بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އަލްފާޟިލާ އާމިނަތު އީނާސް، ދައުލަތުގެ ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ބައިނަލްއަޤްވާމީ ފެންވަރުގައި ކޮންމެ އަހަރެއްގެ މި ދުވަސް، އާދެ، ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް، ފާހަގަކުރަމުން މި އަންނަނީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ގޮތުގައި. އަދި މިއަދަކީ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށް 16 އަހަރު ފުރޭ ދުވަސް. އެހެންކަމުން، މި އުފާވެރި މުނާސަބަތުގައި، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންނަށާއި، ކޮމިޝަންގެ މުވައްޒަފުންނަށް، އަދި ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، ތަހުނިޔާ އާއި ހެޔޮއެދުންތައް އަޅުގަނޑު އަރިސްކުރަން. އަދި އިންސާނީ ޙައްޤުތަކުގެ ޙިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކަށް އަދި ވަކިވަކި ފަރުދުންނަށްވެސް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަން.

ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް، މީގެ 16 އަހަރު ކުރިން ޚާއްޞަ ކޮމިޝަނެއް އުފެއްދީ ވަރަށް މުހިންމު ބޭނުމެއްގައި. ނަމަވެސް މިދިޔަ އަހަރުތަކުގައި، ތަފާތު އެތައް ސަބަބުތަކަކާހުރެ، އެ ކޮމިޝަންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަގޮތުގައި އަދާކޮށްފައިވެޔެކޭ ދެންނެވޭކަށް ނެތް. އެއީ ސަރުކާރު ހިންގާ ފަރާތުގެ ނުފޫޒާއި ނުރަނގަޅު ބާރު އެ ކޮމިޝަނުގެ މައްޗަށް އޮތް އޮތުން ކަމަށްވުމަކީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް، މިއަދު ކޮމިޝަނުގެ ހުރިހާ މެންބަރުންނަށާއި، ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޔަޤީންކޮށް މި އަރުވަނީ، މި ސަރުކާރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ފުރިހަމައަށް އެއްބާރުލުންދީ، އެހީތެރިވެ، މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ދޭނެ ވާހަކަ.

ޢާންމު ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަކީ، ދައުލަތުގެ އެންމެ މަތީ ޒިންމާކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން. ދައުލަތެއް ހިނގަނީ ސަރުކާރެއްގެ ބެލުމުގެ ދަށުން ކަމަށްވާއިރު، އެއިރަކު އޮންނަ ސަރުކާރަކުން ޤާނޫނުއަސާސީއާ ޚިލާފުވެ، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤުތަކާމެދު އިހުމާލުވާނަމަ، އިންސާނީ ޙައްޤުތައް ނެގެހެއްޓޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް، ޢާންމު ރައްޔިތުންނަކަށް ނޯންނާނެ.

މި ސަރުކާރުން ރައްޔިތުންނަށް ދޭ ޔަޤީންކަމަކީ، ދިވެހި ދައުލަތުގެ ކޮންމެ ފަރުދަކަށް، އެއްވެސް ތަފާތުކުރުމެއް، އެއްވެސް އިސްތިސްނާއެއް ނެތި، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި ޙައްޤުތައް ޙިމާޔަތްކޮށްދީ ރައްކާތެރިކޮށްދޭނެކަން. އެކަން ކުރުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކާއި، ރާއްޖޭގެ ޝަރުޢީ ނިޒާމު އިޞްލާޙުކޮށް، ހިންގުން ހަރުދަނާކުރަންޖެހޭ.

މި ދެންނެވި މަގަށް ދައުލަތުގެ ހިންގުން މިސްރާބު ކުރުމަށް، މި ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ މިހާރުވެސް ފެންނަން ފަށައިފި. މި ދެންނެވި ފިޔަވަޅުތަކުގެ ސަބަބުން، ދައުލަތުގެ ޝަރުޢީ ދާއިރާއާއި، މިނިވަން މުއައްސަސާތައް، ޒިންމާއާ އެއްގޮތަށް ޚިދުމަތްދީ، ދުސްތޫރީ އަދި އަސާސީ ޙައްޤުތައް ނެގެހެއްޓުމުގެ ޤާބިލުކަން އަންނަނީ އިތުރުވަމުން.

މި ވެރިކަމާ ރާއްޖެ ކުރިމަތިލިއިރު، ރާއްޖޭގައި އަށަގަންނަމުންދިޔަ ޘަޤާފަތަކީ، އާރާއި ބާރުގައި ތިބެ، ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމަށްފަހު، އެއްވެސް އަދަބަކާ ކުރިމަތިލާން ނުޖެހި، އެކަންކަމުން ބޯދަމައިގަތުން. މި ސަރުކާރުގެ އިންތިޤާލީ ޢަދާލަތުގެ ތެރެއިން، އަޅުގަނޑުމެން މި އަންނަނީ، މި ދެންނެވި ނުބައި ޘަޤާފަތް، ރާއްޖެއިން ނައްތައިލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން.

މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ، އިންސާނީ ޙައްޤުތަކުގެ އެންމެ އިސް ޙައްޤު ކަމުގައިވާ، ދިރިހުރުމުގެ ޙައްޤު ޙިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް. ސަރުކާރުގެ މުޅި ވިސްނުން ހުއްޓިފައި ހުރީ، މި ރަށްތަކުގެ އަހުލުވެރިންނަށް ޖަޒީރާވަންތަ ދިރިއުޅުމެއްގެ އުފާވެރިކަން އިޙްސާސްކުރެވޭ ފަދަ އަމާން ވެށްޓެއް މި މުޖްތަމަޢުގައި ޤާއިމުކުރުމަށް.

ޢާންމު އިޖުތިމާޢީ ހަމަތަކުން ބަލާއިރު، ކޮންމެ މީހަކަށްވެސް ބޭނުންވާ އެންމެ އަސާސީ އެއް ޙައްޤަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން. އެއީ ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޙައްޤެއް. ނަމަވެސް، މިދިޔަ ސަރުކާރުގެ ވަކި ހިސާބަކުން އަބުރުގެ ޤާނޫނެއް ފާސްކޮށް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު އޮތީ، ކަސްތޮޅު އަޅުވާފައި.

އަޅުގަނޑު ދެކޭގޮތުގައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދިނުމަކީ، ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް ރައްޔިތުންނަށް ހެޔޮއެދިގެން ވެރިކަން ކުރާ އެއްވެސް ސަރުކާރެއް ޖެހިލުންވާންޖެހޭ ކަމެއް ނޫން. ހަމަ ގައިމުވެސް އަޅުގަނޑަކަށް އެއީ ބިރެއް ނޫން.

މި މަޤާމާ ޙަވާލުވުމަށްފަހު، އެންމެ ފުރަތަމަ އަޅުގަނޑު ތަޞްދީޤު ކުރި ބިލަކީވެސް، އަބުރުގެ ޤާނޫނު އުވައިލުމުގެ ބިލް. ބޭނުމަކީ، ޤާނޫނުއަސާސީގެ އިމުގެ ތެރޭގައި، ޚިޔާލު ފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހިފައިގެން، އެއްވެސް މީހަކު ޤާނޫނީ އަދަބަކާ ކުރިމަތިލާން ނުޖެހޭނެކަން ކަށަވަރުކޮށްދިނުން.

އަޅުގަނޑުމެން މިތިބީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީގެން. ނޫސްވެރިކަމުގެ މިނިވަންކަންވެސް މިއޮތީ ދޫކޮށްލާފައި. ސަރުކާރުން ކުރާ ކޮންމެ ކަމަކަށް އަދި ބުނާ ކޮންމެ ބަހަކަށް، މީޑިއާތަކުގަޔާއި، ސޯޝަލް މީޑިއާގައިވެސް އެ އަންނަނީ ފާޑުކިޔައި ޚިޔާލު ފާޅުކުރަމުން. އެއީ އަޅުގަނޑަށްވެސް އަދި މި ސަރުކާރަށްވެސް ލިބޭ ހިތްވަރެއް. އަދި ދައުލަތުގެ ޒިންމާތަކާ ޙަވާލުވެގެން ތިބޭ މީހުން ޒިންމާދާރުވުމަށް އެޅޭ ވަރަށް ބޮޑު ބާރެއް.

ޚިޔާލު ފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަން ހިފަހައްޓާފައި އޮތްއިރު، އަބަދު އަޑުއިވެނީ، ސަރުކާރުން ނުޙައްޤުން އަނިޔާކުރާ ވާހަކަ. މީހުންގެ ޙައްޤުތައް ނިގުޅައިގަންނަ ވާހަކަ. ނަމަވެސް، މިހާރު ޚިޔާލު ފާޅުކުރަމުން ދަނީ ޤައުމުގެ ކަންކަން ބިނާކުރުމަށް. މިހާރު ދައްކަނީ، ކުރިން ގޯސްކޮށް ހިނގަމުން އައި ކަންކަން އިޞްލާޙް ކުރުމުގެ ވާހަކަ.

އިންސާނީ ޙައްޤުތަކުގެ ވާހަކަ ދައްކާއިރު، މިންތީގެ ހަމަހަމަކަމުގެ ވާހަކަ އަޅުގަނޑުމެން ވަރަށް ހަރުއަޑުން ދައްކަންޖެހޭ. އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކޮށް، މުޖުތަމަޢުގައި އަންހެނުން ބާރުވެރިކޮށް، ޙައްޤު މަޤާމު ހޯދައިދިނުމަކީ، މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. ސަރުކާރުގެ ސިޔާސަތު ބިނާކޮށްފައިވާނީ އެކަމަށް އިސްކަންދީގެން.

ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން ޢައްޔަނުކުރީ އަޅުގަނޑުމެން. ލޯކަލް ކައުންސިލްތަކުގެ، ތިންބައިކުޅަ އެއްބައި އިންސައްތަ، އަންހެނުންނަށް ޚާއްޞަ ކުރެވިއްޖެ. މި ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންގެ 35 އިންސައްތައަކީ، އަންހެން ބޭފުޅުން. މިކަންކަމުން އެނގެނީ، ދައުލަތުގެ މަތީ މަޤާމުތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް، ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މި ސަރުކާރުން ދޭ ސަމާލުކަން.

ހަމައެފަދައިން، ވިހައިގެން އުޅޭ މައިންނަށް، ލިބޭ ޗުއްޓީ 6 މަހަށް އިތުރުކޮށްދެވިއްޖެ. މި ބަދަލުގެ ސަބަބުން، ޅަދަރިމައިން އުފުލަންޖެހޭ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިއްޖެ. އަދި ޢާއިލާއެއް ބިނާވާން ފެށުމުން، ވަޒީފާއާއިގެން ކުރިއަށް ދާނީތޯ، ނުވަތަ ދަރިފުޅު ބަލަން ގޭގައި އިންނާނީތޯ، މިކަމާމެދު ކުރަންޖެހޭ ފިކުރުތައް، ކޮންމެވެސްވަރަކަށް އަންހެނުންނާއި ޢާއިލާތަކަށް ދުރުކޮށްދެވިއްޖެ.

އިންސާނާގެ ޙައްޤުތައް ފެށޭ އިމަކީ، މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަންނަ ވަގުތު. އެ ދަރިފުޅު އުފަންވުމާއެކު، ޢާންމު އިންސާނުންނާ ޚިލާފަށް، ކުޑަކުއްޖެއްގެ ޙައިޘިއްޔަތުން، އެދަރިފުޅަށް ލިބެންޖެހޭ އެތައް ބައިވަރު ޙައްޤުތަކަކާއި ޢިނާޔަތްތަކެއް ހުރޭ. އޭގެ ތެރެއިން އެންމެ މުހިންމު ޙައްޤަކީ، ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއްގައި ހެދި ބޮޑުވުމުގެ ޙައްޤު.

ޅަފަތުގަޔާއި އެކި ޢުމުރުފުރާތަކުގައި ޖަހަންޖެހޭ ވެކްސިންތައް ކުދިންނަށް ދިނުމަކީ، މި ދެންނެވި ޙައްޤު ކަށަވަރުކޮށްދިނުމުގެ އެންމެ މުހިންމު ބަހާ. ޢުމުރާ ގުޅޭގޮތުން، ޞިއްޙަތަށް ފައިދާހުރި ކާނާ ދިނުމަކީވެސް ކުޑަކުދިންގެ ޙައްޤުތަކާ ގުޅިފައިވާ ކަމެއް. މި ސަރުކާރުން ފެށި ނާސްތާ ޕްރޮގްރާމަކީވެސް، ކުޑަކުދިންގެ ހެދިބޮޑުވުމުގެ ޙައްޤުގެ ޙިމާޔަތުގައި އެޅުނު މުހިންމު ފިޔަވަޅެއް.

ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަތުމުގެ އެއްވެސް ޢަމަލަކަށް ޖާގަ ދީގެން އަޅުގަނޑުމެންނަކަށް ނުތިބެވޭނެ. ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުގެ ތެރެއިންވިޔަސް، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަތުމަކީ، މި ސަރުކާރުން ތަޙައްމަލު ކުރާނެ ކަންކަމެއް ނޫން. ޤާނޫނީ ގޮތުންވެސް އަޅުގަނޑުމެން މި އަންނަނީ ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރަމުން.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު، މިދިޔަ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު އަޅުގަނޑު ވާނީ ތަޞްދީޤުކޮށްފައި. މި ދެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނީ ގޮތުން ކައިވެނި ޢަޤްދުކޮށްދެވޭނެ އެންމެ ހަގު ޢުމުރަކީ 18 އަހަރު ކަމަށް ވާނީ ހަމަޖެހިފައި. އަދި ޢުމުރުން 15 އަހަރު ނުފުރޭ ކުދިންނަކީ، ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންނުޖެހޭ ކުދިން ކަމުގައިވެސް ކަނޑައެޅިއްޖެ.

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާއިން، ދުނިޔޭގެ ފެންވަރުގައިވެސް، މިއަދު އެންމެ ބޮޑު އިސްކަމެއްދެނީ، ތިމާވެށި ރައްކާތެރި ކުރުމަށް. ތިމާ ދިރިއުޅޭ މާޙައުލަކީ، ދިރިހުރުމުގެ ޙައްޤު ފުރިހަމައަށް ރައްކާތެރިކުރެވިފައިވާ މާޙައުލަކަށް ހެދިގެން ނޫނީ، އިންސާނީ ޙައްޤުތަކުގެ އެންމެ ފުރަތަމަ ޙައްޤުވެސް ރައްކާތެރިއެއް ނުކުރެވޭނެ. އެއީ ދިރިހުރުމުގެ ޙައްޤު.

ރާއްޖޭގެ ތިމާވެށްޓަށް ހުރި އެންމެ ބޮޑު ގެއްލުމަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް. ތިމާވެށި ޙިމާޔަތް ކުރުމުގެ ގޮތުން ސަރުކާރުން މިހާރު މަސައްކަތް ކުރަމުން މި އަންނަނީ، ރާއްޖެއަކީ މި ދެންނެވި ބާވަތުގެ ޕްލާސްޓިކް އެއްގޮތަކަށްވެސް ނުގެންގުޅޭ ޤައުމަކަށް ހެދުމަށް. ރާއްޖެ ތަރައްޤީ ކުރުމުގައި އަޅުގަނޑުމެން މި ގެންގުޅެނީ، ތިމާވެށްޓާ އެއްކީލި ސިޔާސަތެއް.

ރައްކާތެރި މާޙައުލެއްގައި ދިރިއުޅުމުގެ ޙައްޤަށް އެންމެ ބޮޑަށް ހުރަސްއެޅެނީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ބައެއް ޙަރަކާތްތަކުގެ ސަބަބުން. މީހުން ދިރިއުޅޭ ރަށްރަށުގައި ކުރެވޭ ފައިބަރުގެ މަސައްކަތްތަކާއި، ގޭބިސީތައް ކައިރީގައި ހިންގާ ވަރކްޝޮޕްތަކާއި، ގަރާޖްތަކުގެ ސަބަބުން، އަޅުގަނޑުމެންގެ ފުރާނައަށް ގެއްލުންވާ އެތައް މައްސަލަތަކެއް ކުރިމަތިވޭ.

އިންސާނީ ޙައްޤުތަކަކީ ޤާނޫނެއްގައި ލިޔެގެން، ނުވަތަ ހަމައެކަނި ސިޔާސަތުތަކެއް ކަނޑައަޅައިގެން، ރައްކާތެރިކޮށް ދެމެހެއްޓޭނެ ޙައްޤުތަކެއް ނޫން. އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ މަސައްކަތްތަކެއް.

އިންސާނީ ޙައްޤުތަކަކީ ހަމައެކަނި، ދައުލަތުގެ މުއައްސަސާތަކާއި، ޝަރުޢީ ކޯޓުތަކާއި، ތަންފީޒީ އިދާރާތަކުގެ މަސައްކަތްތަކުން ރައްކާތެރި ކުރެވޭނެ ޙައްޤުތަކެއް ނޫން. މިކަމުގައި އެންމެ މުހިންމީ ރައްޔިތުންގެ ފަރުދީ ޒިންމާ. ވަކިން ޚާއްޞަ ގޮތެއްގައި، ޤައުމުގެ ކުރިމަގު އެބަޔަކަށް ވާރުތަވާން ތިބި މިއަދުގެ ޒުވާނުން، މިކަމުގައި އަދާކުރަންޖެހޭ ދައުރު ވަކިން ބޮޑުކަން އަޅުގަނޑު ފާހަގަކުރަން.

މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ޝިޢާރުވެސް، ޒުވާނުންނަށް އަމާޒުކޮށްފައި އޮތުމުން، މިކަމުގައި ޒުވާނުންގެ ޒިންމާ ވަރަށް ބޮޑުކަން ޤަބޫލުކުރަންޖެހޭ. އިންސާނީ ޙައްޤުތައް ޙިމާޔަތްކުރެވޭނީ، އިންސާނީ ކަރާމާތްތެރިކަމުގެ އަގު ވަޒަންކުރުމުގެ ސިފަ ޒުވާނުން ކިބައިގައި އަށަގަނެގެން. އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ޒުވާނުން އިސްނަގައި މަސައްކަތް ކޮށްގެން.

ހަމައެފަދައިން ޒުވާނުންނަށްޓަކައި ފުރިހަމަކޮށްދޭންޖެހޭ ވަރަށް ގިނަ ޙައްޤުތަކެއް މިހާރުވެސް އެބަހުރި. މަސްތުވާތަކެތީގެ ވަބާގައި ޖެހި، މުޖުތަމަޢުން ހަވާސާވެފައި ތިބި ޒުވާނުންތަކެއް ފެންނަމުން އެދަނީ، އެ ޒުވާނުން ސަލާމަތްކޮށް، މުޖްތަމަޢަށް އަނބުރާ ގެނައުމުގައި މުޅި ދައުލަތް އިހުމާލުވެފައިވާތީ.

ނަމަވެސް، އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ޤައުމުގެ ޒުވާނުން ސަލާމަތް ކުރުމަކީ، ދައުލަތުގެ ވަރަށް އިސް ވާޖިބެއް. އަޅުގަނޑުމެން އެކަމަށް މަސައްކަތް ކުރާނަން. ދިވެހި ޒުވާނުން މަސްތުވާތަކެތީގެ ޝިކާރައަކަށް ވެގެންދާކަށް އަޅުގަނޑުމެން ދޫކޮށެއްނުލާނަން. އަދި ދިވެހި ހުރިހާ ޒުވާނުންވެސް ހެޔޮ ވިސްނުމަށް ރުޖޫޢަވެ، އިޞްލާޙުވުމުގެ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

އަޅުގަނޑުމެން އެންމެންނަކީވެސް އިންސާނީ ކަރާމާތްތެރިކަމުގައި ދިރިއުޅުމުގެ ހެޔޮ ނަސީބު ލިބިގެންވާ ބައެއް ކަމުގައި ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، އެ ޙައްޤުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށްހިތާ ބަޔަކު ކަމުގައި ލައްވައި، ދިވެހިންގެ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށްދެއްވުން އެދި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.