ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު މިއަދު މެންދުރުފަހު ކްރޮސްރޯޑްސް މޯލްޑިސްގައި ފެށިލ "ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުމުގެ ފުރަތަމަ ދުވަސް ކާމިޔާބުކާމާއެކު ނިންމާފިއެވެ.
މިއަދުން ފެށިގެން ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަޝްވަރާ ބައްދަލުވުމަކީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކަށް ކައުންސިލަރުން އަހުލުވެރިކުރުވައި، ލާމަރުކަޒީ ގޮތަށް ރާއްޖެ ހިންގައި ތަރައްޤީކުރުމާ ބެހޭގޮތުން ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ޙައްލު ހޯދުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދާ މަޝްވަރާ ބައްދަލުވުމެކެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާ، އެއްތަނަކުން އެއްފަހަރާ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުވާ މިފަދަ ފުރަތަމަ މަޝްވަރާ ބައްދަލުވުމެވެ. މިއަދުގެ މަޝްވަރާ ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ ދެ ސެޝަނަކަށް ބަހާލައިގެންނެވެ.
މިގޮތުން، ލާމަރުކަޒީ ނިޒާމުގެ އޭރުގެ ޙާލަތާއި، މި ނިޒާމް ހަރުދަނާކުރުމަށް މަސައްކަތްކުރަން ޖެހުނު ސަބަބު ކިޔައިދޭ އުންމީދީ ބަދަލުގެ ނަމުގައި ކުރިޔަށްގެންދިޔަ ފުރަތަމަ ސެޝަން ޗެއަރ ކޮށްދެއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ސެޝަނުގައި ޕެނަލިސްޓުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް މުޙައްމަދު ޝިހާބާއި، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުޞްތަފާ ލުޠުފީ ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ކުރިޔަށް ގެންދިޔަ ދެވަނަ ސެޝަނަކީ ކައުންސިލްތައް ބާރުވެރިވެރިވެގެންދާ ގޮތާއި، ބަޖެޓަށް އަންނަ ބަދަލުތަކާއި، ގޮތް ނިންމުމުގެ ބާރާއި، ވަޞީލަތްތައް ލިބޭ ގޮތާއި، މަޝްރޫޢުތައް ކުރިއަށް ގެންދާ ގޮތުގެ މައްޗަށް ތަންފީޛީ މަރުޙަލާގެ ނަމުގައި ކުރިޔަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަންވެސް ޗެއަރ ކޮށްދެއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ސެޝަނުގެ ޕެނަލިސްޓުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ދެވަނަ ސެޝަނުގައި ކައުންސިލަރުން ވަނީ ޕެނަލިސްޓުންނާއެކު ސުވާލާއި ޖަވާބުގެ ދަންފަޅިއެއްވެސް ކުރިޔަށް ގެންގޮސްފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިގޮތުގައި ލާމާރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލުތަކާއެކު ކައުންސިލަރުންނަށް ޙަވާލުކުރެވޭ އެންމެ ބޮޑު މަސްޢޫލިއްޔަތު ތަކުގެ ތެރޭގައި ކައުންސިލްތަކުގެ ބަޖެޓް އެ ކައުންސިލަކަށް ދޫކޮށްލުމާއި، ތަރައްޤީގެ ގިނަ މަޝްރޫޢުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ދޫކޮށްލުން ހިމެނެއެވެ.