بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

 

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ޔޫ.އެން.ޑީ.ޕީ.ގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ކޯޑިނޭޓަރ އަކީކޯ ފޫޖީ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މި މަޝްވަރާ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި ކައުންސިލަރުން، އަދި ހުރިހާ ބޭފުޅުން؛

 

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

 

[ވިއަވަތި ރާއްޖެ] މަޝްވަރާ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާ އެކުގައި މަރުޙަބާ ދަންނަވަން. މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑަށް ވަރަށްގިނަ ކައުންސިލަރުންނާއި، ކައުންސިލްތަކާ ބައްދަލުކުރެވިއްޖެ. އެބޭފުޅުން ދައްކަވަމުން ގެންދެވި ވާހަކަތައް އަޅުގަނޑު ކަނުލައި އަޑުއަހަމުން ގެންދިޔައީ. ޚިދުމަތް ދިނުމަށްހުރި ދަތިތަކުގެ ވާހަކަ. ބަޖެޓުގެ ދަތިކަމުގެ ވާހަކަ. މިހެންގޮސް އެތައް އެތައް ޝަކުވާތަކެއް އަޅުގަނޑު އަޑުއަހަމުން ގެންދިޔައިން.


މިއަދު މިވަނީ އެ އަޑުތައް އެހުމަށްފަހުގައި އެކަމަށް ޙައްލެއް ގެނައުމުގެ މަސައްކަތް ފެށިފައި. ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރެވި، އަޅުގަނޑާ ހިސާބަށް އައުމުން، އަޅުގަނޑު ހިތަށްއެރީ، މި ޤާނޫނުގައި ލިޔެފައި އޮތް އެއްޗެއް، ކުރަން ބުނެފައި އޮތް ކަމެއް ކުރުމަށްޓަކައި ކައުންސިލަރުންނާ އެކީގައި އަޅުގަނޑުމެން އެބަޖެހެޔޭ ބައްދަލުކުރަން. މިއަދު އަޅުގަނޑުމެން މިތިބީ އެކަން ކުރަން އައިސް. އެހެންކަމުން، މި ބައްދަލުވުން އިންތިޒާމު ކުރުމުގައި އިސްވެ ޙަރަކާތްތެރިވި ހުރިހާ ބޭފުޅުންނަށާއި، އަދި ޚާއްޞަކޮށް، ޔޫ.އެން.ޑީ.ޕީ.ގެ މާލޭ އޮފީހުން ވެދެއްވި އެހީތެރިކަމަށްޓަކައި އަޅުގަނޑު އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން.


އާދެ، މިއަދަކީ، މިއަދަކީ އަޅުގަނޑަށް ވަރަށް އުފާވެރި ދުވަހެއް. ވަރަށް އާދަޔާޚިލާފު އިޙްސާސްތަކެއް ކުރެވޭ ދުވަހެއް. މިއަދަކީ އަޅުގަނޑަށް ވަރަށްބޮޑު ހިތްހަމަޖެހުމެއްވެސް ލިބޭ ދުވަހެއް.


އަޅުގަނޑުމެން ވެރިކަމަށް އަންނަން ރައްޔިތުންނަށްވީ ވަޢުދުތަކުގެ ތެރޭގައިވީ އެންމެބޮޑު އެއް ވަޢުދަކީ، މި ރާއްޖެ ތަރައްޤީ ކުރެވޭނީ ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި ކަމަށް ބުނި ބުނުން. މި ރާއްޖޭގެ ރައްޔިތުންނަށް ހިތްހަމަޖެހިލައިގެން އުފާވެރިކަމާއެކު އުޅެވޭނީ، އަޅުގަނޑުމެންގެ ރަށްތައް ތަރައްޤީ ކުރެވިގެން ކަމަށް ދެއްކި ވާހަކަ. މި ތަރައްޤީ ގެނެވޭނީ، މި ރާއްޖޭގެ ހިންގުން ލާމަރުކަޒީ ކުރެވިގެން ކަމަށް އަޅުގަނޑުމެން ބުނަމުން ގެންދިޔައީ. މިއީ އަޅުގަނޑުމެން އެދުވަހުވީ އެންމެ ބޮޑު، އެންމެ މުހިންމު އެއް ވަޢުދު.


ދާދި ދެންމެ އަޅުގަނޑު ތަޞްދީޤުކުރި ޤާނޫނުން، އަޅުގަނޑު މި ދެންނެވި މުހިންމު މަސައްކަތުގެ ބިންގާ، އެޅިގެން އެދިޔައީ. އާދެ! ފުރިހަމަ މާނައިގައި ދިވެހިރާއްޖެ ލާމަރުކަޒު ކުރުމުގެ މަސައްކަތް ފެށިގެން މިދިޔައީ.
އަޅުގަނޑުމެންނަށް ބުނެވިދާނެ، މީގެކުރިން ދިވެހިރާއްޖެ އޮތީ ލާމަރުކަޒީ ކުރެވިފައޭ. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާނީ، އޭރު އޮތީ ކައުންސިލްތަކުގެ އަތްފައި ބަނދެފައޭ.


މިއަދު މި ތަޞްދީޤުކުރި ޤާނޫނަކީ، ވަރަށް ގިނަ މަޝްވަރާތަކަކާއި، ވަރަށް ގިނަ ދިރާސާތަކަކާއި، އަދި ވަރަށް ގިނަ ތަޖުރިބާތަކަކަށްފަހުގައި އަޅުގަނޑުމެން އެކުލަވައިލި ޤާނޫނެއް. އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިއީ، މި ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ކުރެވުނު ވަރަށް މުހިންމު އިންވެސްޓްމަންޓެއް. މިކަމުގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ހޯދައިދިނުމުގެ ޒިންމާ އެންމެ ބޮޑށް އުފުއްލަވަން ތިއްބެވި ބޭފުޅުންނަކީ ކައުންސިލަރުން.


އަޅުގަނޑު މިއަދުވެސް ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ވެރިކަމުގެ ލައްޒަތާއި ޖާހަތު މަތިކުރުމަށްޓަކައި، ބާރުތައް މުށުތެރެއަށްލުމަކީ، އަޅުގަނޑު ކުރާނެ ކަމެއް ނޫންކަން. ބާރުތައް މުށުތެރެއަށްލުމަކީ، ވެރިކަން ކުރުމަށް ވަރަށް ފަސޭހަގޮތަކަށް ވެދާނެ. އެހެން ނަމަވެސް އެއީ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއް ނޫން. ސަރުކާރު ހިންގުމުގައިވެސް އަޅުގަނޑު މި ގެންގުޅެނީ އެ އުޞޫލު. މިނިސްޓްރީތަކަށް، މިނިސްޓަރުންނަށް ބާރުތައް ދޫކޮށްލައި، މަސައްކަތް ކުރުމުގެ އިޚްތިޔާރު ދިނުން.


ލާ މަރުކަޒީ ޤާނޫނަށް މި ގެނެވުނީ ވަރަށް މުހިންމު ބަދަލުތަކެއް. އޭގެތެރެއިންވެސް އެންމެ މުހިންމު އެއް ބަދަލަކީ، މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރުވުން. ދައުލަތުގެ ބަޖެޓުގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް އެބަ ދެވޭ. ރަށަށް، އަތޮޅަށް އަދި ސިޓީއަށް ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް، ކައުންސިލްތަކަށް އެބަ ދޫކުރެވޭ.


ދެން ފާހަގަކޮށްލެވޭ އަނެއްކަމަކީ، އަންހެން ބޭފުޅުންނަށް މިހާރަށްވުރެ އިތުރު ފުރުޞަތުތައް ހޯދައިދިނުން. ކައުންސިލްތަކުގެ ތިންބައިކުޅައެއްބައި މިވަނީ އަންހެން ބޭފުޅުންނަށް ޚާއްޞަ ކުރެވިފައި. އަޅުގަނޑު ހިތުން މިއީ މި ޤާނޫނަށް ގެނެވުނު ވަރަށް މުހިންމު ބަދަލެއް. ފަސް މެންބަރުންގެ ކައުންސިލަކުން ދެ ގޮނޑި ޙިއްޞާ މި ކުރަނީ އަންހެން ބޭފުޅުންނަށް. ހަތް މެންބަރުންގެ ކައުންސިލަކުންނަމަ، ތިން ގޮނޑި އަންހެން ބޭފުޅުންނަށް އެބަ ރިޒަރވް ކުރެވޭ.


އޭގެއިތުރުން، ކޮންމެ ރަށެއްގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރުމަށްޓަކައި ފަސް އަންހެން ބޭފުޅުންގެ މައްޗަށް އެކުލެވޭ، އަންހެނުންގެ ކޮމިޓީއެއް އެބަ އިންތިޚާބު ކުރެވޭ.


މީގެ ނަތީޖާއަކީ، މީހުން ދިރިއުޅޭ 179 ރަށާއި 3 ސިޓީގައި، 384 އަންހެން ބޭފުޅުން ކައުންސިލްތަކަށް އިންތިޚާބު ކުރެވިގެންދިޔުން. އަދި އަންހެނުންގެ ކޮމިޓީތަކަށް 929 އަންހެން ބޭފުޅުން އިންތިޚާބު ކުރެވުން. މި ޢަދަދުތަކަށް ބަލާއިރު، ދެން ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަކާ ގުޅިގެން ޖުމްލަ 1313 އަންހެން ބޭފުޅުން، އިންތިޚާބީ މަޤާމުތަކުގައި ރަށްރަށުގައި ތިއްބަވާނެ. މިއީ، އިންތިޚާބުކުރާ ޢަދަދު، ފިރިހެން ބޭފުޅުންނަށްވުރެ އިތުރު ޢަދަދެއް. މިއީ މިންތީގެ ހަމަހަމަކަމަށް މި ކުރާ މަސައްކަތުގައި އިޖުތިމާޢީ ގޮތުން ގެނެވުނު ވަރަށް ރަނގަޅު ބަދަލެއް.


ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން، މިއީ ވަރަށް ގިނަ ބަދަލުތަކަކާއެކު، ޢަމަލުކުރަން ފަށާ ޤާނޫނެއް. މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން، ރައްޔިތުންގެ ފައިސާގެ ވަރަށް ބޮޑު ބައެއް، ތިޔަބޭފުޅުންނާ އެބަ ޙަވާލުކުރެވޭ. ރައްޔިތުންގެ ތަރައްޤީއަށް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް ކައުންސިލްތަކާ އެބަ ޙަވާލުކުރެވޭ. ރައްޔިތުންގެ މައްޗަށް ބަސް ބުނެ، ގޮތް ނިންމުމުގެ ބާރު އެބަ ކައުންސިލްތަކަށް ދޫކޮށްލެވޭ.


މިއަދު އަޅުގަނޑުމެން އެއްވެ މިތިބީ، މި ގެނެވުނު ބަދަލުތައް ތަންފީޒު ކުރުމަށްޓަކައި، ކުރަންޖެހޭ ކަންކަމާމެދު މަޝްވަރާ ކުރުމަށް. މި ޤާނޫނު ތަންފީޒު ކުރުމުގައި، ތިޔަބޭފުޅުންގެ ދައުރަކަށް ވާންވާނީ، އެއްވެސް ރައްޔިތަކު ތަފާތުނުކޮށް، ބާކީނުކޮށް، އިންޞާފުވެރިކަމާއެކު ކަންތައްތައް ނިންމަވަމުން ގެންދެވުން. ރައްޔިތުންގެ ފައިސާ ހެޔޮގޮތުގައި ބޭނުންކުރަމުން ގެންދިޔުން.


މީގެކުރިން ތިޔަބޭފުޅުން އަޅުގަނޑާ ބައްދަލުވާ ކޮންމެ ފަހަރަކު، އަޅުގަނޑާ ކުރައްވާ ސުވާލުތަކެއް ހުރޭ. ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންތައްތައް ނުކުރެވިގެން، އެކަމުގެ ޝަކުވާތައް ތިޔަބޭފުޅުން ކުރައްވާ. އެހެން ނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން، އެ ސުވާލުތައް، ދެން އަޅުގަނޑު ކުރާނީ ތިޔަބޭފުޅުންނާ. ކީއްވެގެންތޯ، ރަށުގެ މިވެނި ކަމެއް، އެވެނި ކަމެއް ނުކުރެވި އޮތީ؟ އަޅުގަނޑުމެން ފައިސާ އެބަ ދޫކޮށްލަން. އިޚްތިޔާރާއި ބާރު އެބަ ދޫކޮށްލަން. އެހެންވީމާ، އަޅުގަނޑާ ބައްދަލުވާ ކޮންމެފަހަރަކު، ތިޔައިން ކޮންމެ ބޭފުޅެއްގެ އަރިހު އަޅުގަނޑު ސުވާލުކުރާނަން، ކީއްވެގެންތޯ، މިވެނި ކަމެއް ނުކުރެވި އޮތީ؟


ކައުންސިލަރުންގެ މިފަދަ ބައްދަލުވުމެއް ބާއްވާއިރު، ޤައުމީ ފެންވަރުގައި ވިސްނަންޖެހޭ ވަރަށް މުހިންމު ކަންތައްތަކެއްވެސް އެބަހުރި. އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ، ހަރުކަށި ފިކުރުގައި ހައްދުފަހަނައަޅައި ގޮސްފައިވާ މީހުންގެ މައްސަލަ. މަސްތުވާތަކެތީގެ ވަބާގައި ޖެހި، މުޖުތަމަޢުން އެކަހެރިވަމުންދާ މީހުންގެ ވާހަކަ. ޚާއްޞަކޮށް އެފަދަ ޒުވާނުންގެ ކަންތައްތައް.


ދުނިޔޭގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ރާއްޖެއަށް ކުރިމަތިލާން ޖެހިފައިވާ ނުރައްކަލުގެ މައްސަލަ. މިއީ ހައްތަހާވެސް ޤައުމަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް. މި ކަންތައްތަކަކީ، މި ކޮންފަރެންސްގައި މަޝްވަރާ ކުރެވޭނެ ކަންތައްތައް.


އަޅުގަނޑުގެ އުންމީދަކީ، މި ކޮންފަރެންސްގައި ތިޔަބޭފުޅުން ކުރައްވާ މަޝްވަރާތަކުގެ އަލީގައި، މި މައްސަލަތައް ޙައްލުކުރާނެ ގޮތުގެ ރަނގަޅު ސިޔާސަތުތަކެއް އަޅުގަނޑުމެންނަށް ހޯދިގެން ދިޔުން. މިއީ ރަނގަޅު ނަތީޖާތަކެއް ޙާޞިލުކުރެވޭ، ކާމިޔާބު ކޮންފަރެންސަކަށް ވާނެކަމަށް އަޅުގަނޑު އުންމީދުކުރަން.


އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން، މި ޤާނޫނު ވުޖޫދަށް ގެނައުމުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ވަކިން ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާއަށާއި، އަންޑަރ ސެކްރެޓަރީ އަޙްމަދު ޙަމްދާނަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. އަދި ވަރަށް ޚާއްޞަކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މި ޤާނޫނު ވުޖޫދަށް ގެނައުމަށްޓަކައި ކޮށްދެއްވި ބުރަ، އިޚްލާޞްތެރި މަސައްކަތް އަޅުގަނޑު މިއަދު ފާހަގަކޮށް، އެ ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން.


ރައީސް ނަޝީދު ވިދާޅުވިފަދައިން، މި ފިކުރަކީ އެމް.ޑީ.ޕީ.ގެ ފިކުރެއް. އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫން. މިކަމަށްޓަކައި އެމް.ޑީ.ޕީ. އިން އެކަމަށް ކޮށްދެއްވި ހުރިހާ މަސައްކަތަކަށް، ދެއްވި ހުރިހާ އެއްބާރުލެއްވުމަކަށް އަޅުގަނޑު އެމް.ޑީ.ޕީ.ގެ ލީޑަރޝިޕަށާއި، ހުރިހާ މެންބަރުންނަށް އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން.


އަޅުގަނޑުގެ އެންމެފަހު ބަހަކަށް މިއަދު ދަންނަވާލަން އޮތީ، އަޅުގަނޑުމެންނާ ވަރަށް ކައިރީގައި އެބައޮތޭ، ކައުންސިލްގެ އިންތިޚާބު. ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މިއަދު ކުރާ އިލްތިމާސަކީ، އެ އިންތިޚާބުގައި މެންބަރުން ހޮއްވަވާއިރު، މި ޤާނޫނުގައި މިހުރި އުޞޫލުތައް ޤަބޫލުކުރާ، މި ޤާނޫނު ތަންފީޒު ކުރުމުގައި ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކައުންސިލަރުން އިންތިޚާބު ކުރުމަށް އިސްކަން ދެއްވާށޭ.
މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން ރާއްޖެ ތަރައްޤީ ކުރާނީ، ރައްޔިތުން އެދޭގޮތަށް، ރައްޔިތުންނަށް އިޚްތިޔާރާއި ބާރުތައް ދީގެން.


އަޅުގަނޑުގެ ދުޢާއަކީ، ރައްޔިތުން އެދޭގޮތަށް، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ހެޔޮ ތައުފީޤް، މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ދެއްވުން. މި ޖަޒީރާތަކުގެ ރައްޔިތުންނަކީ، އެބައިމީހުންގެ ކަންކަން އަމިއްލަށް ރާވައި ހިންގުމުގެ ވިސްނުމާއި ކުޅަދާނަކަން ލިބިގެންވާ ބަޔަކު ކަމުގައި ލައްވާށި! އާމީން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.