ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ފަންހާމަހާއި ޕްލާސްޓިކު ކޮތަޅު"ގެ ނަމުގައި އީގާން ބަދީއު ބާއްވާ ކޮންޓެމްޕޮރަރީ އާރޓް އެގްޒިބިޝަން މިއަދު ހަވީރު ބައްލަވާލައްވައިފިއެވެ.

މި ހިނގާ ޑިސެމްބަރުމަހުގެ 7 އިން 11 އަށް ނެޝަނަލް އާރޓް ގެލެރީގައި ކުރިޔަށްދާ މި އާރޓް އެގްޒިބިޝަނަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޒިޔާރަތުގައި މައުރަޒުގައި ދައްކާލުމަށް ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވިއެވެ.

މި މައުރަޒުގައި ފެންކުލައިން ކުރަހާފައިވާ 11 ކުރެހުމަކާއެކު ޖުމްލަ 30 ކޮންޓެމްޕޮރަރީ އާރޓް ޕީސް ދައްކާލާފައިވެއެވެ. މިގޮތުން، ބައެއް އާރޓް ޕީސް ތައްޔާރުކުރުމުގައި ޕްލާސްޓިކް ވެސް ވަނީ ބޭނުންކޮށްފައެވެ. މި މައުރަޒުގެ ތީމް ކަމަށްވާ "ފަންހާމަހާއި ޕްލާސްޓިކު ކޮތަޅު" ން ދައްކުވައިދޭ ފަންހާ މަސް ރަމްޒުކޮށްދެނީ ޤުދުރަތީ ރީތިކަމާއި ކަނޑުފަޅުތަކުގެ ދިރުންތަކެވެ. އަދި ޕްލާސްޓިކް ކޮތަޅު ރަމްޒުކޮށްދެނީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ދިމާވެފައިވާ ގޮންޖެހުންތަކެވެ.