ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 290 ވަނަ މާއްދާގެ ދަށުން ޢައްޔަންކުރާ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށާއި، ޕްރޮސެކިއުޓަރ ޖެނެރަލް ކަމަށް ކުރިމަތިލުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިމަހު 3 ވަނަ ދުވަހު ހުޅުއްވާލެއްވި ފުރްޞަތު މިއަދު މެންދުރުފަހު 3.30 އަށް ހަމަވިއިރު، އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް 56 ފަރާތަކުން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް 72 ފަރާތަކުން އަދި ޕްރޮސެކިއުޓަރ ޖެނެރަލް ކަމަށް ދެފަރާތަކުން ކުރިމަތިލައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 290 ވަނަ މާއްދާގައިވަނީ، އެ ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާތާ 60 ދުވަހުގެ ތެރޭގައި، އެ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، އިލެކްޝަންސް ކޮމިޝަނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ޕްރޮސެކިއުޓަރ ޖެނެރަލް ޢައްޔަން ކުރަންވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށާއި، ޕްރޮސެކިއުޓަރ ޖެނެރަލް ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ޝަރުޠު ހަމަވޭތޯ ބައްލަވައި، އަދި އެފަރާތްތަކުގެ މަޢްލޫމާތުތައް ދިރާސާ ކުރެއްވުމަށްފަހު، އެކަންކަމަށް ހަމަޖައްސަވަން ރައީސް މުޙަންމަދު ނަޝީދަށް ފެނިވަޑައިގަންނަވާ ނަންތައް، ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ފޮނުއްވާނެ ކަމަށް ރައީސް އޮފީހުން ޚަބަރު ދެއްވައެވެ.