އެކުވެރި ޢަރަބި އިމާރާތުގެ 48 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް، ހިޒް ހައިނަސް ޝައިޚް ޚަލީފާ ބިން ޒައިދު އައްނަޙްޔާނަށާއި، ނައިބު ރައީސްގެ މަޤާމާއި، ބޮޑުވަޒީރު، އަދި ދުބާއީގެ ވެރިޔާގެ މަޤާމުވެސް އަދާކުރައްވާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމުގެ އިތުރުން އަބޫދާބީގެ ވަލީއަޙުދު އަދި ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް ދަ ޔުނައިޓެޑް އެރެބް އެމިރޭޓްސް އަރމްޑް ފޯސަސް، ޝައިޙް މުޙައްމަދު ބިން ޒައިދު އައްނަޙްޔާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.
އެކުވެރި ޢަރަބި އިމާރާތުގެ ރައީސް، ހިޒް ހައިނަސް ޝައިޚް ޚަލީފާ ބިން ޒައިދު އައްނަޙްޔާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، އެޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ، އެޤައުމާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި މި ގުޅުން ކުރިޔަށްއޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ، އެކުވެރި ޢަރަބި އިމާރާތުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމަށް ފޮނުއްވި މެސެޖްގައި، ދެޤައުމުގެ މެދުގައި އޮތް ދުވަސްވީ ގާތް ގުޅުން ވޭތުވެދިޔަ އަހަރުތަކުގައި އިތުރަށް ބަދަހިވަމުން އައިސްފައިވާކަން ފާހަގަކުރައްވައި، ދެޤައުމުގެ ރައްޔިތުންނަށް ލާބައާ މަންފާވާ ގޮތަށް މިގުޅުން ކުރިއަށްއޮތް ތަނުގައިވެސް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މި މެސެޖްގައި އެޤައުމުގެ ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.
އަބޫދާބީގެ ވަލީއަޙުދު، ޝައިޚް މުޙައްމަދު ބިން ޒައިދު އައްނަޙްޔާނަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، އެޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރައްޔިތުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ތަހުނިޔާ ވިދާޅުވެފައިވެއެވެ. މި މުނާސަބަތުގައި އެޤައުމުގެ ތަރައްޤީގެ ބާނީ، އަލްމަރްޙޫމް ޝައިޙް ޒައިދު ބިން ސުލްޠާން އައްނަޙްޔާން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައިވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތަރައްޤީގެ މަގުގައި ދެޤައުމު ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.