‎ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުޞަތުތައް ފަހިކޮށްދިނުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސަރުކާރުގެ ބައެއް ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

‎މި ބައްދަލުކުރެއްވުމުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި، މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށް މަޝްވަރާކުރެވުނެވެ. އަދި ތަޢުލީމާއި ތަމްރީނުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެފަރާތްތަކުގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށް ހިތްވަރުދިނުމާ ބެހޭގޮތުންވެސް މިބައްދަލުކޮށްލެއްވުމުގައި މަޝްވަރާ ކުރެވިފައިވެއެވެ.

‎މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢައިޝަތު ޢަލީ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް އަދި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރު ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި ސިވިލް ސާވިސް ކޮމިޝަން، ދިރާގު، ފެނަކަ ކޯޕަރޭޝަން، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ، ޕަބްލިކް ސަރވިސް މީޑިއާ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.