بسـم اللّه الرّحـمٰـن الـرّحيـم


اللّـه سبحـانـه وتعـالٰىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަން.

އާދެ! އެއަށްފަހުގައި، ފަތުރުވެރިކަމުގެ ދާއިރާއިން ކޮންމެ އަހަރަކުވެސް ސަރުކާރުން ދެމުން މިގެންދާ އިނާމު، މިއަދު ޙާޞިލުކުރި 2004 ވަނަ އަހަރު، އެނދުގެ ޢަދަދު އެންމެ ގިނައިން ފުރުވި ރިޒޯޓުގެ އިނާމު ހޯދި ތުނޑުފުށި އައިލެންޑް ރިޒޯޓަށާއި، ތުޅާގިރި އައިލެންޑް ރިޒޯޓަށާއި، ވެލިދޫ އައިލެންޑް ރިޒޯޓަށާއި، އަދި ފަތުރުވެރިކަމުގެ ދާއިރާގައި، ތިމާވެށީގެ ރޮނގުން މިދިޔަ އަހަރު އެންމެ އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާ ރިޒޯޓަކަށް ހޮވިގެން ފެހި ރިޒޯޓު އިނާމު ލިބުނު ސޮނޭވާފުށި ރިޒޯޓް އެންޑް ސްޕާއަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ކޮށްފައިވާ ރިޒޯޓަކަށް ހޮވުނު ލެގޫނާ މޯލްޑިވްސްއަށް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އާދެ! އެނދުގެ ޢަދަދު، އެންމެ ގިނައިން ފުރުވި ރިޒޯޓުގެ އިނާމު، 1995 ވަނަ އަހަރުވެސް ވަނީ ތުނޑުފުށި އައިލެންޑް ރިޒޯޓުން ހޯދާފައި. ހަމައެހެންމެ، ފެހި ރިޒޯޓުގެ އިނާމު، ސޮނޭވާފުށި، މީގެކުރިންވެސް ވަނީ ހޯދާފައި. އެއީ، 2000 ވަނަ އަހަރު. އެހެންވީމާ، ޚާއްޞަ ގޮތެއްގައި، އެ ދެ ރިޒޯޓަށް މިއަދު އަޅުގަނޑު ދަންނަވާ ތަހުނިޔާއާއި މުބާރަކްބާދީ، ވަރަށް ޚާއްޞަ ގޮތެއްގައި ދަންނަވަން.

އާދެ! ސުނާމީ ކާރިސާގެ ސަބަބުން، މިދިޔަ އަހަރު އަޅުގަނޑުމެންގެ ފަތުރުވެރިކަމަށް ވަނީ ވަރަށްބޮޑު ހީނަރުކަމެއް އައިސްފައި. އެނގިވަޑައިގަންނަވާނެ ފަދައިން، 2004 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދުވަނީ ހަލައްކައަށްވުރެ މައްޗަށް ގޮސްފައި. ހަނދާންވާ ގޮތުގައި، ހަލައްކަ ސޯޅަހާސް މީހުން ރާއްޖެއަށް ޒިޔާރަތްކުރި.

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަޅުގަނޑުމެންނަށް މިދިމާވި ސުނާމީ ކާރިސާގެ ސަބަބުން މިދިޔަ އަހަރު ފަތުރުވެރިކަމަށް ވަނީ ވަރަށްބޮޑު ހީނަރުކަމެއް ލިބިފައި. ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދުވެސް ވަނީ ވަރަށްބޮޑުތަން މަދުވެފައި. ހަނދާންވާ ގޮތުގައި، ގާތްގަނޑަކަށް ތިންލައްކަ ނުވަދިހަ ފަސްހާސް މީހުންކަންނޭނގެ އެ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ. އެއީ، ގާތްގަނޑަކަށް 39 އިންސައްތަ. ކުރީ އަހަރާ އަޅައިބަލާއިރު މަދު ޢަދަދެއް.

އެހެންވީމާ، ސުނާމީ ކާރިސާގެ ސަބަބުން އަޅުގަނޑުމެންގެ ފަތުރުވެރިކަމަށާއި، ރާއްޖޭގެ އިޤްތިޞާދަށް ލިބިފައިވާ ގެއްލުންތައް ވަރަށްބޮޑު. އެކަމުން، ރާއްޖޭގައި ފަތުރުވެރިކަން ކުރިޔަށް ގެންދިޔުމަށާއި، ރާއްޖޭގެ އިޤްތިޞާދު ތަރައްޤީ ކުރުމަށް އެޅުނު ހުރަސްތައްވެސް ވަރަށްބޮޑު. އެހެން ނަމަވެސް، އެ ހުރިހާ ހުރަސްތަކެއް ގިރާކޮށް، ފަތުރުވެރިކަން ކުރިޔަށް ގެންދެވުމަށް، އަމިއްލަ ފަރާތްތަކުންނާއި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޮޑެތި މަސައްކަތްތަކަށްޓަކައި، އެ ހުރިހާ ފަރާތްތަކަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މި އަހަރުގެ ފުރަތަމަ ދެމަސްދުވަހުގެ ތަފާސް ހިސާބު ދައްކާގޮތުން، އެނދު ބޭނުންކުރެވުނު ނިސްބަތުގެ އެވްރެޖް، އެ ދެ މަސްދުވަހުގެ ތެރޭގައި ވަނީ 98 އިންސައްތައަށް އަރާފައި. އެއީ، އަޅުގަނޑު ހިތުން ވަރަށް ރަނގަޅު ނިސްބަތެއް. އެހެންވީމާ، މިއަހަރަކީ، ފަތުރުވެރިކަން ރަނގަޅު އަހަރަކަށްވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ. އަދި މިއަހަރަކީ، ފަތުރުވެރިކަން ރަނގަޅު އަހަރަކަށް ހެއްދެވުމަށް، ހުރިހާ ފަރާތްތަކަކުން ދެއްވާ އެއްބާރުލެއްވުމަށާއި، ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް، އަޅުގަނޑު ވަރަށް ބޮޑަށް ހިތްވަރުދެން.

އެނގިވަޑައިގަންނަވާނެ ފަދައިން، ފަތުރުވެރިކަމަކީ، ބައިނަލްއަޤްވާމީ ގޮތުން ވަރަށް ވާދަވެރި މާޙައުލެއްގައި ކުރަމުން ގެންދާ އަދި ކުރަންޖެހޭ މަސައްކަތެއް. އެހެން ނަމަވެސް، އެ ވާދަވެރިކަމާ އެކުގައިވެސް، ދުނިޔޭގެ ފެންވަރުގައި ރާއްޖެވަނީ މި ރޮނގުގައި މިހާރު ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި. އޭގެފަހަތުގައި ވަރަށްގިނަ ފަރާތްތަކެއްވޭ. އޭގެފަހަތުގައި، ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށް، އަމިއްލަ ފަރާތްތަކުން ކުރައްވާ ގިނަގުނަ މަސައްކަތްތައް، އެއީ ވަރަށްބޮޑު ޙިއްޞާއެއް އަދާކުރާ އެއްޗެއް.

އަޅުގަނޑުމެންގެ މިއަދުގެ މިއުފާވެރި ޖަލްސާގައިވެސް، ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ވަރަށްގިނަ ބޭފުޅުން އެބަ ތިއްބެވި. އެއީ، މި އިނާމު ހޯއްދެވި ރިޒޯޓުތަކުގެ ރަށް ތަމްސީލު ކުރައްވާ ބޭފުޅުންނާއި، އަދި އެނޫންވެސް ބޭފުޅުން. މިސާލަކަށް، އަލްފާޟިލް ޤާސިމް އިބްރާހީމްވެސް އެބަ އިންނެވި. އޭނާއަކީވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ބޮޑަށް ޙިއްޞާ ކުރައްވައި، މި ދާއިރާ ތަރައްޤީ ކުރެއްވުމަށް، ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅެއް. އަދި މިތާނގައި ވަޑައިގެން ނެތްނަމަވެސް، އަލްފާޟިލް މުޙަންމަދު ޢުމަރު މަނިކާއި، އަލްފާޟިލް ޗަމްޕާ ޙުސައިން ޢަފީފާއި، އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނާއި، މިހެން އެބަތިއްބެވި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ތަފާތު ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ، އަދި އެބޭފުޅުން އެކުރެއްވި މަސައްކަތްތަކުގެ ސަބަބުން އަޅުގަނޑުމެންނަށް މިހާރު ފަތުރުވެރިކަން މިހާހިސާބަށް ގެންދެވިފައިވާ ބޭފުޅުން.

އެހެންވީމާ، އެހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި، މީގެތެރޭގައި ހިމެނޭ ސަރުކާރުގެ ފަރާތްތައް، އާދެ! ސަރުކާރުގެ ފަތުރުވެރިކަމާބެހޭ ވުޒާރާ ހިންގެވި ވަޒީރުން، މިވޭތުވެދިޔަ އަހަރުތަކުގައި ކޮށްދެއްވާފައިވާ ބުރަ މަސައްކަތްތަކާއި ޚިދްމަތްތަކަށްޓަކައި، އެހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން. އަދި މިހާރުގެ މިނިސްޓަރ ޑޮކްޓަރ މަޙްމޫދު ޝައުޤީ، ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށް ކުރައްވާ މަސައްކަތްތަކަށްޓަކައި، އެމަނިކުފާނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލްއޭވިއޭޝަންގެ ވެރިންނަށާއި މުވައްޒަފުންނަށާއި، އަދި ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ ހުރިހާ މެންބަރުންނަށްވެސް، މިފުރްޞަތުގައި ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

ހަމައެޔާއެކީގައި، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިފައިވާ އެހެން ދާއިރާތައް ހިންގަވާ ބޭފުޅުން. އާދެ! އޭގެތެރޭގައި ޑޮކްޓަރ ޝައުޤީ ބަލަހައްޓަވާ ދާއިރާއެއް، ސިވިލްއޭވިއޭޝަން، މަތިންދާބޯޓުގެ ދަތުރުފަތުރު. އަދި އެކިއެކި ޚިދްމަތްތައް ފަތުރުވެރިންނަށް ހޯދައިދޭ ތަފާތު ފަރާތްތައް. ހަމައެޔާއެކީގައި، އަޅުގަނޑުމެންގެ ފަތުރުވެރިކަން، ދުނިޔޭގައި އިޝްތިހާރު ކުރުމަށް، މަސައްކަތް ކުރައްވާ ފަރާތްތައް. އަދި އަޅުގަނޑުމެންގެ ރާއްޖެއަށް ފަތުރުވެރިން ފޮނުއްވައިދެއްވާ ބޭރުގެ ކުންފުނިތައް. ރާއްޖޭގައި އިންވެސްޓް ކުރައްވާފައި ތިއްބެވި ބޭރުގެ ފަރާތްތައް. މިހުރިހާ ފަރާތްތަކަކީ، ފަތުރުވެރިކަން، މިހާރު ޙާޞިލު ކޮށްފައި މިވާ ކާމިޔާބީގެ ފަހަތުގައި ތިއްބެވި، ވަރަށް މުހިންމު ފަރާތްތަކެއް. އެހެންވީމާ، އެހުރިހާ ބޭފުޅުންނަށްވެސް މިފުރްޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުމެންގެ ރާއްޖެ ފަތުރުވެރިކަމުގެ ދާއިރާގައި މި ހޯދާފައިވާ ކާމިޔާބީ ދެމެހެއްޓުމަށާއި، އަދި އޭގެ އިތުރުން، އިތުރު ކުރިއެރުންތައް ހޯދުމަށްޓަކައި، މި ދާއިރާއަށް އިތުރު ދިވެހިން ތަމްރީނު ކުރުމަކީ، މިހާރު ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެއް. ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް، ސަރުކާރުން އަބަދުވެސް ވަރަށްބޮޑު އިސްކަމެއް މިގެންދަނީ ދެމުން. ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ބޭނުންވާ ދިވެހިން ތަމްރީނު ކުރުމަށް، ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއްދޭ. ހަމައެހެންމެ، ރިޒޯޓުތަކުންވެސް އެކަމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާ. އެހެންވީމާ، ފަތުރުވެރިކަމުގެ ޚިދްމަތަށް، އިތުރު ދިވެހިން ޝައުޤުވެރިކުރުވައި، އެ ޚިދުމަތަށް ވީހާވެސް ގިނަ ދިވެހިން ނެރުއްވައި ދެއްވުމަށް، މިއަދު އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް އިލްތިމާސް ކުރަން. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑު މި އިލްތިމާސް ރައްދުކުރަން.

ފަތުރުވެރިކަމުގެ ދާއިރާގައި މީހުން ބިނާކުރުމުގައި، އެންމެ އެދެވޭ މަސައްކަތެއްކުރާ ރިޒޯޓަކަށް މިހާރު ކޮންމެ އަހަރަކުވެސް ދެމުން މިގެންދާ އިނާމު، އަންނަ އަހަރުން ފެށިގެން ތިން ގިންތިއަކަށް ރިޒޯޓުތައް ބަހާލައިގެންދޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި ވާހަކަ ދަންނަވާލުމަށް، މިފުރްޞަތުގެ ބޭނުންކުރަން.

ރާއްޖޭގެ ފަތުރުވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދުގެ މިހާ މުހިންމު ޞިނާޢަތަކަށްވާއިރު، ފަތުރުވެރިކަން ކުރިޔަށް ގެންދިޔުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަކީ، ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން އެންމެން ޤަބޫލުކުރަން ޖެހިފައިވާ ފަދައިން، ރާއްޖޭގެ ތިމާވެށްޓަކީ ވަރަށް ނާޒުކު ތިމާވެށްޓެއް. ދުނިޔޭގެ އެތަން މިތާނގައި ހިނގަމުންދާ ޞިނާޢީ މަސައްކަތްތަކުގެ ސަބަބުންނާއި، އަދި އެނޫންވެސް ކަންތައްތަކުގެ ސަބަބުން، ރާއްޖޭގެ ތިމާވެށްޓަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އެބަދޭ. އަދި މިދެންނެވި ކަންތައްތައް ދުނިޔޭގައި ހިނގަމުންދާ ގޮތުން، ޖައްވު ހޫނުވުމާއި، އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި، އަދި މޫސުމަށް މިއަންނަ ބަދަލުތަކަކީ، ރާއްޖެފަދަ ފަސްގަނޑު ތިރި، ތިމާވެށީގެ ގޮތުން ނާޒުކު ޤައުމަކަށް ވަރަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރާނެ ކަންތައްތައް.

މިކަންތައްތަކުގައި، ދުނިޔޭގެ ފެންވަރުގައި އަޅުގަނޑުމެންނަށް ކުރެވޭނެ މާބޮޑެތި ކަންތައްތަކެއް ނެތްކަމުގައި ވިޔަސް، އަޅުގަނޑުމެންގެ ޤައުމީ ފެންވަރުގައި ކުރެވޭނެ ބައިވަރު ކަންތައްތަކެއް އެބަހުރި. އެކަންތައްތައް ކުރެވޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަގެންދޭ. އަޅުގަނޑު ދަންނަވާލަން މިއުޅެނީ، މިކަމުގައި ރާއްޖޭގެ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވެޔޭ. އެއީ، ދިވެހި ރައްޔިތުންގެ އެންމެހާ އަފްރާދުންނާއި، އަދި ތިމާވެށީގެ ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކާއި، ތިމާވެށްޓާބެހޭ ޖަމްޢިއްޔާތަކާއި، އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނާއި، އަދި އެދާއިރާއިން އެކިއެކި ޚިދްމަތްތައް ހޯއްދަވާ ބޭފުޅުންނާއި، މިހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުމާއި ތާއީދު މިކަމަށް ލިބިގެން ނޫނީ، ރާއްޖޭގެ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމުގެ ކުޅަދާނަކަމެއް ރާއްޖެއަކަށް ލިބިގެނެއް ނުވާނެ.

އެހެންވީމާ، މިފުރްޞަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ރާއްޖޭގެ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ކުރުމަށްޓަކައި، އަޅުގަނޑުމެން އެންމެން އިތުރު ބާރެއްލަމާތޯއެވެ! ހަމަ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަންތައްތަކެއް ހުންނާނެޔޭ. އެކަންތައްތައް ކޮންމެ މީހަކު އަމިއްލައަށް ދެނެގަނެގެން އެކަންތައް ކުރަމާތޯއޭ! އޭގެއިތުރުން، އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން، ރާއްޖޭގެ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ކުރެވޭތޯ މަސައްކަތް ކުރަމާތޯއޭ!

މިމަސައްކަތް ކުރީމަ އޭގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންގެ ތިމާވެށީގެ ދުޅަހެޔޮކަން ރަނގަޅުވުމާއި، ރާއްޖޭގެ ރައްޔިތުންނަށް، އެއިން ލިބޭނެ ފައިދާތައް އިތުރުވުމާއި، އޭގެއިތުރުން، ރާއްޖޭގެ އިޤްތިޞާދަށާއި، އަދި ޚާއްޞަކޮށް، ފަތުރުވެރިކަމަށްވެސް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ. އެއީ، ރާއްޖޭގެ ފަތުރުވެރިކަން ބިނާވެފައި މިއޮތީ، އަޅުގަނޑުމެންގެ ޤުދުރަތީ ރީތިކަމުގެ މައްޗަށް. އަޅުގަނޑުމެންގެ ގޮނޑުދޮށްތަކުގެ ހިތްގައިމުކަމާއި، އަޅުގަނޑުމެންގެ މޫދާއި ފަރުފަރާއި، މިތަންތާނގެ ސާފުކަމާއި، އަޅުގަނޑުމެންގެ ވައިގެ ސާފުކަމާއި، މިހުރިހާ ކަމެއްގެ މައްޗަށް، އަޅުގަނޑުމެންގެ ފަތުރުވެރިކަން ބިނާވެފައި މިއޮތީ.

މިކަންތައްތައް މިގޮތަށް އަޅުގަނޑުމެންނަށް ބެހެއްޓޭނީ، އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކޮށްގެން. އެހެންވީމާ، މިފަދަ ފުރްޞަތެއްގައި އެކަމަށް އެދި ތިޔަބޭފުޅުންނަށް ދަންނަވާލުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑު ކުރަންޖެހޭނެ ކަމެއް.

I would like to congratulate all the resort operators and owners who have received their award today, including the Best Occupancy Award, as well as the Green Award, and Human Resources Development Award. I think these things symbolise the importance that the Government gives to the development of the tourism industry in this country.

Tourism is the mainstay of our economy. We have been working very hard to develop tourism and to make the Maldives an attractive destination for tourists who come to us from all over the world. So I would like to thank the resort owners and operators who are here today as well as the others, who are not present with us, for the hard work that they are doing to promote the Maldives’ tourism and to make our economy, be based on a very sound and strong footing.

والســّلام عليــكم ورحـمــة اللّـه وبـركاتـه.