ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް، ނެޕާލް ސަފީރު މިސްޓަރ ދުރްގާ ޕްރަސާދު ބަޓަރާއީ، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، މިއަދު ހެނދުނު ބޭއްވި މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ނެޕާލާ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފުޅާކުރެވިދާނެ އިތުރު ދާއިރާތަކާމެދު ރައީސް ނަޝީދާއި މިސްޓަރ ބަޓަރާއީއާ ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިގޮތުން، ފަތުރުވެރިކަމުގެ ދާއިރާގަޔާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުންތައް ބަދަހިކުރުމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ދިވެހިރާއްޖެއާއި ނެޕާލާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތީ ވަރަށް ހަރުދަނާ ގުޅުމެއް ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ނިސްބަތުން ގިނަ ޢަދަދެއްގެ ކުދިން ނެޕާލުގައި ތަޢްލީމް ޙާޞިލު ކުރަމުން ގެންދާކަމާއި، ގިނަ ޢަދަދެއްގެ ނޭޕާލް މީހުން ރާއްޖޭގައި ވަޒީފާ އަދާކުރަމުން ގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ނެޕާލް ސަފީރުގެ ވާހަކަފުޅުގައި، ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ މަގަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށާއި ރައީސް ނަޝީދުގެ ޒަޢާމަތުގައި ދިވެހިންނަށް އިތުރު ބާއްޖަވެރިކަން ލިބިގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައިވެސް ވިދާޅުވިއެވެ.