ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ "ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުމުގެ ދެވަނަ ދުވަހުގެ 4 ވަނަ ސެޝަންގެ މަޝްވަރާތަށް ބާއްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުމަކީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކަށް ކައުންސިލަރުން އަހުލުވެރިކުރުވައި، ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގައި ތަރައްޤީކުރުމާ ބެހޭގޮތުން ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ޙައްލު ހޯދުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދާ މަޝްވަރާ ބައްދަލުވުމެކެވެ.

އުންމީދީ ބަދަލުގެ ނަމުގައި މިއަދު މެންދުރުފަހު ކުރިޔަށް ގެންދިޔަ 4 ވަނަ ސެޝަންގައި ތަފާތު ހަތަރު ކައުންސިލެއްގެ ތަޖުރިބާ ވަނީ ބައިވެރިންނާ ޙިއްޞާކުރައްވާފައެވެ. މި ކައުންސިލްތަކަކީ ބ. މާޅޮހު ކައުންސިލާއި، އއ. އުކުޅަހު ކައުންސިލާއި، ށ. އަތޮޅު ކައުންސިލާއި، ރ. ވާދޫ ކައުންސިލެވެ.

ކައުންސިލަރުން ވަނީ ލާމަރުކަޒީ ޤާނޫނަށް މި އައި އިޞްލާހުތައް ކައުންސިލްތަކުން ބަލައިގަންނަކަމަށާއި، މި އިޞްލާހުތަކުގެ ސަބަބުން ކުރިއްސުރެ ކައުންސިލްތަކުން ތަޙައްމަލުކުރި ގިނަ މައްސަލަތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެނދާނެކަމުގައި ފާހަގަކުރައްވާފައެވެ.