އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި އާމްދަނީން ޓެކްސް ނެގުމުގެ ބިލަކީ މިއަހަރުގެ ޑިސެންބަރު މަހުގެ 04 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 75 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ބިލަކީ އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކޮށް، އެކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ބިލުގެ ދަށުން ފަރުދުންގެ ޓެކްސް ބިނާކޮށްފައި ވަނީ ޓެކްސް ބިނާކުރެވޭ އާމްދަނީން ފަސް ބްރެކެޓެއްގެ ދަށުން ޓެކްސް ނެގުމުގެ މައްޗަށެވެ. އެގޮތުން ޓެކްސް ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓު 1 ގައި ހިމަނާފައި ވަނީ 720،000 ރުފިޔާއިން ފެށިގެން ދަށުން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން %0 ގެ ޓެކްސް ނެގުމަށެވެ. ދެވަނަ ބްރެކެޓުގައި ހިމަނާފައި ވަނީ 720،000 ރުފިޔާއާއި 1200،000އާ ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭ ނަމަ % 5.5 ޓެކްސް ނެގުމަށެވެ. ތިން ވަނަ ބުރެކެޓުގައި ހިމަނާފައި ވަނީ 1200،000 އާއި 1800،000 އާއި ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭ ނަމަ %8  ޓެކްސް ނެގުމަށެވެ. އަދި ހަތަރު ވަނަ ބުރެކެޓުގައި ހިމަނާފައި ވަނީ 1800،000 އާއި 2400،00 އާ ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭ ނަމަ %12 ޓެކްސް ނެގުމަށެވެ. އެންމެ ފަހު ބުރެކެޓެއްގެ ގޮތުގައި ހިމަނާފައި ވަނީ 2400،000 އަށްވުރެ ބޮޑުނަމަ %15  ޓެކްސް ނެގުމަށެވެ.
މިބިލުގައި ބޭންކުތަކަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން ޓެކްސް ނެގުމަށް ކަނޑައަޅާފައި ވަނީ އެ ބޭންކެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ %25 (ފަންސަވީސް އިންސައްތަ) ގެ ރޭޓުގައެވެ.

ފަރުދުންނާއި ބޭންކުތައް ފިޔަވައި އެހެނިހެން ފަރާތްތަކަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން މި ބިލުގައި ދެ ބުރެކެޓެއްގެ ދަށުން ޓެކްސް ނެގުމަށް ހިމަނާފައި ވެއެވެ. އެގޮތުން ފުރަތަމަ ބުރެކެޓްގައި ހިމެނެނީ 500،000 ރުފިޔާއަށް ވުރެ ދަށުގެ ޓެކްސް ބިނާކުރެވޭ އާމްދަނީން %0  ޓެކްސް ނެގުމެވެ. ދެވަނަ ބުރެކެޓުގައި ހިމެނެނީ 500،000 އިން މަތީގެ ޓެކްސް ބިނާކުރެވޭ އާމްދަނީން  %15ގެ ރޭޓުގައި ޓެކްސް ނެގުމަށެވެ.

މިބިލުގައި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ޓެކްސް ނެގުމަށްވެސް ފަސް ބުރެކެޓެއް ހިމަނާފައިވެއެވެ. އެގޮތުން މަހެއްގެ މައްޗަށް 60،000 ރުފިޔާއިން ފެށިގެން މަތިން ލިބޭ އުޖޫރައިން ޓެކްސް ނެގުމަށް ފަސް ބުރެކެޓެއް ވަނީ ހިމަނާފައެވެ. އެގޮތުން 60،000 ރުފިޔާއިން ފެށިގެން ދަށުގެ އާމްދަނީން ޓެކްސް ހިމަނާފައި ވަނީ %0 ގައެވެ. 60،000 އާއި 100،000ލައްކަ ރުފިޔާއާ ދެމެދުގެ އާމްދަނީން ޓެކްސް ނެގުމަށް ހިމަނާފައި ވަނީ %5.5 އެވެ. 100،000ރުފިޔާއާއި 150،000 ރުފިޔާއާއި ދެމެދުގެ ޢަދަދުގެ އާމްދަނީން ޓެކްސް ނެގުމަށް ކަނޑައަޅާފައި ވަނީ % 8 އެވެ. 150،000 ރުފިޔާއާއި 200،000 ރުފިޔާއާ ދެމެދުގެ އާމްދަނީން% 12 އެވެ. 200،000 ރުފިޔާއިން ފެށިގެން މަތީގެ އާމްދަނީން ޓެކްސް ނަގާނީ %15 އެވެ.

މިބިލުގައި އާމްދަނީ ކަނޑައެޅޭނެ ގޮތްތަކާއި އިސްތިސްނާވާ އާމްދަނީއާ އަދި މި ނޫންވެސް ޓެކްސްއާ ބެހޭ ތަފްޞީލުތައް ހިމަނާފައިވެއެވެ.

މި ޤާނޫނު ހިނގާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތެއްގެ އަދި ރާއްޖޭގައި ވަޒަންވެރިވެފައި ނުވި ނަމަވެސް ރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއް ހިމެނެއެވެ. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމަށް ހަމަޖެހިފައި ވަނީ، އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކުރައްވާފައެވެ.

މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު މިޤާނޫނުގެ ދަށަށް ޓެކްސް ނެގުމުގެ ނިޒާމު ބަދަލުކުރުމުން ވިޔާފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާއި ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނާއި ރާއްޖޭގައި ހިންގާ ޕެޓްރޯލިއަމް ކުންފުނިތަކުން ކުރާ މަސައްކަތުން ޓެކްސް ނެގުމުގެ ޤާނޫނު އުވިގެންދާނެއެވެ. އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އުވިގެންދާ ޓެކްސްތަކުގެ ތެރޭގައި ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގެ ދަށުން ނަގަމުން އައި ޓެކްސްއާއި، އެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގެދަށުން ނަގަމުން އައި ޓެކްސްއާއި، އެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ބ) ދަށުން ނަގަމުން އައި ޓެކްސް ހިމެނެއެވެ. މީގެ އިތުރުން ވަޒީފާއާ ބެހޭ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ނަގަމުން އައި ރެމިޓެންސް ޓެކްސްވެސް މިއާއެކު އުވިގެންދާނެއެވެ.