ކުރިޔަށްހުރި ދުވަސްތަކުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި ޞިއްޙީ ފަރުވާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ މިހާރު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބެންގަލޫރުގައި ދިރިއުޅޭ ދިވެހީންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސަރުކާރުން އެންމެ އިސްކަންދެއްވާ ކަމަކީ ތަޢުލީމާއި ޞިއްޙީ ޚިދުމަތް ކުރިއެރުވުން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ ރަށްތަކުގައި ތިބެގެން ރަނގަޅު ފެންވަރުގެ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި ރަށުން ލިބޭ ޞިއްޙީ ފަރުވާގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ހާމަކުރައްވާފައެވެ. އެގޮތުން ކުރިއަށްއޮތް ދުވަސްތަކުގައި ތަޢުލީމާއި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި އިންޤިލާބީ ކުރިއެރުންތަކެއް ހާޞިލްކުރެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާން ވަނީ ދެއްވާފައެވެ.
ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކާއެކު ރަށްރަށުގައި ދެވޭ ތަޢުލީމާއި ޞިއްޙީ ފަރުވާގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރީއްޔާގެ ނައިބު ވިދާޅުވިއެވެ. މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި ދިވެހި ދަރިވަރުންނަކީ ތޫނުފިލި ދަރިވަރުންތަކެއް ކަމަށާއި އެކި ދާއިރާތަކުން ރާއްޖެ ކުރިއެރުވުމުގައި ދިވެހީންގެ ހިއްސާ ބޮޑުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރިޔަށްދިއުމުގައި ބޭނުންވާ ޓީޗަރުންނާއި ޑޮކްޓަރުންނާއި އިންޖިނޭރުން އަދި މިނޫންވެސް އެކިއެކި ފަންނުތަކުން ކުރިއަރާފައިތިބި ފަރާތްތައް ދިވެހި ޤައުމަށް ވަޑައިގެން ޚިދުމަތަށް ނުކުންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލެއްވިއެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް ދަރީން ތަރުބިއްޔަތު ކުރުމުގައި މުޖުތަމަޢަށް ފައިދާހުރި ދަރީންތަކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށާއި އިސްލާމްދީނުގެ ރިވެތި އުޞޫލުތަކުން ދަރީންނަށް ނަމޫނާ ދެއްކެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސްކުރައްވާފައިވެއެވެ.