بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْـدُ للهِ رَبِّ الْعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أشْرَفِ الأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَـى آلِـهِ وَصَحْبِــهِ أَجْمَـعِــيْن.

ދިވެހިރާއްޖެއަށް އަގުނުކުރެވޭވަރަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މި އުފާވެރި މުނާސަބަތުގައި އެއްޗެއް ދެންނެވުމުގެ ކުރިން، އިސްލާމްދީނުގެ މަތިވެރި ނިޢުމަތް ދިވެހި އުންމަތަށް މިންވަރުކޮށްދެއްވި ކަމަށްޓަކައި، اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރުކުރަން. އަދި މި އުފާވެރި ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، މަރުޙަބާ ދަންނަވައި، ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން.

މި ޖަޒީރާތަކުގައި މީހުން ވަޒަންވެރިވެ، ދިރިއުޅެން ފެށި ވަކި ތާރީޚެއް، ކަށަވަރުކަމާއެކު އެނގެން ނެތް ނަމަވެސް، އެނގެން އޮތް ޙަޤީޤަތަކީ ސަލާމްލެއްވި ޢީސާގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ އެތައް ޤަރުނެއް ކުރިންވެސް، މި ރަށްތަކުގައި ބަޔަކު ވަޒަންވެރިވެ ދިރިއުޅެމުން އައިސްފައިވާކަން.

އަދި ޖަހާލަތުގެ އަނދިރިކަމުން ދިވެހި ޤައުމަށް އަލިކަން ގެނެސްދިނީ މީލާދީން 7 ވަނަ ޤަރްނުގެ ތެރޭގައި ޙިޖާޒް ކަރައިގެ މައްކާއިން ފައުޅުވި އިސްލާމްދީނުގެ އަލިގަދަ ނޫރުން. ރާއްޖޭގެ ތާރީޚީ ލިޔުންތަކަށް ބަލާއިރު، އަދި ފެންނަން ހުރި އާސާރީ ހެކިތަކުންވެސް، ރާއްޖެ އިސްލާމްވުމުގެ ކުރީން މާގިނަ މަޢުލޫމާތެއް އެނގޭކަށް ނެތް. އެހެންކަމުން، ރާއްޖެ އިސްލާމްވުމުގެ ކުރިން، ދިވެހީންގެ އުޅުމާއި، ދިވެހީންގެ އެކި ކަންކަން ހުރި ގޮތުގެ ތާރީޚު އޮތީ، މާ ސާފުވާ ގޮތަކަށްނޫން.

ރާއްޖޭގެ އެނގެން އޮތް ތާރީޚު ފެށިފައިވަނީ، މި ޖަޒީރާތަކުގެ ވަޒަންވެރިން، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބިގަތް ހިސާބުން. ދިވެހީންގެ އުޅުމާއި ގޮތްފޮތް ލިޔެވި، ތާރީޚު ބިނާކުރަން ފެށުނީ، އިސްލާމްދީނުގެ އަލިކަމުގެ ތެރެއަށް ދިވެހީންނަށް ވަދެވުނު ހިސާބުން. ދިވެހި ޙަޟާރަތު ބިނާވާން ފެށީ، ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާއާ އެކުގައި.

ދިވެހިންގެ ޘަޤާފަތާއި ތަރިކަ، އުފެދިގެން އައީ އިސްލާމީ އަޚްލާޤާއި ސުލޫކުގެ މަތީގައި ދިވެހީންގެ ދިރިއުޅުމުގެ ކަންކަން ބައްޓަންކުރަން ފެށި ހިސާބުން. މިއިން އެނގެނީ، ހެޔޮލަފާ އުންމަތެއް ބިނާކުރުމުގައި، އިސްލާމީ ޢަޤީދާގެ މުހިންމުކަން. ރަނގަޅު ގޮތުގައި މުޖުތަމަޢެއް ތަރައްޤީވެ ކުރިއަށް ދިޔުމަށްޓަކައި، އިސްލާމީ އުޞޫލުތަކާއި އިސްލާމީ އަޚްލާޤުގެ ބޭނުންތެރިކަން.

ރާއްޖޭގެ މުޅި ތާރީޚަށް ބަލާއިރުވެސް، ދިވެހީންގެ ވަރަށް ގިނަ ކަންކަން ވަނީ، ދުވަހުން ދުވަހަށް، އަހަރުން އަހަރަށް އެކިގޮތްގޮތަށް ބަދަލުވެފައި. ވާހަކަ ދައްކައި އުޅުނު ބަހުރުވަތަކާއި ބަސްމަގު ބަދަލުވެއްޖެ. ލިޔެ އުޅުނު އަކުރު، އެތައް ގޮތަކަށް ވަނީ ބަދަލުވެފައި. ދިވެހީން ލައި އުޅުނު ހެދުންތަކަށް އެކި ޒަމާންތަކުގައި ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައި.

ދިވެހީންގެ އާދަކާދަތަކާއި ޘަޤާފީ ކަންކަމަށް ތަފާތު ބަދަލުތައް އަތުވެއްޖެ. ގެދޮރު ބިނާކުރުމާއި، ވިޔަފާރިކުރުމާއި، ދަތުރުފަތުރުކުރުމަށް އެތައް ބައިވަރު ބަދަލުތަކެއް އަތުވެއްޖެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު އެކި ދުވަސްވަރު އެކި ގޮތްގޮތަށް ފުރޮޅި، އެތައް ބަދަލުތަކެއް އަޅުގަނޑުމެން ތަޖުރިބާކޮށްފިން. މިކަންކަން އެކި ގޮތްގޮތަށް ބަދަލުވަމުން މި އަންނަނީ، ކަންކަން ރަނގަޅުކޮށް ހަރުދަނާ ކުރަން ބޭނުންވާތީ.

ނަމަވެސް މިހާތަނަށް ރާއްޖެ ދުށް، އެންމެ މުހިންމު އެންމެ ހަރުދަނާ ބަދަލު ދިވެހިންނާ ބައްދަލުކުރީ، މީގެ 893 އަހަރު ކުރިން، ހިޖްރައިން 548 ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހު. އެއީ ޝިރުކާއި ކުފުރުގެ ބާޠިލު ޢަޤީދާތައް ދޫކޮށް، ޙައްޤުގެމަތީގައި ބިނާވެފައިވާ އިސްލާމްދީނަށް ދިވެހިރާއްޖެ އެނބުރުނު ދުވަސް.

އޭގެފަހުންވެސް އަޅުގަނޑުމެން ކިތަންމެ ކަމެއް، އަޅުގަނޑުމެން ބޭނުންވެގެން ބަދަލުކޮށްފިން. ނަމަވެސް އަޅުގަނޑުމެން ބަދަލުނުކޮށް، އަދި ދުވަހަކުވެސް ބަދަލުކުރަން ބޭނުންނުވާ އެކައްޗެއް އެބައޮތް. އެއީ، އަޅުގަނޑުމެން ޤަބޫލުކޮށްގެން މިތިބަ މާތްވެގެންވާ އިސްލާމްދީން. އާދެ! ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާ.

އެއްވެސްޝައްކެއްނެތްގޮތުގައި، އެއީ، اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންނަށް ދެއްވި، އެންމެހައި ނިޢުމަތްތަކުގެ ތެރެއިން، އެންމެ މަތިވެރި އަދި އެންމެ އަގުބޮޑު ނިޢުމަތް. އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ، ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު ލިބެނިވި ހަމައެކަނި ޢަޤީދާ އަޅުގަނޑުމެންގެ ހިތްތަކުގައި، އެކަލާނގެ ސާބިތުކޮށްދެއްވިކަން.

އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ޚާލިޤްވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް، ހިތް ނިޔަތް ޚާލިޞްކޮށްގެން އަޅުކަން ކުރެވޭކަން. އަދި ވަކިން ޚާއްޞަ އުފަލެއް ލިބެނީ، މި ރާއްޖެ ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި، އެކަލާނގެ ލެއްވިކަން. މިފަދަ މަތިވެރި ނިޢުމަތެއް އަޅުގަނޑުމެންނަށް މިންވަރުކުރެއްވި ކަމަށްޓަކައި، އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން.

މިފަދަ މަތިވެރި ނިޢުމަތަކުން މަޙްރޫމްވުމަކީ، ސަލާމަތް ބުއްދިހުރި ހަމައެކަކުވެސް އެދޭނެ ކަމެއްނޫން. ނަމަވެސް، މި މަތިވެރި ނިޢުމަތް އަޅުގަނޑުމެންނާ ވަކިކުރުމަށް، ތަފާތު އެތައް މަސައްކަތްތަކެއް، އެކިގޮތްގޮތަށް ކުރަމުންދާކަން، ވަރަށް ހިތާމައާއެކު އަޅުގަނޑު ފާހަގަކުރަން.

އެއްބަޔަކު މަސައްކަތް ކުރަނީ، އިސްލާމްދީނާ އެއްވެސް ގުޅުމެއް ނެތް ކަންތަކެއް، ދީނުގެ ކަންކަމުގައި ހަދައިގެން، މި މަތިވެރި ދީނުގެ ސިފަ ހުތުރުކުރުމަށް. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިވާންޖެހޭ ކަމެއް.

މީހުންނަށް އޯގާތެރިވެ ހަމްދަރުދީވުމަށް، އަދި ކުޑަކުދިންނާއި ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކާއި ކަރާމާތްތެރިކަން ރައްކާތެރިކުރުމަށް، އިސްލާމްދީނުގައި ބާރުއަޅާފައިވާ މިންވަރަށް، އެކަންކަމަށް ބާރުއަޅާ އެއްވެސް ޢަޤީދާއެއް، އެއްވެސް ދީނެއް، މި ދުނިޔެއަކު ނެތް.

ނަމަވެސް، އިސްލާމްދީނުގެ ނަމުގައި، މީހުން މަރައި، މީހުންގެ މުދާ ފޭރި، ކުޑަކުދިންގެ ޢިއްފަތްތެރިކަން ނަގައިލުމުގެ ޢަމަލުތަކެއް، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ކުރާކަމީ، އަދި އެފަދަ ކަންކަމަށް ހިތްވަރުދީ ވާހަކަދައްކައި އުޅޭކަމީ، ވަރަށް ހިތާމަހުރި ކަމެއް.

ހަމައެފަދައިން، އިސްލާމްދީނުގެ އުސޫލުތައް ޤަބޫލުނުކޮށް، މި ދީނުގެ ކަންކަމަށް ހަޖޫޖަހައި ފުރައްސާރަ ކުރުމަކީވެސް، މި ފަސްގަނޑުގައި ޖާގަދެވިގެންވާނޭ ކަންކަމެއްނޫން. އަޅުގަނޑުމެން މާތްވެގެންވާ އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބޭތީ، އަޅުގަނޑުމެންގެ ޢަޤީދާއާއި ދީނަށް، އިހާނެތިކޮށްހިތައި ފުރައްސާރަ ކުރުމަކީ، ތަހުޒީބު މުޖުތަމަޢު ޤަބޫލުކުރާ ހަމަތަކުގެ މަތިން ބަލާއިރުވެސް، ހުއްދަ ކުރެވޭނޭ ކަންކަމެއްނޫން.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައިވިޔަސް، އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އިހާނެތިކޮށްހިތުމަކީ، އެއްވެސް ގޮތަކަށް ކޮށްގެންވާނޭ ކަމެއްނޫން. އަދި އަޅުގަނޑުމެންގެ މުޖުތަމަޢު ބަލައިގަންނާނޭ ކަމެއްވެސްނޫން.

މިއީ މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ކޮންމެހެން ވިސްނަންޖެހޭ މުހިންމު ކަންތައްތަކެއް ކަމަށް ދެކެން. މިކަންކަމާ ދެކޮޅަށް އަޅުގަނޑުމެން އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ އަޅުގަނޑުމެންގެ ދަރީންގެ ހިތްތަކުގައި ބިންވަޅު ނަގައިދިނުން. އިސްލާމީ ރިވެތި އަޚްލާޤާއި ސުލޫކުގެ މަތީގައި ދަރީން ތަރުބިއްޔަތުކުރުން. އަޅުގަނޑުމެންގެ އެންމެހައި އުޅުންތަކާއި ގުޅުންތައް، އިސްލާމްދީނުގެ އިމުގެ ތެރޭގައި ބައްޓަންކުރުން. ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް، ރައްކާތެރި މާޙައުލެއް އެކުދީންނަށް ކަށަވަރުކޮށްދިނުން.

ހަމައެފަދައިން، އިސްލާމްދީނުގެ ނަމުގައި، ދީނާ ނުގުޅޭ ކަންކަން އަޅުގަނޑުމެންގެ ތެރޭގައި ފެތުރުމުގެ މައްސަލައަށްވެސް އޮތް ދާއިމީ ޙައްލަކީ، އެފަދަ މީހުންނަށް ދީނުގެ ކަންކަން ރަނގަޅަށް އޮޅުންފިލުވައިދީ، ޞައްޙަ ޢަޤީދާ، އެމީހުންގެ ހިތްތަކުގައި ހަރުލެއްވުން. އަދި އިސްލާމްދީނަށް ފުރައްސާރަ ކުރަމުންދާ މީހުންނާމެދުވެސް އަޅަންޖެހޭ އެންމެ ރަނގަޅު ފިޔަވަޅަކީ، އެއީ ކަމާމެދަކު ޝައްކެއްނެތް.

މި ދެންނެވި ދެ މައްސަލަވެސް ކުރިމަތިވަނީ، އިސްލާމްދީން ރަނގަޅަށް އޮޅުންނުފިލުމުގެ ސަބަބުންކަން ޔަޤީން. އަދި އަޅުގަނޑުމެންގެ ތެރޭގައި ކަން ހިނގަމުން އަންނަ ގޮތަށް ބެލުމުންވެސް އެކަން ސާބިތުވޭ. މިކަންކަމަށް އޮތް ދާއިމީ ޙައްލަކީ، އެފަދަ މީހުންނަށް ދީނުގެ ކަންކަން ރަނގަޅަށް އޮޅުންފިލުވައިދީ، ޞައްޙަ ޢަޤީދާ އެމީހުންގެ ހިތްތަކުގައި ހަރުލެއްވުން.

އާދެ، އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔަ، މި ޖަލްސާ ފެށުމުގެ ގޮތުން ކިޔެވި އާލް ޢިމްރާން ސޫރަތުގެ 103 ވަނަ އާޔަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވަނީ ޢަދާވާތްތެރިކަން ދޫކޮށްލުމަށާއި، އަޚުވަންތަކަން ޤާއިމުކުރުމަށް. އެހެންކަމުން، މިފަދަ ދުވަހެއްގައި އަޅުގަނޑުމެންގެ ޢަޒުމް ވަރުގަދަކުރުމަކީ، އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ. އާދެ، މިކަމުގައި އަޅުގަނޑުމެންގެ މައިންބަފައިންނާއި ބެލެނިވެރިންނާއި މުދައްރިސުން، އަދި ތަޢުލީމީ މުއައްސަސާތަކުން އަދާކުރަންޖެހޭ ދައުރު ވަރަށް މުހިންމު. ސްކޫލް މާޙައުލުގައިވެސް އަދި ޢާންމު މުޖުތަމަޢުގައި އަޅުގަނޑުމެންގެ ދަރީން އުޅޭ އުޅުމުގައިވެސް، އެކުދީންނަކީ ރަނގަޅު ތަރުބިއްޔަތަކާއި، އިސްލާމީ އަޚްލާޤީ ހަމަތަކުގެ މަތީގައި އުޅުން ބަހައްޓާ ކުދީން ކަމުގައި ހެދުމަކީ ވަރަށް މުހިންމު ކަމެއް.

އަޅުގަނޑުމެންގެ ތެރޭގައިވެސް، އިންސާނީ ހަމަބުއްދި ގަބޫލުކުރާ އުޞޫލުތަކާއި ހަމަތަކެއް އެބަހުރި. ޢުމުރުން ދުވަސްވީ މީހުންނަށް އޯގާތެރިވުމާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ، އޭގެތެރެއިން ފާހަގަކުރެވޭ މުހިންމު ކަންކަން. އިންސާނީވަންތަކަމުގެ ގޮތުންވެސް އަދި އަޚްލާޤީ ގޮތުންވިޔަސް، މި ދެންނެވި ހަމަތަކާއި އުޞޫލުތައް ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް.

ރާއްޖެ އިސްލާމްވި ދުވަހުގެ ހަނދާންތައް އާކުރާއިރު، އިސްލާމްދީން އިންސާނިއްޔަތަށް ގެނެސްދިން އެންމެ ބޮޑު ބަދަލުތަކުގެ މަތިން އަޅުގަނޑުމެން ހަނދާންކުރުމަކީ މުހިންމު ކަމެއް. އެ ބަދަލަކީ، ކޮންމެ ކަމެއްގެވެސް އެންމެ ރަނގަޅު ގޮތް އިޚްތިޔާރުކުރުން. ނުބައި ނުރަނގަޅު ކަންކަމުން ދުރުހެލިވުން. އެކަކު އަނެކަކުގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށްހިތައި، މުޅި މުޖުތަމަޢުގެ އަމާންކަމާއި، ޞުލްޙަމަސަލަސްކަން ޤާއިމުކޮށް، ޢިޖުތިމާޢީ ފޭރާން ވަރުގަދަކުރުން.

އަޅުގަނޑުމެން ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވެވީ، ވަރަށް މަތިވެރި އަމާނާތްތަކެއް ޙަވާލުކުރައްވާފައި. އެ އަމާނާތްތަކާމެދު، ﷲގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭ ދުވަހެއް އެބައޮތްކަން އަޅުގަނޑުމެންގެ ހަނދާނުން އެންމެ ހިނދުކޮޅަކުވެސް ކައްސާލައިގެން ނުވާނެ. އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކުރަންޖެހެނީ މި ސަބަބަށްޓަކައި.

ތިމާއަކީ، ކޮންމެ މަޤާމެއްގައި ހުރި، ކޮންމެފަދަ މަސްއޫލިއްޔަތެއް އަދާކުރާ މީހެއް ކަމަށްވިޔަސް، އަބަދުވެސް ޢަޒުމަކަށްވާންވީ، އެކަމެއް ކުރަން އޮންނަ އެންމެ ރަނގަޅަކަށް އެކަން ކުރުމަށް. އެކަމެއްގައި އަނެކުންގެ ޙައްޤެއް އެކުލެވޭނަމަ، އެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށްހިތުމަށް. ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ވަފާތެރިކަމާއެކު މަސްއޫލިއްޔަތުތައް އަދާކުރުމަށް. އަދި، އެއްވެސް މަޤާމެއްގައި ތާއަބަދު ތިމާއަށް ނުހުރެވޭނޭކަން ގަބޫލުކޮށް، ނުރަނގަޅު ޢަމަލުތަކުން ދުރުހެލިވުމަށް.

އަޅުގަނޑުމެން ފަހަރެއްގައިވެސް ހިތަށްއަރުވައިގެން ނުވާނެ، މީހަކަށް އަނިޔާއެއް ދީފައި ނުވަތަ ޚިޔާނާތްތެރިވެފައި، ތިމާއަށް އުފަލާއި އަރާމާއި ހިތްހަމަޖެހުމުގައި އުޅެވޭނެ ކަމަށް. ﷲ މިންވަރު ކުރައްވައިފިނަމަ، އެކަމެއްގެ ނުބައި ނަތީޖާ، މިދުނިޔޭގައިވެސް ކުރިމަތިލާންޖެހުމަކީ ދުނިޔެ އަޅުގަނޑުމެންނަށް ދައްކަމުން އަންނަ ޙަޤީޤަތް. ޔަޤީނުންވެސް، އާޚިރަތުގައި އެކަމުގެ ޢުޤޫބާތާ ކުރިމަތިލާންޖެހޭނެ.

އެހެންވީމާ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވެސް އަންގަވާފައިވާ ގޮތަށް، އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި އަޅުގަނޑުމެންގެ ޢަމަލުތައް ބެހެއްޓުން. ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތައި، އެންމެންގެ މަޞްލަޙަތާއި ޙައްޤުތައް ރައްކާތެރިކުރުން.

ސަރުކާރުގެ ސިޔާސަތަކީވެސް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި އަޅުގަނޑުމެންގެ ދަރީން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން. އިސްލާމްދީނުގެ ހަމަތަކާއި އުޞޫލުތައް ނަގަހައްޓައި ދަމަހައްޓަން ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ. އެކަމަށްޓަކައި ސަރުކާރުގެ އިދާރާތަކުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރަމުން ގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދާއިމަށް ލެހެއްޓެވުން. އަޅުގަނޑުމެންގެ ހިތްތަކުގައި ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާ ސާބިތުކުރައްވައި، އިސްލާމީ ރިވެތި އަޚްލާޤުން އަޅުގަނޑުމެންގެ ދިރިއުޅުން ޒީނަތްތެރިކުރުމުގެ ހެޔޮ ތައުފީޤު މާތް ﷲ އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވާށި. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.