ރާއްޖޭގައި އިންޞާފުވެރި ދައުލަތެއް ނުވަތަ އިންޞާފުވެރި ވެރިކަމުގެ ނިޒާމެއް އަށަގެންނެވުމަށްޓަކައި ކުރެއްވެން ހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ، ކުރައްވާނެ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދުއަށް އެމަނިކުފާނު މިއަދު ކުރެއްވި ދަތުރުފުޅުގައި، މިއަދު މެންދުރުފަހު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ބަދަލު ހިފުމުގެ ރޫޙެއްގައި އެއްވެސް ކަމަކާ އުޅޭނަމަ، އެއިން ނުކުންނާނީ ރަނގަޅު ނަތީޖާއެއް ނޫންކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނަށް އިތުބާރު ކުރެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކުރިއަށް މިއޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި، މި ވެރިކަމެއް ޤާނޫނީ ހަމައިން މެނުވީ، ފިރުކިއެއް ނުދާނެ ކަމަށާއި، އެކަމަކާ އެއްވެސް ބޭފުޅަކު ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް ނެތް ކަމުގައި ވިދާޅުވިއެވެ. ”އެއީކީއެއް ދެން މި ރާއްޖޭގައި ހިނގާނެ ކަމެއް ނޫން. ރާއްޖޭގެ މުއައްސަސާތައްވެސް މާވަރުގަދަ. ރާއްޖޭގެ ރައްޔިތުންގެ ދުރު ވިސްނުމާއި ހެޔޮ ވިސްނުންވެސް މިހާރު މާ ފުޅާ.“ ރައީސް ނަޝީދު ވިދާޅުވިއެވެ. ބަދަލެއް އަންނަންޏާ އަންނާނީ ރައްޔިތުން އެބަދަލަކަށް އެދިވަޑައިގަތީމާ، އިންތިޚާބު މެދުވރިވެގެން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެގެން ނުވާނެ ކަމަށް ވިދާޅުވެ، ރައީސް ވާހަކަފުޅު ދައްކަވަމުން، އެކިކަންކަމާމެދު ސުވާލު އުފެދުނީމާ، އަދި އެމައްޗަށް ބުރަވެވަޑައިގެން، އޮޑިޓަރ ޖެނެރަލް ރިޕޯޓް ނެރުއްވީމާ، އެކަމާ ސަރުކާރުން އަޅުއްވާލައްވަން ޖެހޭނެކަން ބަޔާން ކުރެއްވިއެވެ. އަދި އެކިއެކި މީހުންނާމެދު ތުހުމަތު ކުރެވޭ ކަމަށްވަނީނަމަ، އެކަމުގެ ތަޙުޤީޤު ހިންގައި، ޝަރީޢަތްކޮށް، އެ ޙައްޤު އަދަބު، އެ ޙައްޤު ބަޔަކަށް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ތުޅާދޫ ރައްޔިތުންނާ ރައީސް ނަޝީދު މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެރަށުގެ ތަރައްޤީއަށް ސަރުކާރުން ކޮށްދެއްވުމަށް ހަމަޖައްސަވާފައިވާ ކަންތައްތައް ރައްޔިތުންނާ ޙިއްޞާ ކުރައްވައި، ރާއްޖޭގެ އެކިއެކި ރަށްރަށް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވަމުން ގެންދަވާ ސިޔާސަތު ރައްޔިތުންނަށް ހާމަކޮށްދެއްވިއެވެ. މި ސަރުކާރުން ކުރައްވާ ކަންތައްތައް، ދިގު މުއްދަތަށް ފައިދާހުރި ގޮތެއްގައި ކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވަމުން، މި ސަރުކާރުން ކުރައްވާ ކަމެއް، ފައްސަތޭކަ އަހަރަށް ދެމިހުންނަ މިންވަރަށް ކުރައްވަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ތުޅާދުއަކީ ހެޔޮވެރިކަމަށް ބާރުއަޅާ ރާއްޖޭގެ ބޮޑެތި ރަށްރަށުގެ ތެރެއިން އަރާހުރި ރަށެއްކަން ފާހަގަކުރައްވައި، ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ގެނައުމަށް ތުޅާދޫ ރައްޔިތުންގެ ޙިއްޞާ ވަރަށްބޮޑު ކަމުގައި ވިދާޅުވިއެވެ.