ޤައުމީ ކެޑޭޓް ކޯގެ ސުޕްރީމް ކޮމާންޑަރ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ގިރިފުށީގައި ކުރިއަށްދާ 21 ވަނަ ޤައުމީ ކެޑޭޓް ކޭންޕަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ކޭންޕު ކުރިއަށްދާގޮތް ބައްލަވާލައްވައި، ކޭންޕުގެ ތެރެއިން ކެޑޭޓުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ބައެއް ކްލާސްތައް ކުރިޔަށްދާގޮތް ވެސް ބައްލަވާލެއްވިއެވެ.

މިއަހަރުގެ ޤައުމީ ކެޑޭޓް ކޭންޕު ކުރިއަށް ދަނީ މިމަހުގެ 1 އިން 12 އަށް އެމް.އެން.ޑީ.އެފް.ގެ ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައެވެ. މި ކޭންޕުގައި 32 ސްކޫލަކުން 118 ދަރިވަރުން ބައިވެރިވެއެވެ. މީގެ އިތުރުން، އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭޖް ޕްރޮގްރާމްގެ ދަށުން މި އަހަރުގެ ކޭންޕުގައި ހަތަރު ޤައުމަކުން 16 ކެޑޭޓުންނާއި ހަތަރު އޮފިސަރުން ބައިވެރިވެއެވެ. އެ ޤައުމުތަކަކީ، ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލެވެ.