އިސްލާމް ދީނުގެ ނަމުގައި، ދީނާ ނުގުޅޭ ކަންކަން ކުރާމީހުންނާ އަދި އިސްލާމް ދީނަށް ފުރައްސާރަކުރަމުންދާ މީހުންނާ މެދުގައިވެސް އަޅަން އެންމެ ރަނގަޅު ފިޔަވަޅަކީ، ދީނުގެ ކަންކަން ރަނގަޅަށް އޮޅުންފިލުވައިދީ، ޞައްޙަ ޢަޤީދާ އެމީހުންގެ ހިތްތަކުގައި ހަރުލެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި މި ދެ މައްސަލައިގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ދެ މައްސަލަވެސް ކުރިމަތިވަނީ، އިސްލާމް ދީން ރަނގަޅަށް އޮޅުން ނުފިލުމުގެ ސަބަބުންކަމަށެވެ. އެހެންކަމުން މިކަންކަމަށް އޮތް ދާއިމީ ޙައްލަކީ، އެފަދަ މީހުންނަށް ދީނުގެ ކަންކަން ރަނގަޅަށް އޮޅުންފިލުވައިދީ، ޞައްޙަ ޢަޤީދާ އެމީހުންގެ ހިތްތަކުގައި ހަރުލެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރާއްޖޭގެ ތާރީޚަށް ބަލާއިރު ދިވެހިންގެ ގިނަ ކަންކަން ދުވަހުން ދުވަހަށް އަހަރުން އަހަރަށް އެކި ގޮތްގޮތަށް ބަދަލުވެފައި ވީނަމަވެސް ބަދަލުނުކޮށް، އަދި ދުވަހަކުވެސް ބަދަލުކުރަން ބޭނުންނުވާނެ ކަމަކީ ދިވެހިން ޤަބޫލުކޮށްގެން ތިބި އިސްލާމް ދީންކަން ފާހަގަކުރެއްވިއެވެ. އަދި އެއީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްވި، ނިޢުމަތްތަކުގެ ތެރެއިން، އެންމެ މަތިވެރި އަދި އެންމެ އަގުބޮޑު ނިޢުމަތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މިރާއްޖެ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި، އެކަލާނގެ ލެއްވުން އެއީ ދިވެހިންނަށް ވަކިން ޚާއްޞަ އުފަލެއް ލިބިގެންދާކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދިވެހިންނަށް ލިބިފައިވާ މި ނިޢުމަތާ ވަކިކުރުމަށް، ތަފާތު އެތައް މަސައްކަތްތަކެއް، އެކި ގޮތްގޮތުން ކުރަމުންދާ ކަން، ފާހަގަކުރެއްވިއެވެ. އެގޮތުން އެއް ބަޔަކު މަސައްކަތް ކުރަނީ، އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ކަންތައްތަކެއް، ދީނުގެ ކަންކަމުގައި ހަދައިގެން، މި މަތިވެރި ދީނުގެ ސިފަ ހުތުރުކުރުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އިސްލާމް ދީނުގެ ނަމުގައި، މީހުން މަރައި، މީހުންގެ މުދާ ފޭރި، ކުޑަކުދިންގެ ޢިއްފަތްތެރިކަން ނަގައިލުމުގެ ޢަމަލުތަކެއް، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ކުރާކަމާއި އަދި އެފަދަ ކަންކަމަށް ހިތްވަރުދީ ވާހަކަދައްކާ ބަޔަކުވެސް އުޅޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އިސްލާމުދީނުގައި ކަން އޮތީ އެހެންނޫންކަން ފާހަގަކުރައްވައި އިސްލާމު ދީނަކީ މީހުންނަށް އޯގާތެރިވެ ހަމްދަރުދީވުމަށް، އަދި ކުޑަކުދިންނާއި ދުވަސްވީމީހުންގެ ޙައްޤުތަކާއި ކަރާމާތްތެރިކަން ރައްކާތެރިކުރުމަށް، އެންމެބޮޑަށް ބާރުއަޅާ ޢަޤީދާ އަދި ދީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

އިސްލާމް ދީނުގެ އުސޫލުތައް ޤަބޫލުނުކޮށް، މި ދީނުގެ ކަންކަމަށް ހަޖޫޖަހައި ފުރައްސާރަކުރުމަކީ ވެސް، މި ފަސްގަނޑުގައި ޖާގަދެވިގެންވާނެ ކަންކަމެއް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބޭތީ، ޢަޤީދާ އާއި ދީނަށް، އިހާނެތިކޮށް ހިތައި ފުރައްސާރަކުރުމަކީ، ތަހުޒީބު މުޖްތަމަޢުތައްވެސް ޤަބޫލުކުރާ ހަމައެއް ނޫންކަމަށާ އަދި އެއީ ހުއްދަ ކުރެވޭނެ ކަންކަމެއްވެސް ނޫންކަމަށެއެވެ. އެގޮތުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގޮތުން ވިޔަސް، އިސްލާމް ދީނަށް ފުރައްސާރަކުރުމާއި އިހާނެތިކޮށްހިތުން ހުއްދަކުރާ، ބައިނަލްއަޤްވާމީ އެއްވެސް ޤާނޫނެއް، މުޢާހަދާއެއް ފެންނަން ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިކަންކަމާ ދެކޮޅަށް އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ބިންވަޅު ނަގައިދިނުންކަމަށެވެ. އެގޮތުން އިސްލާމީ ރިވެތި އަޚްލާޤާއި ސުލޫކުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމާއި އެންމެހައި އުޅުންތަކާއި ގުޅުންތައް، އިސްލާމް ދީނުގެ އިމުގެ ތެރޭގައި ބައްޓަންކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މިކަމުގައި މައިންބަފައިންނާއި ބެލެނިވެރިންނާއި މުދައްރިސުން، އަދި ތަޢުލީމީ މުއައްސަސާތަކުން ރާއްޖެ އިސްލާމްވި ދުވަހުގެ ހަނދާންތައް އާކުރާއިރު، އިސްލާމް ދީން އިންސާނިއްޔަތަށް ގެނެސްދިން އެންމެ ބޮޑު ބަދަލުތަކުގެ މަތިން އަޅުގަނޑުމެން ހަނދާންކުރުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ބަދަލަކީ، ކޮންމެ ކަމެއްގެވެސް އެންމެ ރަނގަޅު ގޮތް އިޚްތިޔާރުކުރުމާއެކު އެކަކު އަނެކަކުގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އެގޮތުން އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓައި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި، އެންމެންގެ މަޞްލަޙަތާއި ޙައްޤުތައް ރައްކާތެރިކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އިސްލާމް ދީނުގެ ހަމަތަކާއި އުޞޫލުތައް ނަގަހައްޓައި ދަމަހައްޓަން ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެކަމަށާއި އެކަމަށްޓަކައި ސަރުކާރުގެ އިދާރާތަކުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރަމުން ދާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެއަދާކުރަންޖެހޭ ދައުރުގެ ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.