ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތް ކުރިޔަށްދާ މިންވަރު ބައްލަވައިލެއްވުމަށާއި، މުވައްޒަފުންނާ ބައްދަލުކޮށްލެއްވުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދެވުމަށް ރާއްވަވާފައިވާ ޕްރޮގްރާމްގެ ދަށުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަމުގެ ނަތީޖާ ފެންނަނީ ސިވިލް ސަރވިސްގެ މުވައްޒަފުން ކުރާ މަސައްކަތުންކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުގެ ވަޢުދުތައް ތަންފީޒުކުރެއްވުމުގައި އެންމެ މުހިންމު އެއް ދައުރެއް އަދާކުރަނީ ސިވިލް ސަރވިސްގެ މުވައްޒަފުންކަމުގައި ވިދާޅުވެ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެޑިއުކޭޝަން މިނިސްޓްރީއިން ފާއިތުވި އަހަރު ރަނގަޅު ނަތީޖާއެއް ނެރުނު ކަމުގައި ވިދާޅުވިއެވެ. އަދި، ކުރިޔަށް އޮތް އަހަރު ވަރަށް ގިނަ މަސައްކަތްކުރަން ހުރި ކަމަށާއި، މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ޙައްލުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައަށް އެދެވޭ ބަދަލު ތަކެއް ގެނައުމަށް ސަރުކާރުން ކުރެވޭނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ ބައްލަވަމުން އަންނަކަމުގައިވެސް ވިދާޅުވިއެވެ.