ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސްވިޑްންއަށް ކުރައްވާ ދަތުރުފުޅެއް ފަށްޓަވައިފިއެވެ. މިދަތުރުފުޅުގައި، އެމަނިކުފާނު ފުރާވަޑައިގަތީ، މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ. މިދަތުރުފުޅަކީ، 2003 ވަނަ އަހަރު އަވަހާރަކޮށްލި ސްވިޑްންގެ ޚާރިޖީ ވަޒީރު އަނާލިންދުގެ ހަނދާނުގައި އެރުވޭ ”އަނާ ލިންދު ޕްރައިޒް 2009“ގެ ޝަރަފުގެ ހަނދާނާ ހަވާލުވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި އެވޯޑު އެމަނިކުފާނަށް މި އެރުވެނީ، ތިމާވެށްޓާ ގުޅޭގޮތުން ކުރެވޭ ބަޙުޘްތަކުގައި އިންސާނީ ޙައްޤުތައް ހިމެނުއްވުމަށާއި، އަމާންކަމާއި އޮމާންކަމާއެކު ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނެސްދެއްވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކަށްޓަކައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަންނަވަމުން، މާލޭ ރަސްމީ ފާލަމުން ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މިއީ ރާއްޖޭގެ ރައްޔިތުންނަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ޝަރަފެއް ކަމަށް ވިދާޅުވިއެވެ. އަދި ދިވެހިން ޑިމޮކްރަސީއަށް އެދޭ މިންވަރާއި، މިނިވަންކަމަށް އެދޭ މިންވަރާއި، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށް އެދޭ މިންވަރު، މިވޭތުވެދިޔަ ހަތަރު ފަސްއަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ރައްޔިތުން ވަރަށް ފުރިހަމައަށް މުޅި ދުނިޔެއަށް ސާބިތުކޮށްދެއްވައިފި ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްވިޑްންއަށް މިކުރައްވާ ދަތުރުފުޅުގައި، ސްވިޑްންގެ ރަސްގެފާނާ ބައްދަލުކުރައްވާނެއެވެ. އަދި ސްވިޑްން ސަރުކާރާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއަށް މިވަގުތު އެހީތެރިކަމާއި އެއްބާރުލެއްވުން ބޭނުންވާ ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލެއްވުން ހޯއްދެވުމަށް މަސައްކަތްޕުޅު ކުރައްވާނެއެވެ. މީގެއިތުރުން، ރާއްޖެއަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހޯއްދެވުމާ ބެހޭގޮތުން ސްވިޑްންގެ އިސް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެއެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި، ސްޓޮކްހޯމްގައި، "ސޭވިންގ ޕެރެޑައިސް" މިމައުޟޫޢަށް ތަޤްރީރެއްވެސް ކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިދަތުރުފުޅުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު ބައިވެރިވެވަޑައިގަންނަވައެވެ.