ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މަޤާމެއްގައި ހުރި އެއްވެސް މުވައްޒަފަކު، ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް ޚިޔާނާތްތެރިވާ ނަމަ، އެކަން ސިއްރުނުކޮށް، ކަމާ ގުޅޭ އިދާރާތަކާ މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި، ޤައުމެއްގެ މުއްސަނދިކަމާއި ވަސީލަތްތަކުން، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، ރައްޔިތުންނަށް މަންފާ ލިބުމަށް އޮތް އެންމެ ބޮޑުހުރަހަކީ އެބައެއްގެ ތެރެއިން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާއި ޚިޔާނާތްތެރިކަން ޢާންމުވުމުންކަން ފާހަގަކުރައްވާފައި އެވެ. އަދި އެބައެއްގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ޢާންމުވުމަކީ ޤައުމީ ތަރައްޤީއަށް އޮތް އެންމެ ބޮޑު ހުރަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކޮރަޕްޝަންގެ ވަބާއަކީ ދައުލަތުގެ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި، އިޖްތިމާޢީ ޢަދުލުވެރިކަން ނެތިގެން ދިޔުމުގެ މައިގަނޑު ސަބަބުކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން ފާހަގަކުރައްވައި، "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ސިޔާސަތުގެ ދަށުން، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން ޢާންމުކުރަން ފައްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިކަމުގެ ބޭނުމަކީ، ސިޔާސީ މަޤާމުތަކަށް ޢައްޔަންކުރެވޭ މީހެއްގެ މާލީ ޙާލަތު ޢާންމުކޮށް އެނގުމާއެކު، އެ މަޤާމުގައި ހުރެގެން ނުޙައްޤު މުއްސަނދިކަމެއް ހޯދާކަން ނުވަތަ ނޫންކަން އާންމުންނަށް ދެނެގަތުމުގެ ފުރުޞަތު ފަހިކޮށްދިނުންކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މީގެއިތުރުން ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ވެބް ޕޯޓަލެއްވެސް ސަރުކާރުން މިހާރު ޤާއިމުކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ޤާނޫނީގޮތުން ގެންނަވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ކޮރަޕްޝަނާއި ނުޙައްޤު މުއްސަނދިކަން ހޯދުމާއި ލިބިގަތުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި، ޤާނޫނުލް ޢުޤޫބާތުގައި ކަނޑައެޅުމަށް، މިއަހަރުގެ ކުރީކޮޅު 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހެޅުއްވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައި ވެއެވެ. ނަމަވެސް އެ މަޖިލީހުގެ ދައުރު ހަމަވިއިރު، އެ ބިލު ފާސްނުވެ އޮތުމުން، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލް އަލުން ހުށަހެޅުއްވުމަށް ނިންމަވާފައިވާކަން ވެސް އެމަނިކުފާނުގެ ޚިޠާބުގައި ހާމަކުރައްވާފައިވެއެވެ. މީގެ އިތުރުން ކޮރަޕްޝަންގެ ޢަމަލުތައް ފަޅާއަރުވައިލާ މީހުންނަށް، ޤާނޫނީ ރައްކާތެރިކަން ލިބިދިނުމުގެ ގޮތުން، މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި "ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު" ތަޞްދީޤުކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. މި ޤާނޫނުގެ ސަބަބުން، ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތައިލުމުގައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާއި، ޢާންމު ރައްޔިތުންގެ ދައުރު އިތުރަށް ފުޅާވެގެންދާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ދައުލަތުގެ މުއައްސަސާއަކުން ޚިދުމަތެއް ހޯދުމަށް ނުވަތަ ޚިދުމަތެއް ދިނުމަށްޓަކައި، ރިޝްވަތު ހިފައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، ނާޖާއިޒު ފައިދާއެއް ހޯދާކަން އެނގިއްޖެ ނަމަ، އެކަމެއްވެސް ހާމަކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ. އަދި އެފަދަ ޝަކުވާތައް ހުށަހަޅާ ފަރާތްތައް ޢާންމު ނުވާނެ ގޮތަކަށް، ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމުތައް ސަރުކާރުގެ އޮނިގަނޑުގެ ތެރޭގައި މިހާރު ހަމަޖެހިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ. މީގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅަކަށް ވާނީ، ޤައުމުގެ ކޮންމެ ރައްޔިތަކުމެ، އަމިއްލަ ނަފްސަށް ތެދުވެރިވެ، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމުގެ ސިފަ ލިބިގަތުމުންކަން އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.