ދުނިޔޭގެ ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް ކުރިމަތިވާ ނުރައްކާތަކާއި ގެއްލުންތަކާ ގުޅިގެން ރާއްޖެއަށް އިތުރު އެހީތެރިކަމާއި އެއްބާރުލުން ހޯއްދެވުމާބެހޭ ގޮތުން، ނައިބުރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އެމެރިކާގެ ސްޓެންފަރޑް ޔުނިވަރސިޓީގެ އިސްބޭފުޅުންނާ މަޝްވަރާ ކުރައްވައިފިއެވެ. އިއްޔެ ބޭއްވެވި މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތީ، ސްޓެންފަރޑް ޔުނިވަރސިޓީގެ ވުޑްސް އިންސްޓިޓިއުޓް ފޮރ އެންވަޔަރަންމަންޓްގެ ޑިރެކްޓަރ، މިސްޓަރ ބާރޓަން ތޮމްސަންއާއި، ޕްރިކޯ އިންސްޓިޓިއުޓް ފޮރ އެނަރޖީގެ ޑިރެކްޓަރ، މިސްޓަރ ފްރޭންކްލިން އޮރ އާއި، ގްލޯބަލް ކްލައިމެޓް އެންޑް އެނަރޖީ ޕްރޮޖެކްޓްގެ ޑިރެކްޓަރ، މިސް ސެލީ ބެންސަންއާއި އަދި ޕްރިކޯ އެނަރޖީ އެފިޝަންސީ ސެންޓަރުގެ ޑިރެކްޓަރ، މިސްޓަރ ޖޭމްސް ސްވީނީއެވެ.

މި ބައްދަލުކުރެއްވުމުގައި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ ތިމާވެށީގެ މައްސަލަތަކާބެހޭ މަޢުލޫމާތު ނައިބު ރައީސް، ސްޓެންފަރޑް ޔުނިވަރސިޓީގެ ބޭފުޅުންނަށް އަރުވައި، މިކަމާ ގުޅޭގޮތުން އެ ޔުނިވަރސިޓީގެ ފަރާތުން ރާއްޖެއަށް ވެދެއްވިދާނެ އެހީތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގައި މޫސުމަށް އަންނަބަދަލުތައް ދިރާސާކުރާނެ ރިސަރޗް ސެންޓަރެއް ގާއިމުކުރެއްވުމާބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

ސްޓެންފަރޑް ޔުނިވަރސިޓީގެ ބޭފުޅުން ދެއްކެވި ވާހަކައިގައި، މިކަންކަން ކުރިއަށް ގެންދިޔުމުގައި، އެ ޔުނިވަރސިޓީއިން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ރާއްޖެއަށް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޢިމާރާތް ކުރުމުގެ ދާއިރާއިން ތިމާވެށްޓަށް ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ރާއްޖޭގައި ތިމާވެށްޓާ ރައްޓެހި ގޮތަކަށް ޢިމާރާތް ކުރުމުގެ ގަވާއިދުތަކެއް އެކުލަވާލުމުގައި އެ ޔުނިވަރސިޓީގެ އެހީތެރިކަން ފޯރުއްވައިދެއްވާނެ ކަމުގައިވެސް އެބޭފުޅުން ވިދާޅުވިއެވެ.

މީގެއިތުރުން، ތިމާވެށްޓަށް އަންނަ ބަދަލުތަކާގުޅިގެން އުފެއްދޭ އާ ޓެކްނޯލޮޖީއާއި އުފެއްދުންތައް ޓެސްޓްކޮށް، ތަޢާރަފް ކުރާނެ މަރުކަޒެއް ރާއްޖޭގައި ޤާއިމު ކުރުމާބެހޭގޮތުންވެސް ސްޓެންފަރޑް ޔުނިވަރސިޓީގެ ބޭފުޅުން، ނައިބު ރައީސްއާއެކު މަޝްވަރާކުރެއްވިއެވެ.