ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލަރުންނާއި ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢުތަކާއިބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ޅ. އޮޅުވެލިފުށީގެ ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ މުހިއްމު މައްސަލަތަކުގެ އިތުރުން ރަށުގެ ތަރައްޤީއަށާއި ރަށުގައި ދިރިއުޅޭ އާބާދީގެ ތަރައްޤީއާއި އާއްމު ހާލަތު ރަނގަޅުކުރުމަށް ކުރިޔަށް ރާއްވަވާފައިވާ މަޝްރޫޢުތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު، ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައިވެއެވެ.

މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ބައެއް މުހިންމު ކަންތައްތަކުގެ ތެރޭގައި، ރަށުގެ ބަނދަރު ބޭނުންކުރުމުގައި ކުރިމަތިވެފައިވާ ދަތިތަކުގެ އިތުރުން، ކައިރި ރިސޯޓުތަކުން ޞިއްޙީ ޚިދުމަތަށް އެރަށަށް އަންނަ ފަރާތްތަކުގެ އިތުރުން ރަށުގައި ދިރިއުޅޭ އާބާދީއަށް އެރަށު ޞިއްޙީ މަރުކަޒުން ދެމުންގެންދާ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންޖެހިފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައިވެއެވެ. އަދި ރަށަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތުގެ އިތުރުން އޮޅުވެލިފުށީ ސްކޫލްގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައިވެއެވެ. މީގެއިތުރުން ރަށުގެ ލޭންޑު ޔޫސް ޕްލޭނަށް ގެނެވިފައިވާ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވަމުން، ޒުވާނުންނާއި ކުޅިވަރުގެ ކުރިއެރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ކައުންސިލަރުންގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ލާމަރުކަޒީ ޤާނޫނަށް ގެންނަ ބަދަލުތަކާއެކު، ކައުންސިލްތަކަށް ގިނަ ބާރުތަކަކާއި ޒިންމާތަކެއް ޙަވާލުކުރެވިގެންދާނެކަން ފާހަގަކުރައްވާ، ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދިއުމުގައި ކައުންސިލްތަކުން ޒިންމާދާރުކަމާއެކު މަސައްކަތް ކުރައްވާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޅުވެލިފުށީ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ބައެއް މަޝްރޫޢުތަކާބެހޭ އެންމެފަހުގެ މަޢުލޫމާތު ކައުންސިލަރުންނާ ޙިއްޞާކުރައްވާފައެވެ. އަދި ކައުންސިލުން ކަންބޮޑުވުން ފާޅުކުރެއްވި މައްސަލަތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.