ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަރިއަތޮޅު އުތުރުބުރީ މާޅޮސް ކައުންސިލާ މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މާޅޮހު ކައުންސިލަރުން ވަނީ މާޅޮހުގެ ތަރައްޤީއަށް މުހިންމު ކަންކަމާއި ބެހޭގޮތުންނާއި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި ބައެއް މައްސަލަތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ. އެގޮތުން ރަށުގެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތާއި ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި އޮތުމުން އެކަމުގެ ކަންބޮޑުވުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ. މީގެ އިތުރުން ޒުވާނުންގެ މަރުކަޒެއް ރަށުގައި ގާއިމު ކުރުމުގެ މުހިންމުކަމާއި ޒުވާނުންނާ ގުޅުންހުރި އިތުރު މަޝްރޫޢުތަކާއި އަދި ރަށުގެ އިޤުތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ހިންގަން ބޭނުންވާ މުހިންމު މަޝްރޫޢުތަކާބެހޭ ގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މާޅޮހުގެ ފެނާ ނަރުދަމާގެ މަސައްކަތާއި ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.