ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ!

2006 ވަނަ އަހަރު ނެގުމަށް ހަމަޖެހިފައިވާ، ރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ ހިސާބު ނެގުމުގެ މަސައްކަތް ފަށައިދިނުމަކީ، މިއަދު އަޅުގަނޑަށް ލިބޭ، ވަރަށް ބޮޑު އުފަލެއް.

އަޅުގަނޑު ދެކޭގޮތުގައި، ބޯހިމެނުމަކީ ވަރަށް މުހިންމު ޤައުމީ މަސައްކަތެއް. އެއީ، ރާއްޖޭގެ މިހާރުގެ ޙާލަތާއި، ރާއްޖޭގެ އާބާދީގެ ޙާލަތާއި، އަދި އަޅުގަނޑުމެން އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ކުރިއަށް ދިޔުމަށް މަސައްކަތްކުރާ މިންވަރާއި، ކުރިޔަށްދާ ބާރުމިނާއި އަދި ކުރިއަށް ދިޔުމަށް އެޅޭ ހުރަސްތަކާ، މި ހުރިހާ ކަމެއް ދެނެގަނެ، މުސްތަޤްބަލަށްޓަކައި އެކިއެކި ޕްލޭންތައް ރާވައި، އަމާޒުތައް ކަނޑައެޅުމުގައި ވަރަށް މުހިންމު މަޢުލޫމާތެއް ލިބޭ އެއްޗަކަށް ބޯހިމެނުންވާތީ. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިނިސްޓަރ ޙަމްދޫން ޙަމީދަށާއި، އަދި ތިޔަ މިނިސްޓްރީގެ ކަމާބެހޭ ހުރިހާ ވެރިންނަށާއި މުވައްޒަފުންނަށާއި، މިކަމުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށާއި، އަދި ހަމަޖެހިފައި އޮތް މި ސެންސަސް ނުވަތަ މި ބޯހިމެނުން ނެގުމުގައި މަޝްވަރާ ދެއްވާ ކޮމިޓީގެ ހުރިހާ ބޭފުޅުންނަށާއި، އަދި ތިޔަ މިނިސްޓްރީގެ މުވައްޒަފުންނަށާއި، އަދި އެނޫންވެސް ސަރުކާރުގެ އެހެން ދާއިރާތަކުގެ މުވައްޒަފުންނަށާއި، އަދި މިކަމުގައި މާލެއާއި އަތޮޅުތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ތިޔަބޭފުޅުންގެ މި މަސައްކަތަކީ، ވަރަށް ކާމިޔާބު މަސައްކަތަކަށްވުމަށް އަޅުގަނޑު އެދޭ ވާހަކަވެސް މި ފުރުޞަތުގައި ހަމަ ދަންނަވާލަން.

ހަމައެޔާއެކީގައި އަޅުގަނޑު އެދެނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ވަރަށް ބޮޑަށް އެހީތެރިކަމާ އެކީގައި ތިޔަބޭފުޅުން ބޭނުންފުޅުވާ މަޢުލޫމާތުތައް ދެއްވަމުން ގެންދެވުން. އެއީ، ދިރިއުޅޭ ތަންތަނުގެ މަޢުލޫމާތު ކަމަށްވިޔަސް ނުވަތަ ފަރުދުންނާބެހޭ މަޢުލޫމާތު ކަމަށްވިޔަސް، މި މަޢުލޫމާތުތަކަކީ ވަރަށް މުހިންމު މަޢުލޫމާތުތަކެއް.

ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ މިހާރުގެ ޙާލަތާއި އަދި ކުރިއަށްދާން އެދޭ ގޮތާއި، މިންވަރާއި، އަދި އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާ، މިކަންތައްތައް ކަނޑައެޅޭނީ، ބޯހިމެނުމުން ލިބޭ މަޢުލޫމާތުގެ މައްޗަށް ކަމަށްވާތީ.

އަޅުގަނޑަށްވެސް އެނގޭ، މި ބޯހިމެނުން ބާއްވާގޮތަށް ފުރަތަމަ ހަމަޖެހިފައި އޮތީ މިދިޔަ އަހަރު. އެހެންނަމަވެސް، 2004 ވަނަ އަހަރުގެ ފަހުކޮޅު އަޅުގަނޑުމެންނަށް މި ދިމާވި ސުނާމީ ކާރިސާގެ ސަބަބުން، މިދިޔަ އަހަރު މަސައްކަތް ނުބޭއްވި، މިއަހަރަށް ފަސްކުރެވިފައި މިވަނީ. އެހެންވީމާ، މިއަދު މި މަސައްކަތް ފަށައިދިނުމަކީ، ނަސްރީނާއަށާއި އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު މަސައްކަތެއް ކަމުގައި މި މަސައްކަތް ވެގެންދާނެ.