އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފޮނުއްވާ ވޮލަންޓިއަރުން، އަންނަ އަހަރުގެ ފެށޭހާ ތާނގައި ފޮނުއްވުމަށް މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ ކަމުގައި އޮސްޓްރޭލިއާ ހައިކޮމިޝަންގެ ވަފްދުގެ ބޭފުޅުން ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިއާ ހައިކޮމިޝަންގެ ވަފްދުގެ ބޭފުޅުން މިކަން ހާމަކުރެއްވީ، މިއަދު ހެނދުނު ރައީސް މުޙަންމަދު ނަޝީދާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެބޭފުޅުންގެ ވާހަކަފުޅުގައި، ޕައިލެޓް ފޭޒްގައި ވޮލަންޓިއަރ ޓީޗަރުން ދިވެހިރާއްޖެއަށް ފޮނުއްވުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތަކަށާއި، ވެދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއަށް ބޭރުގެ އެހީއާ އެއްވަރަށް، ބޭރުގެ އިންވެސްޓްމަންޓާއި ވިޔަފާރީގެ ގުޅުންވެސް ވަރަށް މުހިންމު ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ނިޒާމް ޤާއިމު ކުރުމަށް އޮސްޓްރޭލިއާފަދަ އެކުވެރި ޤައުމުތަކުގެ އެހީއާއި އެއްބާރުލެއްވުން ލިބިފައިވާކަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށާއި އެކަށައެޅުއްވުމުގައިވެސް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަން ދިވެހިރާއްޖެއަށް ވަރަށް ބޭނުންތެރިކަން ބަޔާން ކުރެއްވިއެވެ.
ރާއްޖޭގެ ޝަރުޢީ ނިޒާމާއި، އެނޫނަސް މިނިވަން މުއައްސަސާތައް ހަރުދަނާ ކުރެއްވުމަކީ، ޑިމޮކްރަސީއަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އޮސްޓްރޭލިއާ ހައިކޮމިޝަންގެ ވަފްދުގެ މިސްޓަރ މާކް ބެއިލީ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އިޞްލާޙީ މަސައްކަތް ނިމުނީ ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ޤަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެ، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި، އޮސްޓްރޭލިއާ ސަރުކާރުގެ އެއްބާރުލުން އޮންނާނެ ކަމުގެ ޔަޤީންކަން ރައީސް ނަޝީދަށް އެރުވިއެވެ. އަދި އިޤްތިޞާދީ ހީނަރުކަމެއްގެ ތެރޭގައި، މިވަގުތު އުޅެމުންވެސް އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ދެމުންދާ އެހީތައް ކުރިއަށް ގެންދެވުމަށް އޮސްޓްރޭލިއާ ސަރުކާރުން ނިންމެވި ނިންމެވުން އެއީ، ރާއްޖެއާ ގުޅުން ބަދަހިކުރެއްވުމަށް ބޭނުންވާ މިންވަރު ދޭހަކޮށްދޭ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.