ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެންމެ ދެކުނުގެ ދެ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ. ހިތަދޫގައި ހުންނަ އައްޑޫ ކޮންވެންޝަން ސެންޓަރުގައި ތަރައްޤީކުރާ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެމަނިކުފާނު އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވައިލެއްވިއެވެ. އަދި، މި ޒިޔާރަތުގައި ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ހޮސްޕިޓަލުގެ ތަރައްޤީއާ ބެހޭގޮތުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދަތުރުފުޅުގައި ދެން ވަޑައިގެންނެވީ ފުވައްމުލައް ސިޓީއަށެވެ. ފުވައްމުލަކަށް ވަޑައިގެން އެމަނިކުފާނު ވަނީ ޏ. އަތޮޅު ހޮސްޕިޓަލުގައި ތަރައްޤީކޮށްފައިވާ ޑަޔަލިސިސް ޔުނިޓު އިފްތިތާޙްކޮށްދެއްވާފައެވެ. މި ޔުނިޓަކީ އެއްފަހަރާ ތިން ބަލިމީހުންނަށް ޑަޔަލިސިސް ޚިދުމަތް ދެވޭގޮތަށް ވަޞީލަތްތައް ޤާއިމު ކޮށްފައިވާ ތަނެކެވެ.