بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلى آلـه وأصـحابه أجمعـين.

އާދެ، މިއަދު އަޅުގަނޑު ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށް އޮޅުވެލިފުށްޓަށް އައުމަކީ، އަޅުގަނޑަށް ލިބުނު، ވަރަށް ބޮޑު އުފަލެއް. ހަމައެޔާއެކީގައި، މިރަށަށް އައުމުން، މިރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ފެނިގެންދިޔަ އިޚްލާޞްތެރި ޝުޢޫރުތަކުގެ ސަބަބުންވެސް، އަޅުގަނޑުގެ ހިތަށް ވަރަށް ބޮޑު އުފަލެއް އިޙްސާސް ކުރެވިއްޖެ. އެހެންކަމުން، އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އޮޅުވެލިފުށީގެ ލޮބުވެތި ވެރިންނަށާއި ރައްޔިތުންނަށް އާދެ، އަންހެން ފިރިހެން ކުދި ބޮޑު އެންމެންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު އަދާކުރަން.

އަޅުގަނޑު މިކުރާ ދަތުރަކީ، ފާދިއްޕޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރާ ދަތުރެއް. މިގޮތުން، އިއްޔެ ނައިފަރަށާއި ހިންނަވަރަށް އަޅުގަނޑު ޒިޔާރަތްކުރިން. އަދި މިއަދު ހެނދުނު ކުރެންދުއަށް ޒިޔާރަތްކުރިން. މިއީ، އަޅުގަނޑު އަންނަ 4 ވަނަ ރަށް. އަދި މި ރަށަށްފަހުގައި އިރާދަކުރެއްވިއްޔާ މާފިލާފުށްޓަށްވެސް އަޅުގަނޑު ޒިޔާރަތްކުރާނަން.

އާދެ، މި ދަތުރުގެ ބޭނުމަކީ، މިއަތޮޅަށް އަޅުގަނޑަށް ޒިޔާރަތެއް ނުކުރެވޭތާ، ގިނަދުވަސްތަކެއްވެފައި އޮތުމާއެކީގައި، މިއަތޮޅަށް އައިސް، އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކޮށް، ރަށްރަށުގެ ވެރިންނާއި އަދި ރައްޔިތުންނާ ބައްދަލުކޮށްލައި، އާންމު ރައްޔިތުންގެ ޙާލުއަޙްވާލު އޮޅުންފިލުވައިލުން. ހަމައެޔާއެކީގައި، ރައްޔިތުންނާއި ސަރުކާރާ ދޭތެރޭގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުން. ސަރުކާރަކީ، ރައްޔިތުންގެ އަޑުއަހައި، ރައްޔިތުންގެ ބޭނުންތައް ފުއްދައިދެވޭތޯ މަސައްކަތްކުރާ ނިޒާމެއްކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށާއި އަޅުގަނޑު މި ދަތުރުކުރާ ހުރިހާ ރަށްރަށުގެ ރައްޔިތުންނަށް އެރުވުން.

އާދެ، މިއަދަކީ މީލާދީ އާ އަހަރެއްގެވެސް ކުރީކޮޅުގެ ދުވަހެއް. 2006 ވަނަ އަހަރުގެ ޖަނަވަރީމަހުގެ 3 ވަނަ ދުވަސް. އެހެންކަމުން، މިފެށުނު މީލާދީ އާ އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައްވެސް، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ރައްދުކުރަން.

ޝައްކެއްނެތް، އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުގައި ކުޑަކުޑަ ޤައުމެއް. އެހެންނަމަވެސް، އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ މިނިވަން މުސްތަޤިއްލު އަދި ފުރިހަމަ ސިޔާދަތެއް ލިބިފައިވާ ޤައުމެއް. ހަމައެހެންމެ، އަޅުގަނޑުމެންގެ ރާއްޖެއަކީ، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަށް ލިބިފައިނުވާ މަތިވެރި ނަސީބެއް ލިބިފައިވާ ޤައުމެއް. އެއީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު. ދިވެހިންނަކީ، ސައްތައިންސައްތަ މުސްލިމް ބަޔަކަށްވީކަން. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މުސްލިމުން ދިރިއުޅޭ. އެހެންނަމަވެސް، ވަރަށް މަދު ތަނެއްގައި ފިޔަވައި، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ރާއްޖެ ފިޔަވައި އިތުރު އެންމެ ޤައުމެއްގައި ސައްތައިންސައްތަ މުސްލިމުން ދިރިއުޅެމުންގެންދަނީ. އެހެންވީމާ، މިއީ މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެއް. މި ނިޢުމަތަށްޓަކައި އަޅުގަނޑުމެން އަބަދާއި އަބަދު އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަންވާނެ.

އާދެ، އަޅުގަނޑުމެންގެ ރާއްޖެ މިވަގުތު މިވަނީ، ވަރަށް ދަތިޙާލެއްގައި. އެއީ ސުނާމީ ކާރިސާގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުންތައް ބޮޑުކަމުން. އެ ގެއްލުންތައް ފޫބެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަވެފައި ބުރަކަމުން. ހަމައެހެންމެ، އެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ފައިސާ ނެތުމުގެ ސަބަބުން. ކޮންމެއަކަސް، ސުނާމީ ކާރިސާއަކީ ޤުދުރަތީ ހާދިސާއެއް. އެއީ އެކަން އިލާހީ ޤާނޫނުގައި ހަމަޖެހިފައިވާ ގޮތަކަށް ހިނގަމުންދާނެ ކަމެއް. އެކަމާދޭތެރޭގައި މުއުމިނުންގެ ހިތްތަކުގައި އެއްވެސް ޝަކުވާއެއް ނޯންނާނެ. މުއުމިނުންނަކީ ދުނިޔޭގައި ދިމާވާ ކޮންމެ ކަމެއްވެސް ތަޙައްމުލްކުރާ ބައެއް. ކެތްތެރިކަމާއި ޝުކުރުވެރިކަމާއެކީގައި. އެކަމަކީ ހިތާމައެއް ކަމުގައިވިޔަސް، ދައްޗެއް ކަމުގައިވިޔަސް، ބަލިމަޑުކަމެއް ކަމުގައިވިޔަސް، ނުވަތަ އުފާވެރިކަމެއް ކަމުގައިވިޔަސް، މުއުމިނުންނަކީ، މާތް ﷲގެ މިންވަރުފުޅަށް ރުހި ގަބޫލުވެގެން ތިބޭ ބައެއް. އެގޮތުން އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ މުސްލިމް ރައްޔިތުންވެސް، ސުނާމީ ކާރިސާއާ ދޭތެރޭގައި އިޙްސާސްތައްހުރީ މި ދެންނެވި ގޮތަށް. އެހެންނަމަވެސް، ގެއްލުމެއް ލިބިއްޖިއްޔާ، އެ ގެއްލުމެއް ފޫބެއްދުމަށް މަސައްކަތް ކުރުމަކީ މުސްލިމުންނަށް އޮތް ކަމެއް. އެބައެއްގެ ދިރިއުޅުން ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަކީ، މުސްލިމުންނަށް އޮތް ކަމެއް. އެކަމަށް ބާރުއަޅުއްވައި ކީރިތި ޤުރްއާނުގަޔާއި، މާތް ރަސޫލާގެ ސުންނަތުގައި ތަފާތު އިރުޝާދުތައް ވަނީ ދެއްވާފައި. އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތް މި ކުރަނީ ސުނާމީ ކާރިސާއިން ރާއްޖެއަށް ލިބުނު ގެއްލުންތައް ފޫބެއްދޭތޯ. އަދި ރާއްޖޭގެ ރައްޔިތުންގެ ޙާލަތު އޭގެކުރިން އޮތް ޙާލަތަށް ގެންގޮސްދެވޭތޯ ނުވަތަ އެއަށްވުރެވެސް ރަނގަޅު ފެންވަރަކަށް ގެންގޮސްދެވޭތޯ. މިކަން ކުރުމުގައި ދިމާވާ ދައްޗަކީ، ކުރިންވެސް އިޝާރާތްކުރި ފަދައިން، އަޅުގަނޑުމެންނަކީ ވަސީލަތްތައް މަދު ޤައުމަކަށްވާކަން. އަޅުގަނޑުމެންގެ އަތްމަތީގައި މިހުރިހާ ކަމެއް ކުރުމުގެ ފައިސާޔާއި ތަނަވަސްކަން ނެތްކަން. އެކަން އެހެން އޮތުމުގެ ސަބަބުން، ރަޙްމަތްތެރި ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ، ޖަމާޢަތްތަކުން އަޅުގަނޑުމެން އެހީއަށް އެދިގެން، އެހީތައް ލިބެމުންވެސް އެބަދޭ. އެހެންނަމަވެސް، މިހާތަނަށް ލިބިފައިވާ އެހީއަކީ، ލިބުނު ހުރިހާ ގެއްލުމެއް ފޫބެއްދޭވަރުގެ އެހީއަކަށްނުވޭ. އެކަން އެހެން އޮތުމާއެކީގައި، އިތުރު އެހީ ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުން އެބަގެންދަން.

ތިޔަބޭފުޅުންގެ މި ލޮބުވެތި ރަށަށްވެސް ވަނީ ސުނާމީ ކާރިސާގެ ސަބަބުން ގެއްލުންތަކެއް ލިބިފައި. އެކަމުގެ މަޢުލޫމާތު އަޅުގަނޑަށް ލިބިފައިވޭ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަންޖެހެނީ، ރާއްޖޭގެ ބައެއް އެހެން ރަށްރަށަށް އަދި މިއަށްވުރެވެސް މާ ބޮޑެތި ގެއްލުން ލިބިފައި އެބަހުއްޓޭ. ބައެއް ރަށްރަށުގެ ހުރިހާ ގެދޮރު ވަނީ ވީރާނާވެގެން ގޮސްފައޭ. ބައެއް ރަށްރަށުން މީހުން ވަނީ އަޅުގަނޑުމެންނާ މުޅިން ވަކިވެގެން ގޮސްފައި. މާތް ﷲ ގެ ރަޙްމަތްފުޅުން އެވަރުގެ ބޮޑު ދެރައެއް މިރަށަށް އައިސްފައި ނެތުމާއެކު، އަޅުގަނޑުމެން މިރަށުގެ ރައްޔިތުން ﷲ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަންވާނެ.

ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތައް ފޫބެއްދުމުގެ ތެރޭގައި، ބަނދަރުތަކަށް ލިބޭ ގެއްލުންވެސް ހިމެނޭ. އަޅުގަނޑަށް އެނގިފައިވާގޮތުގައި، މިރަށުގެ ބަނދަރަށްވެސް، ފަޅަށްވެސް ވަނީ ސުނާމީ ކާރިސާގެ ސަބަބުން އިތުރު ގެއްލުންތަކެއް ލިބިފައި. އެހެންވީމާ، މި ބަނދަރު ހެދުމާއި، ބަނދަރު މަރާމާތުކުރުމުގެ މަސައްކަތާބެހޭ މަޝްރޫޢެއް އަޅުގަނޑުމެން ވަނީ ބޭރުގެ އެހީއަށް އެދި ހުށަހަޅާފައި. އަދި އެހީ ހަމަޖެހިގެނެއް ނާދޭ. އެހެންނަމަވެސް، އަޅުގަނޑަށް ހީވާގޮތުގައި، ބޭރުގެ އެހީ އެކަމަށް ލިބޭނެ. ލިބިއްޖިއްޔާ، އިރާދަކުރެއްވިއްޔާ މިރަށުގެ ބަނދަރުގެ މަސައްކަތްވެސް ސަރުކާރުން ކުރާނެ.

މި ނުކުތާގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް އެބައޮތް. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ވަރަށް ގިނަ ރަށްރަށަކީ، ފަޅު ފުންކުރަން ޖެހިފައިވާ، ބަނދަރު ހަދަން ޖެހިފައިވާ، ނެރު ފުންކުރަން ޖެހިފައިވާ، ލަފާފުރުމުގެ ދަތި އިޙްސާސްކުރަން ޖެހިފައިވާ ރަށްރަށް. އަޅުގަނޑު މިދާ ދަތުރުތަކުން ހަމަ އެ މަންޒަރު އެބަފެނޭ. މިއަދު މިރަށަށް އައިސް ފޭބިއިރުވެސް އެ ފެނުނުގޮތަށް، ނޫނީ އެއާ ތަފާތު ގޮތަކަށް ނަމަވެސް، މި ދަތިކަން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ތަން އަޅުގަނޑުގެ އަމިއްލަ ލޮލަށްވެސް އެބަފެނޭ. އަދި އަޅުގަނޑު ނޫނަސް، ދަތުރުކުރާ އެންމެންނަށްވެސް އެތަން ފެނޭ. މި ހުރިހާ ކަމެއް އެއްފަހަރާ ސަރުކާރުން ކުރުމަކީ ވާނެ ކަމެއްނޫން. އަޅުގަނޑުމެންގެ ރާއްޖޭގެ މުއްސަނދިކަން ކުޑަކަމާއެކީގައި، ސަރުކާރުގެ ބަޖެޓުންވެސް ޚަރަދުކުރެވެން އޮންނަނީ ވަކިވަރަކަށް. އެހެންވީމާ، ހުރިހާ ރަށަކަށް އެއްފަހަރަކާ މިކަންތައްތަކެއް ކޮށެއް ނުދެވޭ. ރައްޔިތުން މިކަން ދެނެވަޑައިގަތުމަކީ، ވަރަށް މުހިންމު ކަމެއް. އެކަން ހަމަޖެހިފައި އޮންނަ އުސޫލަކުން، ކަމާބެހޭ ފަރާތްތަކުން އެކަންތައްތައް ކޮށްދެއްވަމުން ގެންދަވާނެ.

ދެން ދަންނަވާލަން އޮތީ، މިދިޔަ އަހަރު އާދެ، 2005 ވަނަ އަހަރުގެ މެދެއްހާ ތާނގައި އަޅުގަނޑަށް މިރަށުގެ ވަރަށް ގިނަ މީހުން ސޮއިކޮށްފައި ފޮނުވި ސިޓީއެއް ލިބުނު. އެ ސިޓީގައި މިރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ކަންތައްތަކެއްގެ ވާހަކަ ހުރި. އެކަންތައްތައް އަޅުގަނޑު ވާނީ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކަށް ފޮނުވާފައި. އެ މިނިސްޓްރީތަކުން ވިދާޅުވަނީ، އެ ހުރިހާ ކަމެއްގައިވެސް ޢަމަލުކުރައްވަނީ، ހުރިހާ ތަންތަނަކަށްވެސް ހަމަހަމަވާ އުސޫލަކުންނޭ. ވަކި ގަވާއިދެއްގެ މަތިންނޭ. އެހެންވީމާ، މިރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ކަންތައްތައްވެސް އެ ބޭފުޅުން ނޯޓުކުރައްވައި، އެކަމެއް ކޮށްދެއްވެން އޮތްގޮތަކަށް ކޮށްދެއްވާނަމޭ ނުވަތަ އެ މަސައްކަތް އެބަ ކުރައްވަމޭ. އެހެންވީމާ، އެވާހަކަވެސް އަޅުގަނޑުގެ ހިތަށްއެރީ ދަންނަވާލާނަމޭ.

ދެން މިރަށަށް މިއަދު އައުމުން އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއްގެ ވާހަކަވެސް ދަންނަވާލަން. އާދެ، ތިޔަބޭފުޅުންނާ ބައްދަލުކުރުން އެއީ އެންމެ ބޮޑު އުފާ. އޭގެއިތުރުން ލިބުނު އުފަލެއްގެ ވާހަކަ ދަންނަވާލަން މިއުޅެނީ. އެއީ، ކަތީބު އަޅުގަނޑަށް މަޢުލޫމާތު ދެއްވިގޮތުގައި، މިރަށުގައި މަސްތުވާތަކެތީގެ ބޭނުންކުރާ އެއްވެސް މީހަކު ނެތް. މަސްތުވާތަކެތީގެ އެއްވެސް މައްސަލައެއް މިރަށުން ފެނިފައެއް ނެތް. އެއީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. އެކަމަށްޓަކައި މިރަށުގެ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަދި ހަމަ އެގޮތުގައި މަސްތުވާތަކެތިން ސަލާމަތްވެފައިވާ ރަށެއްގެ ގޮތުގައި މިރަށް ބޭއްވެވުމަށް، ތިޔަބޭފުޅުންގެ އަރިހުން އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އިލްތިމާސްކުރަން.

އާދެ، މަސްތުވާ ތަކެތީގެ ވަބާއަކީ، ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ނުރައްކާތެރި ވަބާއެއް. ހަމައެކަނި ރާއްޖެއަކަށް ނޫން. މުޅި ދުނިޔެއަށް. އޭގެތެރޭގައި ރާއްޖެވެސް ހިމެނޭތީ، ރާއްޖެއަށްވެސް އެ ވަބާ އައިސްގެން މިއުޅެނީ. އެކަމާ ބެހޭގޮތުން ތަފާތު ގިނަ މަސައްކަތްތައް ކޮށްގެންވެސް، އެކަން އަދި މިއޮތީ ޙައްލުނުވެފައި. މިކަމުގައި ބޭނުންވަނީ، އެންމެންގެ އެއްބާރުލުމާއި، އެންމެންގެ އަތުގުޅާލުން. ސަރުކާރުގެ ދާއިރާތަކާއި އަމިއްލަ ފަރާތްތަކާއި، ޖަމުޢިއްޔާތަކާއި، އަމިއްލަ އަފުރާދުންނާއި، ކިޔަވާކުދިންގެ މައިންބަފައިންނާއި، ޒުވާނުންނާއި، އަދި މަދަރުސާތަކާއި، އެނޫންވެސް ޚިދްމަތްދޭ ފަރާތްތަކާ، މިހުރިހާ ފަރާތެއްގެ އަތުގުޅައިލުން ވަރަށް މަތީ މިންވަރަކަށް ލިބިގެން ނޫނީ، މިފަދަ ބޮޑުކަމަކުން އަޅުގަނޑުމެންނަކަށް ސަލާމަތެއް ނުވެވޭނެ. އެހެންވީމާ، އަޅުގަނޑު އިލްތިމާސް ކުރަނީ، އަދި މިރަށުގައި މަސްތުވާތަކެތީގެ ނުރައްކަލެއް ނެތް ނަމަވެސް، މިރަށުގެ ރައްޔިތުންވެސް، އެހެން ރަށްރަށުގެ ރައްޔިތުންނާ އަތުގުޅުއްވައިލައްވައިގެން، އެހެން މީސްމީހުންނާ ގުޅިވަޑައިގެން، މުޅި ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ފުހެލެވޭތޯ މަސައްކަތް ކުރެއްވުން. އެއީ، އަޅުގަނޑުގެ އެދުމަކީ.

އާދެ، މިއަދު އަދި އެހެން ދެ އުފަލެއް އަޅުގަނޑު އެބަ ހިއްސާކޮށްލަންޖެހޭ. އާދެ، އޭގެތެރެއިން އެއް އުފަލަކީ، އަޅުގަނޑަށް އެނގިފައިވާގޮތުގައި، މިރަށުގައި މިހާރުވަނީ ހެލްތް ޕޯސްޓެއް އިމާރާތް ކުރައްވައި ނިމިފައި. އެހެންވީމާ، މިރަށުގެ ވެރިން އެދިވަޑައިގެންނެވި އެދިވަޑައިގަތުމެއްގެ މަތިން، މިއަދުގެ މި ޖަލްސާގައި، އޮޅުވެލިފުށީ ހެލްތް ޕޯސްޓް ހުޅުވައިދިނުމުގެ އުފަލާއި ޝަރަފު އަޅުގަނޑު ލިބިގަންނަން.

އާދެ، ދެވަނަ ކަމަކީ، ޕްރީ ސްކޫލް ހިންގުމަށް ފަންޑެއް ހުޅުވައިދިނުން. އެއީވެސް މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ތިޔަބޭފުޅުން އިސްނަންގަވައިގެން މިކަހަލަ ކަމެއް ކުރައްވާކަމީ، ވަރަށް ރަނގަޅު ކަމެއް. އެއީ، ތިޔަބޭފުޅުންގެ ހިތްޕުޅުގައި ތަޢުލީމަށް ދެއްވާފައިވާ އަހަންމިއްޔަތު އެނގިގެންދާ ކަމެއް. އެހެންވީމާ، އެކަމަށްޓަކައި މިރަށުގެ ރައްޔިތުންނަށް ޝުކުރު ދަންނަވަމުން، މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ވާހަކައަށްފަހުގައި އޮޅުވެލިފުށީ ޕްރީ ސްކޫލް ހިންގުމަށް އެހީވާ ފަންޑު، އަޅުގަނޑު މާތް ﷲ ގެ ވާގިފުޅާއެކު ހުޅުވައިދޭނަން.

އާދެ، ދެން އަޅުގަނޑު މިތާނގައި މާގިނަ ވާހަކަ ދައްކާކަށް ނެތިން. އެހެންނަމަވެސް އަދި ވަރަށް މުހިންމު އެއް ވާހަކައެއް ދަންނަވާލަން ބޭނުންވޭ. އެއީވެސް އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްގެ ވާހަކަ. އެ ވާހަކައަކީ، މިރަށުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ވާހަކަ. ދެންމެ އަތޮޅުވެރިޔާ އަލްފާޟިލް ޤާސިމް ޢަބްދުލްކަރީމުގެ ވާހަކަފުޅުގައި އެހެން ވިދާޅުވެއްޖެ. އެއީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. އަޅުގަނޑުމެންގެ މެދުގައި އެއްވެސް ކަހަލަ ދެބަސްވުމަކަށް ތަންދީގެނެއް ނުވާނެ. އަޅުގަނޑުމެންނަކީ މުއުމިނުން. މުސްލިމުން. މުސްލިމުންގެ ގޮތަކީ، އެއްބައިވަންތަކަން. އެކުވެރިކަން. އެކަކު އަނެކަކަށް ކަމޭހިތުން. އެކަކު އަނެކަކުދެކެ ލޯބިވުން. އެކަކު އަނެކަކަށް އޯގާތެރިވުން. އެކަކު އަނެކަކަށް އިޙްސާންތެރިވުން. މިއީ މުސްލިމުންގެ ގޮތަކީ.

އެހެންވީމާ، އަޅުގަނޑުމެން ވާންޖެހޭނީ އެފަދަ ބަޔަކަށް. މާތް ﷲ އަޅުގަނޑުމެން ލައްވާފައިވަނީ އަޚުންތަކެއްގެ ގޮތުގައި. މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަނީ: "إِنَّمَا الْمُؤْمِنُونَ إِخْوَةٌ" (سورة الحجرات: ١٠) "ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކެވެ." އެ މަތިވެރި އިލާހީ އެންގެވުން އެހެން އޮތުމާއެކީގައި، އަޅުގަނޑުމެން ޖެހޭނެ އެއަށް ތަބާވާން. އެއަށް ޙުރުމަތްތެރިކޮށްހިތަން. އެއްވެސް ސަބަބަކާހުރެ އަޅުގަނޑުމެންގެ މެދުގައި ބައިބައިވުމެއް އުފެދުނަދީގެނެއް ނުވާނެ. އެހެން މިދެންނެވީ، މިހާރު ރާއްޖެ އިޞްލާޙީ މަގުގައި ކުރިއަށްދާ ދިޔުމުގައި، ސިޔާސީ ޕާޓީތަކުގެ ނިޒާމަށް ވަނީ ތަންދީފައި. ރާއްޖޭގައި ތަފާތު ސިޔާސީ ޕާޓީތައް ހިނގަމުން އެބަދޭ. އެހެންނަމަވެސް، ސިޔާސީ ޕާޓީ ހިންގުމުގެ މަޤްޞަދަކީ، ރައްޔިތުންގެ މެދުގައި ބައިބައިވުން އެފެއްދުމެއްނޫން. ރައްޔިތުންނަށް ޙަޤީޤަތް އޮޅުވާލައި، ދޮގުވާހަކަތަކެއް ފެތުރުމެއް ނޫން. އެއްބަޔަކު އަނެއްބަޔަކާ ދެކޮޅުވެރިވުމެއްވެސް ނޫން. އޭގެ ބޭނުމަކީ، އެންމެން ގުޅިގެން މަސައްކަތް ކުރުން. ޤައުމުގެ މުސްތަޤްބަލް އޮންނާނެ ގޮތެއް ރޭވުމަށްޓަކައި، އެންމެން ގުޅިގެން، މަޝްވަރާކޮށްގެން، ގިނަބަޔަކަށް އެއްބަސްވެވޭގޮތަކަށް ކަންތައްތައް ރާވައި ހިންގުން. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން ސަމާލުކަން ދީފައި، އެއްވެސް ޙާލެއްގައި އަޅުގަނޑުމެންގެ މެދުގައި އަދި ޕާޓީތަކުގެ ސަބަބުން ނަމަވެސް، އެނޫން ސަބަބަކުން ނަމަވެސް، ބައިބައިވުން އުފެދުނަދީގެނެއް ނުވާނެ. އާދެ، މިރަށުގެ ރައްޔިތުންގެ މެދުގައި އެއްވެސް ކަހަލަ ބައިބައިވުމެއް ނެތްކަން އެނގުންވީ އެއީ އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެއްގެ ގޮތުގައި. އެހެންވީމާ، އެވާހަކަ ދަންނަވާލީ.

އާދެ، އޮޅުވެލިފުށްޓަށް އަޅުގަނޑު އެންމެފަހުން އައީ، 1996 ވަނަ އަހަރު. ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެކަންނޭނގެ، 1996 ވަނަ އަހަރުގެ މާޗްމަހުގެ 18 ވަނަ ދުވަހު އެންމެފަހުން އަޅުގަނޑަށް މިރަށަށް އާދެވުނީ. އޭގެފަހުގެ މިދިޔަ އަހަރުތަކުގެ ތެރޭގައި މިރަށަށް އަޅުގަނޑަށް މިދިޔައީ ނާދެވި. އެހެންނަމަވެސް، ހުރިހާ ކަމެއްގެވެސް ޚަބަރުތައް އަޅުގަނޑު އޮޅުންފިލުވައި، ކަންތައްތައް ކޮށްދެވޭތޯ ބަލަމުން ގެންދަން.

އާދެ، އަދިވެސް އެއްފަހަރު މިރަށުގެ ލޮބުވެތި ރައްޔިތުން މިއަދު އަޅުގަނޑަށް ވިދާޅުވި، ވަރަށް ހޫނު މަރުޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން، ހަމަ އެއާއެކީގައި މިފެށުނު އާ އަހަރުގެ ތަހުނިޔާއާއި މުބާރަކުބާދީ ތަކުރާރުކުރަމުން، މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮރަޙްމަތް ލައްވައި، އަޅުގަނޑުމެންނަށް ހެޔޮގޮތްތައް މިންވަރުކޮށްދެއްވައި، މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔަކު ކަމުގައި އަޅުގަނޑުމެން ލައްވައި، އަދި އަޅުގަނޑުމެންނަކީ، އެކަލާނގެ އަންގަވާފައިވާ ގޮތުގެމަތިން އަޚުންތަކެއްގެ ގޮތުގައި އަބަދުމެ ދެމިތިބޭނެ ބައެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

والسّلام عليكم ورحمـة اللّـه وبركاته.