ސުޕްރީމް ކޯޓުގެ އުއްތަމަފަނޑިޔާރުކަމަށް، މާފަންނު ގުލްފާމްގެ އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނު އައްޔަން ކުރެއްވުމަށާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް، އައްޑޫ ސިޓީ މީދޫ، ހަސަންކާރިގެ އަލްއުސްތާޛު ޙުސްނުއްސުޢޫދު ޢައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، އެ ދެ ބޭފުޅުންގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ސުޕްރީމް ކޯޓުގެ އުއްތަމަފަނޑިޔާރުކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށާއި ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު ޢައްޔަންކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި ވަނީ މިހިނގާ ޑިސެންބަރު މަހުގެ 1 ވީ އާދިއްތަ ދުވަހުއެވެ.