ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ހިތަދޫ ކައުންސިލްގެ މެންބަރުންނާއި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.

ހިތަދޫ ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ހިތަދޫ ކައުންސިލުގެ މެންބަރުންނާއި، މުއައްސަސާތަކުގެ އިސްވެރިން ވަނީ އެތަންތާގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މިގޮތުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި ފެނާއި ނަރުދަމާގެ މައްސަލަތަކާއި ރަށުގެ މަގުތައް ނުހަދާތީ ދިމާވާ ދަތިތަކާއި، ފުލުހުންގެ ޚިދުމަތުގެ ބޭނުންތެރިކަމާއި މަސްވެރިންނަށް އައިސް ހޯދުމާއި ތެޔޮ ހޯދުމުގައި ދިމާވާ ދަތިތައް ފާހަގަކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި، ސްކޫލް އިމާރާތުގެ ޖާގައިގެ އަދި ވަޞީލަތްތަކުގެ ދަތިކަން ޙައްލުކުރުމާއި ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމާއި ކުޅިވަރު ތަރައްޤީކުރުމާ ބެހޭގޮތުން ރަށުގެ މުއައްސަސާ ތަކުގެ އިސްވެރިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ޤާނޫނަށް ގެންނެވި އިޞްލާޙޫތަކުގެ ސަބަބުން ބައެއް ކަހަލަ އިޚްތިޔާރުތައް ކައުންސިލްތަކަށް ލިބިގެންދިޔުމުން ބައެއް މައްސަލަތައް ކައުންސިލްތަކަށް އަމިއްލަޔަށް ޙައްލުކުރެވޭނެކަން ފާހަގަ ކުރައްވާފައެވެ. އަދި ފާހަގަކުރެއްވި ބައެއް މައްސަލަތައް ޙައްލުކުރުމުގައި ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާން ވިދާޅުވިއެވެ.