ޤައުމެއް ކުރިއަރާދާނީ އުފެއްދުންތެރި، ހުނަރުވެރި، ވަރުގަދަ ޖީލެއް އުފެއްދިގެން ކަމަށާއި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތެރި ފަރާތްތަކުގެ އަގު ވަޒަން ކުރުމަކީ އެފަރާތްތަކަށް ދެވޭ އިތުރު ހިއްވަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް 2019، ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ހއ. ދިއްދޫގައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ގިނަ އަދަދެއްގެ ރައްޔިތުންގެ އެދިވަޑައިގެންނެވުމާއި އެއްގޮތަށް ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެވި، މިއިސްލާހުތަކާއިއެކު ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގަން ފެށުމުން ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ކައުންސިލްތައް ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެން ގޮސްފައިވީނަމަވެސް، މިއަދުގެ ސަރުކާރުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަމަކީ ކައުންސިލްތައް ބާރުވެރި ކުރުވައިގެން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

”ޤާނޫނަށް ގެންނަ ބަދަލުތަކާއެކުގައި، އަންނަ އަހަރު ވެގެންދާނީ ކައުންސިލްތައް މާލީގޮތުން ތަނަވަސްކަން އިތުރުވެގެންދާނެ އަހަރެއްގެ ގޮތުގައި. އެއާއެކު ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ވާނެކަން ކަށަވަރު،“ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތިލަދުންމައްޗަކީ ވަރަށް ވަރުގަދަ ޤައުމީ ބަޠަލުންތަކެއް، ޤައުމީ ފަހުލަވާނުންތަކެއް އުފެއްދި އަތޮޅެއް ކަމުގައި ވިދާޅުވެ ތިލަދުންމަތިން އުފެދުނު ޤައުމީ ބަޠަލުންގެ ހަނދާންތައް އާކުރައްވާފައެވެ.

”ތަޢުލީމީ ދާއިރާގައި ރަންވަނަތައް އަޅުގަނޑުމެން ފާހަގަކުރާއިރު، އަޅުގަނޑުގެ ހަނދާނަށް ގެންނަންޖެހޭ، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގަވެސް، ހުރިހާ ރަށްތަކެއްގަވެސް، ގިނަގުނަ ޚިދުމަތްތެރިން އެބަތިބިކަން. އަޅުގަނޑުމެން ހަނދާނަށް އެބަގެންނަންޖެހޭ އަޅުގަނޑުމެންގެ ޤައުމު މިހާހިސާބަށް، އަޅުގަނޑުމެންނާ ހަމައަށް ގެނަސްދިނުމުގައި، ގިނަގުނަ މަސައްކަތްތަކެއް، ގިނަގުނަ ޤުރުބާނީތަކެއްވި ވަރަށްގިނަ ބަޔަކުވާކަން،“ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މިޖަލްސާގައި އެކި ދާއިރާތަކުން ހއ. އަތޮޅުން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތެރީންގެ އަގުވަޒަންކޮށް އިނާމު ދީފައިވެއެވެ. ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމުގައި މިފަހަރު ހިމެނެނީ ޝަރަފުވެރިކަމުގެ އިނާމު، ހިތްވަރުދިނުމުގެ އިނާމު، ކައުންސިލުންދޭ ޚާއްޞަ އިނާމު، މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ޚާއްޞަ އިނާމު، ޚާއްޞަ ޚިދުމަތުގެ އިނާމު އަދި ހިންގުންތެރިކަމުގެ އިނާމެވެ.

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަކީ އެކި ދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި ހއ. އަތޮޅު ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާ ދަރިވަރުންނާއި އަތޮޅަށް އެންމެ ޚިދުމަތްތެރި ރިސޯޓާއި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކްލަބް ޖަމިއްޔާތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ތިލައުތުރު އުއްތަމަ އަރުތަވެރިންގެ ނަމުގައި ހއ. އަތޮޅު ކައުންސިލުން ދެމުންގެންދާ އިނާމެކެވެ.