بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މިއަދު ކާމިޔާބީ ހޯދައި މި ތަނުގައި މި ތިއްބެވި އަޅުގަނޑުމެންގެ އެތުލީޓުންނާއި ކުޅުންތެރިން، ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއަދަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ވަރަށްވެސް ފަޚުރުވެރި، އުފާވެރި ދުވަހެއް. ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ވަރަށް ކާމިޔާބީ ދުވަހެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރާނީ. ސައުތު އޭޝިއަން ގޭމްސްގައި އެތުލީޓަކު ރަން މެޑެއްޔެއް ހޯދި ފުރަތަމަފަހަރު މިއީ. މި ސަރަޙައްދުގައި ބޭއްވޭ އެންމެބޮޑު މުބާރާތް. ގާތްގަނޑަކަށް 1.7 ބިލިއަން މީހުން ދިރިއުޅޭ ސަރަޙައްދަކުން މިވަގުތު މި ސަރަޙައްދުގައި ހުރި އެންމެ ބާރު ދުވުންތެރިޔާގެ ގޮތުގައި މިހުރީ ރާއްޖޭގެ އެތުލީޓެއް. އެކަމަށްޓަކައި، ސާޢިދު އަޅުގަނޑުމެންނަށް އެ ހޯއްދަވައިދެއްވި ފަޚުރަށްޓަކައި އަދިވެސް އެއްފަހަރު ވަރަށްބޮޑަށް މަރުޙަބާ ކިޔަން.

އާދެ، ބައެއް ސިޔާސީ ވާދަވެރިން އަޅުގަނޑުމެންނާ ދިމާއަށް ބުނޭ، މި ސަރުކާރަކީ ހަމައެކަނި ކުޅިވަރު ކުޅޭ ސަރުކާރެކޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ކުޅިވަރަށް މި ސަޕޯޓް ކުރަނީ، އެހީތެރި މިވަނީ ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައެއް ނޫނޭ. މިއީ ޒުވާނުންނަށް، ޤައުމަށް ފައިދާހުރި ކަމަކަށްވާތީ، ބޭރުގައި އިޝްތިހާރު ކުރުމާއި، އަދި އޭގެއިތުރުން، އެންމެން އެކުގައިވާ އެއްޗެއްގެ ގޮތުގައި ކުޅިވަރު އަޅުގަނޑުމެންނަށް ފާހަގަވޭ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައިވެސް ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަޅުގަނޑު މި އަރުވަނީ، ސަރުކާރުން ވެދޭ އެހީތަކާއި، ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް، ހުރިހާ ކުޅިވަރަކަށް، ތަފާތުކުރުމެއްނެތި އަޅުގަނޑުމެން ދޭނެ ވާހަކަ.

މިއަދު އަޅުގަނޑުމެންނާ އެކީގައި މިތިބީ ކުޅުންތެރިޔާ ސާޢިދާއި، ޓޭބަލްޓެނިސް ޓީމު އެކަނި. އެހެންނަމަވެސް، މަޚްލޫފުވެސް ދެންމެ ވިދާޅުވިފަދައިން، މި މުބާރާތުގައި ވަނަތައް ހޯދި، މެޑެލް ހޯދި، އެހެން ކުޅުންތެރިން އެބަތިބި. ބާސްކެޓް ޓީމް، އަންހެން ފުޓްބޯޅަ ޓީމް އަދި އަޅުގަނޑުމެންނަކާ ބައްދަލެއްނުކުރޭ. އެ ހުރިހާ ބޭފުޅުންނަށްވެސް، އެ ހުރިހާ ކުޅުންތެރިންނަށްވެސް އަޅުގަނޑުމެން އިޚްލާޞްތެރިކަމާ އެކުގައި މަރުޙަބާ ކިޔަން.

އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުންވާ އެއްކަމަކީ، އަޅުގަނޑަށް މިއަދު އެބަ ފެނޭ، އަންހެން އެތުލީޓުން، އަންހެން ކުޅުންތެރިން އިތުރު ކާމިޔާބުތައް ހޯދަމުންގެންދާ ތަން. ޓޭބަލްޓެނިސް ކަމަށްވިޔަސް، ބެޑްމިންޓަން ކަމަށްވިޔަސް، ބާސްކެޓް ކަމަށްވިޔަސް، އަދި ފުޓްބޯޅަ ކަމަށްވިޔަސް، މިއަދު ފާހަގަވެގެން މިދަނީ އަންހެން ކުޅުންތެރިން އިތުރު ކުރިއެރުންތަކެއް ހޯދަމުންދާ ތަން. އަޅުގަނޑުމެން މިތިބީ ޖިންސެއް ތަފާތުކުރުމެއްނެތި، ކުރިންވެސް ދެންނެވި ފަދައިން، ހުރިހާ ކުޅުންތެރިންނަށް، ހުރިހާ އެތުލީޓުންނަށް އެހީތެރިވެދޭން ތައްޔާރަށް.

މި ވަނަތައް ހޯދުމުގައި ޢާއިލާއިންވީ ޤުރްބާނީއާއި، އެސޯސިއޭޝަންތަކުން ކޮށްދެއްވި މަސައްކަތާއި، ސްޕޯޓްސް މިނިސްޓްރީ އިން އެ ކުރެއްވި ބުރަ މަސައްކަތް އަޅުގަނޑު އިޚްލާޞްތެރިކަމާ އެކުގައި ފާހަގަކުރަން. މަޚްލޫފް އެ ވިދާޅުވިފަދައިން، ކުރިއަށް އޮތް މުބާރާތްތަކުގައި މިއަށްވުރެ ރަނގަޅު ކާމިޔާބީ ހޯދުމަށްޓަކައި ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮށްދޭނަން.

އަޅުގަނޑު ކުރިން ދެންނެވި ފަދައިން، ކާމިޔާބެއް ހޯދުމަށްޓަކައި ކޮންމެހެން އެއީ ބޮޑު އާބާދީއެއް އޮންނަ ތަނަކަށްވާކަށްނުޖެހޭ. ބޮޑު ޤައުމަކަށްވާކަށްނުޖެހޭ. މިއަދު އަޅުގަނޑުމެން މިތިބީ އެކަން ސާބިތުކޮށްދީގެން. ބޭނުންވަނީ ރަނގަޅު ޕްލޭނެއް އޮވެގެން ކުރިއަށް ދިޔުން. ރަނގަޅު ޓްރޭނިންގ ހޯދައިދިނުން. ފެސިލިޓީޒްތައް އިތުރުކޮށްދިނުން. އަޅުގަނޑަށް އެނގޭ، ރާއްޖޭގެ އެކި ސްޕޯޓްސްއަށް އެންމެ ބޭނުންވާ ފެސިލިޓީޒްތައް އަދި ރާއްޖޭގައި ނެތްކަން. އެހެންނަމަވެސް، އަޅުގަނޑުމެން މިގެންދަނީ އެކަންތައްތައް ކުރުމަށްޓަކައި މަސައްކަތް ކުރަމުން. އަދި ރަނގަޅު ޓްރޭނިންގ ހޯދުމަށްޓަކައި ބޭނުންވާ ކޯޗުންނާއި، ތަމްރީނުދޭނެ ފަރާތްތައް ހޯދައި، އަދި ބޭރަށް ފޮނުވަންޖެހޭ ކަމަށްވަންޏާ، އެ ކަންތައްތައްވެސް ކޮށްދެމުން.

މީގައި ކާމިޔާބު ހޯދުމަށްޓަކައި އަޅުގަނޑު ތިޔަ ކުދިންނަށް ދޭންއޮތް ނަޞޭޙަތަކީ، ކާމިޔާބު ހޯދުމަށްޓަކައި އެންމެ މުހިންމު، އެންމެ ބޭނުންވާ އެއްޗަކީ އަޚްލާޤު. ޑިސިޕްލިން. ރަނގަޅަށް ޓްރެއިން ކުރުމުގައިވެސް ބޭނުންވަނީ ޑިސިޕްލިން. އެ ނެތިއްޔާ، ކިތަންމެ ހުނަރެއް ހުރި ކުއްޖެއްވިޔަސް، އެއަކުން ކާމިޔާބާ ހިސާބަކަށް ނުދެވޭނެ. އަޅުގަނޑުމެންގެ ތެރޭގައި ފެނިފައި އެބަހުރި، ވަރަށް ހުނަރުވެރި ކުޅުންތެރިން. ވަރަށް ހުނަރުވެރި އެތުލީޓުން. އެހެންނަމަވެސް، ވަކި ހިސާބަކުން ކުޅިވަރާ ދުރަށްދާންޖެހެނީ، އެ ކުދިންގެ އަޚްލާޤު ހުންނަގޮތުން. ޑިސިޕްލިން ރަނގަޅަށް ނުހިފެހެއްޓުމުން.

އެހެންވީމާ، ރަނގަޅަށް ޓްރެއިން ކުރުމާއި، ރަނގަޅަށް ޞިއްޙަތު ސަލާމަތުން ބެހެއްޓުމާ، މިއީ ކުޅިވަރެއްގައި އެންމެ ބޭނުންތެރި، އެންމެ މުހިންމު ދެ ކަންތައް. ހަމައެއާއެކީގައި، ކޯޗުން ދޭ ޓްރޭނިންގތައް، ތަމްރީނުތައް، ރަނގަޅަށް ކަނުލައި އަޑުއަހައިގެން ކުރިއަށް ދިޔައިމަ، އަޅުގަނޑު ހިތުން މިއަށްވުރެ ރަނގަޅު ކާމިޔާބީ އަޅުގަނޑުމެންނަށް ހާސިލު ކުރެވޭނެ.

އަދިވެސް އެއްފަހަރު، އަޅުގަނޑުމެންގެ މެޑެލިސްޓުންނަށް ވަރަށް ބޮޑަށް ފަށްފަށުން މަރުޙަބާ ކިޔަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.