އިންޑިޔާގެ ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހާރު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ކެއަރ ހޮސްޕިޓަލްގެ އިސްވެރިންނާއެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ކެއަރ ހޮސްޕިޓަލް ގްރޫޕުގެ ސީއީއޯ، ޑރ. ރަޖީވް ސިންގަލާއި ކޮލިޓީ ކެއަރ އިންޑިޔާގެ ޖެނެރަލް މެނޭޖަރ އިންޓަރނޭޝަނަލް މާކެޓިންގ، ރަޖީވް ބަލްގެ އިތުރުން ރާއްޖޭގެ ހެލްތު މިނިސްޓަރ، އަބްދުالله އަމީނާއި ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު އައިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީ ކުރުމުގައި ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ ފަރާތުން ރާއްޖެއަށް އެހީތެރިވެދެވިދާނެ ދާއިރާތަކާއިމެދުގައި ވެސް މަޝްވަރާ ކުރެވުނެވެ. މިބައްދަލުކުރެއްވުމުގައި ކެއަރ ހޮސްޕިޓަލްސް ގްރޫޕުގެ ފަރާތުން ވަނީ ދިވެހި ސަރުކާރުން ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޤާއިމްކުރާ ޓަރޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމުގެ މަސައްކަތުގައި އެހީތެރިވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

އިންޑިޔާގެ ކެއަރ ހޮސްޕިޓަލްސް ގްރޫޕުން އޭޝިޔާއާއި އެފްރިކާ ބައްރުގައި މަލްޓިސްޕެޝަލިޓީ ޞިއްޚީ ފަރުވާދޭ 26 ހޮސްޕިޓަލާއި 18 ކްލިނިކްގެ އިތުރުން 40 ޑައިގްނޯސްޓިކް ސެންޓަރ ހިންގައެވެ.