ސިފައިންގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ) އަށް ހުށަހަޅުއްވާފައިވާ އިޞްލާޙާއި، އެޤާނޫނުގެ 31 ވަނަ މާއްދާއަށް އިތުރުކުރެއްވުމަށް ހުށަހެޅުއްވި މާއްދާއިން ސިފައިންނަށް ސިޔާސީ ނުފޫޒު ފޯރާނެ ކަމަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ފެނިވަޑައިގަންނަވާތީ، ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލަފައާއި މަޝްވަރާ ދެއްވުމަށްޓަކައި ސިފައިންގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުފައްދަވާފައިވާ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގައި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިގޮތަށް ނިންމެވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅެއް، ރައީސް މުޙަންމަދު ނަޝީދަށް ކޮޕީ ކުރައްވާފައިވާތީ، އެސިޓީގައި ވިދާޅުވެފައިވާ ވާހަކަފުޅުތައް، ރައީސް މުޙަންމަދު ނަޝީދު ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނާ ޙިއްޞާ ކުރެއްވުމަށްފަހުގައެވެ.

އެސިޓީގައި، މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލު ވިދާޅުވެފައިވަނީ، ސިފައިންގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް، ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްއުސްތާޛު މުޙަންމަދު ނަޝީދު ހުށަހަޅުއްވައި ބަޙުޘް ކުރެވެމުންދާ ބިލަކީ، ސިފައިންނާ ގުޅުންހުރި ބިލަކަށްވާތީ، ސިފައިންގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ސިފައިންގެ އިދާރީ އަދި އޮޕަރޭޝަނަލް ކަންކަމުގެ ސިޔާސަތު ކަނޑައެޅުމުގައި، މިނިސްޓަރަށާއި، ޗީފް އޮފް ޑިފެންސް ފޯސްއަށް މަޝްވަރާއާއި ލަފާ ދިނުމަށް ސިފައިންގެ ލަފާދޭ މަޖިލީހެއް، ސިފައިންގެ އިސް އޮފިސަރުންގެ ތެރެއިން މިނިސްޓަރު ޢައްޔަން ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވީހިނދު، ސިފައިންގެ ލަފާދޭ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް އިއްޔެ ހަވީރު ބޭއްވެވި ކަމަށެވެ. އަދި މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ އޮފިސަރުން އިއްތިފާޤުވެވަޑައިގަންނަވަނީ، ސިފައިންގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ) އަށް ހުށަހަޅުއްވާފައިވާ އިޞްލާޙާއި، 31 ވަނަ މާއްދާގެ (ށ)ގެ ގޮތުގައި އިތުރުކުރެއްވުމަށް ހުށަހެޅުއްވި މާއްދާއިން ސިފައިންނަށް ސިޔާސީ ނުފޫޒު ފޯރާނެ ކަމަށެވެ. އަދި މި އިޞްލާޙުތައް ފާސްކުރެއްވުމުގެ ކުރިން ސަލާމަތީ ޚިދްމަތްތަކާބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއާއި، ސިފައިންގެ ލަފާދޭ މަޖިލީހުގެ މެންބަރުން ބައްދަލުކޮށްލެއްވުމުގެ ފުރްޞަތު ލިބުމަކީ، މުހިންމު ކަމެއް ކަމަށް ލަފާދޭ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ކަމަށެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދެކުނު އޭޝިޔާގެ ފުރަތަމަ ބީޗް އަދި ވޯޓަރ ސްޕޯޓްސް މުބާރާތް، 2010 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވެވުމަށް ނިންމެވިއެވެ. މިކަން ނިންމެވީ، މި މުބާރާތް ރާއްޖޭގައި ބޭއްވެވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އިން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިއީ ރާއްޖެ، ބޭރު ދުނިޔޭގައި އިޝްތިހާރު ކުރުމަށް ލިބޭ ވަރަށް މުހިންމު ފުރްޞަތެއް ކަމާއި، މިއީ ސްޕޯޓްސް ޓޫރިޒަމަށް މަގުފަހިވާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މި މުބާރާތާބެހޭ އިންތިޒާމުތައް ރާއްވަވައި ވިލަރެސް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އާއި، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ، މި ދާއިރާތަކުގެ ސްޓޭޓް މިނިސްޓަރުން ހިމެނިވަޑައިގަންނަވާ ކޮމިޓީއެއް ހޮއްވެވިއެވެ.

މީހުން ދިރިއުޅޭ ރަށަކަށް ފާދިއްޕޮޅު "ފެލިވަރު" ބަދަލުކުރައްވައި، ފެލިވަރަކީ އުތުރު ޕްރޮވިންސްގެ އިދާރީ މަރުކަޒަކަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން 2009 ފެބްރުއަރީ 10 ވަނަ ދުވަހު ނިންމަވާފައިވުމާއެކު، އެކަމާބެހޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވައި، އެއަތޮޅު މާފިލާފުށީގެ ކަންކަން ކުރިމަގުގައި ގެންދަވާނެގޮތެއް ރާއްވަވައި މަޝްވަރާ ކުރެއްވުމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް ހޮއްވެވިއެވެ. އަދި އެކޮމިޓީގެ ބޭފުޅުން އުތުރު ޕްރޮވިންސްގެ އިސްބޭފުޅުންނާ މަޝްވަރާ ކުރައްވައިގެން، ގޮތްތަކެއް ކަނޑައެޅުއްވުމަށް ނިންމެވިއެވެ.

މިއަދުގެ ޖަލްސާގައި ހެލްތް އިންޝުއަރެންސް ސްކީމް ”މަދަނަ“އިގެ ޚިދްމަތް ފުޅާކުރެއްވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއިން ހުށަހަޅުއްވާފައިވާ މައްސަލައާ ބެހޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޝްވަރާ ކުރެއްވިއެވެ. މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ހެލްތް އިންޝުއަރެންސް ސްކީމް ހިންގުން ޕްރައިވެޓް އިންޝުއަރެންސް ކުންފުންޏަކަށް ދިނުމުގެ ބަދަލުގައި، އިންޝުއަރެންސް ސްކީމް ”މަދަނަ“ އިތުރަށް ތަރައްޤީ ކުރައްވައި ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ.