بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، ، سيّدنا محـمَّدٍ وعلى آلـه وصحبه أجمعـين.

އާދެ، އަޅުގަނޑު ފ. އަތޮޅަށް މި ކުރާ ދަތުރުގައި މިވަގުތު އައިސް މިހިރީ ތިޔަބޭފުޅުންގެ ލޮބުވެތި ރަށުގައި. އާދެ، ބިލެތްދޫގައި. ބިލެތްދުއަށް އައުމާއެކީގައި މިރަށުގެ ވެރިންނާއި، ރައްޔިތުންނާއި، ކިޔަވާކުދިންނާއި އަދި އެކިއެކި ވަޒީފާ އަދާކުރާ މީހުންނާ، މި އެންމެންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވީ ވަރަށްވެސް ހޫނު މަރްޙަބާއެއް. އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑު މި އަތޮޅަށް ކުރަން މިއަދު މި ފެށި ދަތުރާ ބެހޭގޮތުން، ދެންމެ މި އަތޮޅުއޮފީސް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އަލްފާޟިލް މުޙަންމަދު ޝަރީފް ތިޔަބޭފުޅުންނަށް މަޢުލޫމާތުކޮޅެއް ދެއްވައިފި. އާދެ، އެއީ، ކޮންމެ އަހަރެއްގެވެސް މާޗްމަހުގެ 1 ވަނަ ދުވަހަކީ، ރާއްޖޭގައި ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސް ކަމަށްވެފައި، މި އަހަރު ޒުވާނުންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަތޮޅު ނިލަންދޫގައި ކަމަށްވާތީ، އެ އިޙްތިފާލުގައި ބައިވެރިވުމަށް ކުރާ ދަތުރެއް. އަޅުގަނޑުގެ މިއަދުގެ މި ދަތުރަކީ.

މި ދަތުރުގައި އަޅުގަނޑު ގަސްތުކުރީ، މި ދެންނެވި އިޙްތިފާލުގައި ބައިވެރިވުމުގެ އިތުރުން، މި އަތޮޅުގައި މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރަން. އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް އަދި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތް ކުރުމަކީ، އަޅުގަނޑު ރައީސްކަމާ ހަވާލުވި ދުވަހުން ފެށިގެން ކުރަމުން އަންނަ ކަމެއް. ރާއްޖޭގެ ކޮންމެ ރަށަކަށްވެސް އެކިފަހަރުމަތިން ވަނީ އަޅުގަނޑަށް ޒިޔާރަތް ކުރެވިފައި. އެގޮތުން ބިލެތްދުއަށްވެސް މީގެކުރިން ތިންފަހަރެއްގެ މަތިން އަޅުގަނޑު ޒިޔާރަތްކުރި ހަނދާން އެބަހުރި. އެންމެފަހުން މިރަށަށް އާދެވުނީ މީގެ ދުވަސްކޮޅެއް ކުރިން، އާދެ، 1995 ވަނަ އަހަރު. އެ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު.

އަޅުގަނޑު މި ކުރާ ދަތުރުތަކުގެ ބޭނުމަކީ، ދެންމެ އަޙްމަދު ޝަރީފުވެސް އެ ވިދާޅުވިފަދައިން، ރައްޔިތުންގެ ޙާލުއަޙްވާލު ބަލައިލުން. ރައްޔިތުންނާ ބައްދަލުކޮށް، ތަރައްޤީގެ މަގުގައި ރައްޔިތުން ކުރަމުންގެންދާ މަސައްކަތްވެސް ބަލާލައި، ސަރުކާރާއި، ރައްޔިތުންނާ ގުޅިގެން ކޮންކޮން ކަންތައްތަކެއްތޯ ކުރެވެންހުރީ ބަލައި، މަޢުލޫމާތު ހޯދުން. މިގޮތުން މީގެކުރިންވެސް މީގެ 27 އަހަރު ކުރިން އަޅުގަނޑު ފެށި ސިލްސިލާ ދަތުރުތަކެއްގެ މަތީގައި އަދިވެސް މިއުޅެނީ.

އާދެ، މިއަދު ހެނދުނު ފީއައްޔަށްގޮސް ފީއަލީގައި އަޅުގަނޑު ވާހަކަދެއްކިއިރު، ފީއަލީ ރައްޔިތުންނާ މުޚާޠަބުކޮށް އަޅުގަނޑު ދަންނަވާލިން، މިއަދަކީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުގެ މި ދަތުރުތަކުގެ ތާރީޚުގައި މުހިންމު ދުވަހެކޭ. އެއީ އަޅުގަނޑު ރައީސްކަމާ ހަވާލުވިފަހުން އާދެ، އެންމެފުރަތަމަ ދަތުރެއް ރާއްޖޭގެ އުތުރުގެ ދެ އަތޮޅަކަށް އަޅުގަނޑުކުރީ. އެ ދަތުރުފެށީ 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު. މިއަދު މިއީ އޭގެ 27 އަހަރު ފަހުން އައި ފެބްރުއަރީ މަހުގެ ހަމަ 28 ވަނަ ދުވަސް. އެހެންވީމާ، ބަރާބަރު އަޅުގަނޑުގެ ދަތުރުތަކަށް 27 އަހަރު މި ފުރުނީ.

އާދެ، ކޮންމެއަކަސް މިއަދު ބިލެތްދުއަށް އައުމަކީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. ބިލެތްދޫ ރައްޔިތުންނަކީ ވަރަށް ގިނަ މަސައްކަތްތަކެއް ދިރިއުޅުމަށްޓަކައި ކުރައްވާ ބައެއްކަން އަޅުގަނޑަށް އެނގޭ. ރައްޔިތުންނާއި ވެރިންނާ ގުޅިގެން ތަރައްޤީގެ ވަރަށްގިނަ ކަންތައްތަކެއް ކުރައްވާ. އަދި މިރަށުގެ ރައްޔިތުންނަކީ ތަޢުލީމަށްވެސް ވަރަށް ލޯބި ކުރައްވާ ބައެއް. ބިލެތްދޫ ސްކޫލަކީ، މި ރަށަށް މިގޮތުން ލިބިފައިވާ ވަރަށް ރަނގަޅު ޚިދްމަތެއް އަދާކޮށްދޭ ތަނެއް. ވަރަށްރީތި، ވަރަށް ހިތްގައިމު މާހައުލެއްގައި ހުރި ސްކޫލެއް. އެހެންނަމަވެސް، ސްކޫލް ފުރިހަމަވާނީކީ ހަމައެކަނި ހުންނަ މާޙައުލު ހިތްގައިމުވެގެން ނުވަތަ ފުރިހަމަވެގެނެއްނޫން. އެ ސްކޫލުގެ ޚިދްމަތްތައްވެސް ފުރިހަމަވެގެން. މާނައަކީ، ސްކޫލް ހިންގުމާއި، ކިޔަވައިދިނުމުގެ ކަންތައްތައް ރަނގަޅަށް އެ ސްކޫލްގައި ހިނގާކަމަށްވަންޏާ، އެ ސްކޫލަކުން އެދެވޭ ނަތީޖާއެއް ފެންނާނީ. އެގޮތުން އަޅުގަނޑު ދެކޭގޮތުގައި މި ސްކޫލަކީ މި ރަށުގެ ރައްޔިތުންނަށް އަދި ޚާއްޞަކޮށް ކިޔަވާކުދިންނަށް ވަރަށް ރަނގަޅު ޚިދުމަތްތަކެއް ފޯރުއްވައިދެއްވަމުން ގެންދަވާ ތަނެއް.

އެހެންނަމަވެސް، މި ސްކޫލުގައިވެސް ހުންނާނެ ދަތިތަކެއް. އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއް، ދުނިޔޭގެ ނިސްބަތުގައި. މާތަނަވަސް ޤައުމެއްނޫން. އެހެންވުމާއެކީގައި އަޅުގަނޑުމެންނަށް ކަންތައްތައް ކުރުމުގައި ވަރަށް ގިނަ ދަތިތަކެއްހުރޭ. މިސާލަކަށް، ބަޖެޓުގެ މައްސަލަ. ބަޖެޓުގައި ފައިސާ ނެތިގެން ކަންތައް ނުކުރެވޭ މައްސަލަ. މިހެން ހުންނަ ވަރަށް ގިނަ ކަންތައްތަކެއް ހުރޭ. އެ ކަންތައްތައް އެހެން ހުރިނަމަވެސް ސަރުކާރުން މިގެންދަނީ ކަންތައްތައް ވީ އެންމެ އަވަހަކަށް ކުރެވޭތޯ ބަލަމުން. އެގޮތުން ތިޔަބޭފުޅުން އައްސަވާފައި އޮންނާނެފަދައިން، މި އަހަރު ޚަރަދުކުރުމަށް ސަރުކާރުން ފާސްކޮށްފައިވާ ބަޖެޓަކީ، ވަރަށްބޮޑު ބަޖެޓެއް. މީގެކުރީ އަހަރުތަކާ އަޅައިބަލާއިރު ވަރަށް ބޮޑުތަން ބޮޑު ބަޖެޓެއް. އޭގެ ބޭނުމަކީވެސް ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތްތައް އަވަހަށް ފޯރުވައިދިނުމުގެ މަގު ތަނަވަސްކުރުން. އެހެންވީމާ އިރާދަކުރެއްވިއްޔާ، މިހާބޮޑު ބަޖެޓެއް ފާސްވެފައި އޮތުމާއެކީގައި ރާއްޖޭގެ މީހުން އުޅޭ އެކި ރަށްރަށަށް، އެކި އަތޮޅުތަކަށް އެކިކަހަލަ ޚިދުމަތްތައް ސަރުކާރުން ފޯރުވައިދެމުން ގެންދާނެ. އަޅުގަނޑު މިތާ ހުރެފައި ދަންނަވާކަށް އަޅުގަނޑަކަށް ނޭނގޭނެ، މިވެނި ރަށަކަށް މިވެނި ކަމެކޭ ހަމަޖެހިގެންދާނީކީ. އެއީ އެކަން އޮންނަ އުސޫލުން ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ވިސްނަވާފައި، އެންމެ އިސްކަންދޭންޖެހޭ ތަންތަނަށް، އެންމެ އިސްކަންދޭންޖެހޭ ކަންކަމަށް އިސްކަންދެއްވައިގެން އެކަން ކުރައްވަމުން ގެންދަވާނެ. އެއީ ހަމަޖެހިފައި އޮންނަ އުސޫލަކީ.

ދެން އަޅުގަނޑަށް އެނގޭ، މިރަށުގެ ބަނދަރު އެއީ ސަރުކާރުން ހަދައިދީފައި އޮތް ބަނދަރެއް. ވަރަށް ރަނގަޅު ފެންވަރަކަށް ހަދާފައި އޮތް ތަނެއް. އެހެންނަމަވެސް، މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެ ބަނދަރަށް ވަނީ ގެއްލުންތަކެއް ލިބިފައި. ކަނޑުތޮށިން ބައެއް ވެއްޓި އަދި ނެރުމަތިވަނީ އެއްބައި ވަރަށްބޮޑަށް ތިލަވެފައި. މިކަހަލަ ކަންތައްތަކެއް މިހެން ހުރުމާއެކީގައި ރަށުގެ ރައްޔިތުން މިކަންތައްތައް ޙައްލުކުރެއްވުމަށް ވަރަށްބޮޑަށް ބޭނުންވާނެކަން އަޅުގަނޑަށް އެނގޭ. އެކަންތައްތައް އެއީ ސަރުކާރުގެ ސަމާލުކަމުގެ ދަށުގައި ހުންނާނެ ކަންތައްތަކެއް. އަޅުގަނޑާ އެކީގައި މި ދަތުރުގައިވެސް ރާއްޖޭގެ ތަރައްޤީއާބެހޭ، ޚާއްޞަކޮށް އަތޮޅުތަކާއި، ރަށްރަށުގެ ތަރައްޤީއާބެހޭ ވަރަށް މުހިންމު ދެ ވުޒާރާއެއްގެ ދެ ވަޒީރުން ވަޑައިގެން އެބަ ތިއްބެވި. އޭގެތެރެއިން އެއް ވުޒާރާއަކީ އަތޮޅުތަކާބެހޭ ވުޒާރާ. މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް. އެތާނގެ މިނސްޓަރ އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން މިތަނަށް ވަޑައިގެން އެބަ އިންނެވި. ހަމައެހެންމެ ރާއްޖޭގެ އެކިއެކި ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި އެންމެ އިސްދައުރެއް އަދާކުރާ ފަރާތަކީ، މިނިސްޓްރީ އޮފް ޕްލޭނިންގ. ދުރަށް ރާވާ މަޝްރޫޢުތައް ރޭވުމަށް އޮންނަ، ސަރުކާރުގެ ދާއިރާ. އެ ދާއިރާގެ ވަޒީރު އަލްފާޟިލް ޙަމްދޫން ޙަމީދުވެސް މިތަނަށް ވަޑައިގެން އެބަ އިންނެވި. އެހެންވީމާ، އެ ބޭފުޅުންގެ ފަރާތްޕުޅުންވެސް ތިޔަބޭފުޅުންނަށް ކަންތައްތައް ރޭވިފައި އޮތްގޮތާއި، އަދި ސަރުކާރުން ގެންދާގޮތުގެ މަޢުލޫމާތު ލިބިވަޑައިގަތުމަކީ އަޅުގަނޑު އެދޭގޮތެއް.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިހާރު އަޅުގަނޑުމެންގެ ރާއްޖެއަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ، މަސްތުވާތަކެތީގެ މައްސަލައޭ ދަންނަވާލުން. އާދެ، އެއީ އިތުރަށް އަޅުގަނޑު ނުދެންނެވި ނަމަވެސް، މިރަށުގެ ރައްޔިތުންނަށްވެސް އޭގެ ނުރައްކާތެރިކަން ރަނގަޅަށް ވިސްނިވަޑައިގަންނަވާނެ ކަމެއް. މުޅި ރާއްޖޭގައި މިހާރު އެ ވަބާ މިވަނީ ފެތުރިފައި. އެކަން ހިފެހެއްޓުމަށްޓަކައި ނުވަތަ އެ ވަބާއިން ދިވެހި ރައްޔިތުން އަދި ޚާއްޞަކޮށް ޅަކުދިންނާއި، ޒުވާނުން ސަލާމަތްކުރުމަށްޓަކައި ސަރުކާރުގެ ތަފާތު ދާއިރާތަކުން ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތާ ވަރަށް ގިނަ އަހަރުތަކެއްވެއްޖެ. އެހެންނަމަވެސް، އަދިވެސް އަޅުގަނޑުމެންނަށް މިއުޅެނީ އެ މައްސަލަ ޙައްލު ނުކުރެވިގެން. މިހާރަކަށް އައިސް، ތިޔަބޭފުޅުން އައްސަވާފައިވާނޭ ފަދައިން، ވަރަށްގިނަ އިތުރު ކަންތައްތަކެއް ކުރެވެމުން އެބަދޭ. އޭގެސަބަބުން މަސްތުވާ ތަކެތި ބޭނުންކުރާ މީހުން، ގިނަ އަދަދެއްގެ މީހުންނާއި އަދި ޚާއްޞަކޮށް، އޭގެ ވިޔަފާރިކުރާ މީހުން އެއީ އެންމެ ގޯސް ބަޔަކީ. ވިޔަފާރިކުރާ މީހުންގެ ތެރެއިންވެސް ބައެއް މީހުން އެބަ ހައްޔަރުވަމުންދޭ. އަދި އެކަމަށް އެމީހުން ބޭނުންކުރާ ތަކެތިވެސް ހިފެމުން އެބަދޭ. މިގޮތަށް އަޅުގަނޑުމެން ވަރުގަދައަށް، ސަރުކާރުގެ ހުރިހާ ދާއިރާތަކަކާއި އަދި ރައްޔިތުންނާއި، އަމިއްލަ ފަރާތްތަކާ ގުޅިގެން މަސައްކަތް ކޮށްފިއްޔާ މާތްﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް މިކުރާ މަސައްކަތް ކާމިޔާބު ކުރެވޭނެ.

އެހެންވީމާ އަޅުގަނޑު އެދެނީ، މިރަށުގެ ރައްޔިތުންވެސް އެކަމަށް ވަރަށްބޮޑަށް ސަމާލުވެވަޑައިގެން، ސަރުކާރުގެ ފަރާތްތަކާ ގުޅިގެން މި މަސައްކަތް ކޮށްދެއްވުން. މި މަސައްކަތަކީ، ކޮންމެ ބައްޕައެއްގެވެސް، ކޮންމެ މަންމައެއްގެވެސް ވާޖިބު ކަމުގައި ދެކެވަޑައިގަތުން. އަދި ކޮންމެ ބެލެނިވެރިއެއްގެވެސް، ކޮންމެ މުދައްރިސެއްގެވެސް، އަދި ސަރުކާރުގެ ވަޒީފާ އަދާކުރާ ކޮންމެ މީހެއްގެވެސް ވާޖިބެއް ކަމަށް، އެބޭފުޅަކު ދެކެވަޑައިގަތުން ވަރަށް މުހިންމު. މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޤައުމާއި، މުޖުތަމަޢު ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތަކީ، ޤައުމީ މަސައްކަތެއް. އެއީ ވަކިމީހަކު އެކަނި ކޮށްގެން ކާމިޔާބުވާނެ ކަމެއްނޫން. ސަރުކާރުން އެކަނި ކޮށްގެންވެސް ކާމިޔާބެއްނުވާނެ. މިކަމުގައި މުޅި ޤައުމުގެ އެއްބައިވަންތަކަން ބޭނުން. ޤައުމުގެ އެއްބާރުލުން ބޭނުން. އެހެންވީމާ، ބިލެތްދޫ ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން މިކަމަށް ލިބޭނެކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން.

އާދެ، ދެން ދަންނަވާލަން އޮތް ވާހަކައަކީ، މި މަދަރުސާއިން ތަޢުލީމު ހާސިލުކުރާ ކުދިންނާއި، އެނޫން ކުދިންނަކީވެސް ވަރަށްބޮޑު ރައުސްމާލެކޭ. ރާއްޖޭގެ ކޮންމެ ޒުވާނަކީ، ކޮންމެ ކުއްޖަކީ ވަރަށް އަގުބޮޑު ރައުސްމާލެއް. އެކުދިންނަށް ރަނގަޅު ތަޢުލީމެއް ލިބި، ރަނގަޅު ތަރުބިއްޔަތެއް ލިބިއްޖިއްޔާ މުސްތަޤްބަލުގައި އެކުދިންވާނީ ޤައުމަށް ވަރަށް ގިނަގުނަ ފައިދާތަކެއް ހޯދައިދޭ ބަޔަކަށް. ވަރަށް ބިނާކުރަނިވި މަސައްކަތްތަކެއް ކޮށްގެން އެމީހުންގެ އާއިލާތަކަށާއި، އެމީހުން ދިރިއުޅޭ ރަށަށާއި އަދި މުޅި ޤައުމަށް ފައިދާތަކެއް ހޯދައިދޭނެ ބަޔަކަށް އެކުދިންވާނެ. އެހެންވީމާ އެއީ މިތާނގައި ތިބި ކިޔަވާކުދިންގެ ތެރެއިން ހަމަ ކޮންމެ ކުއްޖެއްގެ ޢަޒުމަކަށް ހެދުން އަޅުގަނޑު އެދެން. އެކުއްޖަކަށް މިހާރު ލިބިފައިވާ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ކޮށްގެން، ރަނގަޅަށް ތަޢުލީމު ހާސިލުކުރުމުގެ މުހިންމުކަން، އެކުދިން ދަތުން އަޅުގަނޑު އެދެން. ހަމައެހެންމެ ތަޢުލީމުގެ އިތުރުން، އެކުދިންގެ އަޚްލާޤުވެސް އެއީ ރަނގަޅު ރީތި އަޚްލާޤަކަށްވުން ކޮންމެހެން ބޭނުން. މާތްވެގެންވާ އިސްލާމްދީނުގައި އަޅުގަނޑުމެންނަށް އަންގަވާފައިވަނީ އެގޮތަށް. އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީވެސް އަޚްލާޤު ރަނގަޅު މީހަކު ކަމުގައި ވާންޖެހޭ. އެހެން މީހުންނަށް ހެޔޮކޮށްހިތައި، ކަމޭހިތައި، މީހުންނަށް އިޙްތިރާމުކުރާ މީހަކު ކަމުގައި ވާންޖެހޭ. އެހެން މީހުންގެ ޙައްޤުތަކަށް އަރައިނުގަންނަ މީހަކަށްވާންޖެހޭ. އެހެން މީހުންނަށް، އަތުންނަމަވެސް، ދުލުންނަމަވެސް، އެއްވެސް ގޮތަކަށް އުނދަގުލެއް، ގޯނާއެއް ނުކުރާ މީހަކަށްވާންޖެހޭ. އަދި އެންމެން އުޅެންޖެހެނީ އެއްބައިވަންތަކަންމަތީގައި. އަޅުގަނޑުމެންގެ ދީނުގައި އަންގަވާފައިވާ ގޮތަކީ އެއީ. ދެންމެ ކުޑަކަތީބު އަޅުގަނޑުމެންގެ މި ޖަލްސާ އިފްތިތާޙު ކޮށްދެއްވަމުން ވިދާޅުވިއިރު، އެންމެފަހުން ވިދާޅުވި އާޔަތް "إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ" (الحجرات: 10) މާތް ﷲ އެ އަންގަވަނީ، ''مؤمنން ވާކަންކަށަވަރީ أخންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ أخން ދެމެދު ތިޔަބައިމީހުން صلح ކުރާށެވެ!" އެއީ، އިންސާނުން ދިރިއުޅޭ އުޅުމުގައި ދެމީހުންގެ ދޭތެރޭގައި މައްސަލައެއް ޖެހިދާނެ. ކޮންމެވެސްކަހަލަ ކަމެއް ދިމާވެދާނެ. އެހެންވީމާ، ﷲ އަންގަވަނީ، އެ ދެމީހުންގެ ދެމެދު صلح ކުރުމަކީ ތިޔަބައިމީހުން، (ޔަޢުނީ) ޤައުމުގެ އެންމެން ކުރަންޖެހޭނެ ކަމެކޭ. "إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ" (الحجرات: 10) '' مؤمنން ވާކަންކަށަވަރީ أخންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ أخން ދެމެދު ތިޔަބައިމީހުން صلح ކުރާށެވެ!" "وَاتَّقُوا اللَّـهَ" [އަދި ތިޔަބައިމީހުން ﷲ އަށް تَّقُوي ވެރިވާށެވެ!] "لَعَلَّكُمْ تُرْحَمُونَ" [ (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ.] އެހެންވީމާ، ﷲގެ ރަޙްމަތް ލިބުމަށް މަގުފަހިވާގޮތަށް މިއޮތީވެސް صلح ވެރިވެގެން. އެންމެން އެކަތިގަނޑަކަށްވެގެން، ﷲ އަށް تَّقُوي ވެރިކަންމަތީ ތިބެގެން. އެންމެން އެކުގައި އުޅެގެން. އެއް ރޫޙެއްގައި އުޅެގެން.

އެހެންވީމާ، މި ނުކުތާގައި ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިހާރަކަށްއައިސް އަޅުގަނޑުމެންގެ ރާއްޖޭގައި ތަފާތު ހަރަކާތްތައް ހިނގަމުން އެބަދޭ. ސިޔާސީ ޕާޓީތައްވެސް ހިނގަމުން އެބަދޭ. އޭގެތެރެއިން ބައެއް ޕާޓީތަކަކީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ބައެއް. އެމީހުން ދޮގު މަޢުލޫމާތާއި، ދޮގުޚަބަރު ފަތުރަމުން ގެންދޭ. އެކަންތައްތަކަށް އަޅުގަނޑުމެންވާނެ ސަމާލުވާން. ވަރަށްބޮޑަށް ވިސްނައިގެން އަޅުގަނޑުމެން ކަންތައްތައް ކުރަމުން ގެންދަންޖެހޭނީ. އަދި އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ މެދުގައި ދެބައިވުމެއް އޮވެގެނެއްނުވާނެ. އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ، އަޅުގަނޑުމެން ތިބެންޖެހޭނީ އެންމެންނަކީ އެއްބަނޑުއެއްބަފާ ބައެއްކަމުގައި ބަލައިގެން. އެއީ، މިއީކީ އަޅުގަނޑުގެ ވާހަކައެއް ނޫން. މިއީ قــران ން އަންގަވާފައި އޮތްގޮތް. މިއީ ﷲ ގެ ބަސްފުޅު. އެހެންވީމާ މާތް ﷲ އަންގަވަނީ، [ހުރިހާ މުއުމިނުންވާކަން ކަށަވަރީ އަޚުންތަކެއް ކަމުގައޭ.] އެބަސް ދޮގުކުރާނެ އެއްވެސް އިންސާނަކު ދުނިޔެއަކު ނުހުންނާނެ. އެއްވެސް މީހަކަށް އެބަސް ދޮގެއް ނުކުރެވޭނެ. އެއީ ﷲގެ ޙައްޤު ކަލާމްފުޅު. އޭގެ މައްޗަށް ބަސްބުނާނެ އެއްވެސް މީހަކު ނުހުންނާނެ. އެހެންވީމާ އެއީ އަޅުގަނޑުމެން ގަބޫލުކުރަންވީ އުސޫލަކީ. އެންމެންނަކީ އެއްބައެއްކަން. މުސްލިމުންނަކީ އަޚުންތަކެއްކަން. އަޅުގަނޑުމެންގެ މެދުގައި ބައިބައިވުމާއި، ފިތުނަވެރިކަމާއި، މިކަންތައްތައް އޮވެގެންނުވާނެކަން. އަޅުގަނޑުމެންނަށް މިހާތަނަށް ތަރައްޤީގެ މަގުގައި ހާސިލުކުރެވިފައިވާނަމަ، ހާސިލުކުރެވިފައިވާ ކޮންމެ ކާމިޔާބީއަކީ އަޅުގަނޑުމެންގެ ޤައުމާއި މިއޮތް އެއްބައިވަންތަކަމުގެ ސަބަބުން ހާސިލުވެފައިވާ ކާމިޔާބީއެއް، އެއާމެދު އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެންގެ މެދުގައި ބައިބައިވުން އުފެދިއްޖިއްޔާ ޝައްކެއްނެތް، އަޅުގަނޑުމެންގެ ޤައުމުދާނީ ވަރަށް ނުރައްކާތެރި ދިމާއަކަށް. އޭގެ ހިތި ނަތީޖާ އަޅުގަނޑުމެންނާއި، އަޅުގަނޑުމެންގެ ޅަދަރިންނަށާއި، ކުރިއަށް އޮތް ޖީލުތަކަށް ނުފެނިއެއް ނުދާނެ.

އާދެ، މިއަދު އަޅުގަނޑު މިރަށަށް އައުމުން، އަޅުގަނޑަށް އިސްތިޤްބާލު ކުރައްވަން ތިއްބެވި، މިރަށުގެ ލޮބުވެތި ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކާ އަޅުގަނޑަށް ސަލާންކޮށްލުމުގެ އުފާ ލިބުނު. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ އެ އައި އައުމުގައި އަޅުގަނޑަށް ސަލާންނުކުރެވި ތިބި ލޮބުވެތި އަޚުންތަކަކާއި އުޚުތުންތަކެއް އެބަތިއްބެވިހެން. އަދި ކިޔަވާކުދިންތަކެއްވެސް އެބަތިބިހެން. އެހެންވީމާ، މިޖަލްސާއަށްފަހުގައި އަޅުގަނޑާ ސަލާންކޮށްލައްވަން ބޭނުންފުޅުވާ ހަމަ ކޮންމެ ބޭފުޅަކަށް އެކަމުގެ ފުރުޞަތު އެރުވުމަކީ ހަމަ ވަރަށްބޮޑު އުފަލެއް ލިބޭނެކަމެއް ކަމުގައި ދަންނަވަން. މިތާ އަޅުގަނޑު މަޑުކޮށްލާނަން. މަޑުކޮށްލީމާ ތިޔަބޭފުޅުންގެ ތެރެއިން ސަލާންކޮށްލައްވަން ބޭނުންފުޅުވާ ބޭފުޅަކު ހުންނެވިނަމަ ވަޑައިގެން، ސަލާންކޮށްލައްވައިފިއްޔާ އަޅުގަނޑު ވަރަށް އުފާވާނެ. އެހެންވީމާ އެ ވާހަކަ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން ދަންނަވާލީ.

އާދެ، މިދަތުރަކީ ކުރިންވެސް ދެންނެވިހެން، މި އަތޮޅުގެ ހުރިހާ ރަށަކަށް އަޅުގަނޑު ކުރަން ގަސްތުކޮށްފައި އޮތް ދަތުރެއް ކަމަށްވުމާއެކީގައި، މިއަދުގެ ޕްރޮގްރާމުގައިވެސް އަދި ކުރިއަށް ބައެއް ކަންތައްތައް އެބަހުރި. އެހެންވީމާ، މިހާހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން ކަމަށް.

އަޅުގަނޑު އެދެނީ، މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުން ދެއްވުން. އަޅުގަނޑުމެން އެންމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ސާފު ސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔަކުކަމުގައި އަބަދުމެ އެކަލާނގެ ލެއްވުން. އަދި އަޅުގަނޑުމެން ތަރައްޤީއަށްޓަކައި މި ކުރާ މަސައްކަތްތަކުގައި ބަރަކާތްލެއްވުން. ހަމައެހެންމެ އަޅުގަނޑުމެންނަކީ އެކަލާނގެ އަންގަވާފައިވާ ފަދައިން، އަޚުންތަކެއްގެ ގޮތުގައި ދެމިތިބޭނެ ބަޔަކު ކަމުގައި ލެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.