بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު، ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން. މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، މީގެ 15 އަހަރު ކުރިން، ކަރުނައިގެ ފުން ކަނޑަކަށް އަޅުގަނޑުމެން ޣަރަޤުކޮށްލި، ވަރަށް ހިތާމަވެރި ޤުދްރަތީ ކާރިޘާއެއްގެ ހަނދާންތައް. އަޅުގަނޑުމެންގެ އެތައް ބައެއްގެ މުޅި ޙަޔާތް ޤުރުބާންކޮށްގެން އާރާސްތުކުރި ދިރިއުޅުމާއި، ބިނާކުރި ގެދޮރު، އެ ދުވަހުގެ ކުޑަ ހިނދުކޮޅެއްގެ ތެރޭ ސުންނާފަތިވެގެން ދިޔައީ، އަޅުގަނޑުމެން އެންމެންގެ ލޯމަތީގައި.

އަޅުގަނޑުމެންގެ މައިންބަފައިންނާއި ދަރިން، އެއްބަނޑުއެއްބަފާ މީހުންނާއި ކުދިން، ގާތްތިމާގެ މީހުންނާއި، އެކުވެރި ރަޙްމަތްތެރިން، އާދެ! ޖުމްލަ 108 ދިވެހިން، ތާއަބަދަށް އަޅުގަނޑުމެންނާ ވަކިވެގެންދިޔައީ، ވޭނީ ހިތާމައިން އަޅުގަނޑުމެން ރޮއްވާފައި. ބައެއް ޢާއިލާތައް މާލީ ގޮތުންނާއި ޢުމްރާނީ ގޮތުން މުޅިން އިނދަޖެހިގެންދިޔަ. ދިރިނޫޅެވޭ ވަރަށް ބައެއް ރަށްރަށް މުޅިން ސުންނާފަތިވި. އަދި ބައެއް ރަށްރަށަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ލިބުނު.

މި ދެންނެވި ހިތާމަވެރި ކާރިޘާގައި، ދިވެހި ރައްޔިތުން ދައްކައިދިނީ، ދިވެހިންގެ ހިތްތަކުގައި އެކަކު އަނެކަކާމެދު އޮތް އޯގާތެރިކަމާއި އަޅައިލުން. މަޞްލަޙަތަށް ލޯބިކުރުމާއި، އަނެކުންނަށް އިސްކަން ދިނުމުގެ ރީތި މިސާލު. ސުނާމީގައި ގެއްލުން ލިބުނު އެހެން ބައެއް ޤައުމުތަކުގައި ހިނގައިދިޔަފަދަ، ނޭއްގާނީ ޢަމަލުތަކެއް ރާއްޖޭގައި ނުހިނގީ، އަޅުގަނޑުމެންގެ ހިތުގައި ބިންވަޅު ނެގިފައިވާ، މަތިވެރި އިސްލާމީ ޢަޤީދާއިން ލިބުނު ކެތްތެރިކަމާއި ތަޙައްމަލުކުރުމުގެ މަތިވެރި ސިފައިގެ ސަބަބުން.

އެ ހިތާމަވެރި ކާރިޘާއާ ކުރިމަތިވި ދުވަސް، އަޅުގަނޑުމެން މި ފާހަގަކުރަނީ، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި. ސަބަބަކީ، އެ ހިތްދަތި ވަގުތުގައިވެސް، އަޅުގަނޑުމެންގެ އެއް ޢާއިލާ އަނެއް ޢާއިލާއަށް، އެއް ރަށުގެ މީހުން އަނެއް ރަށުގެ މީހުންނަށް، ވެދިން އެހީތެރިކަމާއި ބެހެއްޓި އޯގާތެރިކަން. ސުނާމީގެ ހިތާމައާއި ހިތްދަތިކަމުން، އަދި މާލީ ގޮތުންނާއި ޢުމްރާނީ ގޮތުން ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރީވެސް، އަޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ކަމުގައިވާތީ.

ސުނާމީ ކާރިޘާގައި ދިވެހިންގެ ތެރެއިން 82 މީހުން މަރުވެ، ވީނުވީއެއް ނޭނގި 26 މީހުން ވަނީ ގެއްލިފައި. އެ އެންމެންގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން. އަދި އެމީހުންގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވައި، ޘަވާބާއި ނިޢުމަތްތައް އިތުރުކޮށްދެއްވައި އުފާވެރިކަން ދެއްވުން އެދެން.

ސުނާމީ ކާރިޘާގައި އެކިވަރުގެ ގެއްލުން ލިބުނު 190 ރަށުގެ ރައްޔިތުން، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އިޢާދަކުރުމަށްޓަކައި، މިދިޔަ 15 އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް އެކި ސަރުކާރުތަކުން ކޮށްފި. އޭގެތެރެއިންވެސް އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ދިރިނޫޅެވޭވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ފަސް ރަށެއްގެ މީހުން، އެހެން ރަށްރަށުގައި ވަޒަންވެރިކޮށް އާބާދުކުރުވުން. އަދި އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރުވެސް މިފަދަ ރަށްރަށުގެ ޝަކުވާތަކާއި އަދި ޙައްލުކުރަން ޖެހިފައި ހުރި ވަރަށްގިނަ ކަންތައްތައް އެބަހުރި.

އޭގެތެރެއިން ބައެއް ކަންކަމަކީ، ބައެއް މީހުން ނަގާފައި ހުރި ލޯނުތައް ނުދެއްކި ދަރަނިވެރިވަމުންދާ ދިޔުން. އެކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން އަޅުގަނޑުމެން ކުރި މަސައްކަތުން އޭރު ލޯނު ނަގާފައިވާ 592 ލޯނު މިހާރު ވަނީ އެންމެންނަށް މަޢާފުކޮށްދެވިފައި. އޭގެތެރޭގައި، ކޮޅުފުށީގެ ގެ މަރާމާތުކުރުމަށް ދޫކުރި ލޯނުތައްވެސް ހިމެނޭ.

އަދި އޭގެއިތުރުން، ރ. އަތޮޅު ދުވާފަރާއި، މި ރަށުގެ މީހުންގެ ގެތަކުގެ ރަޖިސްޓްރީގެ މައްސަލަ ވަނީ ޙައްލުނުކުރެވި. އިރާދަކުރެއްވިއްޔާ، މިހާރު ރ. އަތޮޅު ދުވާފަރުގެ ގޭގޭގެ ރަޖިސްޓްރީ، އެ ގޭގޭގެ ވެރިންނަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އަދި މި ރަށުގެ ރައްޔިތުންގެ ރަޖިސްޓްރީ ހެދުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމުމަށްޓަކައި ކައުންސިލާ އެކީގައި މަޝްވަރާ ކުރެވިފައި.

މި ރަށަކީވެސް، އާދެ، ވިލުފުށްޓަކީވެސް، ދިރިނޫޅެވޭ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ރަށެއް. ސުނާމީގައި ލިބުނު ގެއްލުންތަކުގެ ސަބަބުން، މިރަށް އެއްކޮށް ހުސްކޮށް، ތިޔަބޭފުޅުން އަހަރުތަކެއް ވަންދެން ދިރިއުޅުއްވީ އެހެން ރަށްރަށުގައި. ފަސް އަހަރަށްފަހު މި ރަށަށް އެނބުރި ވަޑައިގެންނެވުނީ، "ސޭފް އައިލެންޑް ކޮންސެޕްޓް"ގެ ދަށުން ބިން ހިއްކައިގެން ރަށުގެ ފަސްގަނޑު އުސްކޮށް، ވަށައިގެން ރިވެޓްމަންޓް ޖަހައި، އެންމެ މިޒަމާނުގެ ވަސީލަތްތަކާއެކު، މުޅިން އެހެން ރަށެއްގެ ގޮތުގައި ތަރައްޤީ ކުރެވިގެން.

އެހެން ނަމަވެސް، އަދިވެސް މި ރަށުގެ ޙިމާޔަތަށް ކުރަންޖެހޭ ބައެއް ކަންތައްތައް އެބަހުރި. މި ރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމަށްޓަކައި ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި 4.4 މިލިއަން ރުފިޔާގެ މަޝްރޫޢެއް ވަނީ ކަނޑައެޅިފައި. އަދި މި ރަށުގައި ފަށާފައިވާ 56 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމުމަށްވެސް، އަންނަ އަހަރުގެ ބަޖެޓްގައި ވަނީ ހިމެނިފައި.

އަދި އޭގެ އިތުރުން މި ރަށުގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް، އަންނަ އަހަރުގެ ތެރޭގައި ކުރިއަށްދާނެ. އޭގެތެރޭގައި އިޖުތިމާޢީ މަރުކަޒު ތަރައްޤީ ކުރުމާއި، އައު ހޮސްޕިޓަލް ޢިމާރާތް ކުރުން، އަދި މި ރަށުގެ ފުޓްބޯޅަ ދަނޑާއި، ސްކޫލްގެ ދެ ބުރި ޢިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް، މި ފެށޭ އަހަރުގެ ބަޖެޓްގައި ވާނީ ހިމެނިފައި.

އެނގިވަޑައިގަންނަވާނެ، ސުނާމީގައި ގެދޮރު ހަލާކުވުމުގެ ސަބަބުން، ފަނަރަ ހާހަށްވުރެ ގިނަ މީހުން، ވަގުތީ ހިޔާތަކުގައި، އެތައް އަހަރެއް ވަންދެން އުޅެންޖެހުނު. މި ދެންނެވި ގޮންޖެހުންތަކުން އަރައިގަތުމުގައި، ރަޙްމަތްތެރި ޤައުމުތަކާއި، ބޭރުގެ އެހީދޭ ޖަމާޢަތްތަކުން، އަދި ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނާއި، އަމިއްލަ ޖަމާޢަތްތަކުން ވެދިން އެހީތެރިކަމަށްޓަކައި، އެ ހުރިހާ ފަރާތްތަކަށް، ރާއްޖޭގެ ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

ދިވެހިންނަކީ، ޤުދުރަތީ ގޮތުން ކުރިމަތިވާ، މޫސުމީ ނުރައްކާތަކާ އަބަދުވެސް ކުރިމަތިލާން ޖެހިފައިވާ ބައެއް. މޫސުމީ ވިއްސާރައިގައި ގަދަވަޔާއި ބޯ ވާރޭގެ ސަބަބުން ރަށްރަށަށް ކޮންމެ އަހަރަކު އެތައް ގެއްލުންތަކެއް އެބަ ލިބޭ. ރާއްޖެއާ ކައިރި ސަރަޙައްދުގައި އުފެދޭ ޠޫފާންތަކުގެ ނުސީދާ އަސަރު، މަދުން ނަމަވެސް ރާއްޖެއަށް ފޯރާ. އުދައެރުމަކީވެސް ކޮންމެ އަހަރަކު ދިމާވާ މައްސަލައެއް. މޫސުން ގޯސް ދުވަސްވަރު ހިނގާ ކަނޑުމަތީގެ ހާދިސާތައްވެސް މަދެއް ނޫން.

މި ކަންކަމަކީ މިހާރުވެސް އަޅުގަނޑުމެން ސަމާލުވެ، ރައްކާތެރިވާން ޖެހިފައިވާ ކަންކަން. އެ ހާދިސާތަކުން ސަލާމަތްވުމަށްޓަކައި، ނުވަތަ ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަންކަން. މިއީ ޤައުމީ ފެންވަރުގައި ޙައްލު ހޯދަންޖެހޭ ކަންކަން. މި ހުރިހާ ކަމަކަށްވުރެވެސް، ދުރު މުސްތަޤުބަލަށް ބަލާއިރު، ރާއްޖެއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ، ދުނިޔެ ހޫނުވުމުގެ ސަބަބުން، ފަސްގަނޑު ތިރި މި ޖަޒީރާތަކުގެ ތިމާވެށްޓަށް ލިބޭ ގެއްލުން.

ރާއްޖޭގެ ރަށްރަށުގެ އެވްރެޖް އުސްމިނަކީ، ކަނޑުގެ ލޮނުގަނޑުން ފެށިގެން އެންމެ ދޮޅު މީޓަރު. ބިންގަނޑު މިހާ ތިރިވުމުން، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިފައިވާ ޤުދުރަތީ ކާރިސާތަކާ ކުރިމަތިލާންޖެހުމުގެ ފުރުޞަތު، އެހެން ޤައުމުތަކަށްވުރެ ރާއްޖެއަށް މާބޮޑު. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 88 ރަށަށްވުރެ ގިނަ ރަށަށް، އަދި އެތައް ބައިވަރު ފަޅުރަށަކަށް ވަނީ، ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައި.

ސުނާމީގައި ކުރިމަތިވި ގެއްލުމަކީ، ރަށްރަށަށް ރާޅު އެރުން އެކަންޏެއް ނޫން. ސުނާމީގައި އަޅުގަނޑުމެންގެ ގޯތި ގެދޮރު ހަލާކުވި. ދަނޑުބިންތައް ހަލާކުވެ، ގަސްގަހާގެހި މަރުވި. ރަށްރަށުގެ އިންޖީނުގެތައް ހަލާކުވި. މުޅި ޤައުމުގެ މުވާޞަލާތީ ޚިދުމަތް އެތައް ގަޑިއިރަކަށް ކެނޑިގެންދިޔަ. ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުން ދޭ ޚިދުމަތްތަކަށް ބުރޫއެރި. ފުރާދުއްވާ އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތައް ލިބުނު. ރަށްރަށުގެ ބަނދަރުތަކާއި ފާލަންތައް ހަލާކުވި. މިހެން ގޮސް ގުނައި ޢަދަދު ނުކުރެވޭހައި ބޮޑެތި ގެއްލުންތައް ލިބުނު.

ސުނާމީގެ އަސަރު ރާއްޖެއަށް ކުރި ގޮތާއި ކުރި މިންވަރަށް ބެލުމުން، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ، ރާއްޖެއަށް ކިހާ ނުރައްކާތެރި ކަމެއްކަން ވަޒަންކޮށްލެވޭނެ. ސުނާމީ އުފެދުނީ ރާއްޖެއާ 2500 ކިލޯމީޓަރު ދުރުގައި. އެހާ ދުރުގައި އުފެދުނު ސުނާމީއެއްގެ އަސަރު ރާއްޖެއަށް ކުރިއިރު، ރާއްޖޭގެ ބައެއް ރަށްރަށަށް، ބިމުން ފެށިގެން 14 ފޫޓު އުސްމިނަށް ލޮނުގަނޑު އުފުލިގެންދިޔަ.

ހަމައެކަނި މި ޙަޤީޤަތަށް ބަލައިލިޔަސް، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ، ރާއްޖޭގެ ދެމިއޮތުމަށް ކުރިމަތިވާނެ ކިހާ ބޮޑު ނުރައްކަލެއްކަން، އަޅުގަނޑުމެން އެންމެންނަށް ވަޒަންކުރެވޭ. އެހެންވީމާ، މިފަދަ ހުރިހާ ނުރައްކާތަކާ ކުރިމަތިލުމުގައި، އަޅުގަނޑުމެންގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް ކުރިއަށް ނެރެން އެބަޖެހޭ.

މުޅި ޤައުމުގެ ޙާލަތަށް ބަލާއިރު، އަޅުގަނޑުމެންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއަށް ނެރެގެން ނޫނީ ޙައްލުކުރަން ދަތި ކިތަންމެ މައްސަލައެއް މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި. ހޯމް މިނިސްޓަރ ޝައިޚް ޢިމްރާން ވިދާޅުވި ފަދައިން، އަޅުގަނޑުވެސް އޭގެ ބައެއް ކަންތައްތައް ދަންނަވާލާނަން. ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުތަކާއި، ހިންގާ ހަރުކަށި ޢަމަލުތައް، މިއީ އޭގެ ތެރެއިން އެއް ކަންތައް. ދީނަށް އިހާނެތިކުރުމުގެ މަސައްކަތް. މާރާމާރީތަކާއި ގޭންގު ކުށްތައް. މަސްތުވާތަކެތީގެ މައްސަލަތައް.

މިފަދަ ކަންކަމަކީ ޤާނޫނުތައް ނެތިގެން، ނުވަތަ އަދަބުތައް ކަނޑައެޅިފައި ނެތިގެން ހިނގާ ކަންކަމެއް ނޫން. މި ބާވަތުގެ ކޮންމެ ކަމަކީވެސް، ފަރުދީ ޒިންމާއަށް އިހުމާލުވުމުގެ ނަތީޖާ. މުޖުތަމަޢުގެ މަޞްލަޙަތުގެ މައްޗަށް ތިމާގެ އަމިއްލަ ކަންކަން އިސްކުރުމުގެ ނަތީޖާ. އަނެކުންގެ ޙައްޤުތަކަށް އަރިގަނެގެންވިޔަސް، ތިމާގެ އަމިއްލަ އެދުންތައް ހާސިލުކުރަން އުޅުމުން، ގެއްލިގެން އެދަނީ މުޅި މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން.

މިއަދު އަޅުގަނޑުމެން ޢަޒުމަކަށް ހަދަންވީ، މިފަދަ ހުރިހާ ކަމަކަށް ފާޅުގައި ދެކޮޅުހަދައި، އެފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރުން. އެފަދަ ކަންކަން ސިއްރުނުކޮށް، ކަމާބެހޭ އިދާރާތަކާ އެފަދަ މަޢުލޫމާތު ޙިއްޞާކުރުން. މުޅި މުޖުތަމަޢު އެކުގައި މިފަދަ ކަންކަމާ ދެކޮޅަށް ތެދުވެގެން ނޫނީ، ކިތަންމެވަރަކަށް މި ވާހަކަތައް ދެއްކިޔަސް، މިކަންކަން ޙައްލެއް ނުކުރެވޭނެ.

ކުރިން މި ދެންނެވިފަދަ ނޭއްގާނި ޢަމަލުތަކުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް، އަޅުގަނޑު ދަންނަވާލަން އޮތީ، އަދި ވަގުތު ފާއިތެއްނުވެޔޭ. މިހާރު ތިޔަ ހިނގާ ނުރަނގަޅު މަގު ދޫކޮށް، އިޞްލާޙުގެ މަގު ޚިޔާރުކުރާށޭ. އެކަހެރިވުމާއި ވަކިވެގަތުމުގެ ގޮތްތައް ދޫކޮށް، އިޖުތިމާޢީ މިންގަނޑުގެ ތެރެއަށް ވަނުމަށް ސަމާލުކަންދޭށޭ. ތިޔަ އެންމެންނަކީވެސް ހަމަ މި ޤައުމުގެ ރައްޔިތުން. އެއްވެސް ރައްޔިތަކަށް ދެރަގޮތެއް ވުމަކީ، އަޅުގަނޑު އެދޭ ގޮތެއް ނޫން. އިޞްލާޙުގެ މަގު ޚިޔާރު ކުރުމުން، ދެ ދުނިޔޭގައިވެސް ލިބޭނީ ކާމިޔާބާއި ބާއްޖަވެރިކަން.

އާދެ، އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރާއިރު، މިއަދު އަޅުގަނޑުމެން އެއްބައިވާންޖެހިފައި މިވަނީ، މިފަދަ ކަންކަމާ ދެކޮޅަށް. އެންމެން އެއް ޢަޒުމެއްގައި، އެއް ރޫޙެއްގައި މަސައްކަތް ކުރަންވީ، މި މައްސަލަތައް ޙައްލުކުރަން. މިއީ އެންމެންގެ ޤައުމު. އަޅުގަނޑުމެން ދިރިއުޅެން އޮތް ފަސްގަނޑަކީ މިއީ. މިތަނުގެ ހަމަޖެހުމާއި ޞުލްޙައާއި އަމާންކަން ދެމިއޮންނާނީ، އަޅުގަނޑުމެން އެކަންކަމަށް އިސްކަންދިން މިންވަރަކުން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، އެންމެހައި ނުރަނގަޅު ކަންކަމުންނާއި ނުރައްކާތަކުން، މި ރާއްޖެއާއި މި ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރެއްވުން. އެކުވެރިކަމާއި އެއްބައިވަންތަކަން އަޅުގަނޑުމެންގެ މެދުގައި އާލާކުރައްވައި، ޞުލްޙައާއި އަމާންކަން ލިބިގެންވާ ބަޔަކު ކަމުގައި، އެންމެހައި ދިވެހިން ލެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.