އިންޑިޔާގެ ހޮސްޕިޓާ ތަކަކީ ދިވެހީންނަށް އަބަދުވެސް މަރުޙަބާ ކިޔާ ދިވެހީން އެތަންތަނުގެ ޚިދުމަތް ވަރަށް ގިނައިން ހޯދަމުން އަންނަ ހޮސްޕިޓާ ތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މިހެން ވިދާޅުވީ މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިންޑިޔާގެ ކެރެލާ ސްޓޭޓްގެ "ނިމްސް މެޑިސިޓީ" އަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ނިމްސް ހޮސްޕިޓަލަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެ ހޮސްޕިޓަލުގެ މެނޭޖުމަންޓާއި މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިންޑިއާއަކީ ދިވެހިން އަބަދުވެސް ގޮސްއުޅޭ ދިވެހިންނާ ވަރަށްބޮޑަށް ގުޅިފައިވާ ތަނެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއާމެދު އިންޑިއާއިން ބަހައްޓާ ގާތްގުޅުމާއި ވެދެމުން އަންނަ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކުން އިންޑިއާ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިމްސް ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމުން އެ ހޮސްޕިޓަލުގެ ފަރާތުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ މެނޭޖިންގ ޑިރެކްޓަރ ފައިޞަލް ޚާނެވެ. ނާއިބު ރައީސްގެ މިޒިޔާރަތުގައި އެ ހޮސްޕިޓަލުން ޞިއްޙީ ޚިދުމަތް ހޯދުމަށް ޒިޔާރަތްކުރާ ދިވެހިންނަށް އެތަނުން ލިބެންހުރި ޚިދުމަތްތަކާބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ މައުލޫމާތު އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި، ނިމްސް ހޮސްޕިޓަލުގެ އެކި އެކި ޚިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލެއްވިއެވެ. އޭގެ ތެރޭގައި ކުޑަކުދިން ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ހިންގުމަށް ދާދިފަހުން ހުޅުވި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވާލެއްވިއެވެ. މީގެ އިތުރުން އިންޓަރގްރޭޝަން އެންޑް އޯޓިޒަމް ސެންޓަރާއި ފިޒިކަލް މެޑިސިން އެންޑް ރިހެބިލިޓޭޝަން ޑިޕާޓްމަންޓަށް ޒިޔާރަތްކުރައްވައި ބަލިތައް ދުރާލާ ދެނެގަނެ ފަރުވާދިނުމުގައި އެތަނުން ހޯދާފައިވާ ކުރިއެރުންތަކާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮޅުންފިލުއްވިއެވެ.

އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ބަލިމީހުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ތައްޔާރުކޮށްފައިވާ ތަކެތި ދައްކާލުމަށް ބަހައްޓާފައި ހުރިތަނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޒިޔާރަތްކުރައްވައި އެތަނާބެހޭގޮތުންވެސް އެމަނިކުފާނު މައުލޫމާތު ހޯއްދަވާފައިވެއެވެ.