޅުގަނޑު ވަނީ ޒިޔާރަތްކޮށްފައި. އިރާދަކުރެއްވިއްޔާ، މިރޭ އަޅުގަނޑު ނިލަންދުއަށް ދާނަން. އޭރުން މިއަތޮޅުގެ ހުރިހާ ރަށަކަށް މިފަހަރު ޒިޔާރަތްކޮށް ނިމުނީ، މާތް ﷲގެ ވާގިފުޅާއި، އެކަލާނގެ ތައުފީޤާއެކު.

އާދެ، މިއަދު، މިއަދަކީ ދެން ވަރަށް ހޫނުގަދަ ދުވަހެއް. އިރުވައި މޫސުމުގެ ވައިމަޑު، މޫސުން ރީތި ދުވަހެއް. ހޫނުގަދަ ދުވަހެއް. އަދި މިއަދުގެ އެންމެ ހޫނުގަދަވި ވަގުތު، މިރަށުގެ ލޮބުވެތި ރައްޔިތުން އަވީގައި އަޅުގަނޑުގެ އިސްތިޤްބާލުގައި ތިއްބެވިކަމުން އަޅުގަނޑަށް ދޭހަވަނީ، މިރަށުގެ ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަން. އެކަމަށްޓަކައި މިރަށުގެ ރައްޔިތުންނަށް، އަންހެން ފިރިހެން، ކުދިބޮޑު އެންމެންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

ދަރަނބޫދޫގެ ރައްޔިތުންނަކީ ތަރައްޤީގެ މަސައްކަތަށް ވަރަށް ބޮޑު އިސްކަމެއްދޭ ބައެއް. ޚާއްޞަކޮށް ތަޢުލީމާބެހޭ ކަންތައްތަކުގައި މިރަށުގެ ރައްޔިތުން ދެއްވާ އަހައްމިއްޔަތު ވަރަށް ފާޅުކަންބޮޑު ގޮތުގައި ފެންނަމުން އެބަދޭ. އެއީ، މިހާރު މިރަށުގެ މަދަރުސާގައި ގްރޭޑް 8ގެ ފެންވަރަށް ކިޔަވައިދޭން ފެށުނުކަން. އެއީ ރަށުގެ ރައްޔިތުންގެ ހިންމަތާއި މިންނަތުން. އެނގިވަޑައިގަންނަވާނެފަދައިން، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް މިކަހަލަ ޚިދްމަތްތައް ބޭނުންވާތީ. އެކަން ދެމެހެއްޓެނިވި ގޮތެއްގައި ގެންދިޔުމަށްޓަކައި، ސަރުކާރުގެ ތަޢުލީމާބެހޭ ވުޒާރާއިން ވަކިހަމަތަކެއް، ވަކި އުސޫލުތަކެއް ކަނޑައަޅުއްވާފައި ހުރޭ، އެކި ފެންވަރަށް ކިޔަވައިދިނުމުގައި. އެގޮތުން ގްރޭޑް 8 އަށް ކިޔަވައިދިނުމުގައިވެސް ޝަރުޠުތަކެއް ހުރޭ. އެ ޝަރުޠު ފުރިހަމަނުވާ ތަންތަނަށް އެ ޚިދްމަތް ދިނުމަކީ ސަރުކާރުން ކުރާ ހޭދައާއި، އެއިން ލިބޭ މަންފާއާ ދެކޮޅު ނުޖެއްސޭކަމަކަށް އޮންނަނީވެފައި. އެހެންވީމާ، އެ ޝަރުޠުތައް އެގޮތަށް ހަދަންޖެހެނީ.

މިރަށުގެ ރައްޔިތުން ކުރެއްވި ކަމަކީ، މިރަށުގައި ގްރޭޑް 8ގެ ފެންވަރަށް ކިޔަވައިދިނުމުގެ ބޭނުންތެރިކަން ބޮޑުކަމުން، ސަރުކާރުން އެ ބަލާ ޝަރުޠު ހަމަވާވަރަށް މި ރަށަށް ކުދިން ގެންނެވީ، ރާއްޖޭގެ އެކި ރަށްރަށުން. އަޅުގަނޑު މިއަދު މި އައި އައުމުގައި ބައްދަލުވި ކުދިންގެ ތެރޭގައި، މިރަށު ނޫން ވަރަށް ގިނަ ކުދިންނާ ދިމާވި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިހާރު އެފަދަ އޮނަތިރީސް ކުދިން މި ރަށުގައި ތަޢުލީމު ހާސިލުކުރަމުން އެބަގެންދޭ. އޭގެތެރޭގައި، ގދ.އަތޮޅު ކުދިންނާއި، ގއ.އަތޮޅު ކުދިންނާއި، ސ. އަތޮޅު ކުދިންނާއި، އަދި މާލޭ ކުއްޖަކާވެސް އަޅުގަނޑާ ދިމާވި. އެހެންވީމާ، މިއިން ދައްކައިދެނީ މި ރަށުގެ ރައްޔިތުންގެ ހިތުގައި ތަޢުލީމަށް އޮތް ލޯބި ބޮޑުކަން. އަދި މިކަމުގައި ވަރަށް ބޮޑު ޝައުޤުވެރިކަމެއް ބަހައްޓައިގެން މިރަށް ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރައްވާކަން. އެކަމުގައި ވަރަށް ޚާއްޞަ ގޮތެއްގައި މިރަށުގެ މަދަރުސާ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލް އަޙްމަދު މުޙަންމަދު މަސައްކަތް ކުރައްވާކަން އަޅުގަނޑަށް މިވަނީ އެނގިފައި. އެހެންވީމާ، އޭނާއަށްވެސް ވަރަށް އިޚްލާޞްތެރި ޝުކުރެއް އަޅުގަނޑު މިއަދު ދަންނަވަން. އަދި އޭނާއަށް އެހީތެރިވެދެއްވާ އެހެން ހުރިހާ ބޭފުޅުންނަށާއި، މި މަދަރުސާގެ މުދައްރިސުންނަށާއި އަދި ޚިދްމަތް ކުރައްވާ އެހެން ހުރިހާ ބޭފުޅުންނަށްވެސް، ތިޔަބޭފުޅުން މި ރަށުގެ ތަޢުލީމު ކުރިއަށް ގެންދިޔުމަށްޓަކައި ތިޔަ ކުރައްވާ މަސައްކަތްތަކަށްޓަކައި ހިތްވަރުއަރުވައި، ސާބަސްދީ، ތާރީފު ރައްދުކުރަން.

އާދެ، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ރަށަކީ އާބާދީ ކުޑަ ރަށެއް ކަމުގައިވިޔަސް، އާބާދީ ބޮޑެތި ރަށްރަށާ އެއް ފެންވަރެއްގައި ހިފަހައްޓަމުންގެންދާ ރަށެއް. އެއީވެސް ވަރަށް ބޮޑު ހިންމަތަކާއި މިންނަތަކުން ކުރެވޭނެ ކަމެއް. އާދެ، މިރަށަކީ މާޒީވެދިޔަ ޒަމާނުގައި އެހެންގޮތެއްވެސް ދިމާވެފައި އޮތް ރަށެއް. މި ރަށުގެ ރައްޔިތުން، އޭރު ސަރުކާރުން އެހެން ރަށަކަށް ބަދަލުކުރެއްވި. އެހެންނަމަވެސް، ރަށުގެ ރައްޔިތުން ބޭނުންވަނީ އެމީހުންގެ އަމިއްލަ ރަށަށް އެނބުރި އައުމަށް ކަމަށްވާތީ، އެކަންއޮތީވެސް ކޮށްދެއްވާފައި. އެހެންވީމާ، ދެވަނަފަހަރަކަށް މިރަށުގެ ރައްޔިތުން ވަޒަންވެރިވެގެން، އެމީހުންގެ ދިރިއުޅުން ކުރިއަށް ގެންދަމުން މިދަނީ.

އެހެންކަމުން، މިކަމުގައި ދިމާވާ ވަރަށް ގިނަ ދަތިތަކެއްވެސް ހުންނާނެ. އާދެ، އަޅުގަނޑަށް އެނގޭ، ފަޅުގެ ދަތިކަމުގެ ކަންތައް ހުރިގޮތް. އެ ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވާކަށް ނުޖެހޭ. އެހެންނަމަވެސް، އަޅުގަނޑު މިއަދު އައިއިރު، އަޅުގަނޑާ އެކުގައި ވަޑައިގެން އެބަ ތިއްބެވި، ސަރުކާރުގެ ކަމާބެހޭ ދެ ދާއިރާއެއްގެ އިސް ދެބޭފުޅުން. އާދެ، އެއް ބޭފުޅަކީ އަތޮޅުތަކުގެ ތަރައްޤީއާބެހޭ ވުޒާރާގެ ވަޒީރު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން. އަނެއް ބޭފުޅަކީ، ކުރިއަށް ރޭވުމާއި، ޤައުމީ ތަރައްޤީގައި އިސް ދައުރެއް އަދާކުރާ ވުޒާރާ ކަމަށްވާ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓުގެ މިނިސްޓަރ އަލްފާޟިލް ޙަމްދޫން ޙަމީދު. މިދެބޭފުޅުން ވަޑައިގަތީވެސް އެއީ އަޅުގަނޑުމެން މި ކުރާ ދަތުރުގައި ދާ ރަށްރަށުގައި ދިމާވެފައި ހުންނަ މައްސަލަތައް ބައްލަވައި، އެކަންކަން ހައްލު ކުރުމުގައި ސަރުކާރުން ކޮންކަމެއްތޯ ކޮށްދެވޭނީ ބެއްލެވުމަށްޓަކައި. އެހެންވީމާ، މި ރަށުގެ ފަޅުގެ ކަންތައް އޮތްގޮތްވެސް އެ ބޭފުޅުން ބައްލަވާނެ. އަދި މިރަށުގެ ރައްޔިތުންނާ މަޝްވަރާކުރައްވައި، އެކަމުގައިވެސް ސަރުކާރަށް ކޮށްދެވެން އޮތީ ކޮންކަމެއްތޯ ބަލައި، އެކަމެއް ކުރިއަށް ގެންދަވާނެ. އެހެންވީމާ، އެ ބޭފުޅުން އެވަޑައިގަތީ ވަރަށް މުހިންމު ބޭނުމެއްގައޭ އަޅުގަނޑު ދަންނަވާލަން ބޭނުންވީ.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން އޮތީ ހަމައެކަނި ދަރަނބޫދޫއާ ބެހޭ ކަމެއްގެ ވާހަކައެއްނޫން. އެއީ، މުޅި ޤައުމާ ގުޅޭ ވާހަކައެއް. އެއީ މަސްތުވާތަކެތީގެ ވާހަކަ. މަސްތުވާތަކެތީގެ ނުރައްކަލަކީ މިހާރު މުޅި ރާއްޖެއަށް ފެތުރިފައިވާ ނުރައްކަލެއް. އެކަމުން ސަލާމަތްވެފައިވާ ރަށެއް ވަރަށް މަދުވާނެ. އަދި އެކަމުން ސަލާމަތްވެފައިވާ އާއިލާއެއްވެސް މަދުވާނެ. ގިނަ އާއިލާތަކަކީ އެ އާއިލާތަކުގެ ކޮންމެވެސް އެއް ކުއްޖަކު ނުވަތަ ދެކުއްޖަކު މިކަމުގެ ތެރޭގައި ހިމެނޭތީ، އަބަދާއިއަބަދު ހިތާމަކުރަން ޖެހިފައިވާ އާއިލާއެއް. މިއީ އަޅުގަނޑުމެން ޤައުމީ ފެންވަރެއްގައި ވަރަށް ބޮޑު އަހަންމިއްޔަތެއް މިހާރު ދޭން ޖެހިފައިވާ ކަމެއް. އެހެންވީމާ، ސަރުކާރުން، މަސްތުވާތަކެތީގެ ބޭނުންކުރުން ހުއްޓުވުމަށް ޤައުމީ ކެމްޕޭނެއް ފަށައިގެން ހިންގަމުން މިހާރު އެބަގެންދަމު. އެ ކެމްޕޭނުގެ ނަތީޖާވެސް އިރާދަކުރެއްވީތީ ފެންނަމުންވެސް އެބަދޭ.

އަޅުގަނޑު ދެން ދަންނަވަން ބޭނުންވާ ވާހަކައަކީ، މިކަހަލަ ބޮޑެތި މައްސަލަތަކަކީ، މިހާ ނުރައްކާތެރި އަދި މުޅި ޤައުމަށް ފެތުރިފައިވާ ކަންކަމާބެހޭ މައްސަލަތަކަކީ، ހަމައެކަނި ސަރުކާރުން މަސައްކަތްކޮށްގެން ހައްލުކުރެވޭނެ މައްސަލަތަކެއް ނޫނޭ. އެކަމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުން ބޭނުމޭ. ހުރިހާ މައިންބަފައިންނާއި، ހުރިހާ ބެލެނިވެރިންނާއި، ހުރިހާ ސްކޫލްތަކާއި، އަދި ރައްޔިތުންގެ އެކިއެކި ކޮމިޓީތަކާއި، ޖަމާޢަތްކާއި، އަފްރާދުންނާ، މި އެންމެން އަތުގުޅައިލައިގެން މަސައްކަތް ކޮށްގެންނޭ މިކަން ކާމިޔާބު ކުރެވޭނީ. އެހެންވީމާ، ދަރަނބޫދޫ ރައްޔިތުންވެސް މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވުން އަޅުގަނޑު އެދެން. މިކަމުން އަޅުގަނޑުމެން ސަލާމަތްވުމަށްޓަކައި. އާދެ، ކޮންމެހެން މަސްތުވާތަކެތި ބޭނުންކުރުމުން، އެ ބޭނުންކުރާ މީހެއްގެ ޞިއްޙަތަށާއި، ސިކުނޑިއަށާއި، އަޚްލާޤަށާއި، ދިރިއުޅުމަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ ވާހަކަ ދަންނަވާކަށް އަޅުގަނޑު ނެތިން. އެއީ ވަރަށް ދިގު ވާހަކައެއް. އެކަން މިރަށުގެ ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަދި ހުރިހާ ބޭފުޅުންވެސް ގަބޫލުފުޅު ކުރައްވާނެ، މިކަމަކީ ވަރަށް ބޮޑު ވަބާއެއްކަން. އޭގެ ނުރައްކާތައް ބޮޑުކަމުން އަޅުގަނޑުމެންގެ ޅަކުދިންނާއި، ޒުވާނުންނާ އަދި އެހެން ގިންތިތަކުގެ މީހުންވެސް މިކަމުން މިވަނީ ސަލާމަތް ކުރަންޖެހިފައިކަން. އެހެންވީމާ، މިކަމުގައި ދަރަނބޫދޫ ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން އެދޭ ވާހަކަ އަޅުގަނޑު މި ދަންނަވާލީ.

ދެން ދަންނަވާލަން އޮތް ވާހަކައަކީ، ކޮންމެ ޖަމާޢަތެއްގައިވެސް، އެ ޖަމާޢަތެއްގެ ކަންތައްތައް ހިންގަން އިސްވެ ތިބޭ ބަޔަކު ތިބޭނެ. ކޮންމެ ރަށެއްގައި، އެ ރަށެއްގެ ވެރިންވެސް ތިބޭނެ. މުޅި ޤައުމުގައިވިއްޔާ، އެ ޤައުމެއް ހިންގާނެ އެންމެ އިސް ވެރިޔަކުވެސް ހުންނާނެ. އަދި ސަރުކާރެއްވެސް އޮންނާނެ. އެހެންވީމާ، މި ދެމެދުގެ ގުޅުންތައް އެއީ ވަރަށް މުހިންމު ކަމެކޭ ދަންނަވާލަން ބޭނުންވޭ. ރަށުގެ ރައްޔިތުންނާއި ވެރިންނާ ދޭތެރޭގައި އޮންނަ ގުޅުން، އެ ގުޅުން ވާންޖެހޭނީ ވަރަށް ހަރުދަނާ ބިނާކުރަނިވި ގުޅުމަކަށް. ޤައުމެއްގެ ރައްޔިތުންނާއި، އެ ޤައުމެއްގެ ސަރުކާރާ ދޭތެރޭގައި އޮންނަ ގުޅުވެސް ވާންޖެހޭނީ، މި ދެންނެވިފަދަ ބަދަހި، އަދި އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން މަސައްކަތްކުރާ ގުޅުމަކަށް.

އެހެންވީމާ، މިރަށުގެ ރައްޔިތުންނާއި މިރަށުގެ ވެރިންނާ ދޭތެރޭގައި އޮތް ގުޅުންވެސް އަބަދުވެސް އިތުރަށް ބަދަހިކޮށް، ހަރުދަނާ ކުރުމުގެ މުހިންމުކަން ބޮޑު. ދެފަރާތް ގުޅިގެން ރައްޔިތުންނަށް ފައިދާހުރި ގޮތްގޮތަށް ކަންތައް ކުރެވޭނީ. އެނޫންގޮތަކަށް ނުވާނެ. ހަމައެއާއެކީގައި ދަންނަވާލަންޖެހެނީ ރައްޔިތުންނާއި ސަރުކާރާ ދޭތެރޭގައި އޮންނަ ގުޅުންވެސް އެއީ ވަރަށް ބަދަހި ގުޅުމަކަށްވާން މަޖުބޫރޭ. ބަދަހި ގުޅުމެއް އޮވެގެން ނޫނީ ރައްޔިތުން ބޭނުންވާ ކަންތައްތަކެއްވެސް ސަރުކާރަކަށް ކޮށެއްވެސް ނުދެވޭނެ. އަދި ސަރުކާރުން ބޭނުންވާ ކަންތައްތައް ނުވެސް ހިންގޭނެ.

އަޅުގަނޑު މި ވާހަކަ މި ދަންނަވާލީ މިހާރު ރާއްޖޭގައި ތަފާތު ސިޔާސީ ޕާޓީތައް އުފެދި ހިނގަމުންދާތީއާ އެކީގައި، ބައެއް ފަހަރަށް އަޅުގަނޑުމެންނަށް ނޭދެވޭ ކަންތައްތަކެއް ވަމުންދާތަން ފެންނާތީ. ސިޔާސީ ޕާޓީތަކެއް އުފެދުމުގެ މަޤްޞަދަކީ، ނުވަތަ ބޭނުމަކީ، ރައްޔިތުން ބައިބައިވުމެއްނޫން. ރައްޔިތުންގެ އެއްބަޔަކު އަނެއްބަޔަކާ ދިމާކޮށް، އެއްބަޔަކު އަނެއްބަޔަކަށް އެއްޗެހި ކިޔައި، އެއްބަޔަކު އަނެއްބަޔަކަށް ދަތިކޮށް، އުނދަގޫ ކުރުމެއްނޫން. އެއްބަޔަކު އަނެއްބައެއްގެ އަގުވައްޓާލަން މަސައްކަތް ކުރުމެއްނޫން. ސިޔާސީ ޕާޓީތަކެއް އުފެއްދުމުގެ މަޤްޞަދަކީ، ރައްޔިތުންގެ ޝުޢޫރުތަކާއި، ޚިޔާލުތައް ސަރުކާރަށް އެނގި، ރައްޔިތުން ބޭނުންވާގޮތަށް ކަންތައްތައް ބައްޓަން ކުރުމުގައި ގިނަ ޚިޔާލުތަކެއްގެ އެހީ ހޯދުން. ޚިޔާލު ތަފާތުވާ މީހުންވެސް އެއްތަނަކަށް އެއްވެ، ވާހަކަ ދައްކާ ހަދައިގެން، ޤައުމުގެ މަޞްލަޙަތު އޮތް ގޮތެއްގެމަތިން ކަންތައްތައް ނިންމަމުން ގެންދިޔުން. އެ މަޤްޞަދުގައި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ސިޔާސީ ޕާޓީތައް އުފެދި ހިނގަމުންދަނީ. ރާއްޖޭގައިވެސް އެ މަޤްޞަދުގައި ސިޔާސީ ޕާޓީތައް އުފެދިގެން ހިނގަމުން މިދަނީ.

އެހެންވީމާ، ބައެއް ޕާޓީތަކުން ކަންތައް ކުރާގޮތުން ޙަޤީޤަތާ ޚިލާފު ވަރަށްގިނަ މަޢުލޫމާތު ރައްޔިތުންގެ ތެރޭގައި ފެތުރެމުންދޭ. ސަރުކާރާ ބެހޭގޮތުން ޙަޤީޤަތެއް ނެތް ދޮގު ވާހަކަތައް ބައެއް މީހުން ފަތުރަމުން ގެންދޭ. އެކަންކަމަށް އަޅުގަނޑުމެން ސަމާލުވާންޖެހޭނެ. ހޭލުންތެރިވާންޖެހޭނެ. އެއްގޮތަކަށްވެސް އެކަހަލަ ގޮތަކަށް ކަންތައްތައް ހިނގަމުން ދިޔުމަކުން އަޅުގަނޑުމެންގެ ތެރެއިން ހަމަ އެކަކަށްވެސް ނުވަތަ އެއްބަޔަކަށްވެސް ކުރާނެ ފައިދާއެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑު މިވާހަކަ މި ދަންނަވާލީ. ދަރަނބޫދޫގެ ރައްޔިތުންވެސް މިކަމަށް ވަރަށް ބޮޑަށް ހޭލުންތެރިވެވަޑައިގަންނަވާށޭ. ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ ޚިދްމަތުގައޭ. އަޅުގަނޑުވެސް އިރާދަކުރެއްވިއްޔާ، މި މަޤާމުގައި ހުރިހާ ދުވަހަކު ހުންނާނީ ހަމަ ރައްޔިތުންގެ ޚިދްމަތުގައި. އެނޫން އެހެން އެއްވެސް ބޭނުމެއް ނެތް.

އަޅުގަނޑު ވާގިއެދެނީ ހަމަ އެންމެ ފަރާތަކުން. އެއީ اللّـه سبحـانـه وتعـالىގެ ޙަޟްރަތުން ވާގިއެދިހުރެގެން. އަދި ދިވެހިރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދާއެކީގައި އަޅުގަނޑު މިހާތަނާ ޖެހެންދެންވެސް ކުރަމުން މި އައި ކަންތައްތައް ކުރަމުން މިއައީ. އަދި ކުރިއަށް އޮތް ތާނގައިވެސް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކީގައި، މާތްﷲ އަށް އިޚްލާޞްތެރިވެހުރެ، ދިވެހިރައްޔިތުންގެ ބޭނުންތައް ފުއްދައިދެވޭތޯ އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނަން. އެހެންވީމާ، ބަޔަކު ދައްކާ ވާހަކައަށް ހެއްލިވަޑައިނުގަންނަވާށޭ. ކިތަންމެ ދޮގުތަކެއް ހެދިޔަސް، ކިތަންމެ ނުބައި ވާހަކަތަކެއް ދެއްކިޔަސް އެއާ އަޅުއްވައިނުލައްވާށޭ. ތިޔަބޭފުޅުން ސަރުކާރާ އެކީގައި ތިއްބަވާށޭ. އެހެން ތިއްބަވައިފިއްޔާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން އެންމެންނަށްވެސް ހަމަ ވަރަށް ހެޔޮގޮތްތައް މާތް ﷲ މިންވަރު ކުރައްވާނެއޭ. އަޅުގަނޑުމެން ބޭނުންވާ ބޭނުންތައްވެސް އިރާދަކުރެއްވިއްޔާ، ފުދިގެންދާނެއޭ. އެ ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވީ. އެހެންވީމާ، އަޅުގަނޑު މި ދެންނެވި ވާހަކަތަކަށް ދަރަނބޫދޫގެ ލޮބުވެތި ރައްޔިތުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން، އެގޮތަށް ކަންތައްތައް ގެންދެވުން އެދެން.

އަދިވެސް އެއްފަހަރު، މި ރަށުގެ ރައްޔިތުން ތިޔަ ކުރައްވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، ދުންފަތުގެ އިސްތިޢުމާލު ކުރުން ކަހަލަ ނޭދެވޭ އާދަތަކުން ސަލާމަތްވުމަށް ކުރައްވާ މަސައްކަތްތަކަށްވެސް އަޅުގަނޑު ތަރުޙީބުދެން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ސްކޫލް ކުދިންވެސް ވަރަށް އެބަ މަސައްކަތް ކުރޭ، އެމީހުންގެ އާއިލާތަކުގެ ބޮޑެތި މީހުން ގާތުގައި ބުނެގެން، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުވޭތޯ. އަދި އަޅުގަނޑަށް އެނގިފައިވާގޮތުގައި، މި ރަށުގެ މަދަރުސާގައި އެއްވެސް މީހަކު ދުންފަތުގެ އިސްތިޢުމާލެއް ނުކުރޭ. މި ރަށުގެ އަންހެނުންގެ ތެރެއިންވެސް ހަމަ އެކަކުވެސް ދުންފަތުގެ އިސްތިޢުމާލެއް ނުކުރޭ. ދެން ތިބީ ހަމައެކަނި ފިރިހެނުންކަންނޭނގެ. ފިރިހެނުންގެ ތެރެއިން ބައެއް މީހުން ތިބީ. އެހެންވީމާ، އެމީހުންވެސް މިކަމާ ދޭތެރޭގައި ވިސްނައިލުމަކީ ހަމަ ރަނގަޅު ކަމެއް. އެއީ ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ހުރިހާ ގޮތަކުންވެސް ގެއްލުންހުރި ކަމެއް. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށް ކަމުގައިނުވަންޏާ، މި ރަށުގައި ތިބި ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންގެ ޚަރަދަށް، މަހެއްގެ މައްޗަށް އެއްލައްކަ ރުފިޔާ ޚަރަދުވޭ. އެއީ ވަރަށް ބޮޑު އެއްޗެއް. އެހެންވެއްޖިއްޔާ، އަހަރެއްގެ ތެރޭގައި 12 ލައްކަ ޚަރަދުވަނީ ބޭނުމެއް ނެތް ކަމަކަށް. އެހެންވީމާ، މިކަމަށްވެސް މި ރަށުގެ ރައްޔިތުން ސަމާލުކަމެއް ދެއްވުން އަޅުގަނޑު ވަރަށް އެދެން.

އެހެންވީމާ، މި ވާހަކަތައް ދަންނަވާފައި، ދަރަނބޫދުއަށް މާތްﷲ އިތުރު ތަނަވަސް ގޮތްތައް މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމުން، އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހުރިހާ ރޮނގަކުންވެސް ކުރިއަށް ދިޔުމުގެ މަގު އެކަލާނގެ ފަހިކޮށްދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އިބްތިހާލުވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

والسّلام عليكم ورحمـة اللّـه وبركاته.