بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.


މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަޙީދު، ދައުލަތުގެ ވަޒީރުން، އެންސިސް ފިޝަރީޒްގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ވަސީމް، އެންސިސް ފިޝަރީޒްގެ އިސްވެރިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ދިވެހިރާއްޖޭގެ ހީވާގި މަސްވެރިންނާއި މަސްވެރި ޢާއިލާތައް، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


މިއަދަކީ އެންސިސްގެ ތާރީޚުގައި ވަރަށް މަތިވެރި ކާމިޔާބީއެއް ޙާޞިލުކުރާ ވަރަށް އުފާވެރި ދުވަހެއް. މި ކާމިޔާބީގައި ބައިވެރިވެ، އެންސިސްގެ މަސް ކާރުޚާނާ ހުޅުވައިދިނުމުގެ ޝަރަފު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި، އެންސިސްގެ ވެރިންނަށާއި މެނޭޖްމަންޓަށް އަދި ހުރިހާ މުވައްޒަފުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކުގައި އަޅުގަނޑު ޝުކުރު ދަންނަވަން.


އެންމެ އިހުއްސުރެ މީގެ އަހަރުތަކެއް ކުރިއާ ޖެހެންދެން، ރާއްޖޭގެ އިޤްތިޞާދުގެ ލޭނާރުގެ ގޮތުގައި ބެލެވިފައި އޮތީ މަސްވެރިކަން. އެއީ މަސްވެރިކަމުގެ ރަން ޒަމާން. ނަމަވެސް ފަތުރުވެރިކަމާއި، އެހެން ބައެއް ޞިނާޢަތްތައް ކުރިއަރައި، އިޤްތިޞާދީ ރޭހުގައި މަސްވެރިކަމުގެ މަޤާމު، މިހާރު މިއޮތީ ތަންކޮޅެއް ފަހަތަށް ސޮއްސާލާފައި.


މަސްވެރިކަމަށް މި ޙާލަތު މެދުވެރިވުމުގެ މައިގަނޑު ސަބަބަކީ، މަސްވެރިކަން ފުޅާވެ ކުރިއަރައިގެންދިޔަ މިންވަރާ ގާތަށްވެސް، މަސްވެރިކަމުގެ ޞިނާޢަތްތައް ކުރިއަރުވަން މަސައްކަތް ނުކުރެވުން. މަސްވެރިން ބާނާ ހުރިހާ މަހެއް ގަތުމުގެ ޤާބިލުކަން، ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި ނެތުން. އަދި އަގު އެއްކުރެވިގެން މަހުގެ އުފެއްދުންތައް ބާޒާރަށް ނެރުމުގެ ޤާބިލުކަންވެސް ނެތުން.


ނަމަވެސް އަޅުގަނޑުމެންގެ ކަނޑުތަކުގައި މަސްވެރިކަން އާލާވެފައިވާ ގޮތާއި، ދިވެހިން މަސްވެރިކަން ކުރާގޮތަށް ބަލާއިރު، މަސްވެރިކަމުގެ ރަން ޒަމާން އަނބުރާ އިޢާދަކުރެވޭނެކަމާމެދު އެއްވެސް ޝައްކެއްނެތް. މަސްވެރިކަމުގެ ޞިނާޢަތް ފުޅާކޮށް، މަސް ގަނެ، މަހުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ޤާބިލުކަން ބިނާކުރެވިއްޖެނަމަ، ރާއްޖޭގެ އިޤްތިޞާދީ އެންމެ ބޮޑު ބާރަކަށް ވެގެންދާނީ މަސްވެރިކަން.


މިއީ ނުކުރެވޭވަރުގެ ކަމެއް ނޫން. ނަމަވެސް މިއީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން. މި މަޤްޞަދު ޙާޞިލުވާނީ، ސަރުކާރާއި މަސްވެރިކަމުގެ އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތައް، އަތާ އަތް ގުޅައި، އެއް މިސްރާބަކަށް އަމާޒު ހިފައިގެން.


މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އަމިއްލަ ކުންފުނިތަކުން އިސްނަގައިގެން އިންވެސްޓް ކުރުމުގެ ފޮނި ނަތީޖާ. އެންސިސް އިން މި ޤާއިމުކުރި 25 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓުން ދޭހަކޮށްދެނީ، މަސްވެރިކަމުގެ ޞިނާޢަތަކީވެސް، ރަނގަޅު ރޭވުންތަކަކާއި، ދުރު މުސްތަޤްބަލުގެ ވިސްނުންތަކާއެކު އިންވެސްޓްކޮށްފިނަމަ، އެކަމުން ރަނގަޅު ފައިދާއާއި ނަފާ ހޯދޭނެ ޞިނާޢަތެއްކަން.


އެންސިސްއިން މިއަދު މި ހުޅުވާ މަސް ކާރުޚާނާ އާއި އައިސް ޕްލާންޓަކީ، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި ރައްޔިތުންގެ ބައިވެރިވުމާއި، ރައްޔިތުންގެ އިސްނެގުމުގެ ވަރަށް ރީތި މިސާލެއް. ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތުގައި މިހާރު އެންމެ ބާރު ދުވެލީގައި ކުރިއަރަމުން އަންނަ އަމިއްލަ ކުންފުންޏަކީ، އެންސިސް ކަމާމެދަކު ޝައްކެއްނެތް. ހަމަގައިމުވެސް ދިވެހި މަސްވެރިން އެކަމާ ޝައްކެއްނުކުރާނެ.


އެންސިސްއަކީ، ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތުގައި، ކިހާ މުހިންމު ދައުރެއް އަދާކުރާ، ކިހާ ޤާބިލް ކުންފުންޏެއްކަން، އެންމެ ރަނގަޅަށް އެނގޭ ބަޔަކީ ހަމަގައިމުވެސް ދިވެހި މަސްވެރިން. ދިވެހި މަސްވެރިންނަށް މި ކުންފުނިން ފަހިކޮށްދީފައިވާ ވަސީލަތްތަކާއި ލުއިފަސޭހަތަކަކީ، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި ވަރަށް މުހިންމު ކަންތައްތަކެއް.


އެކަމަށްޓަކައި އެންސިސް ގުރޫޕްގެ ތިން ޙިއްޞާދާރުން އަދި ޑިރެކްޓަރުން ކަމަށްވާ، މުޙައްމަދު ވަސީމް އިސްމާޢީލާއި، ޢަބްދުﷲ ސަޢީދު އަދި ޢަބްދުލްވާޙިދު ތައުފީޤަށް، އަދި މި ކުންފުނީގެ މެނޭޖްމަންޓަށާއި، ހީވާގި މުވައްޒަފުންނަށް، ރާއްޖޭގެ ހުރިހާ މަސްވެރިންނާއި މަސްވެރި ޢާއިލާތަކުގެ ނަމުގައި، ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.


އެންމެ އިހުއްސުރެ ދިވެހިންނަކީ ކަނޑު ރޯދިން، ބަނޑުފުރާނަ މުއްތިކުރަމުން އައި ބައެއް. މަސްވެރިކަން ނުކުރާ އަތޮޅެއް، މަސްވެރިން ނެތް ރަށެއް، މަސްވެރިޔަކު ނެތް ޢާއިލާއެއް، މި ރާއްޖެއަކު ނެތް. ނަމަވެސް ހިތާމައަކީ، ކިތަންމެ ގިނައިން މަސް ބޭނިޔަސް، ބާނާ މަހުގެ ވަރަށް ބޮޑު ބައެއް، ނުއަގުގައި ވިއްކަން ޖެހުން. ބާނާ މަހުގެ ދެބައިކުޅައެއްބައިވެސް، އޭގެ އަގު އެއްކުރެވިގެން ވިއްކޭނެ ގޮތަށް އުފެއްދުންތައް ތައްޔާރުނުކުރެވޭތީ، ރޯ މަހުގެ ގޮތުގައި އެކްސްޕޯޓް ކުރަންޖެހުމަކީ، އިޤްތިޞާދީ ވަރަށް ބޮޑު ގެއްލުމެއް.


މިކަންކަން ޙައްލުކޮށް، ދިވެހި ކަނޑުމަހަށް ރަނގަޅު އަގު ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިގެން ނޫނީ، މަސްވެރިކަމުން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ލިބެންޖެހޭ ޙަޤީޤީ ފައިދާއެއް ނުލިބޭނެ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ދިވެހި ކަނޑު މަހަށް ރަނގަޅު އަގު ލިބިގެން މިދަނީ، ދަޅުގައި ބަންދުކޮށްގެން ނުވަތަ ވެލިއު އެޑްކޮށް ޕްރޮސެސްކޮށް އެކްސްޕޯރޓް ކޮށްގެން.


އެންސިސްގެ މި ކާރުޚާނާއަކީ މާލެ ސަރަޙައްދުގައި ހުޅުވޭ މިފަދަ ފުރަތަމަ ކާރުޚާނާ. މި ކާރުޚާނާގެ ސަބަބުން، މަސްވެރިކަމުގެ ދާއިރާއަށް އެތައް ގޮތަކުން ދިރުން ލިބޭނެކަމާމެދަކު ޝައްކެއްނެތް. މި ކާރުޚާނާގެ އިތުރުން، އެންސިސްގެ ފަރާތުން މިއަދު ހުޅުވާ، 100 ޓަނުގެ އައިސް ޕްލާންޓަކީވެސް މަސްވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ވަސީލަތެއް.


އަމިއްލަ ކުންފުނިތައް މިފަދަ ބޮޑެތި ޞިނާޢަތްތަކަށް ވަނުމަކީ، ޤައުމީ ފެންވަރުގައިވެސް އަދި ފަރުދުންގެ ފެންވަރުގައިވެސް ވަރަށް ބޮޑެތި އިޤްތިޞާދީ ފައިދާތައް ލިބޭނެ ކަމެއް. މިފަދަ ކޮންމެ މަސައްކަތެއްގެ ސަބަބުން، ވަޒީފާގެ އެތައް ފުރުޞަތުތަކެއް ތަނަވަސް އެބަދޭ.


އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުންވިއްޔާ، މީގެކުރިން ވަސީމްވެސް ވިދާޅުވިފަދައިން، މި ކާރުޚާނާ އާއި، މި ކާރުޚާނާއާ ގުޅިފައިވާ އެހެން ވަސީލަތްތަކާއެކު، ދިވެހިންނަށް ޚާއްޞަ 400 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެން އެބަދޭ. ދެންމެ އަޅުގަނޑުމެންނަށް ފެނުނު ރިޕޯޓުގައިވެސް ފާހަގަކުރިގޮތަށް، އޭގެތެރެއިން 175 ވަޒީފާއަކީ ހަމައެކަނި އަންހެނުންނަށް ޚާއްޞަ ވަޒީފާގެ ފުރުޞަތުތަކެއް.


ރާއްޖެއަކީ ފެށުނީއްސުރެވެސް، ތިމާވެށްޓާ ރަޙްމަތްތެރި މަސްވެރިކަމެއް ކުރާ ބައެއް. ދިވެހި މަސްވެރިކަމުގެ ތާރީޚުގައި ޒަމާނާއެކު، މަސްވެރިކަމުގެ ޞިނާޢަތަށް އިންޤިލާބީ އެތައް ބަދަލުތަކެއް އަތުވެއްޖެ. އޮޑިދޯނިފަހަރުގެ ބޮޑުމިނާއި ބައްޓަމުން ފެށިގެން، އެން ހޯދާ ގޮތަށް ދާންދެން ބަދަލުވެއްޖެ. ނަމަވެސް ބަދަލުނުވެ އޮތީ އަޅުގަނޑުމެން ދަމަހައްޓަމުން އަންނަ ދޮށީގެ މަސްވެރިކަން. އާދެ، ދިވެހި މަސްވެރިކަމުގެ ފުރާނައަކީ ދޮށީގެ މަސްވެރިކަން.


ދިވެހި މަސްވެރިކަމުގެ ރޫފަ މިހާ ހެޔޮކޮށް، މިއަދާ ހަމައަށް އޮތުމުގެ ސިއްރަކީވެސް، ތިމާވެށްޓާ ރަޙްމަތްތެރި ގޮތުގައި މަސްވެރިކަން ދަމަހައްޓަން އަޅުގަނޑުމެން އިސްކަންދިނުން. ދުނިޔޭގެ ބާޒާރުތަކުގައިވެސް، އެންމެ މަޤްބޫލުވަމުން އަންނަނީ، ތިމާވެށްޓާ ރަޙްމަތްތެރި ގޮތުގައި ކުރާ މަސްވެރިކަން.


އެހެންކަމުން، ދިވެހިން ބާނާ މަހަށް، ވިލާތުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދުމަށާއި، ދިވެހި މަސްވެރިކަން މިހާރަށްވުރެ ބޮޑަށް އިޝްތިހާރުކޮށް، ރަނގަޅު ބާޒާރުތައް ހޯދުމަށް، ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން. ދިވެހި މަސްވެރިންނާއި، މަސްވެރި ކުންފުނިތަކުން މިކަމުގައި ކުރިއަށްދާން ބޭނުންވާވަރަކަށް، ސަރުކާރުން އެހީތެރިކަމާއި އެއްބާރުލުން ދޭނެ.


ދިވެހި މަސްވެރިންނަށް ފަހި ގޮތްތައް ހޯދައިދީ، މަސްވެރިންނަށް ދަތިވާ ކަންތައްތައް ޙައްލުކޮށްދިނުމަށް، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ. އެކަމަށްޓަކައި، މިހާރުވެސް މިނިސްޓަރ ޒަހާ ވަޙީދާއި ޒަހާގެ ޓީމުން، ޝުކުރުވެރިވުން ޙައްޤު، ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ.


އަޅުގަނޑުގެ ދުޢާއަކީ، ދިވެހި މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށް އެންސިސްއިން ކުރަމުން އަންނަ މަސައްކަތްތަކުގައި، މާތް ﷲ ބަރަކާތް ލައްވައި ކާމިޔާބު މިންވަރުކުރެއްވުން. ދިވެހި މަސްވެރިންނަށާއި، މަސްވެރި ޢާއިލާތަކަށް ފާގަތި ދުވަސްތަކެއް މިންވަރުކޮށްދެއްވައި، ރާއްޖެއަށް ކުރިއެރުމާއި ތަރައްޤީ ގެނައުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން މިކުރާ މަސައްކަތަށް ހެޔޮ ތައުފީޤް ދެއްވާށި. އާމީން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.