بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّد المرسلين، وعلـى آلـه وأصـحابه أجمـعـين.

ފާދިއްޕޮޅުގެ މީހުން އުޅޭ ރަށްރަށަށް އަޅުގަނޑު މި ކުރާ ދަތުރުގައި މިއަދު މާފިލާފުށްޓަށް އައުމަކީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އަދި އަޅުގަނޑު މިތަނަށް އައުމާއެކީގައި، މާފިލާފުށީގެ ރައްޔިތުން ނުވަތަ މި ތާނގައި ދިރިއުޅުއްވާ ހުރިހާ ބޭފުޅުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، ޝުކުރު ދަންނަވަން.

ހަމައެހެންމެ، މި ފެށުނު މީލާދީ އާ އަހަރުގެ މުނާސަބަތުގައި، އާ އަހަރުގެ ތަހުނިޔާއާއި މުބާރިކުބާދީވެސް ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވަން. އަދި އަޅުގަނޑު އެދެނީ މާތްﷲ، މި ފެށުނު އާ އަހަރަކީ ދިވެހިރާއްޖެއަށާއި، ތިޔަބޭފުޅުންނަށް ހުރިހާ ގޮތަކުންވެސް އުފާފާގަތިކަން ލިބޭ، ތަނަވަސްކަމާއި، ހިތްހަމަޖެހުން ލިބޭ އަހަރެއް ކަމުގައި ލެއްވުން.

އާދެ، ދެންމެ އަތޮޅުވެރިން އެ ވިދާޅުވި ފަދައިން، އަޅުގަނޑަށް މި ރަށަށް މި އާދެވުނީ މި އަތޮޅަށް ކުރާ ދަތުރުގެ އެންމެފަހު މަންޒިލެއްގެ ގޮތުގައި. އިއްޔެ އަޅުގަނޑު ފެށި ދަތުރުގައި، އިއްޔެ ނައިފަރަށާއި، ހިންނަވަރަށް ޒިޔާރަތްކުރިން. މިއަދު ކުރެންދުއަށާއި އޮޅުވެލިފުށްޓަށް ވަނީ މީގެކުރިން ޒިޔާރަތްކޮށްފައި. ދެން މިވަގުތު އަޅުގަނޑު އައިސް މިހިރީ ތިޔަބޭފުޅުންގެ މި ރަށުގައި. އާދެ، މާފިލާފުށީގައި.

އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހިރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއް. ވަސީލަތްތައް މަދު ޤައުމެއް. އެހެންނަމަވެސް، ރާއްޖޭގެ ރައްޔިތުންނަށްވެސް ކުރިއެރުމާއި، ތަރައްޤީ ލިބުމަކީ އެމީހުންގެ ޙައްޤެއް. އެކަމަށްޓަކައި ސަރުކާރުން ކެނޑިނޭޅި މިދަނީ މަސައްކަތް ކުރަމުން. އަދި ތިޔަބޭފުޅުން މި ރަށަށް ވަޑައިގެން، މި ރަށުގައި ވަޒަންވެރިވެވަޑައިގަތުން އެއީވެސް އޭގެތެރެއިން ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އެއީ އަޅުގަނޑުމެންގެ ރާއްޖޭގައި އެންމެ ދަތިވެފައިވާ އެއްކަމަކީ، ގޯތިގެދޮރުގެ މައްސަލަ. ބިމުގެ މައްސަލަ. އެހެންކަމުން، އެކިއެކި ރަށްރަށް އާބާދުކޮށް، އެ ރަށްރަށަށް މީހުން ބަދަލުކުރުމަކީ، ސަރުކާރުން ވަރަށް ކުރިއްސުރެ ގެންގުޅެމުން އައިސްފައިވާ ސިޔާސަތެއް. މިހާރުވެސް އެ ސިޔާސަތު ކުރިޔަށް މި ގެންދަނީ.

ދެންމެ އަތޮޅުވެރިން އިޝާރާތް ކުރެއްވި ފަދައިން، އެއްފަސްކުރުމުގެ ސިޔާސަތަކީ އަޅުގަނޑުމެންގެ ޤައުމަށް ވަރަށް މުހިންމު ސިޔާސަތެއް. އެއީ މީސްކޮޅު މަދު ރަށްރަށުން، ތަންކޮޅެއް މީހުންގިނަ ރަށްރަށަށް ނުވަތަ ދިރިއުޅުން ތަނަވަސް އަދި ދިރިއުޅުމުގެ މަގުތައް ތަނަވަސްވެފައިވާ، އެކިއެކި މަސައްކަތް ކުރުމާއި، ވަޒީފާ އަދާކުރުމާއި، ކުރިޔަށްދިޔުމުގައި އެކިއެކި ފަސޭހަތައް ހުންނަ ރަށްރަށަށް ގިނަބަޔަކު ޖަމާވުމަކީ އަޅުގަނޑު ހިތުން އެއީ އިޤްތިޞާދީ ގޮތުންވެސް، އިޖްތިމާޢީ ގޮތުންވެސް ވަރަށް ފައިދާކުރުވަނިވި ކަމެއް. އެހެންވީމާ، ރާއްޖޭގައި މީހުން ދިރިއުޅޭ ކުދި ރަށްރަށުން، ބޮޑެތި ރަށްރަށަށް މީހުން ބަދަލުކުރުމުގެ މަޝްރޫޢެއް ސަރުކާރުން ހިންގަމުން މިގެންދަނީ، އޭގެ ސަބަބުން ރާއްޖޭގެ މުސްތަޤުބަލަށް ފައިދާތަކެއް ކުރާނެތީ.

އާދެ، މި ރަށުގައިވެސް ވަރަށްގިނަ ކަންތައްތައް ހަމަޖެހިފައި ހުރި ކަމަށް، ދެންމެ އަތޮޅުވެރިންގެ ވާހަކަފުޅުގައި ވިދާޅުވެފައި އެވަނީ. އެހެންވީމާ، އެ ކަންތައްތައް ވަރަށް ހިތްޕުޅު ހެޔޮކަމާއެކީގައި ތިޔަބޭފުޅުން ބަލައިގަންނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ، އަދި ތިޔަބޭފުޅުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބަނޑުއެއްބަފާކަން އަބަދުވެސް ޤާއިމުވެފައި އޮތުމަކީ، ވަރަށް މުހިންމު ކަމެއް. އަޅުގަނޑު އެހެން މި ދެންނެވީ، މިހާރު ރާއްޖެ ކުރިއަރަމުންދާ ދިޔުމުގައި، ރާއްޖޭގެ ނިޒާމުތަކަށް ބައެއް ބޮޑެތި ބަދަލު އަންނަމުން މިދަނީ. މީގެކުރިން އަޅުގަނޑުމެން ނުދަންނަ އާ ނިޒާމެއް މިހާރު އަޅުގަނޑުމެންގެ ތެރެއަށް މިވަނީ ތަޢާރަފުވެފައި. އެއީ ސިޔާސީ ޕާޓީގެ ނިޒާމު.

ސިޔާސީ ޕާޓީގެ ނިޒާމުގެ ދަށުން ރާއްޖޭގައި ހަތަރު ޕާޓީއެއް ގަވާއިދުން ރަޖިސްޓަރީވެ، ހިނގަމުން އެބަދޭ. އެހެންނަމަވެސް، މީގެ މަޤުޞަދަކީ، ރައްޔިތުން ބައިބައިވުމެއް ނޫން. ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެއްދުމެއް ނޫން. ދެކޮޅުވެރިކަން އުފެއްދުމެއް ނޫން. އޭގެ ބޭނުމަކީ، އެންމެން ގުޅިގެން، ޤައުމުގެ ފައިދާއަށްޓަކައި މަސައްކަތްކުރުން. ގިނަ ބައެއްގެ ޚިޔާލާއި މަޝްވަރާގެ އަލީގައި، ޤައުމުގެ މުސްތަޤްބަލް ބައްޓަންކުރުން. އެކުވެރިކަމާއި، އެއްބާރުލުމާއެކީގައި. އަދި ޤާނޫނީ ހަމަތަކުގެމަތިން، އަމަންއަމާންކަމާއި، ޞުލްޙަމަސަލަސްކަމާ އެކީގައި. ޤާނޫނީ ތަރަހައިގެ ތެރެއިން. އެގޮތަށް އެކަން ގެންދެވިއްޖިއްޔާ، ޝައްކެއްނެތް، އޭގެ ސަބަބުން ދިވެހިރާއްޖެއަށް ވަރަށްގިނަ ފައިދާތަކެއް ކުރާނެ. އެޔާޚިލާފަށް، އަޅުގަނޑުމެންގެ މެދުގައި އެއްވެސް ސަބަބަކާހުރެ ބައިބައިވުން އުފެދި، އެއްބަޔަކު އަނެއްބަޔަކު ދެކެ ރުޅިއައިސް، އެއްބަޔަކު އަނެއްބަޔަކަށް އެއްޗެހި ކިޔައި، ފަޟީޙަތްކޮށް، އަގުވައްޓާލަން މަސައްކަތްކޮށް، ދޮގު ޚަބަރު ފަތުރައި، މިހެން ހަދާކަމަށްވަންޏާ، ރާއްޖޭގައި މި އޮތް އަމަންއަމާންކަމާއި، ޞުލްޙަމަސަލަސްކަން މި ގޮތަކަށެއް ނޯންނާނެ.

އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީގެ އެންމެ ބޮޑު ބިންގަލަކީ، ރާއްޖޭގައި ޒަމާނުއްސުރެ މިއޮތް އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަން. މިއީ ތާރީޚު ހެކިދޭ ކަމެއް. ރާއްޖެ އެއްވެސްއިރެއްގައި ބައިބައިވެގެން ގޮސްފައެއް ނެތް. އަދި ޚާއްޞަކޮށް، މިވޭތުވެދިޔަ ތިރީހަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް މިއައި ކުރިއެރުމާއި، ތަރައްޤީގެ ބިންގަލަކީ ހަމަ އެއީ. ރާއްޖޭގައި މި އޮތް ހަމަހިމޭންކަން. ރާއްޖޭގައި މި އޮތް ސިޔާސީ އަދި އިޖުތިމާޢީ އެއްބައިވަންތަކަމާއި އަދި ހަމަޖެހުން. އެހެންވީމާ، މި އެއްބައިވަންތަކަމާއި، ހަމަޖެހުމަށް ބުރޫއަރާކަހަލަ އެއްވެސް ކަމެއް އަޅުގަނޑުމެން ކުރުމަކީ ހަމަގައިމުވެސް ދިވެހި ޤައުމުދެކެ ލޯބިވާ އެއްވެސް ދަރިޔަކު އެދޭނެގޮތެއް ނޫން. މި ކަމަށް ތިޔަ ހުރިހާ ބޭފުޅުންވެސް ސަމާލުވެވަޑައިގެން ދެއްވުމަކީ އަޅުގަނޑު ވަރަށްބޮޑަށް އެދޭ ކަމެއް.

އާދެ، އަޅުގަނޑުގެ މި ދަތުރުގެ ބޭނުމަކީ، ފާދިއްޕޮޅަށް ދަތުރެއް ނުކުރެވޭތާ ގިނަދުވަސްވެފައި އޮތުމާއެކީގައި، މި އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކޮށް، ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ އުފާ ހާސިލުކުރުން. ހަމައެހެންމެ، އެ ރަށްރަށުގެ ޙާލުއަޙުވާލު ބަލައި، އެމީހުން އެދޭ ގޮތްތަކަކީ ކޮބައިތޯ ބަލައި، އެކަންކަން ކުރުން.

އެނގިވަޑައިގަންނަވާނެ ފަދައިން، އަތޮޅުތައް ތަރައްޤީކޮށް އިޞްލާޙު ކުރުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ. ވަރަށް ކުރިންވެސް މިކަން ކުރަމުން މި އަންނަނީ. މިހާރު އަދި ވަކިން ޚާއްޞަކޮށް އެކަން ކުރުމަށް މަގުތައް ފަހިވެގެން، އެކަން ކުރަމުން މި ގެންދަނީ. އެހެންވީމާ، މި ފުރުޞަތުގައި ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުންވެސް އެދިވަޑައިގަންނަވާ ކަންތައްތައް މުސްތަޤްބަލުގައި އިރާދަކުރެއްވިއްޔާ ސަރުކާރުން ކޮށްދޭނެ. އެހެންނަމަވެސް، އަޅުގަނޑުމެން ހަނދާން ބަހައްޓަންވީ ނުކުތާއަކީ، އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ ޤައުމެއްކަމާއި، އަޅުގަނޑުމެންގެ ވަސީލަތްތައް މަދުކަމާއި، އަޅުގަނޑުމެންގެ ދައުލަތުގެ ބަޖެޓުގެވެސް ކުޑަކަން. އެހެންވީމާ، ކަންތައްތައް ކުރެވޭނީ ލަހުން. އަދި ވަކިގޮތަކަށް، ވަކި އުސޫލުތަކަކަށް ރާވައިގެން، ވަކި ގަވާއިދެއްގެ މަތިން. އެހެންވީމާ، ހުރިހާ ރަށަކަށް އެއްފަހަރާ، އެންމެން ބޭނުންވާ ކަންތައްތަކެއް ކޮށެއްނުދެވޭނެ. އެކަން އަޅުގަނޑުމެން ޤަބޫލުކޮށްގެން، ރަނގަޅަށް ހަމަޖެހިލައިގެން ކުރިޔަށްދާން ތިބިކަމަށްވަންޏާ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެން އެދޭގޮތްތައް ހާސިލުވުމަކީ ދުރުގައި އޮންނާނެ ކަމެއްނޫން.

މިވޭތުވެދިޔަ އަހަރުގެ ކުރީ އަހަރު، އާދެ، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ، ވަރަށްބޮޑު ހިތްދަތިކަމެއް މުޅި ޤައުމަށް ގެނެސްދިން ކާރިސާއެއް. ރާއްޖޭގެ ވަރަށް ގިނަބަޔަކު މަރުވެ، އަޅުގަނޑުމެންނާ މުޅިން ވަކިވެގެން ދިޔައީ. ވަރަށް ގިނަ މީހުންގެ ގެދޮރު ހަލާކުވެގެން ދިޔައީ. އިމާރާތްތައް ފަނާވެގެން ދިޔައީ. އަދި އެކިއެކި ވަސީލަތްތައްވެސް ދިޔައީ ވަރަށްބޮޑަށް ގެއްލުން ލިބިގެން. އެހެންވީމާ، އެ ކަންތައްތައް ފޫބައްދައި، ރަނގަޅުކުރުމަށް މިހާރު ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަމުން މި ގެންދަނީ. އިރާދަކުރެއްވިއްޔާ، ސަރުކާރާއި ރައްޔިތުންނާ ގުޅިގެން މި ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާނެ. އަދި މާ ލަހެއްނުވެ އަޅުގަނޑުމެންނަށް މިހާރު މި ވެއްޓިފައިވާ ފުން ވަޅުގަނޑުން ތެދުވެވި، އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދަމާލައިގެން އަނެއްކާވެސް ކުރިޔަށްދެވޭނެ. އެކަންވާނީވެސް އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އޮވެގެން.

އާދެ، އަޅުގަނޑު މިއަދުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަތޮޅުތަކުގެ ތަރައްޤީއަށް އެކިބޭފުޅުން ކުރައްވާފައިވާ ޚިދުމަތްތަކަށްޓަކައި އެ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އަޅުގަނޑުގެ ރިޔާސަތުގައި އެންމެ ގިނަދުވަހު އަތޮޅުތައް ބަލަހައްޓަވައިދެއްވި ވަޒީރަކީ، އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ކަމަށްވާތީ، އެމަނިކުފާނު ވަރަށް ގިނަ އަހަރުތަކެއް ވަންދެން ކޮށްދެއްވި ބުރަ މަސައްކަތްތަކާއި، އަދާކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި، އަތޮޅުތަކާބެހޭ ވުޒާރާ ހިންގެވި އެހެން ހުރިހާ ވަޒީރުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް، މިހާރު އަތޮޅުތައް ހިންގެވުމާއި އަދި އަތޮޅުތަކުގެ ތަރައްޤީއާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރަކީ، އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން. އޭނާ ވަރަށް ޝައުޤުވެރިކަމާއެކީގައި، ވަރަށް ފޯރިޔާއެކީގައި އަތޮޅުތައް ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ކުރިޔަށް އެބަ ގެންދަވާ. އެކަމަށްޓަކައި އޭނާއަށްވެސް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

ހަމައެހެންމެ، މި އަތޮޅުގެ އަތޮޅުވެރިން، އަލްފާޟިލް ޤާސިމް ޢަބްދުލްކަރީމަކީ، ވަރަށްފަހުން އަތޮޅު ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ބޭފުޅެއް. އެހެންނަމަވެސް، އޭނާއަކީ މި އަތޮޅުގައި ހުންނަވައިގެން އަތޮޅު ހިންގެވުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ، މަތީ ފެންވަރަކަށް ތަޢުލީމު ހާސިލުކުރައްވާފައި ހުންނެވި ޒުވާން ބޭފުޅެއް. އެހެންވީމާ، އެކަހަލަ ހަރަކާތްތެރި ޒުވާން ބޭފުޅަކު ހުންނެވުމުންވެސް، އަތޮޅުގެ ތަރައްޤީއަށް އިތުރު ފަސޭހަތަކެއް ލިބގެންދާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން.

އާދެ، އަޅުގަނޑުގެ ވާހަކަ މާ ދިގުކުރާކަށްނެތިން. އަދިވެސް އެއްފަހަރު، މާފިލާފުށްޓަށް އައުމުން ތިޔަބޭފުޅުން ތިޔަ ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

އަދި މި ފެށުނު އާ އަހަރަކީ، އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ބާއްޖަވެރި، އުފާވެރި، ފާގަތި އަހަރެއް ކަމުގައި މާތްﷲ ލެއްވުން އެދި ދުޢާކުރަން. ހަމައެހެންމެ، އަޅުގަނޑުމެންނަކީ އަބަދުވެސް މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ، ދީނަށް ޙުރުމަތްތެރިކޮށްހިތާ، އަޅުގަނޑުމެންގެ މެދުގައި މި އޮންނަ އެއްބަނޑުއެއްބަފާކަން ދަމަހައްޓާ ބަޔަކު ކަމުގައި ލެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.