ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް ޢަރަބި އެކުވެރި ޢިމާރާތް، ޔޫ.އޭ.އީ.ގެ ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުﷲ ބިން ޒައިދު އަލް ނަހްޔާން، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު 11 ޖެހިއިރު މުލީއާގޭގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ޔޫ.އޭ.އީ. އާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެއްކަން ދެބޭފުޅުން ފާހަގަކުރައްވައި، މިގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި، ތަޢްލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި އަދި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން މިގުޅުން ބަދަހިކުރެއްވުމާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކުގެ މަޢްލޫމާތާއި، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތާބެހޭ މަޢްލޫމާތު، ރައީސުލްޖުމްހޫރިއްޔާ، ޔޫ.އޭ.ޢީގެ ޚާރިޖީ ވަޒީރަށް ދެއްވިއެވެ. އަދި، ރާއްޖޭގެ މާލީ ޙާލަތު ރަނގަޅު ކުރުމަށް ޔޫ.އޭ.އީގެ އެހީތެރިކަން ހޯއްދެވުމާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުﷲ ބިން ޒައިދު އަލްނަހްޔާން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލެއްވުމަށް ފުރުޞަތު ލިބިވަޑައިގެންނެވިކަމަށްޓަކައި ވަރަށްބޮޑަށް އުފާފުޅުކުރައްވާކަމަށް ވިދާޅުވެ، ރައީސަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އެމަނިކުފާނަށާއި، އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ދިވެހި ސަރުކާރުން ދެއްވަމުން ގެންދަވާ ފުރިހަމަ މެހްމާންދާރީ ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. އަދި، ދެޤައުމުގެ ދެމެދުގައި މިވާ ގާތްގުޅުން ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތުގައި އިތުރަށް ބަދަހިވާނެކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ޝައިޚް ޢަބްދުﷲގެ ވާހަކަފުޅުގައި، ތަރައްޤީގެ މަގުގައި ދިވެހިރާއްޖެއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށާއި، ހަމައެއާއެކު ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ގެންދެވިދާނެ ވަރަށް ގިނަ ފުރުޞަތުތަކެއް އެބަހުރިކަމަށް ރާއްޖޭގައި މި ހޭދަކުރެއްވި މަދު ވަގުތުކޮޅުގެ ތެރޭގައިވެސް އެމަނިކުފާނަށް ފާހަގަކުރެއްވުނު ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ޔޫ.އޭ.އީ،އިން ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.