‎ރާއްޖެއިން ބޭރުކުރާ މަހަށް ރަނގަޅު އަގު ހޯދޭނީ، މަހުގެ އަގާމެދު ބަސްބުނުމުގެ ބާރު އަޅުގަނޑުމެންގެ އަތްމައްޗަށް ނެގިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

‎ދިވެހިން ބާނައި އެކްސްޕޯޓުކުރާ މަހުގެ އަގު ކަނޑައަޅަނީ ބޭރުގެ މަސްކުންފުނިތަކުން ކަމަށާއި މިއީ ބަދަލުކުރެވޭނެ ކަމެއް ކަމުގައި ރައީސުލްޖުމަހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރާއި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތައް ގުޅިގެން މިކަން ޙާޞިލްކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

‎މަސްވެރިކަމުގެ ސިނާޢަތް ކުރިއަރަންވީ ވަރަށް، އެ ސިނާޢަތް ކުރިއަރާފައިނުވަނީ، ވޭތުވެދިޔަ ތަނުގައި އެއްވެސް ސަރުކާރަކުން ރަނގަޅު ސިޔާސަތެއް ކަނޑައަޅައި ތަންފީޒުކުރެވިފައި ނުވާތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ދިވެހިންގެ ދޮށީގެ މަސްވެރިކަމަކީ، ބޮޑު އަގުގައި ވިއްކޭނެ އެއްޗެއް ކަމަށާއި މަސްވެރިކަމުގައި ދިވެހީންނަށް ލިބިފައިވާ ތަޖުރިބާއާއެކު، ރާއްޖެއަކީ އިންޑިޔާ ކަނޑުގެ މަސްވެރިކަމުގެ ސިޔާސަތު ކަނޑައެޅުމުގައި ބަސްބުނެވޭނެ ފަރާތަކަށް ވާންޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

‎މިވެރިކަން ފެށުނުއިރު އުތުރުގެ އަތޮޅުތަކުގައި، ދޮށީގެ މަސްވެރިކަން ވަޅުޖެހެމުން ދިޔައިރު، މަސް ކުންފުނިތަކުގައި މަސްވެރިކަން ތިޔާގި މޫސުމުގައިވެސް މަސް ގަތުމުގެ ޤާބިލްކަން ނެތްކަމަށާއި، މީގެއިތުރުން ފެނާއި ތެލާއި އައިސް ލިބޭނެ ފަސޭހަ އިންތިޒާމް ޤާއިމްކުރެވިފައި ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުގެ ސިޔާސަތަކީ މަސްވެރިކަމަށް އިންވެސްޓުކުރުމަށް އަމިއްލަ ފަރާތްތަކަށް މަގުފަހިކޮށްދީ އެހީތެރިވުމާއެކު، މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މަސައްކަތްކޮށްދިނުމާއެކު ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުގައި ރަނގަޅު އަގުހޯއްދަވައިދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

‎މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް ހާމަކުރައްވަމުން، މަސްގަތުމަށް ކުންފުނިތަކަށް ދީފައިވާ އެކްސްކްލޫސިވިޓީ އުވާލުމުގެ އިތުރުން ލޭނުގެ މަސްވެރިކަން ކުރުމަށް ބޭރުގެ މަސްވެރިންނަށް ލައިސަންސް ދޫކުރުން ހުއްޓާލެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދިވެހިން ބާނާ މަހުން، މަސްވެރި އާއިލާތަކަށް ރަށުގައި ތިބެގެން ލިބޭ ނަފާ އިތުރުކުރުމަށް، މަހަށް ވެލިއު އެޑްކޮށްގެން ރަނގަޅު އާމްދަނީ ހޯދުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ސަރުކާރުން އެހީވެދެއްވާނެ ކަމަށާއި އެކަމަށްޓަކައި މިހާރު އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، އަދި ހުޅުމީދޫގައި ގޭދޮށު މަސް ޕްލާންޓުތައް ބެހެއްޓުމަށް އިންޑިޔާ ސަރުކާރާއެކު އެއްބަސްވެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

‎އައިސް ނުލިބުމުގެ ސަބަބުން މަހުގެ ކޮލިޓީ ހިފެހެއްޓުމަށް ކުރިމަތިވާ ދަތިތައް ނައްތާލުމަށްޓަކައި، ފުވައްމުލަކާއި އދ. މަހިބަދޫގައި އައިސްޕްލާންޓު ޤާއިމްކޮށް، ކ. ގާފަރާއި ރ. މަޑުއްވަރީގައި އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމު ޤާއިމްކުރުމަށް، އެއްވެސް ރަހުނަކާއިނުލާ ލޯނު ލިބޭނެ މަގުފަހި ކޮށްދެވިފައި ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއަހަރުތެރޭގައި ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން ކުރެވުނު މަސައްކަތުން މަހެއްގެ މައްޗަށް 6000 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ހޯދިފައިވާއިރު، މިއީ މި ސަރުކާރުގެ 5 އަހަރުގެ ތެރޭގައި މަހެއްގެ މައްޗަށް 12000 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ހޯދައިދިނުމަށް ވެފައިވާ ވައުދުގެ 50 އިންސައްތަ ޙާޞިލްކުރެވުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

‎މަސްވެރިންނަށް ވިއްކާ ތެލާއި، މަސްދޯނިފަހަރު ބަނުމަށް އެތެރެކުރާ ފައިބަރާއި އިންޖީނާއި ސްޕެއާގެ އިތުރުން މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކުން ނަގާ ޑިއުޓީއަށް ހެޔޮ ބަދަލެއް ގެނެވި، މަސްވެރިންނަށް ފަހި މާހައުލެއް ޤާއިމުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތަފްޞީލަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

‎މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މަސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތްތަކަށް އިނާމު ދެއްވާފައެވެ. އަދި މަސްވެރިކަމުގެ ސިޔާސަތާ ބެހޭ ވީޑިއޯއެއްގެ އިތުރުން މަސްވެރިންނަށް ޑިއުޓީ އިނާޔަތް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ "ފަހި ހަކަތަ" އަދި މަސްވެރިން ބާނާ މަހުގެ ތަފާސްހިސާބު މަސްވެރިކަމާބެހޭ ވުޒާރާއާ ފަސޭހައިން ޙިއްޞާކުރުމަށް ތައްޔާރުކޮށްފައިވާ "ކެޔޮޅު" އެޕްލިކޭޝަނާ ބެހޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް މިރޭގެ ޖަލްސާގައި ދައްކާލާފައިވެއެވެ.

‎މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކިއެކި ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.