ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ އިތުރުން ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހއ އާއި ހދ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ޒިޔާރަތުގައި އެންމެ ފުރަތަމަ ވަޑައިގަތީ ހއ. މޮޅަދޫއަށެވެ. މޮޅަދޫއަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެރަށުގެ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވައި، އެރަށުގައި އަލަށް ތަރައްޤީކުރާ ކުޑަކުދިންގެ ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މިދަތުރުގައި މޮޅަދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ޙައްލެއް ހޯދުމަށް ސަރުކާރުން އެރަށުގައި ތަރައްޤީކުރާ ބަނދަރުގެ ޢަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފައްޓަވާދެއްވާފައެވެ.

ހއ. ދިއްދޫއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި ދަތުރުފުޅުގައި ހއ. އަތޮޅު ކައުންސިލާއި ދިއްދޫ ރަށު ކައުންސިލަރުންނާ ބައްދަލުކުރެއްވިއެވެ. ދިއްދޫއަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެރަށުގައި ދިރިއުޅޭ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިއްދޫއަށް ކުރެއްވި ދަތުރުފުޅުގައި، ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ފާހަގަކުރާ ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު ދެއްވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހއ. އާއި ހދ.ގެ ބައެއް ރަށްތަކަށް ކުރެއްވި ޒިޔާރަތުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން މިއަދު ހެނދުނު ވަނީ ހދ. ކުޅުދުއްފުއްޓަށް ޒިޔާރަތްކުރައްވާފައެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުޅުދުއްފުށީ ކައުންސިލާ ބައްދަލުކުރައްވާފައެވެ. ކުޅުދުއްފުށްޓަށް ކުރެއްވި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، މިއަހަރުގެ ހިތާނީ ކޭމްޕު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. ހިތާނީ ކޭމްޕު އިފްތިތާހު ކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖްމަންޓާ ވެސް ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހއ. އާއި ހދ.ގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރު ވަނީ މާލެ ވަޑައިގެންފައެވެ.