بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ، މިއަދު އަޅުގަނޑު ކުރެންދުއަށް އައުމުން، ކުރެންދޫގެ ވެރިންނާއި، ރައްޔިތުންގެ ފަރާތުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، ޝުކުރު ދަންނަވަން. ކުރެންދުއަށް އައުމަކީ މިއަދު އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް.

އަޅުގަނޑު މިހާރު ދަތުރުކުރަމުން މިދަނީ، ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް. އައްސަވާފައި އޮންނާނެ ފަދައިން، އިއްޔެ މި އަތޮޅުގެ ވެރިކަންކުރާ ރަށް، ނައިފަރަށާއި އަދި އޭގެއިތުރުން ހިންނަވަރަށް އަޅުގަނޑު ޒިޔާރަތްކުރިން. ރޭ އަޅުގަނޑު މަޑުކޮށްލީ، ފެލިވަރުގައި. އެއީ އެނގިވަޑައިގަންނަވާނެ ފަދައިން، ވަރަށް މުހިންމު އިޤްތިޞާދީ މަސައްކަތެއް ހިނގާ ތަނެއް.

އާދެ، އަޅުގަނޑު އެންމެފަހުން ކުރެންދުއަށް ޒިޔާރަތެއްކުރީ، މީގެ އަހަރުތަކެއްގެ ކުރިން. ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، އެއީ 1996 ވަނަ އަހަރު. އޭގެކުރިންވެސް އެތައްފަހަރަކު އަޅުގަނޑު ވަނީ މި ރަށަށް ޒިޔާރަތްކޮށްފައި.

އަޅުގަނޑު މިއަދު އައުމުގެ އެންމެބޮޑު ބޭނުމަކީ، ކުރެންދޫގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުން. އެމީހުންގެ ހާލުއަހުވާލު ބަލައިލުން. އަދި އެމީހުންނާއި ސަރުކާރާ ދޭތެރޭގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުން.

އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެ މިހާރު ކަޑައްތުކުރަމުން މިދަނީ، ވަރަށް މުހިންމު މަރުޙަލާއެއް. އަޅުގަނޑުމެންގެ ނިޒާމުތަކަށް ތަފާތު ބަދަލުތައް އަންނަމުން އެބަދޭ. ޒަމާނާ އެކަށީގެންވާ ބަދަލުތައް. ރާއްޖޭގެ އިޤްތިޞާދު މިވަނީ، ވަރަށްބޮޑަށް ކުރިއަށް ގޮސްފައި. ރާއްޖޭގެ އިޖުތިމާޢީ ތަރައްޤީވެސް ވަނީ ވަރަށް ހަލުވިކަމާއެކު ކުރިއަށް ގޮސްފައި. އެއާ ފައިހަމަވާ ގޮތެއްގައި، ރާއްޖޭގެ ސިޔާސީ ނިޒާމަށްވެސް އެކަށީގެންވާ ބަދަލުތަކެއް އަންނަންވެއްޖެ ކަމަށް އަޅުގަނޑަށް ފެނިގެން، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް އަޅުގަނޑު މިވަނީ ފަށާފައި. މިކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލިސް ވަނީ އެއްކުރެވިފައި. އަދި އެ މަޖިލީހުގެ މަސައްކަތް މިހާރު ކުރައްވަމުން އެބަގެންދަވާ.

އާދެ، ޤާނޫނުއަސާސީއަކީ، ކޮންމެ ޤައުމެއްގައިވެސް ވަރަށް މުހިންމު އެއްޗެއް. ރައްޔިތުންގެ ޙައްޤުތަކާއި، ސަރުކާރު ބައްޓަންވެފައި އޮންނަގޮތާ، މި ހުރިހާ ކަމެއް، އޭގެ މައިގަނޑު އުސޫލުތައް ލިޔެވިފައި އޮންނާނީ ޤާނޫނުއަސާސީގައި. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން ދޭ އަހަންމިއްޔަތު ވަރަށްބޮޑު. އަޅުގަނޑުމެންގެ ރާއްޖޭގައި މި އޮތް ސިޔާސީ ނިޒާމް އިތުރަށް ހަރުދަނާކޮށް، އަޅުގަނޑުމެންގެ ދީމުޤްރާޠީ މުއައްސަސާތައް، ކުރިއަށްވުރެ ވަރުގަދަކޮށް، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ރޫޙު އާލާކޮށް، ރައްޔިތުންގެ ބޭނުންތައް ފުއްދައިދީ، ޤައުމު އަމަންއަމާންކަމާއި، ޞުލްޙަމަސަލަސްކަމާ އެކީގައި ކުރިއަށް ގެންދިޔުމުގެ މަސައްކަތަކީ، އެކަށީގެންވާ ރަނގަޅު ޤާނޫނުއަސާސީއެއް އޮވެގެން ކުރެވޭނެ މަސައްކަތް. އަދި އެއީ ތަނުގެ އަމަންއަމާންކަމާއި، ޞުލްޙަމަސަލަސްކަން ދެމެހެއްޓުމަށްވެސް، ވަރަށްބޮޑަށް ބޭނުންވާ ކަމެއް. އާދެ، އެހެންވީމާ، އެ މަސައްކަތް ކުރަމުން މިގެންދަނީ.

ރާއްޖެއަށް މި އަންނަ ސިޔާސީ ބަދަލުތަކުގެ ތެރެއިން އެއްކަމެއް، ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ނިޒާމު އުފެދުނުކަން އެއީ. އެއީވެސް ވަރަށް ރަނގަޅު މަޤްޞަދެއްގައި ސަރުކާރުން ކުރި ކަމެއް. އެއީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ލިބިގެން، ރައްޔިތުން ބޭނުންވާގޮތަށް ޤައުމުގެ ކަންތައްތައް ބައްޓަންކުރުމަށް އެހީވެދިނުމަށްޓަކައި.

ސިޔާސީ ޕާޓީތަކެއް އުފެދި ހަރަކާތްތެރިވުމުގެ ބޭނުމަކީ، ޤައުމުގައި ބައިބައިވުން އުފެއްދުމެއްނޫން. އެއްބަޔަކު އަނެއްބަޔަކާ ދެކޮޅުވެރިވެ، ޙަސަދަވެރިވެ، އެއްބަޔަކު އަނެއްބައެއްގެ އަގުވައްޓާލަން މަސައްކަތް ކުރުމެއްނޫން. ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ފެތުރުމެއްވެސް ނޫން. އެކަން ބަޔަކު ކުރަނީ ކަމަށްވަންޏާ، އެއީ ވަރަށް ބޮޑަށް އޮޅިގެން ކުރާ ކަމެއް. ނުވަތަ އޭގެ ހިތި ނަތީޖާ އެމީހުންނަށް ނުވިސްނޭތީ ކުރާ ކަމެއް.

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން މި ގެންދަނީ، ރައްޔިތުންގެ ތަރައްޤީއަށް. ރައްޔިތުންގެ ހަމަޖެހުމަށް. ރައްޔިތުންނަށް ކުރިއެރުން ލިބޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް. މިގޮތުން، ރާއްޖޭގެ މަސްވެރިކަމާއި، އަދި ފަތުރުވެރިކަމާއި، ވިޔަފާރިއާއި، މަސައްކަތްތެރިކަމާ، ވަރަށްގިނަ ކަންތައްތައް މިއަދު މިވަނީ، ވަރަށްބޮޑެތި މަސައްކަތްތަކެއް ކޮށްގެން، ކުރިއަށްވުރެ ވަރަށް ބޮޑުތަން މައްޗަށް ޖެހިލާފައި. އާދެ، އޭގެ އެންމެ މުހިންމު އަސާސަކީ، އަޅުގަނޑުމެންގެ މެދުގައި މިއޮތް ހަމަޖެހުމާއި އަމަންއަމާންކަން. ހަމަޖެހުމާއި، އަމަންއަމާންކަން ގެއްލިއްޖެނަމަ، ދެން އެ ޤައުމެއްގައި ތަރައްޤީގެ އެއްވެސް ކަމެއް ކުރިއަކަށްނުދާނެ. މިއީ އަޅުގަނޑުމެންގެ ވަށައިގެންމިވާ ޤައުމުތަކުންވެސް އަޅުގަނޑުމެންނަށް ފެންނަމުންދާ މަންޒަރެއް. މިކަން އަޅުގަނޑުމެން ހަނދާން ބަހައްޓަންވާނެ.

އާދެ، މިދިޔަ އަހަރު މުޅި ރާއްޖެއަށް ކުރިމަތިވީ، ވަރަށް ހިތާމަވެރި ހާދިސާއެއް. މިދިޔަ އަހަރޭ މި ދެންނެވީ، 2004 ވަނަ އަހަރު. 2004 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާ އެއީ އަޅުގަނޑުމެންގެ ތާރީޚުގައިވެސް ފަހަކަށްއައިސް ފެނިފައިނުވާފަދަ ބިރުވެރި ހިތާމަވެރި ގެއްލުންބޮޑު ހާދިސާއެއް. އެހެންނަމަވެސް، ޤުދުރަތީ ކަންތައްތަކަކީ، މާތްﷲ މިންވަރު ކުރައްވާ ގޮތެއްގެ މަތިން ހިނގަމުންދާނެ ކަންތައްތައް. ހުރިހާ ކަމަކީވެސް ﷲ މިންވަރު ކުރައްވާ ގޮތެއްގެ މަތިން ހިނގަމުންދާ ކަންތައްތައް. އެހެންވީމާ، އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި އެ ކަންތައްތަކަށް ކެތްކުރަންޖެހޭނެ. ﷲ ގެ މިންވަރުފުޅަށް އީމާންވާންޖެހޭނެ. އެހެންނަމަވެސް، ދިމާވާ ދަތިތަކުން ސަލާމަތްވުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް އޮތް ކަމެއް. އެކަމަށް ވަނީ އިސްލާމްދީނުގައިވެސް މަގު ކޮށްޓަވައިދެއްވާފައި. އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، ސުނާމީ ކާރިސާގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް. އަދި ރައްޔިތުންގެ ދިރއުޅުމުގެ ޙާލަތު، އޭގެކުރިން އޮތްގޮތަށް ނުވަތަ އެއަށްވުރެވެސް ރަނގަޅު ގޮތަކަށް ގެންގޮސްދެވޭތޯ.

ކުރެންދުއަށްވެސް ސުނާމީ ކާރިސާގެ ސަބަބުން ކޮންމެވެސްވަރެއްގެ ގެއްލުންތަކެއްވަނީ ލިބިފައި. މި ރަށުގެ ބަނދަރަށާއި، ކަނޑުތޮށްޓަށާއި، އެއްގަމު ތޮށްޓަށް ވަރަށްބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން، އަޅުގަނޑު މިއައި އައުމުގައިވެސް އަޅުގަނޑަށް ވަނީ ފެނިފައި. މާތްﷲގެ ރަޙްމަތްފުޅުން މި ރަށުގެ ގޯތިގެދޮރަކަށް މާބޮޑު ގެއްލުމެއް ނުލިބޭ. މި ރަށުގެ މީހަކަށް އެކަމުގެ ސަބަބަކުން މާބޮޑު ގެއްލުމެއް ނުލިބޭ. އެކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް އަޅުގަނޑުމެން ޝުކުރު ކުރަންވާނެ.

މިކަން މި ރަށަށް އިރާދަކުރެއްވީތީ މިހާ ލުއިލުއިކޮށް ދިޔަކަމުގައިވިޔަސް، ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ސުނާމީ ކާރިސާގެ ސަބަބުން ވަނީ ވަރަށްބޮޑެތި ގެއްލުންތަކެއް ލިބިފައި. ބައެއް ރަށްރަށް އެކީ ފަޅުވެފައި. ހުރިހާ ގޯތިގެދޮރަކާއި، އިމާރާތްތަކެއް ހަލާކުވެގެން ވީރާނާވެގެން ގޮސްފައި. އަދި ވަރަށްގިނަ އަދަދެއްގެ ބަޔަކު، އާދެ، އަޅުގަނޑުމެންގެ ރާއްޖޭގެ ނިސްބަތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައި.

މިހިރީ ވަރަށްބޮޑެތި ހިތާމަ. މި ހިތާމަތަކަށް އަޅުގަނޑުމެން ކެތްކުރަންޖެހޭނެ. ﷲ އަށް އީމާންވެތިބެ، އެކަލާނގެ ޤަޟާޤަދަރުގައި ހަމަޖެހިފައިވާ ކަމެއް އައުމުން، އެކަމާ ޝަކުވާކުރާ ބަޔަކަށް އަޅުގަނޑުމެން ވެގެންނެއް ނުވާނެ. އެހެންނަމަވެސް، ކުރިންވެސް ދެންނެވި ފަދައިން، އެކަމުން ލިބުނު ގެއްލުންތައް ފޫބައްދައި، އަލުން އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ މަސައްކަތް ކުރުމަކީ، ހަމަ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެއް. އެކަމަށް ވަނީ އަޅުގަނޑުމެންނަށް ދީނުގައި އަންގަވާފައި. އެކަން އެގޮތަށް ކުރުމަށް. އެހެންވީމާ، އެ މަސައްކަތް ކުރަމުން މި ގެންދަނީ.

މިހާރު އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެންނާއި، އަދި ބޭރުގެ އެހީގެ ބޭނުންކޮށްގެން ވަރަށްގިނަ ރަށްރަށުގައި ގެދޮރު މަރާމާތު ކުރުމާއި، ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ހިނގަމުން އެބަދޭ. އަދި އެނޫން ގެއްލުންތައް ފޫބެއްދުމަށްވެސް މަސައްކަތް ކުރެވެމުން އެބަދޭ. އެހެންނަމަވެސް، ކަމަކީ ވަރަށް ބޮޑު ކަމަކަށްވެފައި، އަޅުގަނޑުމެންގެ ބަޖެޓުން އެކަނި ޚަރަދުކޮށްގެން ހަމަޖެއްސެން ނެތް ކަމަކަށްވާތީ، ބޭރުގެ އެހީ އަޅުގަނޑުމެން ހޯދީ. އަދި ބޭރުން މިހާތަނަށް ލިބިފައިވާ އެހީންވެސް މުޅިން ހަމަނުޖެހޭނެތީ، އިތުރު އެހީ ހޯދުމުގެ މަސައްކަތް
މި ގެންދަނީ ކުރަމުން.

އާދެ، މިރަށަކީ ވަރަށް ހިންމަތްތެރި ބަޔަކު ދިރިއުޅޭ ރަށެއް. އެހެންވީމާ، ރަށުގެ ތަރައްޤީއަށްޓަކައި ރަށުގެ ރައްޔިތުން ކުރައްވާ މަސައްކަތްތައް އަޅުގަނޑު ދަންނަން. އެކަމަށްޓަކައި ރައްޔިތުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑުމެންގެ އަތޮޅުތަކުގެ ކަންތައް ތަރައްޤީ ކުރުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދޭކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެ މަސައްކަތް ފެށީ، އަޅުގަނޑު ރައީސްކަމާ ހަވާލުވިތާ ވަރަށް ކުރީކޮޅު. 1978ގެ ފަހުކޮޅުން ފެށިގެން އެ މަސައްކަތް މި ކުރަނީ. އަދި 1979 ގައި އެންމެ ފުރަތަމަފަހަރަށް ރާއްޖެތެރެ އިޞްލާޙުކޮށް ތަރައްޤީ ކުރުމުގެ މަޝްރޫޢެއް ވަނީ ރޭވިފައި. އެ މަޝްރޫޢުގެ ދަށުން ވަރަށްގިނަ ރަށްރަށުގައި ވަރަށްގިނަ ކަންތައްތައް ވަނީ ކުރެވިފައި. ކޮންމެހެން އޭގެ ތަފްޞީލަކަށް ދާކަށް އަޅުގަނޑު ނެތިން. މި ރަށުގައިވެސް އެގޮތުން ކުރެވުނު ވަރަށްގިނަ މަސައްކަތްތައް އެބަހުރި.

އަޅުގަނޑު މިހާރު ދަންނަވަން ބޭނުންވާ ވާހަކައަކީ، މި އަހަރުގެ ބަޖެޓަކީ، ވަރަށްބޮޑު ބަޖެޓެކޭ. އަތޮޅުތަކުގެ ކަންތައްތައް ހަމަޖެއްސުމަށް އެއިން އިރާދަކުރެއްވިއްޔާ، މީގެ ކުރީ އަހަރު އަހަރަށްވުރެ ރަނގަޅު އެހީ ލިބޭނެ. އަދި އެކަމާ ހަވާލުވެ ތިއްބެވި ބޭފުޅުންނަކީ، ވަރަށް ފޯރިޔާއެކު، އެކަން ކޮށްދެއްވަން ބޭނުންފުޅުވާ، އެކަމުގެ ޝައުޤުވެރިކަން ހުރި ބޭފުޅުން. އާދެ، މިހާރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންގެ މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓަކަށް
އެ ހުންނެވީ، ވަރަށް ޒުވާން އަދި ތަޖުރިބާހުރި ބޭފުޅެއް. އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން. އޭނާ މި މަސައްކަތް އެބަ ކުރައްވާ. އަދި ސަރުކާރުގެ އެހެން ދާއިރާތަކުންވެސް އެބަ ކުރައްވާ. އެއީ އަތޮޅުތަކާބެހޭ ކަންތައްތަކަކީ ހަމައެކަނި ވަކި މިނިސްޓްރީއަކުން ކުރާ ކަންތައްތަކެއް ނޫން. އަޅުގަނޑުމެންގެ ތަޢުލީމާބެހޭ ވުޒާރާ، ޞިއްޙަތާބެހޭ ވުޒާރާ، ޕްލޭނިންގ މިނިސްޓްރީ، އަދި ޖަސްޓިސް، މިހެންގޮސް ވަރަށްގިނަ ދާއިރާތަކުން، ޕަބްލިކް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ. އެހެންގޮސް ދަންނަވާފައި ނުދަންނަވާނެ ވަކި ދާއިރާއެއް ނެތް. އެ ހުރިހާ ދާއިރާތަކަކުންވެސް ރާއްޖެތެރޭގައި ކަންތައްތައް ކުރައްވަމުން ގެންދަވާ. އެހެންވީމާ، އެ ހުރިހާ ދާއިރާއެއް ގުޅިވަޑައިގަންނަވައިގެން އަތޮޅުތަކުގައި، ރަށްރަށުގައި ކުރަންހުރި ކަންތައްތައް ކުރެއްވުމުގެ މަސައްކަތްތަކެއް މިހާރުވަނީ ފަށްޓަވާފައި.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ކުރެންދޫ ރައްޔިތުންވެސް އެކަން ގަބޫލުކުރެއްވުން. އަޅުގަނޑުމެން މި ކަންތައްތައް ކުރަމުން އެބަގެންދާކަން. އަދި އިރާދަކުރެއްވިއްޔާ ކުރަމުން ގެންދާނެކަން. އެހެންނަމަވެސް، ތިޔަ ހުރިހާ ބޭފުޅުންވެސް ހަނދުމަފުޅު ބަހައްޓަވަންވާނެ، އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ ޤައުމެއް. ދިވެހިރާއްޖެއަކީ، ދުނިޔޭގެ ނިސްބަތުގައި ވަރަށް ކުޑަކުޑަ ޤައުމެއް. ތިން ލައްކަ މީހުންވެސް ހަމަނުވޭ. ދުނިޔޭގެ އެހެން ޤައުމުތަކުގައި، ބޮޑެތި ޤައުމުތަކުގައި، 1000 މިލިއަނަށްވުރެ ގިނަމީހުން ދިރިއުޅޭ ޤައުމު އެބަހުރި. ދެން އެތައްސަތޭކަ މިލިޔަން. އެހެންއައިސް، އެންމެ މިލިޔަނެއްވެސް ހަމަނުވާ ޤައުމެއްގައި އަޅުގަނޑުމެން ދިރިއުޅެމުން މި ގެންދަނީ. އެހެންވީމާ، އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ ތަނެއް. އަދި އަޅުގަނޑުމެންނަށް ލިބިފައިވާ ވަސީލަތްތައްވެސް ވަރަށް މަދު. އަޅުގަނޑުމެންނަށް ލިބިފައިވާ ޤުދްރަތީ މުއްސަނދިކަމުގެ ވަސީލަތްތައް ވަރަށް މަދު. ލިބިފައި އޮތް އެއްޗެއްވިއްޔާ، އިރާދަކުރެއްވިއްޔާ، ބޭނުންކުރަމުން މި ގެންދަނީ، ޤައުމުގެ ފައިދާއަށްޓަކައި. އެއީ އެންމެ ފުރަތަމަ ދިވެހިރާއްޖޭގެ ރީތިކަމާއި، ދިވެހިރާއްޖޭގެ ގޮނޑުދޮށްތަކުގެ ސާފުތާހިރުކަމާއި، ދިވެހިރާއްޖޭގެ ފަރުތަކުގެ ޗާލުކަމާއި، އަދި އާންމުކޮށް ދަންނަވަންޏާ، ރާއްޖޭގައި މި ފެންނަން ހުންނަ ޤުދުރަތީ މަންޒަރުތަކުގެ ރީތިކަން. އަދި ރާއްޖޭގައި މި އޮންނަ ހަމަހިމޭންކަން. މިކަމުގެ ބޭނުން އެންމެބޮޑަށް މި ކުރެވެނީ، ފަތުރުވެރިކަން ތަރައްޤީ ކުރުމުގައި. ރާއްޖެއަކީ، ދުނިޔޭގެ އެތަންމިތަނުން ޗުއްޓީ ހޭދަކޮށްލަން މީހުން އަންނަން ބޭނުންވާ ތަނަކަށް މިހާރުވަނީ ވެފައި. ރާއްޖެވަނީ މުޅި ދުނިޔޭގައި ފަތުރުވެރިކަމުގެ ވަރަށް ރީތި، ވަރަށް ނަމޫނާ މަންޒިލެއްގެ ގޮތުގައި ގަބޫލުކުރެވިފައި. އެހެންވީމާ، އެއީ އަޅުގަނޑުމެންނަށް ލިބިފައިވާ އެއް މުއްސަނދިކަން.

އަނެއް މުއްސަނދިކަމަކީ، މަސްވެރިކަމުގެ މުއްސަނދިކަން. އަޅުގަނޑުމެންގެ ކަނޑުތަކުގައި މިވާ ޚަޒާނާ، މާތްﷲ ގެ ރަޙްމަތްފުޅުން އަޅުގަނޑުމެންނަށް ދެއްވާފައިވާ ރޯދިބަރަކާތް، އޭގެ ބޭނުންވެސް ރާއްޖޭގެ ރައްޔިތުން ކުރަމުން މިއައީ، ވަރަށް ރަނގަޅަށް. އަޅުގަނޑުމެންގެ ރާއްޖޭގައި އެންމެ މޮޅަށް، އެންމެ ރަނގަޅަށް ކުރަމުން އައިސްފައިވާ މަސައްކަތަކީ މަސްވެރިކަން. އެކަން ތަރައްޤީކޮށް، ކުރިއެރުވުމަށްވެސް ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް އެބަކުރޭ. އަދި ވަރަށްގިނަ އަމިއްލަ މަސްވެރިންގެ މީހުންނާއި، މަސްވެރި ޢާއިލާތަކާއި، އަދި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވަރަށްގިނަ ފަރާތްތަކުންވެސް އެ މަސައްކަތް އެބަކުރޭ.

އެހެންވީމާ، އަޅުގަނޑުމެންނަށް ލިބިފައިވާ މުއްސަނދިކަމުގެ ބޭނުން ހެޔޮގޮތުގައި ކުރެވޭތޯ ބަލަމުން ގެންދާއިރު، އަޅުގަނޑުމެންގެ ވަސީލަތްތައް މަދުކަން އަޅުގަނޑުމެން އަބަދުވެސް ހަނދާން ބަހައްޓަންޖެހޭނެ. އަޅުގަނޑުމެން ބޭނުންވާ ހުރިހާ ކަމެއް އެއްފަހަރަކާ ނުވާނެކަން. ކަންތައްތައް ވަމުންދާނީ، އަޅުގަނޑުމެންނަށް އޭގެ ކުޅަދާނަކަން ލިބިގެންދާ މިންވަރަކުންކަން. އެހެންވީމާ، އަޅުގަނޑުގެ ހިތަށްއެރީ އެ ވާހަކަވެސް ދަންނަވާލާނަމޭ.

އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި މި ރަށުގެ ރައްޔިތުންވެސް ބޭނުންވާ ކަންތައްތައް ކުރަމުން ގެންދެވޭނެ. ސަރުކާރުގެ ހުރިހާ ދާއިރާތަކެއް ގުޅިވަޑައިގަންނަވައިގެން އެ މަސައްކަތް އެ ކުރައްވަނީ. ހަމައެކަނި ކުރެންދުއެއް ނޫން، ރާއްޖޭގެ ހުރިހާ ތަނެއްގައިވެސް އެ މަސައްކަތް އެބަ ކުރައްވާ. އަދި މިހާރު މި އަތޮޅުގެ އަތޮޅުވެރިޔަކަށް އެ ހުންނެވި އަލްފާޟިލް ޤާސިމް ޢަބުދުލްކަރީމަކީވެސް ވަރަށް ޒުވާން ތަޖުރިބާހުރި ބޭފުޅެއް. އޭނާވެސް ވަރަށް ހަރަކާތްތެރި ގޮތެއްގައި އެ ކަންތައްތައް ބައްލަވަމުން އެބަގެންދަވާ. ވަރަށްބޮޑަށް މަސައްކަތް ކުރައްވާ.

އެހެންވީމާ، އަޅުގަނޑު އެދެނީ، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓާއި، އަދި ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި، ދާއިރާތަކާއި، އަދި އަތޮޅުވެރިންނާއި، އަތޮޅު އޮފީހާއި، ރަށްރަށުގެ އޮފީހާއި، އަތޮޅު ކޮމިޓީތަކާއި، ރަށްރަށުގެ ކޮމިޓީތަކާއި، އާންމު ރައްޔިތުންނާ ގުޅިގެން، އެންމެން އެކަތިގަނޑަކަށްވެގެން، އެއްބާރުލައިގެން އަޅުގަނޑުމެންގެ ތަރައްޤީގެ މަސައްކަތްތައް ކުރަމުން ގެންދިޔުން. އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާކަމުގައި ވަނީނަމަ، އަޅުގަނޑުމެންނަށް މާތްﷲގެ އިރާދަފުޅުން ވަރަށް އަވަހަށް ކުރިއަށްދެވޭނެ. އަޅުގަނޑުމެންގެ ތެރޭގައި ބޭނުންވާ ވަރަށް، ހުރިހާ ކަންތައްތަކެއް ކުރެވިގެންދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މި ފެށުނު މީލާދީ އާ އަހަރުގެ ތަހުނިޔާއާއި މުބާރަކުބާދިއާއި ހެޔޮއެދުންތައް، ކުރެންދޫގެ ލޮބުވެތި ރައްޔިތުންނަށާއި، ވެރިންނަށާއި، ތިޔަ އެންމެ ބޭފުޅުންނަށް ފޮނުވަމުން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮގޮތް މިންވަރުކުރެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބެ، އަޅުގަނޑުމެންގެ ޤައުމަށް ކުރިއެރުމާއި، ތަރައްޤީ ހާސިލުކުރާ ބަޔަކުކަމުގައި އަޅުގަނޑުމެން ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.