بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، އަޅުގަނޑު މިއަދު މި ފެށި ދަތުރަކީ ފ.އަތޮޅުގެ މީހުން އުޅޭ ރަށްރަށަށް ކުރާ ދަތުރެއް. މި ދަތުރުގެ ބޭނުން، ދެންމެ މި އަތޮޅުގެ އަތޮޅުއޮފީސް ހިންގެވުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި އަލްފާޟިލް މުޙަންމަދު ޝަރީފު ތިޔަބޭފުޅުންނަށް ވިދާޅުވެދެއްވައިފި. އާދެ، އެއީ، މާދަމާއަކީ ކޮންމެ އަހަރަކުވެސް އަޅުގަނޑުމެން ރާއްޖޭގައި ޒުވާނުންގެ ދުވަސް ރަސްމީގޮތުން ފާހަގަކުރާ ދުވަސްކަމަށްވާތީ. އަދި މި އަހަރުގެ ޒުވާނުންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަތޮޅު ވެރިކަންކުރާ ރަށް، ނިލަންދޫގައި ކަމަށްވާތީ، އެ އިޙްތިފާލުގައި ބައިވެރިވުމުގެ ބޭނުމުގައި އަޅުގަނޑު މިއަދު ދަތުރު މި ފެށީ.

އާދެ، މިއަދު އެންމެ ފުރަތަމަވެސް އަޅުގަނޑަށް މި އާދެވުނީ ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށަށް. ފީއައްޔަށް. މީގެކުރިން ރައީސްކަމުގައި ހުރެގެން ތިންފަހަރެއްގެ މަތިން އަޅުގަނޑު ވާނީ މި ރަށަށް ޒިޔާރަތްކޮށްފައި. އެންމެފަހުން އަޅުގަނޑަށް ފީއައްޔަށް ޒިޔާރަތް ކުރެވުނީ 1995 ވަނަ އަހަރުގެ މެއި މަހުގެ ތޭރަވަނަ ދުވަހު. އެއަށްފަހު އަޅުގަނޑު ހަތަރުވަނަ ޒިޔާރަތަކަށް މިއަދު މި ރަށަށް މިއައީ. މި ރަށަށް އައުމާއެކީގައި، މިހާރު އަތޮޅުއޮފީސް ހިންގަވަން ތިއްބެވި ދެބޭފުޅުން ކަމުގައިވާ، އަލްފާޟިލް މުޙަންމަދު ޝަރީފާއި، އަލްފާޟިލް ދޮންއާދަމްފުޅާ ދެބޭފުޅުންގެ ފަރާތްޕުޅުންނާއި، އަދި އަތޮޅުއޮފީހުގެ މަސައްކަތްތައް ކުރެއްވުމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނާއި މުވައްޒަފުންނަށް، ހަމައެހެންމެ، ފީއަލީ އޮފީހުގެ ބޮޑުކަތީބާއި، ކަތީބާއި، ވެރިންނާއި، މެޖިސްޓްރޭޓާއި އަދި ފީއަލީގެ ލޮބުވެތި ރައްޔިތުންނާއި، އަންހެން ފިރިހެން ކުދިބޮޑު އެންމެން، ކިޔަވާކުދިން މި ހުރިހާ ބޭފުޅުންގެ ފަރާތްޕުޅުން އަޅުގަނޑަށް މި ލިބުނު މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މިއަދަކީ އަޅުގަނޑުގެ އަމިއްލަ ދަތުރުތަކަށް ވިސްނާއިރު ވަރަށް މުހިންމު ދުވަހެއް ކަމުގައި އަޅުގަނޑު ދެކެނީ. އެއީ އަޅުގަނޑު ރައީސްކަމާ ހަވާލުވެގެން އަތޮޅުތަކަށް އެންމެ ފުރަތަމަ ދަތުރުކުރީ ހއ. އަތޮޅަށާއި، ހދ. އަތޮޅަށް. ހއ. އަތޮޅަށް އަޅުގަނޑު ދަތުރުފެށީ 1979 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު. އެހެންވީމާ، އަޅުގަނޑު މި މަޤާމުގައި ހުރެގެން ރާއްޖޭގެ އަތޮޅުތަކަށް، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތް ކުރުމުގެ ފުރަތަމަ ދަތުރު ފެށިތާ، މިއަދަށް ބަރާބަރު 27 އަހަރު. މިއަދު މިއީ 2006 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަސް. އެހެންވީމާ، އެގޮތުން ބަލާއިރު ވަރަށް އުފާވެރި އިއްތިފާޤެއް ކަމުގައި މިއަދު މި ދަތުރު ފެށުން އަޅުގަނޑު ދެކެނީ.

އާދެ، ފީއައްޔަކީ މި އަތޮޅުގެ ވަރަށް މަސައްކަތްތެރި ރައްޔިތެއް ދިރިއުޅޭ ރަށެއް. މި ރަށަކީ މަސްވެރިކަމުގެ ރަށެއް. ވަރަށް ހީވާގި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް. އެހެންވީމާ، އެކަމަކީ އަޅުގަނޑު ވަރަށްބޮޑަށް އުފާކުރާ ކަމެއް ކަމުގައި ދަންނަވަން. އާދެ، މި އަތޮޅުގައި އަދި މި ރަށުގައި ރައްޔިތުން ވަރަށްގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ. މިސާލަކަށް، ކަރަންޓުގެ ޚިދުމަތް، އެއީ މި ރަށުގެ ރައްޔިތުންގެ އަމިއްލަ މަސައްކަތުން ދެއްވާ ޚިދުމަތެއް. ރައްޔިތުންގެ ޚިދުމަތެއް. އެކަމަށް ސަރުކާރުން ބައެއް އެހީ މިހާރުވަނީ ވެދީފައި. އެހެންނަމަވެސް، ކަމަކީ ރައްޔިތުން، ރައްޔިތުންގެ ޚިދުމަތުގައި ކުރައްވާ ކަމެއް. ހަމައެހެންމެ، އަޅުގަނޑުމެން ފައިބައިގެން މިއައި ފާލަން، އެއީވެސް މި ރަށުގެ ޒުވާނުންގެ ޖަމުޢިއްޔާގެ ފަރާތުން ހައްދަވައިދެއްވާފައިވާ ފާލަމެއް. މިގޮތުން ރަށުގެ ތަރައްޤީއަށް މި ރަށުގެ ރައްޔިތުން ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން އެބަގެންދަވާކަން އަޅުގަނޑަށް އެނގޭ. ހަމައެއާއެކީގައި، މި ރަށުގެ އަންހެނުން ކުރިއަރުވާ ކޮމިޓީއާއި، އަދި މި އަތޮޅުގެ އެހެން ރަށްރަށުގެވެސް އަންހެނުން ކުރިއަރުވާ ކޮމިޓީގެ މަސައްކަތްތައް ވަރަށް ރަނގަޅަށް ހިނގާކަމަށް، އަތޮޅުއޮފީސް ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންގެ ފަރާތްޕުޅުން އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. މިކަންކަން މިހެން ހުރުމާއެކު، އަޅުގަނޑު ވަރަށްބޮޑަށް އުފާކޮށް، ފީއަލީ ރައްޔިތުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މި ރަށުގައިވެސް ކުރިއަށް ދިޔުމުގެ މަގުތައް މިވަނީ ތަނަވަސްވެފައި. އެހެން މި ދެންނެވީ މި ރަށުގައި މި ހިނގަނީ މި މަދަރުސާ. ފ.އަތޮޅު މަދަރުސާ. އެއީ އަޅުގަނޑު ހިތުން ތަރައްޤީއަށް ވަރަށް ބޭނުން ޚިދުމަތެއް. ތަޢުލީމުދޭ އެންމެ މުހިންމު މަރުކަޒު. މި ރަށުގައި މިހިރަ މަރުކަޒަކީ މި ރަށުގެ އަތޮޅު މަދަރުސާ. ހަމައެއާއެކީގައި ޞިއްޙީ ޚިދުމަތްވެސް މި ރަށުގެ ފެންވަރުގައި ދެވޭނެގޮތްވަނީ ހަމަޖެހިފައި. އޭގެއިތުރުން ވަރަށް ރަނގަޅު މިސްކިތެއް އެބަހުރި. އާދެ، އެއީ ފުރަތަމަ ރައްޔިތުންގެ މަސައްކަތުން ފެށްޓެވި މިސްކިތެއް. ފަހުން ސަރުކާރުގެ އެހީގައި ނިންމަވާފައިވަނީ. ހަމައެހެންމެ، 24 ގަޑިއިރުގެ ކަރަންޓުވެސް އެބަ ލިބޭ. ފޯނުގެ ޚިދުމަތް ލިބޭ. މި ގޮތްގޮތުން ބަލާއިރު ކުރިއެރުމަށް ބޭނުންވާ ވަސީލަތްތަކުގެ ބޮޑުބައެއް ވަނީ މި ރަށަށް ހާސިލުކުރެވިފައި.

އެހެންނަމަވެސް، މި ރަށަށް ވަރަށް ކުރިއްސުރެ ދިމާވެގެން އުޅޭ ވަރަށްބޮޑު ދަތިކަމެއްގެ ވާހަކަ ތިޔަބޭފުޅުން އަޅުގަނޑު ގާތުގައި ވިދާޅުވާނެ. ނުވަތަ މީގެކުރިންވެސް ވަނީ ވިދާޅުވެފައި. އެއީ މި ރަށުގެ ފަޅުގެ ދަތިކަމުގެ ވާހަކަ. އެކަމަކީ، އަޅުގަނޑު ދަންނަވަން މި އުޅެނީ އިރާދަކުރެއްވިއްޔާ މާލަހެއްނުވެ، ޙައްލުވެގެންދާނެ ކަމެކޭ. އެއީ އަޅުގަނޑުގެ މި ދަތުރުގައި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ ވަރަށް އިސް ދެ ބޭފުޅަކު ވަޑައިގެން އެބަ ތިއްބެވި. އެއީ މިހާރު އަތޮޅުތަކާބެހޭ ވުޒާރާގެ ވަޒީރުކަމުގެ މަޤާމުގައި ހުންނެވި އަލްފާޟިލް މުޙަންމަދު ވަޙީއްދުއްދީނާއި، އަދި ރާއްޖޭގެ ޕްލޭނިންގ ބައިގެ އެއް މިނިސްޓްރީގެ ވަޒީރުކަމުގެ މަޤާމުގައި ހުންނެވި އަލްފާޟިލް ޙަމްދޫން ޙަމީދާ ދެބޭފުޅުން. މި ދެބޭފުޅުންނަކީ ރަށްރަށަށް ދިމާވެފައިވާ މި ކަހަލަ މައްސަލަތައް ޙައްލުކުރެއްވުމުގައި ސަރުކާރުގެ ތެރޭގައި ވަރަށް އިސް ދައުރެއް އަދާކުރައްވާ ދެބޭފުޅުން. އެހެންވީމާ، އެ ދެބޭފުޅުން ވަޑައިގަތީމާ އަޅުގަނޑަށް ހީވަނީ އެ ދެބޭފުޅުންގެ ފަރާތްޕުޅުން ތިޔަބޭފުޅުން ހިތްޕުޅުހަމަޖެހޭ ކަހަލަ ޚަބަރުތަކެއް ލިބިގެންދާނެހެން.

އާދެ، އަޅުގަނޑު ދެން އިތުރަށް ދަންނަވާލަން ބޭނުންވާ އެއް ވާހަކައަކީ، އަޅުގަނޑުމެންގެ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އެންމެބޮޑު އެއް ދައްޗަކީ ނުވަތަ އެންމެބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައޭ. އެއީ ވަރަށް ނުރައްކާތެރި ވަބާއެއް. އެ ވަބާއިން އަޅުގަނޑުމެންގެ ޅަދަރީންނާއި، ޒުވާނުންނާއި، ހަރުމީހުންނާއި އެންމެން ސަލާމަތްކުރަން އެބަޖެހޭ. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވަނީނަމަ، މި ރަށުގައިވެސް ކޮންމެވެސްވަރަކަށް މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން އެބައުޅޭ. އެއީ ދެން މުޅި ރާއްޖޭގައި އޮތްކަމެއްވީމާ މި ރަށުގައިވެސް އެކަންތައް އޮތީ ކަމަށްވެދާނެ. އެހެންނަމަވެސް، އެއީކީ އަޅުގަނޑުމެން އެއްވެސް ހާލެއްގައި ރުހެންވީ ކަމެއް ނޫން. ހިތްހަމަޖައްސާލަންވީ ކަމެއްނޫން. ކަމެއްނުކޮށް އަޅާނުލައި ތިބެންވީ ކަމެއްނޫން. އަޅުގަނޑުމެންގެ ހަމަ ކޮންމެ ރަށެއްވެސް މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތް ކުރަންޖެހޭނެ. ސަރުކާރުން ވަރަށްބޮޑެތި މަސައްކަތްތަކެއް، މިހާރު އާ ޢަޒުމަކާއި، އާ ބާރަކާ އެކީގައި ކުރަމުން މިގެންދަނީ. މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި. އެކުރާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުން އެބަދެއޭ މި ދަންނަވަނީ ވަރަށް އުފަލާއެކު. ތިޔަބޭފުޅުން ޓީ.ވީ. ޚަބަރާއި، ރޭޑިޔޯ ޚަބަރު އައްސަވާކަމަށްވަންޏާ، ރާއްޖެއިން ވަރަށްގިނަ އަދަދަކަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ބަންދުކުރާކަމާއި، އެމީހުން އެ ގެންގުޅޭ ސާމާނާއި ތަކެތި ހިފޭކަން އެނގިވަޑައިގަންނަވާނެ. އެމީހުންނާ ބެހޭގޮތުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުވެސް އެޅެމުންދާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މިކަމުގައި އެންމެންގެ އެއްބާރުލުން ވަރަށްބޮޑަށް ބޭނުމޭ. ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުމޭ. އެއީ މައިންބަފައިންނާއި، ބެލެނިވެރިންނާއި، ސްކޫލްތައް ހިންގަވާ ފަރާތްތަކާއި، އާންމު ރައްޔިތުންނާއި، ޖަމުޢިއްޔާތަކާއި، ސަރުކާރުގެ މުވައްޒަފުންނާއި، ސަރުކާރުގެ ހުރިހާ ދާއިރާތަކާ، މި އެންމެންގެ އެއްބާރުލުން މިކަމަށް ލިބިގެން ނޫނީ އަޅުގަނޑުމެންނަށް މި ނުރައްކާތެރި ވަބާއަކުން ސަލާމަތެއް ނުވެވޭނެ. އެހެންވީމާ، އެކަމަށް މި ރަށުގެ ހުރިހާ ރައްޔިތުންވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އަޅުގަނޑު ދަންނަވަން.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން އޮތީ، ރާއްޖޭގެ ތަރައްޤީގެ އެންމެބޮޑު ސިއްރަކީ، މާތް ﷲގެ ވާގިފުޅާއެކީގައި ރާއްޖޭގައި މި އޮތް ހަމަޖެހުމާއި، އަމަންއަމާންކަމާއި، ޞުލްޙަމަސަލަސްކަމޭ. އެއީ ވަރަށްބޮޑު ޙަޤީޤަތެއް. އެހެންވީމާ، އެއްވެސް ސަބަބަކާހުރެ އަޅުގަނޑުމެންގެ މެދުގައި މިއޮތް އުޚުއްވަތްތެރިކަމާއި، އެއްބާރުލުމާއި، އެކުވެރިކަން އެހެންގޮތަކަށް ބަދަލުވެގެން ދިޔަދީގެންނެއް ނުވާނެ. އަޅުގަނޑުމެން ތިބެންޖެހޭނީ އެންމެން އެކަތިގަނޑަކަށްވެގެން. އަޅުގަނޑުމެންނަކީ ދިވެހިން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. އަޅުގަނޑުމެންނަކީ އެއް ބަހަކުން ވާހަކަ ދައްކާ ބައެއް. އެއް ނަސްލަކުން އައިސް ތިބި ބައެއް. އަޅުގަނޑުމެންގެ މެދުގައި ބައިބައިވުމެއް އުފެދޭކަށް ޖާގައެއް ނެތް. މިކަމަށް އަޅުގަނޑުމެން އެންމެން ރައްކާތެރިވާންޖެހޭނެ.

އަޅުގަނޑަށް އެނގޭ، ސަރުކާރާ ދެކޮޅުވެރި ބައެއް އަފްރާދުންނާއި، ޖަމާޢަތްތައް ރާއްޖޭގައި އެބަހުރިކަން. އަދި އެމީހުންގެ ވާހަކަތައް މާލެއާއި ރާއްޖެތެރޭގައި ފަތުރަމުންދާކަން. އެހެންނަމަވެސް، އެމީހުން އެ ފަތުރަނީ މުޅިން ދޮގު ވާހަކަތަކެކޭ ދަންނަވާލަން އެބަޖެހޭ. އަޅުގަނޑާ ބެހޭގޮތުންވެސް، ސަރުކާރާ ބެހޭގޮތުންވެސް، ސަރުކާރު ހިންގަވަން ތިއްބަވާ ބޭފުޅުންނާ ބެހޭގޮތުންވެސް އަދި ސަރުކާރުން ގެންގުޅޭ އެކި ސިޔާސަތުތަކާ ބެހޭގޮތުންވެސް މީހުންނަށް ކަންތައްތައް އޮޅުވައިލުމުގެ ބޭނުމުގައި ވަރަށް ނުރަނގަޅު ވާހަކަތަކެއް އެމީހުން އެ ގެންދަނީ ރާއްޖެއަށް ފަތުރަމުން.

ފީއަލީ ރައްޔިތުންނަކީ ސިޔާސީގޮތުންވެސް ހޭލުންތެރި ރައްޔިތަކަށްވާތީ، އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން އެ ވާހަކަތަކެއް ގަބޫލެއް ނުކުރައްވާނެކަން. އެހެންނަމަވެސް، އެކަންކަމަށްވެސް އަޅުގަނޑުމެން އެބަޖެހޭ ވަރަށްބޮޑަށް ސަމާލުވާން. އެ ކަހަލަ ކަމެއްގެ ސަބަބުން ނަމަވެސް އަޅުގަނޑުމެންގެ މެދުގައި މިއޮތް ހަމަޖެހުމާއި، އެއްބައިވަންތަކަމާއި، ޞުލްޙަމަސަލަސްކަމަށް ބުރުލެއް އަރައިފިއްޔާ އެކަން ވެގެންދާނީ ވަރަށްބޮޑު ނުރައްކަލަކަށް. މިކަމުގެ ހިތި ނަތީޖާ ތަޖުރިބާ ކުރަންޖެހޭނީ ހަމައެކަނި އަޅުގަނޑުމެންނެއް ނޫން. އަޅުގަނޑުމެންގެ ދަރިންނާއި، އަންނަން އޮތް ޖީލުތައްވެސް އެކަމުގެ ހިތި ތަޖުރިބާ ކުރަންޖެހޭނެ. އެހެންވީމާ، އެމީހުން އެ ދައްކާ ވާހަކަތަކާ އަޅުއްވައިނުލައްވާ. ސަރުކާރުން މަސައްކަތް މި ކުރަނީ ރައްޔިތުންގެ ޚިދުމަތުގައި، ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދޭންކަމާއި، ރާއްޖޭގެ ތަރައްޤީއާއި، ހަމަޖެހުމާއި ކުރިއެރުމަށްކަން ތިޔަބޭފުޅުން މިހާރުވެސް ގަބޫލު ކުރައްވައިގެން ތިޔަ ތިއްބެވި ފަދައިން، ކުރިޔަށް އޮތްތާނގައިވެސް އެގޮތަށް ގަބޫލު ކުރައްވައިގެން، ސަރުކާރާ އެކީގައި ތިއްބެވުން އަޅުގަނޑު ވަރަށްބޮޑަށް އެދެން. އެކަން އެހެން އޮވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މާތް ﷲގެ ރަޙްމަތްފުޅުން ފެނިގެންދާނީ އަދަށްވުރެ ފެހި މާދަމާއެއް. ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ އަދި އަޅުގަނޑުމެންގެ ރައްޔިތުންނަށް އެކިއެކި މަންފާތަކާއި ލާބަ ލިބޭ ދުވަސްވަރެއް.

އާދެ، އަޅުގަނޑު މި ރަށަށް އައުމުން އަޅުގަނޑަށް އިވުނު އެއް ވާހަކައަކީ، މިދޭތެރެއިން މި ރަށަށް ވަޑައިގެންނެވި ބޭފުޅަކު ދެއްކެވި ވާހަކަފުޅެއްގައި، މި ރަށުގައި މިހުރި މިސްކިތުގައި ނަމާދުކުރުން ރަނގަޅެއް ނުވާނެއޭ، ޞައްޙައެއް ނުވާނެއޭ ކިޔައިގެން ވާހަކައެއް ދެއްކެވި ވާހަކަ. އެއީވެސް މި ދެންނެވި ކަހަލަ ވާހަކައެއް. އަޅުގަނޑު އެދެނީ، އެ ވާހަކަ އެއްގޮތަކަށްވެސް ގަބޫލު ނުކުރެއްވުން. ސަރުކާރުގެ އެއްވެސް ތަނެއްގައި، ރަނގަޅަށް ބަލާފައި ނޫނީ މިސްކިތެއް އިމާރާތްކޮށްފައެއް ނުހުންނާނެ. އަދި ރައްޔިތުންވެސް، މި ރަށުގެ ރައްޔިތުންވެސް އެތަން އިޚްތިޔާރު ކުރައްވާފައި އޮންނާނީ އެއީ ހަމަ ރަނގަޅު ތަނަކަށްވާތީ. އެތާނގައި ނަމާދުކުރުމުގެ އެއްވެސް މައްސަލައެއް ނުވެސް އޮންނާނެ. ދީނީގޮތުން މިކަން އޮތްގޮތް އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ބަޔާންކޮށްދެއްވުމަށްޓަކައި، ކަމުގެ ޤާބިލިއްޔަތު ހުރި ބޭފުޅަކު މި ރަށަށް ވަޑައިގެންދެއްވުމަށް އަޅުގަނޑު ދަންނަވާނަން. އެބޭފުޅަކު ވަޑައިގެން ތިޔަބޭފުޅުންނަށް އެކަން ރަނގަޅަށް އޮޅުންފިލުއްވައިދެއްވާނެ.

އަޅުގަނޑުގެ ވާހަކައަކީ މިހެން ދެކެވޭ ވާހަކަތަކުގެ އަޑު ނާއްސަވާށޭ. އެއީ ފިތުނަ އުފެއްދުމުގެ ގޮތުން، ސަރުކާރާ ދޭތެރޭގައި މީހުންގެ ހިތްތައް ނުބައި ކުރުވުމުގެ ގޮތުން ބައެއް މީހުން ދައްކާ ދޮގު ވާހަކަތަކެކޭ. ތިޔަބޭފުޅުން މާތް ﷲ އަށް އީމާންވެވަޑައިގެން ތިއްބަވައިގެން، އެކަލާނގެ އަންގަވާފައިވާ ގޮތުގެމަތިން ފަރުޟު ފަސްނަމާދު ކުރައްވަމުން ގެންދަވާށޭ. އަދި މިސްކިތުގައި ކުރެއްވުމަކީ ހަމަ މިކަމުގައި އޮތް އެންމެ މޮޅުގޮތޭ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ޖަމާޢަތުގައި ނަމާދުކުރުމުގެ ޘަވާބާއި އޭގެ ރަޙްމަތް، ދަރުމަ، އެކަހެރިކޮށް ނަމާދުކުރުމަށްވުރެ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމުގައި ކީރިތި ރަސޫލާ ވަނީ އަޅުގަނޑުމެންނަށް އަންގަވާފައި. ޖަމާޢަތުގައި ނަމާދުކުރެވޭ އެންމެ ހެޔޮ ތަނަކީ މިސްކިތް. އެހެންވީމާ، މިސްކިތަށްގޮސް ނަމާދުކުރުމަކީ ދީނީގޮތުން ބަލާއިރު ވަރަށް މުހިންމު ކަމެއް. ވަރަށްގިނަ ދަރުމައާއި، ޘަވާބާއި، މަޣްފިރަތު ލިބޭ ކަމެއް. އެހެންވީމާ، އެގޮތުގެ މަތިން ތިޔަބޭފުޅުން ޢަމަލުކުރައްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ފީއަލީ ރައްޔިތުންނަށް އަޅުގަނޑުގެ ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަމުން. އަދި ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތްޕުޅުތަކުގައި ކުރިޔަށް ވަޑައިގަތުމަށް ހިތްވަރު އަރުވަމުން. ހަމައެހެންމެ ތިޔަބޭފުޅުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލެއްވުން އާލާކުރައްވައި، ރަށުގެ ތަރައްޤީއަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތްޕުޅުތަކެއް ސަރުކާރާ ގުޅިވަޑައިގެން ކުރައްވަމުން ގެންދެވުމަށް ތިޔަބޭފުޅުންނަށް އިލްތިމާސް ކުރަމުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.