بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.


މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އަތޮޅު ކައުންސިލަރުން، ރަށު ކައުންސިލަރުން، ލ. ހިތަދޫ ޞިއްޙީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ، ހެލްތް ސަރވިސަސް، އަލްފާޟިލް މުޙައްމަދު ޝިޔާޒު، ޞިއްޙީ މަރުކަޒުގެ އެންމެހައި މުވައްޒަފުން، ލ. ހިތަދޫގެ ލޮބުވެތި ރައްޔިތުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ލ. ހިތަދޫ ޞިއްޙީ މަރުކަޒުގެ މި ތާރީޚީ އަދި އުފާވެރި މުނާސަބަތުގައި، މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު މަރުޙަބާ އާއި ޝުކުރު ދަންނަވަން. އަދި މިދިޔަ 50 އަހަރުގެ ތެރޭގައި، މިރަށު ޞިއްޙީ މަރުކަޒު ކުރިއަރުވައި ތަރައްޤީ ކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލެވި ހުރިހާ ބޭފުޅުންނަށާއި، މިހާރު މި މަރުކަޒުގައި ޚިދުމަތް ދެއްވާ ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރާއި މަރުޙަބާ ދަންނަވަން. އަދި މި ޝަރަފުވެރި ޙަފްލާއަށް އަޅުގަޑަށް ދަޢުވަތު ދެއްވީތީ، ހެލްތް މިނިސްޓަރަށާއި، ޞިއްޙީ މަރުކަޒުގެ އިސް ބޭފުޅުންނަށާއި، މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން.

 

އާދެ، ލ. ހިތަދުއަކީ ހައްދުންމަތީގެ ތާރީޚާ ލާމެހިފައިވާ ރަށެއް. 1964 ވަނަ އަހަރުން 1992 ވަނަ އަހަރަށް، މި އަތޮޅުގެ ވެރިކަންކުރީ މި ރަށުގައި. މީގެ 50 އަހަރު ކުރިން މި ރަށުގައި ޞިއްޙީ މަރުކަޒު ހުޅުވި ދުވަހުން ފެށިގެން، ވަރަށް ގިނަ އަހަރުތަކެއް ވަންދެން، މި އަތޮޅު ރައްޔިތުންގެ ޞިއްޙީ ޚިދުމަތުގެ މައި މަރުކަޒަކީވެސް ހިތަދޫ.


1992 ވަނަ އަހަރު، ފޮނަދުއަށް އަތޮޅުވެރިކަން ބަދަލުވިއިރު، އަތޮޅުވެރިކަމާ ގުޅިފައިވާ ހުރިހާ ކަމެއް، ހުރިހާ މުއައްސަސާތަކެއް އޭރު ފޮނަދުއަށާއި، އެހެން ބައެއް ރަށްރަށަށް ބަދަލުކުރެވިގެންދިޔަ. އަތޮޅު އޮފީހާއެކު، އަތޮޅު ތަޢުލީމީ މަރުކަޒުވެސް، އަދި އެހެން މުއައްސަސާތައްވެސް މި ރަށުން ގެންދެވުނު. ނަމަވެސް، މި ރަށުން ނުގެންދެވުނު ހަމައެކަނި ތަނަކީ، ޞިއްޙީ މަރުކަޒު. ރައްޔިތުން އެ ދުވަހު ހަމަ އެއްގޮތަކަށްވެސް ބޭނުންނުވީ، މި ރަށުން ޞިއްޙީ މަރުކަޒު ގެންދަން. ރައްޔިތުންގެ އެ ނިންމުން އަޅުގަނޑަށް މާނަކުރެވެނީ، ޞިއްޙީ ދުޅަހެޔޮކަމަށް މި ރަށުގެ ރައްޔިތުން ދޭ ސަމާލުކަމުގެ ބޮޑުކަން. އަދި ފުރިހަމަ ޞިއްޙަތެއްގައި ދެމިތިބުމަށް، މި ރަށުގެ ރައްޔިތުން އިސްކަންދޭ މިންވަރު.


އެނގިވަޑައިގަންނަވާނެ، ރާއްޖެ ދުށް އެންމެ ނުރައްކާތެރި ޞިއްޙީ މައްސަލަތަކާ ކުރިމަތިލާންޖެހުނީ، މިހާރު މި ފެންނަ ޞިއްޙީ މަރުކަޒުތަކާއި، އަތޮޅު ހޮސްޕިޓަލުތަކާއި، ސަރަޙައްދީ ހޮސްޕިޓަލްތައްވެސް ނެތް ދުވަސްވަރެއްގައި. އޭރު ވަރަށް މަދުން ނޫނީ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއް، މުޅި ރާއްޖޭގައިވެސް ނެތް. ނަރުހުންގެ ޢަދަދު އެހާ މަދު. ބަލިތައް ދެނެގަނެވޭނެ ވަސީލަތްތަކެއް އޭރަކު ނެތް. މި ރަށު ޞިއްޙީ މަރުކަޒުވެސް، ރަން ޔޫބީލާ ކުރިމަތިލީ، މި ދެންނެވި މަރުޙަލާތައް ކަޑައްތު ކުރުމަށްފަހު. މިތަނުގެ ޚިދުމަތްވެސް ފެށިގެން އައީ އެންމެ ހެލްތު ވަރކަރެއްގެ އެހީގައި. މުޅި އަތޮޅަށްވެސް ޚިދުމަތް ދެއްވަން އޭރު ހުންނެވީ އެންމެ ހެލްތު ވަރކަރެއް. ނަރުހެއްވެސް އޭރަކު ނެތް. ދެން ތިބީ އެކި ރަށްރަށުގައި ތިބި ފޫޅުމައިން.


ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ތާރީޚަށް ބަލާއިރު، އެންމެ ކާމިޔާބު ދުވަސްވަރެއްގެ ގޮތުގައި ފާހަގަކުރެވެނީ، ޖަމާޢަތުގެ ޞިއްޙީ އެހީތެރިންނާއި، ޢާއިލާގެ ޞިއްޙީ އެހީތެރިންގެ ދައުރު ފުޅާވެގެން އައި ދުވަސްވަރު. އެއީ ޢާންމު ޞިއްޙަތަށް އިސްކަމެއްދީގެން މަސައްކަތް ކުރެވުނު ދުވަސްވަރެއް.


އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު. ފަސޭހަކަމާއެކު ގައިން ގަޔަށް އަރާ ބަލިތައް، އާދެ، މެލޭރިއާ، ފައިލޭރިއާ، ޕޯލިއޯ، ޓެޓްނަސް އަދި ހިމަބިހިފަދަ ބަލިތައް ކޮންޓްރޯލްކޮށް، ރާއްޖެއިން ނައްތައިލެވުނީ، ޢާންމު ޞިއްޙަތާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް، ޞިއްޙީ އެހީތެރިން މެދުވެރިކޮށް، މުޅި ރާއްޖޭގައި ހިންގި ކާމިޔާބު ޙަރަކާތްތަކުން.


މި ރަށުގައި ޞިއްޙީ ޚިދުމަތް ފެށިގެން އައި ދުވަސްވަރުގެ ހަނދާންތައް ހުރި ބޭފުޅުން، މިތަނުގައި މިހާރުވެސް ތިއްބަވާނެ. އެ ދުވަސްވަރު މުޅި ރާއްޖޭގައި ފެތުރިފައި އޮތީ، ގައިން ގަޔަށް އަރާ ބަލިތައް. ނަމަވެސް، މި ދެންނެވި ބަލިތައް ނައްތައިލުމުގައި، ކުރު މުއްދަތެއްގެ ތެރޭގައި، ރަނގަޅު ކާމިޔާބެއް ހޯދުނީ، ޢާންމު ޞިއްޙަތަށް އިސްކަންދީގެން، ވަރަށް ރޭވުންތެރިކަމާއެކު ކުރެވުނު މަސައްކަތްތަކެއްގެ ސަބަބުން.


މިއަދު އެފަދަ ބަލިތައް ނެތަސް، ޞިއްޙީ ގޮތުން މިހާރު ކުރިމަތިވެފައި ހުރި ނުރައްކާތައް ވަކި ކުޑައެއް ނޫން. މިހާރު ޞިއްޙީ ގޮތުން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ގައިން ގަޔަށް ނާރާ ބަލިތައް، ދިވެހިންގެ ތެރޭގައި އާދަޔާ ޚިލާފަށް އިތުރުވުން. މިހާރު އެންމެ ގިނަ ދިވެހިން މަރުވަނީ ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުން ހުރި ބަލިތަކުގައި.


މިފަދަ ބަލިބައްޔަކީ، ދިރިއުޅުމުގެ އާދަތަކާއި، ދިރިއުޅުމުގެ ނުރަނގަޅު ވައްޓަފާޅިއާ ގުޅިފައިވާ ބަލިތައް. ސިނގިރެޓާއި ދުންފަތުގެ ބާވަތްތައް ބޭނުންކޮށް، ގިނައިން ހަކުރު އެކުލެވޭ ތައްޔާރީ ބުއިންތައް ބޭނުންކުރުން، ޖަންކު ފުޑްގެ ބާވަތްތައް ކެއުން، ދުފުމާއި ސުޕާރީގެ ބާވަތްތައް ކެއުން، މިހިރީ ހައްތަހާވެސް މި ދެންނެވި ބާވަތުގެ ބަލިތަކަށް މަގުފަހިކުރާ ކަންކަން.


މި މައްސަލަތަކާ ކުރިމަތިލާން ބޭނުންވަނީ، ޢާންމު ރައްޔިތުންގެ ހޭލުންތެރިކަން. ބޭނުންވަނީ، ޢާންމު ޞިއްޙަތުގެ ނިޒާމު މިހާރަށްވުރެ ވަރުގަދަކުރުން. ޢާންމު ޞިއްޙަތުގެ ނިޒާމެއް ހިންގުމުގައި، ދިވެހިންނަކީ ކާމިޔާބު ބައެއް. އެހެންވީމާ، މިހާރު ހުރި ޞިއްޙީ މައްސަލަތަކަށްވެސް، ދިވެހިންގެ ތަޖުރިބާގެ އަލީގައި ޙައްލު ހޯދައި، ޞިއްޙީ ޚިދުމަތުގެ ނިޒާމުވެސް ވަރުގަދަ ކުރެވޭނެ.


ޞިއްޙީ ޚިދުމަތްތައް ލިބިގަތުމުގަޔާއި، ޚިދުމަތް ދިނުމުގައި އަދި ޚިދުމަތާ ދޭތެރޭވެސް، އަޅުގަނޑުމެން މިހާރު ގެންގުޅެންޖެހެނީ މުޅިން އާ ވިސްނުންތަކެއް. އޭގެ އެއް ވިސްނުމަކީ، އެކުވި ގޮތެއްގައި ނުވަތަ ޖުމްލަ ގޮތެއްގައި ޚިދުމަތް ދެވޭނެ ނިޒާމެއް ރޭވުން.


ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަކީ އެ ވިސްނުމުގައި އަޅުގަނޑުމެން ކުރާ ކަމެއް. މި އަތޮޅު ގަމުގައި ހުރި އަތޮޅު ހޮސްޕިޓަލް، ޓާޝަރީ ހޮސްޕިޓަލަކަށް ތަރައްޤީ ކުރުމުގެ މަސައްކަތް އެ އަންނަނީ މިހާރު ކުރަމުން. އޭރުން، އެމް.އާރް.އައި.ގެ ޚިދުމަތާއި، ސީ.ޓީ ސްކޭންގެ ޚިދުމަތާއި، އެކްސްރޭގެ ޚިދުމަތުގެ އިތުރުން، ބަލިބަލީގެ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތްވެސް އެތަނުން ލިބެން ފަށާނެ.


ޚިދުމަތް ހޯދުމަށްޓަކައި ބަލިމީހާ އުފުލަންޖެހޭ ތަކުލީފުތައް، ވީވަރަކުން މަދުކުރުމަކީ، ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއް. އޭގެ ތެރެއިން މޯބައިލް ލެބޯރެޓަރީގެ ޚިދުމަތް މިހާރު މިއަތޮޅުގައިވެސް ފެށިގެން އެދަނީ ކުރިއަށް. ރަށްރަށުން ބަލިމީހުންގެ ސާމްޕަލް ނަގައިގެން، ލެބޯރެޓަރީ ހުންނަ ރަށަށް ގެންގޮސް، ލެބޯރެޓަރީގައި ތަޙުލީލުކޮށް، ބަލިމީހާއަށް އޭގެ ނަތީޖާ ފޯރުކޮށްދިނުން.


އަނެއް ވިސްނުމަކީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް ހަރުދަނާ ކުރުން. މިދިޔަ އާދީއްތަ ދުވަހު، ތަޞްދީޤުކުރި ޤާނޫނުގެ ސަބަބުން، ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމުގައި، ހެލްތު ޕޯސްޓްތަކާއި، ޞިއްޙީ މަރުކަޒުތަކާއި، އަތޮޅު ހޮސްޕިޓަލުތަކުގެ ދައުރު ވަރަށް ބޮޑަށް ފުޅާވެގެން ހިނގައްޖެ. އަދި ޞިއްޙީ ޚިދުމަތް ދިނުމުގައި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުގެ ޒިންމާތައްވެސް އިތުރުވެއްޖެ.


ޤާނޫނީ ގޮތުން މިގެނައި ބަދަލާއެކު، ދައުލަތުގެ ބަޖެޓުން މުސާރަ ދޭގޮތަށް، އަދި ބަޖެޓްވެސް ހަމަޖެހިގެންދާ ގޮތަށް، ކޮންމެ ރަށެއްގައި އަންހެނުންގެ ކޮމިޓީއެއްވެސް އިންތިޚާބު ކުރެވިގެންދާނެ. އެ ކޮމިޓީތަކުގެ އެންމެ މުހިންމު އެއް ޒިންމާއަކީ، އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙީ ޙާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރުން. އަޅުގަނޑު ހިތުން، އެ ކޮމިޓީތައް އިންތިޚާބު ކުރެވި ހިނގައިގަތުމުން، ރަށްރަށުގެ ޢާންމު ޞިއްޙީ ނިޒާމަށް ވަރަށް ހެޔޮ ބޮޑު ބަދަލުތަކެއް އަންނާނެ.


ލާމަރުކަޒީ ޤާނޫނު ބުނާގޮތުން، ރަށްރަށުގައި އަސާސީ ޚިދުމަތްތައް ފުރިހަމައަށް ދިނުމަކީ ކައުންސިލްތަކުގެ ޒިންމާއެއް. އޭގެ ތެރޭގައި އެބަ ހިމެނޭ، ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތްތަކާއި، ޞިއްޙީ ރައްކާތެރިކަމާ ގުޅޭ އަސާސީ ޚިދުމަތްތައްވެސް. ޢާންމު ޞިއްޙަތާ ގުޅިފައި ހުރި އެހެން ޚިދުމަތްތައް، އާދެ، މަގު ކުނިކަހައި ރަށުތެރެ ސާފުކޮށް ބެލެހެއްޓުން، ރަށުގައި އުފެދޭ ކުނި، ރައްކާތެރި ގޮތުގައި ނައްތައިލުން، ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުން، މި ހުރިހާ ކަމަކީވެސް ކައުންސިލްތަކުގެ ޒިންމާއެއް.


ލާމަރުކަޒީ ނިޒާމަށް މި ބަދަލުތައް މިގެނައީ، ރައްޔިތުން އެދޭގޮތަށް ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދިނުމުގެ ސިޔާސަތުގެ ދަށުން. މި ބަދަލުތަކާއެކު އަޅުގަނޑު އެދެނީ، ބަލިވުމުގެ ކުރިން، ބަލިން ދުރުކުރެވޭނެ ޢާންމު ޞިއްޙަތުގެ ރަނގަޅު ނިޒާމެއް، ރަށްރަށުގައި ޤާއިމުކުރުމަށް ކައުންސިލްތަކުން އިސްނަގައިގެން މަސައްކަތްކޮށްދިނުން.


ރަށްރަށުގެ ޢާއްމު ޞިއްޙީ ޚިދުމަތްތެރިން، ޤަވާޢިދުން ގޭގެއަށް ޒިޔާރަތްކޮށް، ވަކިވަކި ފަރުދުންގެ ޙާލުއަހުވާލު ބަލައި، ޞިއްޙީ ގޮތުން ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމަކީ، މިހާރު އަލުން ފަށަންވެފައި އޮތް ކަމެއް. އެކަމަށް ހަރުދަނާ އިންތިޒާމެއް ހަމަޖެއްސުމަށް، ޞިއްޙީ ޚިދުމަތްދޭ އިދާރާތަކަށާއި ކައުންސިލްތަކަށް އަޅުގަނޑު އިލްތިމާސް ކުރަން.


އަޅުގަނޑު އުންމީދު ކުރަނީ، މި ގެނައި މުހިންމު ބަދަލުތަކުގެ ސަބަބުން، ރަށްރަށުގެ ޢާންމު ޞިއްޙީ ނިޒާމު ހަރުދަނާވެގެންދާނެ ކަމަށް. އަދި ރައްޔިތުންނަށް ދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް، މިހާރަށްވުރެ ދުޅަހެޔޮ ދިރިއުޅުމަކަށް ރައްޔިތުންނަށް މަގުފަހިކޮށްދިނުމަކީ، ރާއްޖޭގެ ހުރިހާ ކައުންސިލަރުންނަށް އަޅުގަނޑު ކުރާ ވަރަށް މުހިންމު އިލްތިމާސެއް.


އާދެ، މި ޙަފްލާ ފެށުމުގެ ކުރިން، އަޅުގަނޑު މި ރަށުގެ ކައުންސިލާއި އަދި ދާއިރާތަކުގެ އިސް ވެރިންނާވެސް ބައްދަލުކުރިން. މި ރަށަށް ބޭނުންވެފައި ހުރި ކަންތައްތަކުގެ ވާހަކަ، ދަތިތަކުގެ ވާހަކަ، އެބޭފުޅުން ޙިއްޞާ ކުރެއްވި. އަދި މި ތަނުގައި ފެނިގެން އެދިޔަ ވީޑިއޯއިންވެސް ރަށުގެ، މި ސަރަޙައްދުގެ ޞިއްޙީ ޚިދުމަތްތަކާ ބެހޭގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކުރެވިގެން ހިނގައްޖެ.


އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މި އަތޮޅުގައި ޓާޝަރީ ހޮސްޕިޓަލެއް ހުޅުވިގެންދިޔަ ނަމަވެސް، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ހިތަދޫގައި މިހުރި ޞިއްޙީ މަރުކަޒުން ދެވޭ ޚިދުމަތްތައް، މިއަށްވުރެ ރަނގަޅު ކުރަން އެބަޖެހޭ. މި ދެންނެވީ ކުނަހަންދުއާއި، މާމެންދުއާއި، މާވަށް ހިމެނޭގޮތަށް މި ސަރަޙައްދުގައި ހުރި ހިތަދޫގެ ޞިއްޙީ މަރުކަޒަކީ، މި ހަތަރު ރަށުގެ ރައްޔިތުން ޚިދުމަތް ހޯދަމުންދާ ޞިއްޙީ މަރުކަޒު ކަމަށްވާތީ. އިރާދަކުރެއްވިއްޔާ، މިތަނުންދޭ ޚިދުމަތްތައް، މިއަށްވުރެ އަޅުގަނޑުމެން ރަނގަޅުކުރާނަން.


އޭގެއިތުރުން، މި ރަށާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅައިލުމަކީ، ކެމްޕެއިން ތެރޭގައިވެސް މި ދެ ރަށުގެ ރައްޔިތުން ދައްކަމުންދިޔަ ވާހަކައެއް. މި އަހަރު 2019 ވަނަ އަހަރުގެ ބަޖެޓުގައި އެކަމާ ބެހޭގޮތުން ދިރާސާ ކުރުމަށް ވަނީ ބަޖެޓް ކަނޑައެޅިފައި. އެކަން ބަޔަކާ ހަވާލުކުރެވި، އެ ސަރވޭ ކުރެވެމުން އެދަނީ. އިރާދަކުރެއްވިއްޔާ، އެ ސަރވޭ ނިމުމާއެކުގައި އަޅުގަނޑުމެން މި ދެ ރަށް ގުޅައިލުމުގެ ޢަމަލީ މަސައްކަތް ފަށާނަން.


އަދި މި ރަށަށް ބޭނުންވެފައިވާ އިތުރު ކަންތައްތަކުގެ ވާހަކަވެސް އަޅުގަނޑާ އެބޭފުޅުން މިއަދު ޙިއްޞާކުރެއްވި. އެގޮތުން، ސްޕޯޓްސް އެރީނާގެ ވާހަކައާއި، އިންޖީނުގެ ހުރި ތަނުން ބަދަލުކުރުމުގެ ވާހަކައާއި، ސްކޫލަށް ބޭނުންވާ ކްލާސްރޫމްތަކުގެ ވާހަކަ އަޅުގަނޑާ މިއަދު ޙިއްޞާ ކުރެއްވި. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރުގެ ތެރޭގައި، 2020 ވަނަ އަހަރުގެ ތެރޭގައި، މި ރަށުގެ ސްކޫލަށް ބޭނުންވާ ކްލާސްރޫމްތައް އެޅި، އަދި ސްޕޯޓްސް އެރީނާ ތަރައްޤީ ކުރުމަށް މިހާރުވަނީ ބަޖެޓް ކުރެވިފައި.


އަދި އޭގެއިތުރުން، އަޅުގަނޑު މި ދެންނެވިހެން އިންޖީނުގެއަށް އެ ބޭނުންވާ ބަދަލު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ގެނެސްދޭނަން. އަދި ފެނާއި ނަރުދަމާގެ ނިޒާމަކީ، މި އަހަރު ބަޖެޓް ކުރެވި، ސަރވޭ ކުރެވިގެންދާ ކަމެއް. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރުގެ ތެރޭގައި، 2020 ވަނަ އަހަރުގެ ތެރޭގައި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް، މި ރަށުގައިވެސް ފެށިގެންދާނެ.
ރަށުގެ މަގުތައް ހަލާކުވެފައިވާ ވާހަކަ އަޅުގަނޑާ ޙިއްޞާ ކުރެއްވި. ދާއިމީގޮތެއްގައި މަގުތައް ހެދިގެންދާނީ، އަޅުގަނޑު އެ ބައްދަލުވުމުގައިވެސް ދެންނެވި ފަދައިން، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށްފަހުގައި. އެހެންނަމަވެސް، މިހާރުން މިހާރަށްވެސް އެ ބޭނުންވާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް، އަތޮޅު ކައުންސިލުގެ ފަރާތުން އިރާދަކުރެއްވިއްޔާ އެކަން ތިޔަބޭފުޅުންނަށް ކޮށްދެއްވާނެ. އަޅުގަނޑުމެން އެކަމަށް ބޭނުންވާ އެހީތެރިކަން، ސަރުކާރުން ފޯރުކޮށްދޭނަން.


އާދެ، އަޅުގަނޑު މި ދަންނަވާލީ މި ދާއިރާގެ، މި ސަރަޙައްދުގައި ކުރަންހުރި ތަރައްޤީގެ ބައެއް ކަންތައްތަކުގެ ވާހަކަ.


މިހާރު އަޅުގަނޑުމެން މިދިޔަ ހަފްތާގައި އެ ހުޅުވި ވެބްސައިޓުން ކޮންމެ ރަށެއްގެ ތަރައްޤީއާ ބެހޭގޮތުން ހުރި ޕްރޮގްރާމްތައް، ޕްރޮޖެކްޓްތައް ހިނގަމުންދާވަރު ދުވަހުން ދުވަހަށް ތިޔަބޭފުޅުންނަށް ބަލައިލެވޭނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ފަސް އަހަރު ދުވަހުގެ ތަރައްޤީގެ ޕްރޮގްރާމް، އޭގައި އެއޮތްގޮތަށް، އަޅުގަނޑުމެންވީ ވަޢުދާ އެއްގޮތަށް ފުދިގެންދާތަން، ތިޔަބޭފުޅުންނަށް ކޮންމެ ދުވަހަކުވެސް އަޕްޑޭޓް ލިބޭގޮތަށް މިހާރު އެވަނީ އިންތިޒާމު ކުރެވިފައި. އިރާދަކުރެއްވިއްޔާ، އެ ހުރިހާ ކަމެއް އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ކޮށްދެމުން ގެންދާނަން.


އަޅުގަނޑުގެ ދުޢާއަކީ، ދުޅަހެޔޮ ހަށިހެޔޮ ޞިއްޙަތެއްގެ ފުރިހަމަ ނިޢުމަތް މާތް ﷲ، އެންމެހައި ދިވެހިންނަށް މިންވަރު ކުރެއްވުން. ދިރިއުޅުމުގެ އެންމެހައި ނުރަނގަޅު އާދަތަކާ ދުރުހެލިވުމުގެ ހިތްވަރާއި ޢަޒުމް، އަޅުގަނޑުމެންގެ ހިތްތަކުގައި ސާބިތުކުރައްވައި، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގައި އަޅުގަނޑުމެން ލަހައްޓަވައި، ބާއްޖަވެރި އަމާން ކުރިމަގެއް ރާއްޖެއަށް މިންވަރު ކުރައްވާށި. އާމީން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.