بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރައީސް މުޙައްމަދު ނަޝީދު، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން، ދައުލަތުގެ ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


އާދެ، މިރޭ މިތަނުގައި މި ބޭއްވޭ ކުޑަކުޑަ ރަސްމިއްޔާތު އިންތިޒާމު ކުރެއްވީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ފަރާތުން ކަމަށްވިޔަސް، މި ގޭގައި ދިރިއުޅޭ މީހެއްގެ ޙައިޘިއްޔަތުން މިހާރު ދިރިއުޅޭ މީހެއްގެ ޙައިޘިއްޔަތުން ތިޔަ ހުރިހާ ބޭފުޅުންނަށް މުލީއާގެއަށް މަރުޙަބާ ކިޔަން. އަދި މި ރަސްމިއްޔާތުގައި މުލީއާގެއަށް، ނޫނީވިއްޔާ ރިޔާސީ ގަނޑުވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި، 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި 29 ބޭފުޅަކަށް ހަނދާނީ ލިޔުން ދިނުމަށް ހަމަޖެހިފައިވާތީ، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން. އަދި މަރުޙަބާވެސް ކިޔަން. މީގެތެރޭގައި، ވަކިން ޚާއްޞަކޮށް ފާހަގަކޮށްލެވޭ ދެ ބޭފުޅަކު އެބަ ތިއްބެވި. އެއީ 49 އަހަރު މުލީއާގެއަށް، ނޫނީވިއްޔާ ރިޔާސީ ގަނޑުވަރަށް ޚިދުމަތް ކުރެއްވި ބޭފުޅަކާއި، 42 އަހަރު ހަމަ މި ގަނޑުވަރަށް، ނޫނީވިއްޔާ މުލީއާގެއަށް ޚިދުމަތް ކުރެއްވި ބޭފުޅެއް. އޭގެތެރެއިން 49 އަހަރު ޚިދުމަތް ކުރެއްވި ބޭފުޅަކީ އިބްރާހީމް ޒަކީ. އަދި 42 އަހަރު ޚިދުމަތް ކުރެއްވި ބޭފުޅަކީ އިބްރާހީމް ޙަލީމް. މި ދެ ބޭފުޅުންނަކީ ދެވަނަ ޖުމްހޫރިއްޔާގެ ހަ ރައީސުންގެ އަރިހުގައި ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ޚިދުމަތް ކުރެއްވި ދެ ބޭފުޅުން. އެހެންނަމަވެސް، މިރޭގެ މި ރަސްމިއްޔާތުގައި އެ ދެ ބޭފުޅުންނަށް ބައިވެރިވެވަޑައިގެންނެވޭގޮތް ނުވިކަމީ، މި ރަސްމިއްޔާތަށް ލިބިގެންދިޔަ ކުޑަކުޑަ ހީނަރުކަމެއް. އެ ދެބޭފުޅުން މިވަގުތު ވަޑައިގެން ތިއްބެވީ ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށްޓަކައި މައްކާގައި.


އާދެ، ޘަޤާފަތާއި ތާރީޚު ރައްކާތެރިކުރުމަކީ، ވަރަށް މުހިންމު ބޭނުންތެރި ކަމެއް. ދިވެހިރާއްޖެއަކީ މުއްސަނދި ޘަޤާފަތަކާއި، ތަރިކައެއް އޮތް ތަނެއް. އަޅުގަނޑުމެން ޘަޤާފަތާއި ތަރިކަ ރައްކާތެރިކުރުމަކީ، އަޅުގަނޑުމެންގެ ކާބަފައިން އުޅުނުގޮތާއި، ކުރި މަސައްކަތް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި މިއަދު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް ވާޖިބެއް. އަދި އޭގެއިތުރުން، މިހާރު މި ދެކޭގޮތުގައި ތަރިކައަކީ އިޤްތިޞާދުގެވެސް ބައެއް. ދުނިޔޭގެ އެކި ޤައުމުތަކުން އެކި ރަށްރަށަށް ދަތުރުކުރާ ފަތުރުވެރިން ދަތުރުކުރާ އެންމެ މުހިންމު އެއް ސަބަބަކަށްވެފައި މި އޮންނަނީ އެ ޤައުމެއްގެ ތަރިކަ، އެ ޤައުމެއްގެ ޘަޤާފަތް، އެ ޤައުމެއްގެ ދިރިއުޅުން ހުރިގޮތް ހޯދުން، ދެނެގަތުން. އަދި ޚާއްޞަކޮށް، މި މިލޭނިއަމްގެ ކުދިން އެންމެ އިސްކަމެއްދޭ ކަމަކަށްވެފައި މި އޮންނަނީ ތަރިކައާއި ޘަޤާފަތް ދެމިއޮތުމަށް.


އެހެންކަމުން، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި މިއޮތް ވާޖިބު އަދާކުރަން އެބަޖެހޭ. މި ސަރުކާރުން މިކަމަށް އިސްކަންދީގެން އެނގިވަޑައިގަންނަވާނެ، ވަޒީރުންގެ މަޖިލިސް އެކުލަވައިލިއިރުގައި ވާނީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ނަމުގައި މިނިސްޓްރީއެއް އުފައްދާފައި. އަދި އެއަށްފަހުގައި، ޘަޤާފީ ތަރިކަ ރައްކާކުރުމާބެހޭ ޤާނޫނެއް، މީގެ ދެ މަސްދުވަސް ކުރިން ވަނީ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި. އެއާއެކުގައި، އެ މިނިސްޓްރީން ވަރަށް ހީވާގި، ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ. އެކަމަށްޓަކައި އެ މިނިސްޓްރީގެ މިނިސްޓަރ ޔުމްނާއަށާއި، ސްޓޭޓް މިނިސްޓަރ ޠާރިޤަށާއި، އަދި ޒުވާން ޓީމަށް އަޅުގަނޑު އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން.


އާދެ، މުލީއާގެއަކީ ކޮބައިތޯ؟ ދެންމެ ޠާރިޤު ވިދާޅުވިފަދައިން، ވަރަށް ތާރީޚީ ތަނެއް. މުލީއާގެއަކީ އަޅުގަނޑުމެން މިރޭ މި ފާހަގަކުރަނީ، މި ފެންނަ އާ ޢިމާރާތަށް 100 އަހަރު ފުރުން. އެހެންނަމަވެސް، މުލީއާގޭގެ ތާރީޚު އެއަށްވުރެ މާ ދޮށި. މި ޢިމާރާތަށް، މި ގޯއްޗަށް މިތަނުގައި ގެއެއް ހުންނަތާ މިހާރު 300 އަހަރުވެއްޖެ. އެއީ، މުލީ ޚަޠީބު މުޙައްމަދު ތަކުރުފާނު، މީގެ 300 އަހަރު ކުރިން، ހުޅަނގު ދެކުނުކޮޅުގައި އެޅި ކުޑަކުޑަ ޢިމާރާތެއް. ބިންގަލެއް އަޅައި، ރާނައި، އޭގެ މަތީގައި މެއްލަޖަހައި ހެދި ގެއެއް. އެގެ ވާރުތަވަމުން އައިސް، ޙަސަން ޢިއްޒުއްދީން، އަޅުގަނޑުމެންގެ ދޮން ބަނޑާރައިންނަށް މައިފުށުން އެގެ ވާރުތަވެގެންދިޔައީ. އެއަށްފަހު، ސުލްޠާން އިބްރާހީމް ނޫރައްދީނަށް އެގެ ވާރުތަވުމަށްފަހުގައި، އެ ރަސްގެފާނުގެ ދޮށީ މަނިއްޕުޅު ޝަމްސުއްދީން III އަށް އެގެ ވާރުތަވެގެންދިޔައީ. އެއަށްފަހު، އެ ރަދުން ރަސްކަމުގައި ހުންނަވައި، އެ ރަދުންގެ ދޮށީ ދަރިފުޅު އަދި ހަމައެކަނި ހުންނެވި ފިރިހެން ދަރިފުޅު، ޕްރިންސް ޢިއްޒުއްދީނަށް މިގެ ހައްދަވައިދެއްވި. މިއަދު އަޅުގަނޑުމެންނަށް މި ފެންނަ ޢިމާރާތަކީ އެއީ. އެއީ 1914 ވަނަ އަހަރުގެ ތެރޭގައި ބިންގާއެޅި، 1919 ވަނަ އަހަރުގެ ޑިސެންބަރު 7 ވަނަ ދުވަހު މި ގޭގައި އުޅެން ފެށި ފެށުން. މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ އެ ދުވަސް.


މުލީއާގެއަކީ ތާރީޚެއް އޮތް ތަނެއް. ވަރަށްގިނަ ޚިދުމަތްތަކެއް މި ޤައުމަށް ކޮށްދީފައި އޮތް ތަނެއް. ޠާރިޤު ވިދާޅުވިފަދައިން، މިތަނުގައި ރިޔާސީ ގަނޑުވަރު ހިނގި. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިނގި. ބޮޑުވަޒީރުގެ އޮފީސް ހިނގި. ދާޚިލީ ވުޒާރާ، ޚާރިޖީ ވުޒާރާ، ސުޕްރީމް ކޯޓު ހިނގި. މިހެންގޮސް، ރައްޔިތުންގެ މަޖިލިސް ބައްދަލުވުންދިޔަ. ވަޒީރުންގެ މަޖިލިސް ބައްދަލުވި. ވަލީ ކޮމިޓީ ބައްދަލުކުރި. އަދި ދިވެހިރާއްޖެ އިނގިރޭސިންގެ އަތްދަށުން މިނިވަންވުމަށް ދެކެވުނު ވާހަކަތައް ދެކެވިގެންދިޔަ ތަނަކީވެސް މި މުލީއާގެ ފެންޑާ.


އެހެންވީމާ، މިއީ ތާރީޚެއް އޮތް މުހިންމު ތަނެއް. އަދި އަޅުގަނޑުމެންގެ އިރު އުތުރުން ފެންނަން މިހުރި މެދުޒިޔާރަތަކީ އެއަށްވުރެ ދުވަސްވީ ތަނެއް. 860 އަހަރަށްވުރެ ގިނަ ދުވަސްވެފައި ހުރި ޢިމާރާތެއް. އެހެންކަމުން، މި ޢިމާރާތަކީ މި ރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީޚާ ގުޅިފައިވާ ޘަޤާފީ ތަރިކައިގެ ތެރޭގައި ހިމެނެންޖެހޭނެ ސަރަޙައްދެއް ކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑު ހިތުން މިނިސްޓްރީން އެކަންތައް ކުރައްވަމުން ގެންދަވާނެ.


އާދެ، ތާރީޚުގެ ތެރެއަށް ނުދިޔަނަމަވެސް، އެކި ދުވަސްވަރު މުލީއާގެ ބަދަލުވަމުން އައިގޮތް އެއީ އަޅުގަނޑުމެންގެ ތެރޭގައި އެންމެންނަށް އެނގޭ ކަމެއް. ނަމަށް ބެލި ނަމަވެސް، ތަނުގައި ކުރަމުންގެންދިޔަ ކަންތައްތަކަށް ބެލި ނަމަވެސް، އެއީ ފެންނަން އޮތް ޙަޤީޤަތެއް. ފުރަތަމަ، މުލީއާގެ ނަމުގައި އަޅުގަނޑު މި ދެންނެވި ކުޑަ ގެ، ހުޅަނގު ދެކުނު ކަނުގައި އެޅުމަށްފަހުގައި، އެގެ އެންމެފަހުން މި ޢިމާރާތަށް ބަދަލުވުމަށްފަހުގައި، [ހެންވޭރު ގަނޑުވަރު]ގެ ނަމުގައި ނަން ދެވިގެންދިޔަ. އެއަށްފަހު، 1936 ވަނަ އަހަރު، ޙަސަން ފަރީދު ދައުލަތް ހިންގެވުމާ ޙަވާލުވެވަޑައިގެން، އޭރު ހުރި ގަނޑުވަރުތައް އުވައިލެއްވިއިރުގައި، 18 ގަނޑުވަރު އުވައިލެއްވިއިރުގައި، އޭގެތެރޭގައި ހެންވޭރު ގަނޑުވަރުވެސް އުވައިލެއްވިގެންދިޔަ. އެއަށްފަހު، މިގެޔަށް [މުލީގޭގެ އާގެ] އެ ނަން ދެވިގެންދިޔަ. ފަސޭހައަކަށް އޭރު ކިޔަމުން އައިގޮތަށް [މުލީއާގެ] އެ ނަން މި ގެޔަށް ހަރުވެފައި މިއޮތީ.


އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މި ގެޔަކީ އޭރު ޝަމްސުއްދީނުގެ ދަރިކަލުން ޕްރިންސް ޙަސަން ޢިއްޒުއްދީން އެޅުއްވި ގެއެއް. އެ މަނިކުފާނަކީ ޕަރފޯމިންގ އާޓްސްގެ ވަރަށް ކުޅަދާނަ ބޭފުޅެއް. ހަރުމޯނިއާ ޖެއްސެވުމާއި، ރީއްޗަށް ލަވަ ވިދާޅުވުން އެއީ، އެ މަނިއްޕުޅުގެ އެންމެ ބޮޑު އެއް ހުނަރު. އެހެންކަމުން، މިގެ ވެގެންދިޔައީ އޭރު މިއުޒިކީ ޤުލްޝަނަކަށް. އަދި އަޅުގަނޑު މި ވާހަކަ ދައްކާއިރުގައި، އެ ޢާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ބޭފުޅުން މިތާވެސް އެބަ ތިއްބެވި. މާރިޔާދީދީ، ޙުސައިން އާދަމްފަދަ ބޭފުޅުންނަކީ، އެ ޢާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން.


އެނގިވަޑައިގަންނަވާނެ، ޝަމްސުއްދީނުގެ ރަސްކަމުގައި، ފުރަތަމަ ޤާނޫނުއަސާސީ ލިޔެވިގެންދިޔައީ. ޤާނޫނުއަސާސީ ލިޔުމަށް ޝަމްސުއްދީން އަމުރުކުރެއްވުމުން، ޤާނޫނުއަސާސީ ލިޔެ، އެއަށް ޢަމަލުކުރަން ފެށްޓުނު. އެހެންނަމަވެސް، ތާރީޚުން އެނގެން އޮތް ގޮތުގައި، ޙަސަން ޢިއްޒުއްދީން އެކަމެއް ގަބޫލެއްނުކުރެއްވި. އެންމެފަހުން މިގެއިން ނުކުމެވަޑައިގެން ބަނޑޭރިގެޔަށް ވަޑައިގެންނެވި. އަދި ޝަމްސުއްދީން ލޯބިފުޅުވާ ދަރިކަލުންގެ ފަހަތްޕުޅުން ގަނޑުވަރު ދޫކުރައްވައި ބަނޑޭރިގެޔަށް ވަޑައިގެންނެވި. އެ ކުރެއްވުނީ ޤާނޫނާޚިލާފު ކަމެއް ކަމަށް އޭރުގެ ބޮޑުންނަށް ގަބޫލުކުރެއްވިގެން، އެންމެފަހުން ޝަމްސުއްދީނަށް ޖެހިވަޑައިގަތީ އިސްތިޢުފާ ދެއްވަން. އެ މަނިކުފާނު ގަނޑުވަރު ދޫކުރައްވައި، މުލީއާގެއަށް ވަޑައިގެންނެވި. އެއަށްފަހު ދެން، ތާރީޚުގައި އެކަން ވެގެންދިޔަގޮތުގެ ތަފްޞީލަށް އަޅުގަނޑު މިރޭ މިތާ ދާކަށްނެތިން.


އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މި ގޭގައި އުޅުއްވި ބޭފުޅުންގެ ތެރޭގައި، ޙަސަން ޢިއްޒުއްދީން، ޝަމްސުއްދީން ރަދުން، ޕްރިންސް ޙަސަން ޢިއްޒުއްދީން ހިމެނިވަޑައިގަންނަވާ. އަދި މުޙައްމަދު އަމީން، ރަސްމީ ގެކޮޅުގެ ގޮތުގައި މިގެ، ފުރަތަމަ ޖުމްހޫރިއްޔަތަށްފަހުގައި ބަދަލުކުރެއްވި. އެއަށްފަހު، އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރަށް އަނެއްކާވެސް ބަދަލުވެގެންދިޔައީ. ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް މި ގޭގައި އުޅުއްވި. ރައީސް ނަޝީދު މި ގޭގައި އުޅުއްވި. އެންމެފަހުން މި ވަގުތު މި ގޭގައި އުޅެމުން މިދަނީ އަޅުގަނޑު.


އެހެންކަމުން، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިއީ ތާރީޚެއް އޮތް ތަނެއް. އަދި މިތަނުގައި ހިނގަމުންދިޔަ އޮފީސްތަކަށް ބަލާއިރުވެސް، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ދިވެހި ދައުލަތަށް، ދިވެހި ސަރުކާރަށް، ދިވެހިންނަށް އެތައް ޚިދުމަތްތަކެއް މި ޢިމާރާތުގެ ދަށުން ވަނީ ކޮށްދެވިފައި.


އާދެ، މި ދެންނެވި ހުރިހާ ސަބަބުތަކަށް މުލީއާގެ ޚާއްޞަވިޔަސް، މުލީއާގެ ޚާއްޞަވާ އެންމެ މުހިންމު ސަބަބަކީ، މި ގެޔަކީ، މި ގޯއްޗަކީ ދިވެހި ޤައުމުގެ ޙައްޤުގައި ހޮޅިން ބަލިކޮށްލުމަށް ކަމަރު ބަނދެވަޑައިގެން، ދޮން ބަނޑާރައިން ހަނގުރާމަޔަށް ނުކުންނެވި ގޯތި ކަމުގައިވާތީ. މިއީ މިހާރުގެ ޒުވާން ތާރީޚު ލިޔުންތެރިޔާ އަލާދީދީ ވިދާޅުވެފައި އޮތް ބަސްކޮޅެއް.


އާދެ، އަޅުގަނޑު މި ދެންނެވި ފަދައިން، މިއީ ރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީޚާ ގުޅިފައިވާ ޘަޤާފީ ތަރިކައިގެ ތެރޭގައި ހިމެނޭ އާޘާރީ ބިނާއެއް. މިއީ ރައްކާތެރި ކުރަންޖެހޭ ތަނެއް. ޙިމާޔަތް ކުރަންޖެހޭ ތަނެއް.


އަޅުގަނޑުގެ ވާހަކަކޮޅު މިރޭ ނިންމާލާނީ، ދިވެހިރާއްޖޭގެ ތާރީޚާއި ޘަޤާފީ ތަރިކަ ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް މިނިސްޓްރީގެ ފަރާތުން ކުރައްވާ މަސައްކަތްތަކަށްޓަކައި މިނިސްޓަރ ޔުމްނާއަށާއި، އޭނާގެ ދަށުން މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަމުން. އަދި ހަމަ އެއާއެކުގައި މިރޭގެ މި ކުޑަކުޑަ ރަސްމިއްޔާތު އިންތިޒާމު ކުރުމުގައި މިނިސްޓްރީގެ މުވައްޒަފުންނާއި، މުލީއާގޭ މުވައްޒަފުން، އަދި ޚާއްޞަކޮށް، މުލީއާގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޙުސައިން އާދަމަށް އިޚްލާޞްތެރިކަމާއެކުގައި އަޅުގަނޑު ޝުކުރު ދަންނަވަން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.