بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ދިވެހިރާއްޖޭގެ ހީވާގި މަސްވެރިންނާއި އޮޑިވެރިން، މަސްވެރިކަމުގެ ޞިނާޢަތުގައި ޙިއްޞާވާ އެންމެހައި ބޭފުޅުން، ލޮބުވެތި ރައްޔިތުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


މިއަދު އަޅުގަނޑުމެން މި ފާހަގަކުރާ، މި އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދަށާއި، އެ މިނިސްޓްރީގެ ވެރިންނަށާއި އެންމެހައި މުވައްޒަފުންނަށް މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން. އަދި ރާއްޖޭގެ ހީވާގި މަސްވެރިންނަށާއި، މަސްވެރި ޢާއިލާތަކަށް އަދި މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ހުރިހާ ބޭފުޅުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަން.


ދިވެހި މަސްވެރިކަމަކީ، އެތައް ސަތޭކަ އަހަރެއް ތަޖުރިބާކޮށްފައިވާ ދިވެހިންގެ އިޤްތިޞާދީ ތަރިކައެއް. ނަމަވެސް މިއަދުވެސް އަޅުގަނޑުމެން ދައްކަންޖެހިފައި މިވަނީ، ރާއްޖޭގެ އިޤްތިޞާދަށް، މަސްވެރިކަމުގެ ފައިދާ ފުރިހަމައަށް ނުލިބޭ ވާހަކަ.


ދިވެހިން ބާނާ ކަޅުބިލަމަސް، ފިނިކުރި މަހުގެ ގޮތުގައި، 1970ގެ އަހަރުތަކުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓް ކުރަން ފަށައި، މަސްދޯނިފަހަރުގައި އިންޖީނު އަޅަން ފެށި ހިސާބުން، ދިވެހި މަސްވެރިކަމަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަން ފެށި. ރާއްޖޭގައި އަލަށް ފަތުރުވެރިކަން ފެށުނީ ހަމަ އެދުވަސްވަރު.


ނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، ދިވެހިން މި ރަށްތަކުގައި ވަޒަންވެރިވި ދުވަހުން ފެށިގެން ކުރަމުން އައި މަސްވެރިކަން ފަހަތަށް ޖައްސާލާފައި، އަލަށް އުފަންވި ފަތުރުވެރިކަން، މާ ހަލުވި ދުވެއްޔެއްގައި އިޤްތިޞާދީ ރޭހުގެ ކުރިއަށް އަރައިގެންދިޔަ މަންޒަރު.


އެކަމުގައި އަޅުގަނޑަށް ފެންނަން އޮތީ ހަމަ އެންމެ ސަބަބެއް. އެއީ މަސްވެރިކަމުގެ ޞިނާޢަތުގެ ތެރެއަށް ވަނުމަށް، ޢާންމު ވިޔަފާރިވެރިންނަށް އެކަށީގެންވާ ފުރުޞަތުތައް ފަހިކޮށްނުދީ، ސަރުކާރުން ކޮންޓްރޯލް ކުރަމުން ދިޔުން. މިއަދު އަޅުގަނޑުމެން ކުރިމަތިލާންޖެހިފައި މިވަނީ އެ ސިޔާސަތުގެ ނުރަނގަޅު ނަތީޖާއާ.


ފަތުރުވެރިކަމެކޭ އެއްގޮތަށް އެ ދުވަހު، މި ދެންނެވީ 70ގެ އަހަރުތަކުގެ ތެރޭގައި، މަސްވެރިކަމުގެ ޞިނާޢަތުގައި އިންވެސްޓް ކުރުމުގެ ފުރުޞަތު، އަމިއްލަ ވިޔަފާރިވެރިންނަށް ދިންނަމަ، މިއަދު މި ޞިނާޢަތުވެސް އޮންނާނީ ފަތުރުވެރިކަމާ އެއްވަރަށް، ނުވަތަ އެއަށްވުރެވެސް ބޮޑަށް ތަރައްޤީވެފައި. ނަމަވެސް އެކަމުގެ ހުއްދަ ދޭން ފެށުނީ މާ ފަހުން.


އިޤްތިޞާދީ ޞިނާޢަތްތަކުގައި އިންވެސްޓް ކުރަން އަމިއްލަ ވިޔަފާރިވެރިންނަށް ފުރުޞަތު ދިނުމުގެ ފައިދާ، އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް މިހާރު އެބަ ފެނޭ. އެންސިސް ގުރޫޕްގެ ފަރާތުން، އިއްޔެ ހުޅުމާލޭގައި ހުޅުވި، ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަކީ، އެކަމުގެ ވަރަށް ރަނގަޅު ހެތްކެއް.


ދޯނިފަހަރުގައި އިންޖީނު އަޅަން ފެށި ދުވަސްވަރު، މަސްވެރިކަމުގައި އިންވެސްޓް ކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވައިލިނަމަ، އިއްޔެ އެންސިސް އިން އެ ޤާއިމުކުރިފަދަ، 25 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތައް އެކަންޏެއް ނޫން، އެއަށްވުރެ މާ ބޮޑެތި ކިތަންމެ އިންވެސްޓްމެންޓެއް ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާރު ފެންނަން ހުރީސް.


މި ސަރުކާރުގެ ސިޔާސަތަކީ، މަސްވެރިކަމުގެ ޞިނާޢަތުގައި، އިންވެސްޓް ކުރުމުގެ މަގު، އަމިއްލަ ވިޔަފާރިވެރިންނަށް ވީހާ ބޮޑަކަށް ހުޅުވައިލަދީ، އެކަމުގައި އެހީތެރިވެދިނުން. ސަރުކާރުގެ ދައުރަކަށް ވާނީ، ސިޔާސަތުތައް ކަނޑައެޅުމާއި، މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކޮށްދިނުން. އަދި ރާއްޖޭގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދައިދިނުމަށް މަސައްކަތް ކުރުން.


މި ވެރިކަން ފެށުނުއިރު، މަސްވެރިކަމުގެ ޞިނާޢަތު އޮތީ މާ ރަނގަޅު ޙާލަތެއްގައެއް ނޫން. އުތުރުގެ އަތޮޅުތަކުގައި، ދޮށީގެ މަސްވެރިކަން ދިޔައީ ވަޅުޖެހެމުން. މަސްވެރިކަން ތިޔާގި މޫސުމުގައި، މަސް ގަތުމުގެ ޤާބިލުކަން، މަސް ކުންފުނިތަކަކު ނެތް. ފެނާއި ތެލާއި، އައިސް ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ނެތް.


އަތުނަނުގައި ކުރާ ބޮޑު ކަންނެލީގެ މަސްވެރިކަންވެސް، ކުރިއަރައިގެން އައިއިރު، މި މަސްވެރިކަމަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދެވިފައެއް ނެތް. ބޮޑު ކަންނެލި ގަންނާނެ ކުންފުނިތަކެއްވެސް، އެކަށީގެންވާ ޢަދަދަކަށް ނެތް.


މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ކަޅުބިލަމަހުގެ މަސްވެރިކަން އިންތިހާއަށް ރަނގަޅުވި. ނަމަވެސް މަސް ގަތުމުގައި، 1990ގެ ފަހުކޮޅުގެ އަހަރުތަކުގައި މިފްކޯއަށް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި. އެކަން ޙައްލުކުރުމަށް އޭރު ކުރި ކަމަކީ، ދިވެހިރާއްޖެ 4 ސަރަޙައްދަކަށް ބަހާލައި، އެ 4 ސަރަޙައްދުން މަސް ގަތުމަށް، 4 ކުންފުންޏަކަށް އެކްސްކްލޫސިވް ރައިޓްސް ދިނުން.


ނަމަވެސް، މަސްވެރިކަން ތަރައްޤީވެ ފުޅާވަމުން އައި ނިސްބަތުން، މަސްގަންނަ ކުންފުނިތަކުގެ ކެޕޭސިޓީ އިތުރެއްނުވި. އަދި ބައެއް ސަރަޙައްދުތަކަށް ހުއްދަ ދިން ކުންފުނިތަކުން، އެކަށީގެންވާވަރާ ގާތަށްވެސް، މަސައްކަތެއް ނުކުރި. އުތުރުގެ ދޮށީގެ މަސްވެރިކަން ވަޅުޖެހި، މަސްވެރިންގެ ޝަކުވާތައް ފުނިޖެހެން ފެށީ އެ ހިސާބުން.


އުތުރުގެ އެކުވި ޒޯނަށް ބަލާއިރު، އެ ޒޯނުގައި މިވަގުތު މަސް ގަތުމުގެ އޮޕަރޭޝަނަށް ތައްޔާރުވެފައި އޮތް މިފްކޯގެ، ފްރީޒިން ކެޕޭސިޓީއަކީ 320 މެޓްރިކް ޓަނު. މިއީ މަސްވެރިކަން ފަހި މޫސުމެއްގައި 10 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަވެގެން މިފްކޯއަށް ގަނެވޭނެ މިންވަރު.


އަދި މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން، އެންމެ ބޮޑަށްވެސް މިފްކޯގެ ކެޕޭސިޓީ އިތުރުކުރެވެން އަންނަނީ 420 މެޓްރިކް ޓަނާ ހަމައަށް. ދެކެނުގެ އަތޮޅުތަކަށް ބަލާއިރު، މިހާރު އޮޕަރޭޝަނަލް ފެސިލިޓީތަކުގެ ކެޕޭސިޓީއަކީ 440 ޓަނު. އެހެންކަމުން މިއީވެސް މަސްވެރިކަން ރަނގަޅު ސަރަޙައްދުތަކަށް އެކަށީގެންވާ ވަރަށްވުރެ މާ ކުޑަ މިންވަރެއް.


ރާއްޖޭގައި މިހާރު ޤާއިމުވެފައި ހުރި ޕްރޮސެސިންގެ ފެސިލިޓީތަކަށް ބަލާއިރު، ދުވާލަކަށް ޕްރޮސެސް ކުރެވެނީ 130 މެޓްރިކް ޓަނުގެ ކަޅުބިލަމަސް. އެހެންކަމުން އަހަރަކު 300 ދުވަހު މަސް ފްރޮސެސް ކުރިޔަސް، އިތުރު އިންވެސްޓްމަންޓަކާއި ނުލައި، އަހަރެއްގެ މައްޗަށް ޕްރޮސެސް ކުރެވޭނީ. 39000 ޓަނުގެ މަސް. މުޅި ރާއްޖެއަށް އަހަރަކު 90000 ޓަނުގެ މަސް ބާނާއިރު، އެ މަސް ގަތުމަށާއި، ޕްރޮސެސް ކުރުމަށް އަޅުގަނޑުމެން މިވަނީ ނުކުޅެދިފައި.


މަސްވެރިކަމުގެ ސިޔާސަތަށް އަޅުގަނޑުމެން ގެންނަ އެންމެ ބޮޑު އެއް ބަދަލަކީ، މަސް ގަތުމަށް ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ އުވާލުން. އެކަން ފުރިހަމަކުރުމުގެ ކަންކަން އެ ދަނީ ކުރެވެމުން. މިބަދަލުގެ ސަބަބުން މަސްގަތުމުގެ ފުރުޞަތު އިތުރު ކުންފުނިތަކަށް ހުޅުވި، މަސްވެރިން ބާނާ މަސް، ކަނޑަށް އުކާލަން ނުޖެހި، އާމްދަނީ އިރާދަކުރެއްވިއްޔާ އިތުރުކުރެވޭނެ.


މަސްވެރިންގެ އެންމެ ބޮޑު އަނެއް ޝަކުވާއަކީ، ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމަށް، ބޭރުގެ މަސްވެރިންނަށް ލައިސަންސް ދީފައި އޮތް އޮތުން. މި ވެރިކަން ފެށުނުއިރު، ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމަށް 28 ކުންފުންޏަކަށް އޮތީ ހުއްދަ ދީފައި. އެ ކަމުގައި ޙަރަކާތްތެރިވަނީ ގިނައިން ބިދޭސީން. އެ މަސްވެރިކަމުން ދައުލަތަށް ލިބެނީ އަހަރަކު، އެންމެ 1.9 މިލިއަން ރުފިޔާ.


މިއީ ލޭނުގެ މަސްވެރިކަމުން ދައުލަތަށް ޙައްޤުވާ މިންވަރު ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއްނުކުރެވޭ. އެހެންކަމުން، އަޅުގަނޑުމެން ނިންމީ، މި ދެންނެވި ލޭނުގެ މަސްވެރިކަމަށް، އިތުރަށް ލައިސަންސް ނުދިނުމަށް. ސަރުކާރުގެ އަމާޒަކީ، ދިވެހިންގެ ޙިއްޞާ އިތުރުވާގޮތަށް، ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން، ލޭނުގެ މަސްވެރިކަމުގެ ސިޔާސަތު ބައްޓަންކޮށް، ދިވެހިރާއްޖެއަށް މިކަމުން ލިބޭ އާމްދަނީ އިތުރުކުރުން.


މަސްވެރި ޢާއިލާތަކުގެ ޝަކުވާއަކީ، ރަށުގައި ތިބެގެން ކުރެވޭނެ، މަސްވެރިކަމާ ގުޅުން ހުރި، މަސައްކަތްތައް މަދުވުން. ރަށު ފެންވަރުގައި ވެލިއު އެޑްކޮށްގެން، މަހުން ރަނގަޅު އާމްދަނީ ހޯދުމުގެ ފުރުސަތު ހަނިވުން. މި ޝަކުވާތައް އަޑުއަހައި، ސަރުކާރުން ނިންމާފައި ވަނީ، ރަށު ފެންވަރުގައި މަސްވެރިކަމުގެ އައު އުފެއްދުންތައް ތައްޔާރުކުރުމުގައި އެހީތެރިވެދޭން. މިގޮތުން އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، އަދި ހުޅުމީދޫގައި ގޭދޮށު މަސް ޕްލާންޓް ބެހެއްޓުމަށް، އިންޑިޔާ ސަރުކާރާ އެކު، އެމް.އޯ.ޔޫއެއްގައި މިހާރު ވަނީ ސޮއިކޮށްފައި.


ވޭތުވެދިޔަ އަހަރުތަކުގައި، މަސްދޯނިފަހަރު ހަމައިސްކޮޅަށް ދެމިލައި، ދުވެލިވެސް އެތައް ގިޔަރެއް މައްޗަށް ޖެހިއްޖެ. ނަމަވެސް، އެ ދޯނިތަކަށް ޚިދުމަތް ދޭ ކުންފުނިތަކާއި ބަނދަރުތައް ހުރީ، މީގެ ތިރީހަކަށް އަހަރު ކުރީގެ ފިޔަވަޅުމަތީގައި. ޤާބިލުކަން އިތުރެއްނުވޭ. ވަސީލަތްތައް ތަރައްޤީއެއްނުވޭ.


އެކަށީގެންވާ ވަރަށް، އައިސް ނުލިބުމުން، ބާނާ މަސް ކިރުވާއިރު، މަހުގެ ކޮލިޓީ ދަށްވެ، ބާނާ މަހަށް ރަނގަޅު އަގު ލިބުމަށް އެތައް ހުރަސްތަކެއް ކުރިމަތިވޭ. މިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ފުވައްމުލަކާއި އދ. މަހިބަދޫގައި އައިސް ޕްލާންޓް ޤާއިމުކޮށް، މާލެއަތޮޅު ގާފަރާއި ރ. މަޑުއްވަރީގައި، އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން.


ޒަމާނީ ޓެކްނޮލޮޖީ ހުރިގޮތަށް ބަލާއިރު، ކޮންމެ ރަށެއްގައި އައިސް ޕްލާންޓެއް ނުހެދުނަސް، ކޮންމެ ދޯންޏެއް، ކުޑަކުޑަ އައިސްޕްލާންޓަކަށް ބަދަލުކޮށްލެވެން މިހާރު އެބަހުރި. ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމު ޤާއިމުކުރުމަށް، އެއްވެސް ރަހުނަކާ ނުލައި، ލޯނު ދޫކުރަން މިހާރުވަނީ ފަށާފައި. އެފަދަ ނިޒާމުތައް ޤާއިމުކުރުމަށް، ލޯނަށް އެދުމުގެ ފުރުޞަތު މިއަދު ހުޅުވައިލެވިއްޖެ.


އައިސް އުފައްދާ ނިސްބަތް، 5 އަހަރު ދުވަހުގެ ތެރޭގައި، މަހެއްގެ މައްޗަށް 12000 ޓަނަށް އިތުރުކޮށްދިނުމަކީވެސް އަޅުގަނޑުމެންގެ ވަޢުދެއް. ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި، މި ވަޢުދުގެ 50 އިންސައްތަ މިހާރުވަނީ ޙާޞިލުކުރެވިފައި. މި އަހަރުގެ ތެރޭގައި ސަރުކާރުގެ އިންވެސްޓްމަންޓްތަކާއި، ޕްރައިވެޓް ސެކްޓަރއިން ޤާއިމުކުރި އައިސް ޕްލާންޓްތަކުގެ ސަބަބުން، މަހެއްގެ މައްޗަށް އިތުރު 6000 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ލިބިއްޖެ.


މަސްވެރިން ބާނާ ހުރިހާ މަހެއް، ރަނގަޅު އަގުގައި ވިއްކޭނެ ގޮތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހޯދައިދޭނަން. މަސް ގަންނަން ބޭނުންވާ ފަރާތްތަކަށް، އަޅުގަނޑުމެން އެ ފުރުޞަތު މި ހުޅުވައިލަނީ ވަރަށް މަތިވެރި މަޤްޞަދެއްގައި. މަސްވެރިކަމުގެ ޞިނާޢަތުގައި އިންވެސްޓް ކުރުމަށް ސަރުކާރުން މަގުފަހިކޮށްދޭނަން. މި ބަދަލުތަކާއެކު، މަސްވެރިކަމަށް އިންވެސްޓް ކުރާނެ ފަރާތްތައް އިތުރުވެގެންދާނެ.


މަސްވެރިންނަށް ވިއްކާ ތެލުން، ޑިއުޓީގެ ޢިނާޔަތުގެ ގޮތުގައި ކެނޑި ފައިސާއިން، މަސްވެރިންނަށާއި އޮޑިވެރިންނަށް ފާއިތުވެދިޔަ 2 މަސް ދުވަހުގެ ތެރޭގައި 244,885 ރުފިޔާ ވާނީ ސަލާމަތްކުރެވިފައި. މިޕްރޮގްރާމުގައި މިހާތަނަށް 111 އުޅަނދާއި، ތެޔޮ ވިއްކާ 10 ވިޔަފާރިއެއްވަނީ ބައިވެރިވެފައި.


މަސްދޯނިފަހަރު ބަނުމަށް އެތެރެކުރާ ފައިބަރާއި، މަސްދޯނިފަހަރުގައި އަޅާ އިންޖީނާއި އޭގެ ސްޕެއާޕާޓްސްގެ އިތުރުން، މަސްވެރިކަމުގެ ބައެއް އާލާތްތަކުން ނަގަމުން އައި އިމްޕޯޓް ޑިއުޓީ، 2020 ވަނަ އަހަރުން ފެށިގެން ކަނޑައިލެވޭނެ. މިގޮތުން މަޢާފްކުރެވޭ ޑިއުޓީގެ ސަބަބުން، އެކުވި ގޮތެއްގައި މަސްވެރިންނާއި އޮޑިވެރިންގެ އަތުން 85 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްވާނެ ކަމަށް އަންދާޒާކުރެވޭ.


އައްޑޫ ސިޓީގެ ހުޅުމީދޫ ފަޅު ފުންކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން. އައްޑޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސް ބޭނުންކުރެވޭނެގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ. އަދި ފީނުމުގެ ތެރޭގައި ދިމާވާ މައްސަލަތަކަށް ފަރުވާކުރުމަށް، އައްޑޫގައި ހަދާ ޗެމްބަރުގެ ޚިދުމަތް، އަންނަ އަހަރު ކުރީކޮޅު ލިބެން ފަށާނެ.


ކަނޑުއޮތްގިރި އަދި ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް އަދި ޕްރޮސެސިންގ ކެޕޭސިޓީ އިތުރުކުރުމަށް، އަންނަ އަހަރުގެ ބަޖެޓްގައިވާނީ ހިމަނާފައި. އަދި މަސްވެރި ރަށްރަށުގައި މަސް ގުދަންކުރެވޭނެ ކޯލްޑް ސްޓޯރޭޖްތައް ހެދުމުގެ މަސައްކަތްވެސް މި އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ.


މިއަހަރަކީވެސް، ދިވެހި މަސްވެރިކަމުގެ ވަރަށް ފާގަތި އަހަރެއް. މިފްކޯގެ ތާރީޚުގައިވެސް މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް މަސް ގަނެފައިވަނީ މި އަހަރުގެ ތެރޭގައި. އެހެންކަމުން، ފެލިވަރު އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް، އަންނަ އަހަރުގެ ތެރޭގައި ކުރެވޭނެ.


މަސްވެރިކަމުގެ ޞިނާޢަތު ކުރިއަރަންވީވަރަށް ކުރިނާރައި މިހާ ދުވަހު މިއޮތީ، ވޭތުވެދިޔަ ތަނުގައި އެއްވެސް ސަރުކާރަކުން ރަނގަޅު ސިޔާސަތެއް ކަނޑައަޅައި ތަންފީޒުކޮށްފައި ނެތީމަ. ދިވެހި މަސްވެރިކަމުގެ ބާވަތާއި، ދިވެހިންގެ ތަޖުރިބާއަށް ބަލާއިރު، އަޅުގަނޑުމެން މިއަދު ތިބެންޖެހޭނީ، އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ ސިޔާސަތު ކަނޑައެޅުމުގައި ބަސް ބުނެވޭ ބައެއްގެ ގޮތުގައި.


އެހެންނަމަވެސް، މިހާރު މިވާގޮތަކީ، ބަޔަކު ކަނޑައަޅާ ސިޔާސަތުތަކެއް އަޅުގަނޑުމެން މި ޖެހެނީ ތަންފީޒުކުރަން. މިކަން އެބަޖެހޭ ބަދަލުކުރަން. މިކަން ކުރެވޭނީ، ސަރުކާރުގެ ސިޔާސަތުތައް ބަދަލުވެގެން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެކަން ކުރާނަން.


ރާއްޖެއިން އެކްސްޕޯޓް ކުރާ މަހަށް ރަނގަޅު އަގު ހޯދަން ބޭނުންނަމަ، މަހުގެ އަގާމެދު ބަސް ބުނުމުގެ ބާރު، އަޅުގަނޑުމެންގެ އަތްމައްޗަށް ނަގަންޖެހޭ. މިހާރު ކަން އޮތީ އެހެނެއް ނޫން. ދިވެހިން ބާނައި އެކްސްޕޯޓްކުރާ މަހަށް އަގު ކަނޑައެޅުމުގެ އިޚްތިޔާރު މިހާރު އޮތީ، މަސް ގަންނަ ބޭރުގެ ކުންފުނިތަކުގެ އަތްމަތީގައި. މިއީވެސް ބަދަލުކުރެވޭނެ ކަމެއް. ދިވެހިންގެ ދޮށީގެ މަސްވެރިކަމަކީ، ބޮޑު އަގުގައި ވިއްކޭނެ އެއްޗެއް.


މާތް ﷲގެ ވާގިފުޅާއެކު، ރާއްޖެއިން އެކަން ޙާޞިލުކުރާނީ، ސަރުކާރާއި މަސްވެރި ޞިނާޢަތުގައި ޙަރަކާތްތެރިވާ އަމިއްލަ ވިޔަފާރިވެރިން ގުޅިގެން.


އަޅުގަނޑުގެ ދުޢާއަކީ، ދިވެހި މަސްކަނޑުތަކުގެ ފުރިހަމަ ނަފާ ހޯދުމުގެ ހެޔޮ ތައުފީޤް، މާތް ﷲ އަޅުގަނޑުމެންނަށް މިންވަރުކުރެއްވުން. މަސްވެރިކަމުގެ ސިޔާސަތަކީ ކާމިޔާބު އަދި ފައިދާހުރި ސިޔާސަތެއް ކަމުގައި ލައްވައި، ދިވެހި މަސްވެރިންގެ އަތްމަތި ތިޔާގިވެ، ފުދުންތެރި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ނަސީބު، އެންމެހައި ދިވެހި ރައްޔިތުންނަށް މިންވަރު ކުރައްވާށި! އާމީން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.