بســم اللّـه الرّحمـن الرّحيــم

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ، ކެލާ، އިހަވަންދޫ އަދި ބާރަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރުން، ހއ. އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޙުސައިން، އަތޮޅު ކައުންސިލް މެންބަރުންނާއި، ހއ. އަތޮޅުގެ ރަށްތަކުގެ ކައުންސިލް މެންބަރުން، އަދި މި ޖަލްސާއަށް ވަޑައިގެން ތިއްބެވި ދައުލަތުގެ މުއައްސަސާތަކުގެ ވެރިން، ދިއްދޫގެ ލޮބުވެތި ރައްޔިތުންނާއި، އަދި މުޅި އަތޮޅާއި ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެއްވެސްޝައްކެއްނެތް، ތިލަދުންމައްޗަކީ ވަރަށް ވަރުގަދަ ޤައުމީ ބަޠަލުންތަކެއް، ޤައުމީ ފަހުލަވާނުންތަކެއް އުފެއްދި އަތޮޅެއް. އާދެ، މިކަންވަނީ ދިވެހިރާއްޖޭގެ ތާރީޚުން ސާބިތުކޮށްދީފައި. އަދި މިކަމުން ދިވެހި އެތައް ދަރީންތަކަކަށްވަނީ ހިތްވަރު ލިބިގެން ގޮސްފައި. އާދެ، މިފަދަ ޕްރޮގްރާމެއް، މިފަދަ އެވޯޑް ދިނުމުގެ ޙަފްލާތަކެއް، ނުވަތަ އެކި މީހުންގެ ޚިދުމަތްތައް ވަޒަން ކުރުމަށްޓަކައި މިފަދަ މުނާސަބަތުތައް ބޭއްވޭކަމީ އެއީ، ވަރަށް މުހިންމު ކަމެއް.

އާދެ، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، އަތޮޅު ކައުންސިލުން މި ކުރަމުންގެންދާ މަސައްކަތް އާދެ، މަސައްކަތްކުރާ، ޚިދްމަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރު ދިނުމުގެ ގޮތުން މި ކުރަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް، ޚާއްޞަކޮށް، އަތޮޅު ކައުންސިލަށާއި، އަދި މުޅި އަތޮޅުގެ، މިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރުން.

އާދެ، ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމު މިދަނީ ވަރަށް ބޮޑަށް ބަދަލުވަމުން. އާދެ، އަޅުގަނޑުމެން އަހަރުތަކެއް ކުރިން، ދިވެހިރާއްޖޭގެ ރައްޔިތުން ވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް، އާދެ، އާ ޤާނޫނުއަސާސީ އެކުލަވައިލައްވައި، ވަރަށް ބޮޑެތި އިޞްލާޙުތައް ގެންނަވާފައި. އޭގެތެރޭގައި އެންމެ ބޮޑަށް ރައްޔިތުން ބޭނުންވި އެއްކަމަކަށް ވެގެންދިޔައީ، ދިވެހިރާއްޖޭގެ އަތޮޅުތައް ލާމަރުކަޒީ އުސޫލުން ހިންގުން. ފަހުގެ އަހަރުތަކުގައި މިގޮތަށް ހިންގުމަށް، އާދެ، ކައުންސިލްތަކަށް ގޮންޖެހުންތަކެއް ދިމާވި ނަމަވެސް، މިއަދުގެ ސަރުކާރުން، އާދެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑަށް އިސްކަންދެއްވާ ކަމަކީ، ކައުންސިލްތަކަށް ބާރުލިބި، ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެވި، ކައުންސިލްތައް ބާރުވެރިކުރެވި، ރައްޔިތުންނަށްދޭ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ކައުންސިލްތަކުން ލިބުމަށް، އެ ފުރުޞަތުތައް ފަހިކުރުން.

އާދެ، އިރާދަކުރެއްވިއްޔާ، މި ކަންތައްތައް ދާދި އަވަހަށް، ވަކިން ޚާއްޞަކޮށް، އަޅުގަނޑު ދަންނަވާނީ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ މަސައްކަތުންނާއެކު ފުރިހަމަވެގެންދާނެއޭ. އަދި ހަމައެއާއެކު، އަންނަ އަހަރު އިރާދަކުރެއްވިއްޔާ ވެގެންދާނީ، ކައުންސިލްތަކަށް މި ދެންނެވި ކަންތައްތައް ފުރިހަމަކުރުމަށްޓަކައި ކައުންސިލްތައް ތަނަވަސްވެ، އާދެ، މާލީގޮތުން ތަނަވަސްކަން އިތުރުވެގެންދާނޭ އަހަރަކަށް. އޭގެ ސަބަބުން، ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ކުރާނޭކަން ކަށަވަރު.

އާދެ، އަޅުގަނޑުމެން ޚިދުމަތްތެރީންގެ ވާހަކަ، އެކިއެކި ރީތި ނަންތައް ހޯދާ ފަރާތްތަކުގެ ވާހަކަ، އާދެ، ތަޢުލީމީ ދާއިރާގައި ރަން ވަނަތައް ހާސިލުކުރާ ފަރާތްތަކުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ ހަނދާނަށް އަޅުގަނޑުމެން ގެންނަންޖެހޭ. ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް، ހުރިހާ ރަށްތަކެއްގައިވެސް، ގިނަގުނަ ޚިދުމަތްތެރީންތަކެއް އެބަތިބި. އަޅުގަނޑުމެން ހަނދާނަށް ގެންނަންޖެހޭ، އަޅުގަނޑުމެންގެ ޤައުމު މި ހިސާބަށް އަޅުގަނޑުމެންނާ ހަމައަށް ގެނައުމުގައި ގިނަގުނަ މަސައްކަތްތަކެއް، ގިނަގުނަ ޤުރުބާންތަކެއް ވަރަށް ގިނަ ބަޔަކުވި. މިއަދު އަޅުގަނޑުމެން އެ ފަރާތްތަކުގެ މަތިން ހަނދާން އާކުރަންޖެހޭ.

އާދެ، އަޅުގަނޑުމެންނަށް މި ސްޓޭޖުމަތިން އަޑުއިވިގެންދިޔަ، ކުރާ ކަންތައްތަކުގެ އަގުވަޒަންކުރުމަކީ، ކިހާވަރެއްގެ ކަމެއްކަން. އާދެ، އެއްވެސްޝައްކެއްނެތް. ކުރާ ކޮންމެ ރަނގަޅު ކަމެއްގެ އަގު ވަޒަންކުރަންޖެހޭ. އަޅުގަނޑުމެންނަށް އެހެން ބަޔަކަށް ހިތްވަރު ދެވޭނީ، އަޅުގަނޑުމެން އެ ނަމޫނާ ދައްކައިގެން.

އާދެ، މާ ނުގުޅޭ ވާހަކައަކަށްވީނަމަވެސް، އަޅުގަނޑުވެސް ދަންނަވާލަން އޮތީ ޙަޤީޤަތުގައި އަޅުގަނޑުގެ ޙަޔާތުގައިވެސް އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ހިތްވަރެއް ލިބިގެން ދިޔައީ، މީގެ ވިއްސަކަށް އަހަރާއި އަށެއްކަ މަސްދުވަސް ކުރިން، ހަމަ މި ދިއްދޫގެ ފަސްގަނޑުން. އާދެ، އެ ދުވަހު އަޅުގަނޑަށްވެސް ވަރަށް ތަފާތު އިޙްސާސްތަކެއް ކުރެވުނު. ވަރަށް ވަރުގަދަ ޢަޒުމެއް އަޅުގަނޑު ކަނޑައަޅަން، އަޅުގަނޑުވެސް އެގޮތަށް ވިސްނިން. އަޅުގަނޑަށް އިޙްސާސް ކުރެވޭ، މީހަކު ކުރާ ކިތަންމެ ކުޑަ ނަމަވެސް ހެޔޮކަމެއް، ރަނގަޅު ކަމެއް ކޮށްފި މީހެއްގެ އަގުވަޒަން ކުރުމަކީ ކިހާވަރެއްގެ ކަމެއްކަން.

އެހެންވީމާ، މިއަދު ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ޚިދުމަތްކުރާ ފަރާތްތަކުން އަދި ޚިދުމަތް ކުރެއްވި ފަރާތްތަކުގެ މަތިން ހަނދާންކޮށް، އަޅުގަނޑުމެން އެކަންތައް ފާހަގަކޮށް، ޙައްޤު ޝުކުރު އަޅުގަނޑުމެން އަދާކުރަންޖެހޭ. އާދެ، މިއިން ކުރާނެ ފައިދާތައް ވަރަށް ގިނަގުނަ. އަޅުގަނޑުމެންގެ ޤައުމުގެ އާދެ، ޒުވާނުން، އެކި ދާއިރާތަކަށް ޒުވާނުން ނެރުމަށްޓަކައި މިއިން ވަރަށް ބޮޑެތި ފައިދާތަކެއް ކުރުވާ. އެހެންވީމާ، މިއީ އަޅުގަނޑު ދަންނަވާނީ، ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުރަން ވަރަށް ރަނގަޅު ކަމެކޭ. އަދިވެސް އެއްފަހަރު މިކަންތައް ކުރެއްވީތީ، ޚާއްޞަކޮށް އަތޮޅު ކައުންސިލުގެ ރައީސަށާއި، އެންމެހައި މެންބަރުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން ދަންނަން އެބަޖެހޭ، ޤައުމެއް ކުރިއަރައި މިދަނީ، އުފެއްދުންތެރި، ހުނަރުވެރި ވަރުގަދަ ޖީލެއް އުފެއްދިގެންކަން. ޙަޤީޤަތުގައި ތިޔަބޭފުޅުންވެސް ތިޔަ ކުރައްވާ މަސައްކަތަކީ އެ ދުވަސް ހޯދުން. އަޅުގަނޑުމެންގެ ޤައުމު ކުރިއަރައިގެނެއް ނުދާނެ، އެފަދަ ދަރީންތަކެއް އަޅުގަނޑުމެންނަށް ނުއުފެއްދިއެއް.

އާދެ، މިއަދުގެ ސަރުކާރުން، އާދެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެންމެ އިސްކަމެއް ދެއްވާ ކަމަކަށް އޮތީ، ދިވެހިރާއްޖޭގައި ހުނަރުވެރި، އުފެއްދުންތެރީން، ޤާބިލް، މަސައްކަތަށް ތައްޔާރުކުރެވިފައިވާ، ދިރިއުޅުމަކަށް އަހުލުވެރި ކުރެވިފައިވާ ޖީލެއް އުފެއްދުން. އާދެ، އެ ކަންތައްތައް ކުރުމަށްޓަކައި އަޅުގަނޑުމެންނަށް އެބަ އެނގޭ، ޚާއްޞަކޮށް، ތަޢުލީމީ ދާއިރާއަށް ދުވަހަކުވެސް ސަރުކާރަކުން ނުކުރާފަދަ ބޮޑެތި ހޭދަތަކެއް ވަނީ ކުރަން ފަށާފައި. އާދެ، ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ، މިހާރު ތިޔަބޭފުޅުން މަސައްކަތް ކުރައްވަމުން ތިޔަ ގެންދަވާ ބަޖެޓުގައިވެސް، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި، ތަޢުލީމީ ނިޒާމު ފުޅާކުރުމަށްޓަކައި، ރަނގަޅު ޖީލެއް އުފެއްދުމަށްޓަކައި، ރަނގަޅު ތަރުބިއްޔަތު ލިބިގެންވާ ދަރީންތަކެއް ޤައުމިއްޔަތު ދިރުވުމަށްޓަކައި، ދަރީންތަކެއް ތައްޔާރުކުރުމަށްޓަކައި ކިހާވަރެއްގެ ސަމާލުކަމެއް އަހަންމިއްޔަތު ކަމެއް، މި ބަޖެޓުގައިވެސް ދެވިފައިވާކަން.

އަދި ހަމައެއާއެކު އަޅުގަނޑު ފާހަގަކުރަން. ޤައުމަކަށް ކުރިއެރުން މި ލިބެނީ، ޤައުމެއްގައި ޒުވާނުން އެކި ދާއިރާތަކަށް ތައްޔާރުކުރެވިގެން، ބިނާކުރެވިގެން. އާދެ، މިއަދުގެ ސަރުކާރުން، ދިވެހިރާއްޖޭގެ އެކި ދާއިރާތަކަށް، އާދެ، ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، އިންޖިނިއަރިންގ ދާއިރާ، އަދި އެނޫނަސް ތަފާތު ގިނަ ދާއިރާތަކަށް ޒުވާނުން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެންމެން އެކުގައި އެ މަސައްކަތްކޮށް، ދިވެހިރާއްޖެއަކީ ޤާބިލް، ތަޢުލީމީ ވަރުގަދަ ޖީލެއް އޮތް ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން އެ މަސައްކަތްކޮށް، އެ ކަންތައް އިރާދަކުރެއްވިއްޔާ ކާމިޔާބުކުރާނަން.

އާދެ، އަޅުގަނޑުމެން ދަންނަން އެބަޖެހޭ، ދުނިޔޭގެ ކޮންމެ ދުވަހަކުވެސް އައު އުފެއްދުންތަކެއް، އައު އީޖާދުތަކެއް އަޅުގަނޑުމެންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިގެންދޭ. އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. ޙަޤީޤަތަކީ އަޅުގަނޑުމެންގެ ދިވެހި ޒުވާނުންނަކީ ވަރަށް ހުނަރުވެރި ބައެއް. އަޅުގަނޑުމެންނަށް އެކަންތައް އެކި ދާއިރާތަކުން ފެނިގެންދޭ. ދާދި އިހަށްރޭވެސް ރައީސުލްޖުމްހޫރިއްޔާ އެ ހުޅުއްވައިދެއްވި، އާދެ، ފަންނު އެކްސްޕޯ. އެއިންވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ތަފާތު ދާއިރާތަކުން ވަރަށް ޒުވާން ދަރީންތަކެއް، އާދަޔާ ޚިލާފު އުފެއްދުންތައް، ދިވެހި ބާޒާރަށް ނުވަތަ ދިވެހިރައްޔިތުންގެ ލޮލުގެ ކުރިމައްޗަށް ނެރެފައިވާކަން. އާދެ، ކޮންމެ ތަނެއްގައި ތިބި ނަމަވެސް، އަޅުގަނޑުމެންނަށް އެބަ ފެނޭ، އެއީ، އެމެރިކާގައިވިޔަސް އަދި އެހެން ޤައުމެއްގައިވިޔަސް، ކިޔެވުމުގެ ދާއިރާގައިވިޔަސް، ދިވެހިން ވާދަކޮށްފައި، ރަން ވަނަތައް ހޯދާތަން.

އާދެ، މިއަދު އަޅުގަނޑުމެން ކޮށްދޭންޖެހޭ ކަމަކަށް އޮތީ، މިފަދަ ފަރާތްތަކަށް މަގުފަހިކޮށްދިނުން. ފަހި ފުރުޞަތުތަކެއް ހޯދައިދިނުން. އަޅުގަނޑު މިއަދު ދިވެހިރާއްޖޭގެ ޒުވާނުންނަށް ދަންނަވާލަން އޮތީ، ﷲ އިރާދަކުރެއްވިއްޔާ، ދިވެހި ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ ބޮޑު އެއް އަމާޒަކީ، ދިވެހި ޒުވާނުންނަށް މިފަދަ ފުރުޞަތުތައް ހޯއްދަވައިދެއްވައި، އަދި އަޅުގަނޑުމެންގެ ތެރެއިން ނެތިގެންދާ ކަންތައްތައް، އެ ހުނަރުތައް އަލުން އަނބުރާ އިޔާދަކޮށް، އެ ކަންތައްތައް އިތުރު ފަރާތްތަކަށް ދަސްކޮށްދޭނޭ މަގު ތަނަވަސްކޮށްދިނުމޭ.

އާދެ، މި ހުރިހާ ކަމެއްވެސް އަޅުގަނޑުމެންނަށް ކުރެވެން އޮތީ، އަޅުގަނޑުމެން އެއްކަމެއް ކޮށްގެން. އަޅުގަނޑުމެން އެބަޖެހޭ، ޤައުމަށް ހަމަނޭވާލުމުގެ ފުރުޞަތެއް ދޭން. ކޮންމެ ރެޔަކު އަޅުގަނޑުމެންގެ ކަންތައްތައް ވިޔަނުދިނުމަށްޓަކައި ތަފާތު އެކި ވާހަކަތައް ދައްކައި، ހަނާތައް ދައްކައި، މިކަމަށް ވަގުތު ހުސްކޮށް، އަޅުގަނޑުމެންގެ ޒުވާނުންނާއި، ރައްޔިތުންގެ އަގުހުރި ވަގުތުތައް ނަގާލައި، މިހެން އެއްގޮތަކަށްވެސް އަޅުގަނޑުމެން މިކަންތައް ކޮށްގެނެއް އަޅުގަނޑުމެންނަށް ކާމިޔާބެއް ނުހޯދޭނެ. މިއަދު ދިވެހީންނަކީ ވިސްނޭ ބައެއް. އާދެ، އަޅުގަނޑުމެންގެ ރައްޔިތުން މިއަދު ﷲ އިރާދަކުރެއްވީތީ، ކަނބޮޑުވާކަށްނުޖެހޭ، ބަޔަކު ހައްޔަރުކޮށްފާނެތީ، އަނިޔާއެއް ދީފާނެތީ، އިންސާފު ގެއްލިދާނެތީ، ތަފާތުކޮށްފާނެތީ. މިއީ މިއަދުގެ ސަރުކާރު ގެނައުމަށްޓަކައި ދިވެހިރައްޔިތުން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ސަބަބު. ހަމަހަމަކަން ޤާއިމުކުރުމަށާއި، ތަފާތުކުރުންތައް ނައްތާލުމަށާއި، ކުދި ރަށްތަކާއި، ބޮޑެތި ރަށްތަކުގެ މެދުގައި އެ ކުރެވޭ ބޮޑެތި ތަފާތުތައް ނައްތާލައި، ދިވެހިރައްޔިތުންނަށް ހަމަޖެހުން ހޯދައިދިނުމަކީ އެއީ، ރައްޔިތުން ބޭނުންވި ކަމަކީ.

އާދެ، މިއަދުގެ ސަރުކާރަށް އެއް އަހަރު ފުރިގެންދާއިރު، އަޅުގަނޑުމެން އުފާކުރަން. ކޮންމެ ނިޢުމަތަކީ އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމެއް. ކޮންމެ ހެޔޮކަމަކީ އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ތެރެއަށް އަންނަ ކޮންމެ ހަމަޖެހުމަކީ، އަޅުގަނޑުމެން އެންމެ ބޭނުންވާ ކަންތައްތައް. އަޅުގަނޑުމެން އެންމެން ގުޅިގެން އެކައްޗެއް ކިޔައިގެން، ރައްޔިތުންނަށް މި ކުރެވޭ މަސައްކަތުން އިރާދަކުރެއްވިއްޔާ، ދިވެހި ޤައުމުގައި ހަމަޖެހުން ޤާއިމުކުރެވޭކަން އެބަ ފެނޭ. އާދެ، މީގެ ނަތީޖާ ވަރަށް ފޮނި. ޤައުމެއްގައި ހަމަޖެހުމެއްނެތި އިޤްތިޞާދީ ކުރިއެރުމެއް ނުލިބޭނެ. އަޅުގަނޑުމެން މީގެކުރިން ކަންބޮޑުވަމުންދިޔައީ، ބޭރު ދުނިޔޭގެ ނޫސްތަކުގައި، ދިވެހިރާއްޖެއަށް އައުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ލިޔެވި، ޤައުމުގައި ހަމަނުޖެހުން އޮންނަކަމާއި، ޤައުމުގައި އޮތް ތަފާތު އެކިއެކި ކަންތައްތަކާ ގުޅިގެން ފަތުރުވެރިންނާއި، ޤައުމަށް ޒިޔާރަތްކުރާ ފަރާތްތައް ފަސްޖެހެމުން ދިޔުމުން. މިއަދު އަޅުގަނޑުމެން އެންމެން އެކުގައި ކުރެވޭ މަސައްކަތުން އަޅުގަނޑުމެންނަށް މި ދައްކުވައިދެނީ، އާދެ، ބޭރު ދުނިޔެއާވެސް އަޅުގަނޑުމެން ގުޅުން ބަދަހިކޮށް، ދިވެހިރާއްޖެއަކީ އެންމެ ހިތްފަސޭހަ ތަންކަން. މުޅި ދުނިޔޭގައި އޮތް އެންމެ އަމާން ތަންކަން، އެއީ އަޅުގަނޑުމެން މިއަދު ދައްކައިދޭ ކަމަކީ. މިއީ އަޅުގަނޑުމެން އެންމެހައި ދިވެހިންނަށް ލިބޭ ނަސީބެއް. މިއީ ވަކި މީހަކަށް ލިބޭ މޮޅުކަމެއް ނޫން.

އެހެންވީމާ، އަޅުގަނޑުމެން މިއަދު ހުރިހާ އެންމެން އެކުގައި އިތުރަށް މަސައްކަތް ކުރަން އެބަޖެހޭ. ރަނގަޅު ކަންތައްތައް ކުރުމަށް ވަގުތު ހޭދަކުރަން އެބަޖެހޭ. ދިވެހި ޤައުމަށް ކުޑަ ނަމަވެސް ޚިދުމަތެއް ކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ އަތުކުރި އޮޅާލަން އަޅުގަނޑުމެން އެބަޖެހޭ. މިއަދު މިއޮތް ސަރުކާރަކީ މިއީ ދިވެހިރައްޔިތުންގެ ސަރުކާރެއް. މިއީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ސަރުކާރެއް. މިއީ، މި ސަރުކާރު ގެންނަން ވޯޓު ނުދިން ފަރާތްތަކުގެވެސް ސަރުކާރެއް. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ގިނައިން ވިދާޅުވާ ފަދައިން، އެއްވެސް މީހަކީ ދިވެހި ސަރުކާރުގެ ހިޔާވަހިކަމުގެ ދަށުން ބާކީވެގެންދާނެ މީހެއްނޫން. އެހެންވީމާ، އެ ވިސްނުމުގައި، އަޅުގަނޑުމެން އެންމެން މަސައްކަތް ކުރުމަށްޓަކައި، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް މިއަދު ގޮވާލަން.

އާދެ، ރައްޔިތުން، ސަރުކާރު ގެނައުމުގެ އެންމެ ބޮޑު އަނެއް ބޭނުމަކަށް ވެގެންދިޔައީ، ހަމަހަމަގޮތެއްގައި ތަރައްޤީ ގެނައުން. އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ޢިއްޒަތްތެރި ވަރަށް ގިނަ މެންބަރުން އެބަ ތިއްބެވި. އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ކިހާވަރަކަށްކަން މިއަދުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތަކަށް ޖާގަ ދެވިފައި ހުރީ. އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް މި ސަރަޙައްދުގައިވެސް އެންމެ މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ދިނުން ފެށިގެންދާނެ. އޭގެ ސަބަބުން، ރަށުގައި ތިބެގެން، ނުވަތަ ރަށާ ވަރަށް ކައިރިން ޚިދުމަތްތައް ލިބި، ޒަމާނުއްސުރެ ފެށިގެން އެ އުފުލަމުންދިޔަ ތަކުލީފު އިރާދަކުރެއްވިއްޔާ ނިމުމަކަށް އަންނާނެ. މިއީ ރައްޔިތުން ބޭނުންވި ކަންތައްތަކަކީ. އަދި ހަމައެއާއެކު، ތަރައްޤީގެ އެހެނިހެން މަޝްރޫޢުތައް ކުރިއަށްގޮސް، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރެވި، ރަށްރަށުގެ މަގުތައް ހެދި، ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ. މި ސަރުކާރުން ހަމައެކަނި ވިސްނާނެ ކަމަކަށް އޮންނާނީ، ހަމަ އަގުގައި ﷲ އިރާދަކުރެއްވިއްޔާ ކަންތައްތައްކޮށް، މި ދެންނެވި ގޮތަށް ކުދި ރަށްތައް، ބޮޑެތި ރަށްތައް ބެލުމެއްނެތި، ހަމަހަމަ އުސޫލެއްގެ ދަށުން ދިވެހިރައްޔިތުންނަށް މި ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ކަންތައްތައް ފޯރުކޮށްދިނުން.

އާދެ، އަޅުގަނޑުމެން ދަންނަން އެބަޖެހޭ، ބައެއްފަހަރު ބައެއް ފަރާތްތަކަށް ކޮންމެވެސްވަރަކަށް އޮޅުންވެސް އަރާފައި އޮވެދާނެ، އަޅުގަނޑުމެން ތަރައްޤީ މި ކިޔަނީ ބައެއްފަހަރު ބޮޑު ޢިމާރާތެއް އަޅުގަނޑުމެންގެ ކުރިމައްޗަށް ފެނުމުން. އެއީ ތަރައްޤީ ކަމަށް އަޅުގަނޑުމެންނަށް ބެލެވިދާނެ. ނުވަތަ އެހެންވެސް އެފަދަ ޢިމާރާތަކުން އެއީ ތަރައްޤީ ކަމުގައި ދެއްކިދާނެ. ޙަޤީޤީ ތަރައްޤީއަކީ ދުނިޔޭގައި ކުރިއަރާފައި ހުރި ޤައުމުތަކަށް، ތަރައްޤީ ގެނައީ އެތަނުގެ އިންސާނުން. އާދެ، އެތަނުގައި އުފެދޭ ޒުވާނުން. އެ ދަރީންގެ ސިކުނޑިތައް ތަރައްޤީކޮށް، ފަހި ފުރުޞަތުތަކެއް ހޯދައިދީ، އެ ފަރާތްތަކަށް އަމިއްލަ ފުއްދުންތެރިކަން އިތުރުކުރެވޭނޭފަދަ ފުރުޞަތުތަކެއް ހޯދައިދިނުން. އެމީހެއްގެ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުޞަތުތައް ހޯދައިދީގެން. އާއިލާއަށް އަޅައިލެވޭނެފަދަ ގޮތަކަށް އެ ފަރާތްތަކަށް ފުރުޞަތުތައް ހޯދައިދީގެން.

އާދެ، ހަމައެއާއެކު، މިއަދުގެ ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަނެއް ކަމަކީ، އަންހެން ބޭފުޅުން، އާދެ، ބާރުވެރިކުރުވުން. މީއީ އަނެއްކާވެސް އަޅުގަނޑު ދަންނަވާނީ، މިއަދުގެ ޢިއްޒަތްތެރި މެންބަރުން ކުރައްވާ އެއް މަސައްކަތޭ، މަޖިލިސް ތެރެއިންވެސް. ތަފާތު އެކި ދާއިރާތަކުގައި ހަރަކާތްތެރިވުމަށްޓަކައި އަންހެން ބޭފުޅުންނަށް ގިނަ ފުރުޞަތުތަކެއް ހޯދައިދިނުން.

އާދެ، އަޅުގަނޑުމެން ބަލައިލަމާ ހިންގަވާ. ދިވެހިރާއްޖޭގެ ރަށްރަށުގައި ޚާއްޞަކޮށް، އަންހެނުންގެ ކޮމިޓީތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އަންހެން ބޭފުޅުން ކުރައްވާފައި ހުންނަ މަސައްކަތް. ވަރަށް ފުރިހަމަ، ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރެވިފައި އެބަހުރޭ. އަޅުގަނޑުމެން ދަންނަން އެބަޖެހޭ، އަންހެން ބޭފުޅުން އާދެ، ބާރުވެރިކުރުވުމުން، އަޅުގަނޑުމެންނަށް އެ ބާރުވެރިކުރުވެނީ އާއިލާތަކެއް. އެ އުފެއްދެނީ ވަރުގަދަ އާއިލާތަކެއް. އޭގެ ސަބަބުން، ތަރައްޤީވެފައިވާ ވަރުގަދަ ރަށްތަކެއް އުފެދި، މުޅި ޤައުމީ ތަރައްޤީގެ އަސްލަކަށް އެކަންތައް ބަދަލުވެގެން އެބަދޭ.

އެހެންވީމާ، މިއަދު އަޅުގަނޑު ދިވެހިރާއްޖޭގެ އަންހެން ބޭފުޅުންނަށް ގޮވާލަން އޮތީ، ތިޔަބޭފުޅުންނަށް އޮތް ފުރުޞަތުތައް ހަންޏެއްނުވާނެއޭ. މި ސަރުކާރު ކުރިއަށްދާނީ، ﷲ އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގެ ވަރުގަދަ އަންހެން ބޭފުޅުން، އާދެ، މަސައްކަތްތެރި އަންހެން ބޭފުޅުންގެ ހިއްސާއާ އެއްކޮށޭ. އެ ފުރުޞަތުތައް އަބަދުވެސް ލިބިގެން. އެހެންވީމާ، އެންމެން އެކުގައި އަނެއްކާވެސް މި މަސައްކަތާއިގެން ބާރަށް ކުރިއަށް ދިޔުމުގެ ވިސްނުން އަޅުގަނޑުމެން ގެންގުޅެން އެބަޖެހޭ.

އާދެ، އަޅުގަނޑުމެން ދަންނަން އެބަޖެހޭ، އަޅުގަނޑުމެންގެ ކޮންމެ މީހަކަށްވެސް ޙަޤީޤަތުގައި މި ލިބެނީ ހިނދުކޮޅެއް، ވަގުތުކޮޅެއް. ކޮންމެ ކަމަކަށްވެސް އެބައޮވޭ ނިމުން. އަޅުގަނޑުމެންނަށް ފުރުޞަތު ލިބިފައި އޮންނަ ވަގުތު، އަޅުގަނޑުމެން ކަމެއް ކުރަން އެބަޖެހޭ. ޚިދުމަތްތަކެއް ކުރަން އެބަޖެހޭ. އަދި، އަޅުގަނޑުމެންނަށް ދުނިޔޭގައި އުޅުމުގެ މި ނަސީބު ލިބިފައިވާއިރު، ރަނގަޅު ކަންތައްތައް އަޅުގަނޑުމެން ކުރަން އެބަޖެހޭ. އާޚިރުގައި އަޅުގަނޑުމެން ދާންޖެހޭ އެހެން ތަނެއް އޮންނަކަން އެއީ އަބަދުވެސް އަޅުގަނޑުމެންގެ ސިކުނޑީގައި ހުންނަ ކަމެއް. އާދެ، ގޯސްކޮށް ކަންތައް ކޮށްފިކަމަށްވަންޏާ، ދުނިޔެމަތީގައިވެސް އެކަންތައް ފެނިގެންދޭ. އާޚިރުގައި އެކަންތައް އޭނާއާ ބައްދަލުކުރާނެ.

އާދެ، އެހެންވީމާ އަޅުގަނޑު ދަންނަވަން އޮތީ، އަޅުގަނޑުމެންގެ ތެރޭގައި މިއަދު ސަރުކާރު ހިންގުމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކާއި އަދި އަމިއްލަ ހުރިހާ މަސައްކަތްތެރީންނާއި އެންމެންވެސް އެބަ ވިސްނަންޖެހެޔޭ، ތިމާ ކުރާ ކޮންމެ ކަމަކީ، ރަނގަޅު ކަމަކަށްވާން. ތިމާގެ ދުލުން ބުނާ ބަހަކީ އެއީ، އެ ބަސް އަޑުއަހާ ދަރީންނަށް ނަމޫނާއަކަށްވެ، އެ ބަހުގައި ހިފައިގެން އޭނާއަށް، އެ ކުއްޖާއަށް ރަނގަޅު ކަންތައްތަކެއް ކުރުމަށްޓަކައި މަގުފަހިކުރެވޭ ކަމަކަށްވާން އެބަޖެހޭ. އަޅުގަނޑުމެންނަކީ އަބަދު މީހުންނަށް އެއްޗެހި ކިޔައި، މީހުންނަށް އެކި ގޮތްގޮތަށް ނުބައިބަސް ބުނާ ބައެއްގެ ގޮތުގައި ތިބެއްޖެ ކަމަށްވަންޏާ، އަޅުގަނޑުގެ އެ ދުލުން އެ ބުނާ ބަސް އެންމެ އަވަހަށް އަޑުއަހަން ހުންނާނީ، އަޅުގަނޑުގެ ދަރި. އަޅުގަނޑުގެ ދަރި، އަޅުގަނޑުމެން އަމިއްލައަށް ހަލާކުކުރާ ބަޔަކަށް އަޅުގަނޑުމެން ވެގެންނުވާނެ.

އެހެންވީމާ، އަޅުގަނޑު މިއަދު އަޅުގަނޑުގެ އެންމެފަހުގެ ބަހަކަށްވެސް ދަންނަވަން އޮތީ، އަޅުގަނޑުމެން އެބަޖެހޭ، މީހުންނަށް އޯގާތެރިވާން. އަޅުގަނޑުމެން އެބަޖެހޭ، ކުލުނާއެކު އެހެން މީހުންނަށް ޚިދުމަތް ދޭން. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންނަށް އެނގިފައި ހުރި އެއްޗެއް އަނެކާއަށް ދަސްކޮށްދޭން. މިއީ އަޅުގަނޑުމެންނަށް ހިސާބު ނުކުރެވޭނެފަދަ ހެޔޮ ޘަވާބު، އަޅުގަނޑުމެންނަށް ދަރުމައާއި ޘަވާބު اللَّـهُ سُبْحَانَهُ وَتَعَالَىٰ ދެއްވާނެކަން އަޅުގަނޑުމެން ޔަގީންވާ ކަންތައްތައް. އެހެންވީމާ، މިފަދަ ހެޔޮ ކަންތައްތައް ހުއްޓައި، އަޅުގަނޑުމެން އަބަދު މީހުންނަށް އެއްޗެހި ކިޔައި، މީހުންނާ ދިމާކޮށް، ބަދުބަސްތައް ބުނެ ހެދުމަކީ އަޅުގަނޑަށް ހީވަނީ އެއީ، އަޅުގަނޑުމެންފަދަ ސައްތައިންސައްތަ މުސްލިމް ޤައުމެއްގައި މިފަދަ މަތިވެރި ނަސީބެއް ލިބިފައި ތިބި ބަޔަކު ކުރަން ހެޔޮވާވަރުގެ ކަމެއްވެސް ނޫން.

އެހެންވީމާ، އަޅުގަނޑު ނިންމާލަމުންވެސް، މިއަދު ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަދި ދިއްދޫގެ ލޮބުވެތި ރައްޔިތުންނާއި، މުޅި މި އަތޮޅުގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން އޮތީ، އެންމެން އެކުގައި ކުރާ މަސައްކަތުން، އަޅުގަނޑުމެންނަށް ލިބޭ ފޮނި މޭވާއަކީ އެއީ މުޅި އެންމެންނަށް ހުރި އެއްޗެކޭ. އެއީ، އިރާދަކުރެއްވިއްޔާ މި ސަރުކާރުގައި ވަކި މީހެއްގެ ޖީބަށް، ވަކި މީހަކަށް ފައިދާވާގޮތަކަށް ލިބިގެންދާނެ އެއްޗެއް ނޫނޭ.

އާދެ، އަޅުގަނޑު ނިންމާލުމުގެ ކުރިން، މިފަދަ ކަމެއް އަނެއްކާވެސް ކުރެއްވީތީ، މިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި، މިކަމުގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ދެއްވީތީވެ، އެންމެހައި ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.