ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ނިލަންދެ އަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މަގޫދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވާފައެވެ.

މަގޫދޫއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ކުރަންޖެހިފައިވާ މަސައްކަތްތަކާއި އެ މަސައްކަތަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރެއްވިއެވެ. މަގޫދޫ ކައުންސިލަރުންވަނީ، އެ ރަށަކީ އިޓަލީގެ މިލާނޯގެ ބިކޯކާ ޔުނިވަރސިޓީގެ ގޮތްޕެއް ހިނގަމުންދާ ރަށެއްކަން ފާހަގަކުރައްވާ، އެ ގޮފީގައި ރިސާރޗް ހެދުމަށް ޒިޔާރަތްކުރާ އެކި ޤައުމުތަކުގެ ރިސަރޗް ދަރިވަރުންނަށް ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައިފައެވެ. އެގޮތުން ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތަކީ ރަށުގައި ދިރިއުޅެމުންދާ 800އެއްހާ މީހުންގެ އާބާދީއަށްވެސް އޭގެ ފައިދާކުރާނެ މަސައްކަތެއްކަން ކައުންސިލަރުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ރަށުގެ އުމްރާނީ ތަރައްޤީއަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތުވެސް ކައުންސިލަރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މަގޫދޫ ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ކައުންސިލަރުންނާއި ޙިއްޞާކުރެއްވިއެވެ. އަދި ސަރުކާރުން ކުރަން ރާވާފައިވާ ކަންކަމުގެ ޕްލޭންތަކުގެ ފުރިހަމަ މަޢުލޫމާތު ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލެވި އާއްމުކުރުމުން ރައްޔިތުންނަށް ހާމަވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހުތަކާއެކު ކައުންސިލްތަކަށް އިތުރު ބާރުތަކާއި ބަޖެޓް ލިބިގެންދާނެކަން ފާހަގަކުރައްވައި، މި ބަދަލުތަކާއެކުގައި ކައުންސިލްތަކަށް މަތިވެގެންދަނީ ވަރަށް ބޮޑު ޒިންމާއެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި ޤާނޫނަށް ގެންނަ މި އިސްލާހުތަކާއެކު ކައުންސިލްގެ ދައުރު ފުޅާވެގެންދާއިރު ރަށުގެ އާއްމު ޙާލަތު ރަނގަޅުކޮށް، ރަށުގައި ހެޔޮލަފާ ޖީލެއް ބިނާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.