بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް، ދައުލަތުގެ ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭ ހުޅުވިގެންމިދާ "ފަންނު އެކްސްޕޯ"އަކީ، ދިވެހީންގެ ފަންނީ ހުނަރުވެރިކަމާއި ކުޅަދާނަ މަސައްކަތްތެރިކަން، ޒަމާނާއެކު ތަރައްޤީވެ ކުރިއަރަމުން އަންނަކަން ސާބިތުކޮށްދޭ މައުރަޒެއް. މި މުހިންމު މައުރަޒުން ރަން ވަނަތައް ހާސިލުކުރާ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވަން.

މީގެ ކުރިން ރާއްޖޭގައި ބޭއްވި މައުރަޒުތައްވެސް ފެނުމުގެ ނަސީބު ލިބިފައިހުރި މީހަކަށްވާތީ، މި މައުރަޒުންވެސް، ދިވެހި ޤައުމިއްޔަތާއި ޘަޤާފަތް، އަދި ދިވެހިވަންތަކަން ރަމްޒުކޮށްދޭ ‏ދިވެހި އަމިއްލަ އުފެއްދުންތައް ފެނިގެންދާނެކަމަށް އަޅުގަނޑު އުންމީދު ކުރަން. އެހެންކަމުން، މި މައުރަޒުގައި އުފެއްދުންތައް ބައިވެރިކުރެއްވި، ރާއްޖޭގެ ހީވާގި ހުނަރުވެރިންނަށާއި، ފަންނުވެރި މަސައްކަތްތެރީންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

ދިވެހި އަދަބިއްޔާތާއި ދިވެހިބަހާ އެކުގައި، ކާބަފައިން އަޅުގަނޑުމެންނަށް ދޫކުރި އެންމެ އަގުބޮޑު ތަރިކައަކީ، އަތު މަސައްކަތާއި އަތްތެރި މަސައްކަތުގެ ދާއިރާއިން، އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވާ ހުނަރުވެރިކަން. އެތައް ޖީލެއް ކަޑައްތުކޮށް އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވާ، އެވޭލާ ދިވެހި ކޮންމެ އުފެއްދުމަކީ، އޭގައި ޚާއްޞަ ދިވެހިވަންތަ ސިފަތަކެއް އެކުލެވިފައިވާ އުފެއްދުމެއް.

މި މައުރަޒަކީވެސް މި ދެންނެވި އަގުބޮޑު ތަރިކައިގެ މުއްސަނދިކަން، އަޅުގަނޑުމެންނަށް ފެނިގެންދާނެ މައުރަޒެއްކަން ޔަޤީން. މި މައުރަޒުގައިވެސް 78 ގިންތިއަކުން، އުފެއްދުންތައް މިންކޮށް ވަޒަންކުރެވިގެން ވަނަތައް ހޮވުމަކީ، މި ދެންނެވި ތަރިކައިގެ މުއްސަނދިކަން ދޭހަވާ ކަމެއް. ދިވެހީންގެ ހުނަރުވެރި ފަންނުވެރި ތަރިކަތައް ދިރުވައި އާލާކުރުމަށް، ދިވެހި މަސައްކަތްތެރީން މިހާރުވެސް އަންނަނީ، މިންނެތް މަސައްކަތްތަކެއް ކުރަމުން.

މިފަދަ މައުރަޒުތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް، އެފަދަ މަސައްކަތްތެރީންނަށް ހިތްވަރުދީ، ދިވެހިންގެ ހުނަރުތައް ދިރުވައި އާލާކުރުމަށް، ވާދަވެރި މާޙައުލެއްގެ ތެރެއިން ފުރުޞަތު ފަހިކޮށްދިނުން. ވަކިން ޚާއްޞަ ގޮތެއްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ މީހުންނަށް، ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، މުދާ ގަންނަ ފަރާތްތަކާ ގުޅުވައިދިނުމަކީ، ފަންނު އެކްސްޕޯގެ ވަރަށް މުހިންމު މަޤްޞަދެއް.

ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ގާތްގަނޑަކަށް 93 އިންސައްތައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް. ނަމަވެސް، އެ ބާވަތުގެ ވިޔަފާރިތައް، ރާއްޖޭގެ އިޤްތިޞާދުގައި އެކަށީގެންވާ ގޮތެއްގައި، އަދިވެސް ޝާމިލުނުކުރެވޭކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. ރަސްމީކޮށް ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވުރެ، ރަޖިސްޓްރީ ނުކޮށް ހިންގާ އެ ބާވަތުގެ ވިޔަފާރިތައް އަދި މާގިނަ.

މިދެންނެވި ބާވަތުގެ ވިޔަފާރިތައް، ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި އެބަ ހިނގާ. އަދި ފަރުދުންގެ ޖީބަށް ސީދާގޮތެއްގައި ފައިސާ ވަންނަ، އެންމެ ފުޅާ ދޮރާށްޓަކީވެސް، މި ދެންނެވި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް. އެ ބާވަތުގެ ވިޔަފާރިތައް ކިތަންމެ ގިނަޔަސް، އެފަދަ ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުމުގައި ވަރަށް ގިނަ ހުރަސްތަކެއް އެބަ ކުރިމަތިވޭ.

އެފަދަ ވިޔަފާރިތަކުގެ ނާޒުކުކަމުންނާއި، ހަރުދަނާ އެކައުންޓިންގ ނިޒާމުތަކެއް ނެތުމުން، ބޭންކުތަކުން ލޯނުދޭން ފަސްޖެހުމަކީ، އެންމެ ބޮޑު ގޮންޖެހުން. އަމިއްލަ އުފެއްދުންތައް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބާޒާރުތަކުގައި، ރަނގަޅަށް މާކެޓްކުރާނެ ފުރުޞަތު ނެތުމަކީވެސް ޙައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލައެއް.

މިފަދަ ކިތަންމެ ހުރަސްތަކެއް ހުރުމުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އަމިއްލަ އުފެއްދުންތެރިކަން ކުރިއެރުވޭނެ ރަނގަޅު އޮނިގަނޑެއް ނެތުމުގެ ސަބަބުން، އިޤްތިޞާދަށް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވޭ. އަދި ރަނގަޅު ނަފާ ލިބޭނެ ގޮތަކަށް ދެމެހެއްޓެނިވި ގޮތެއްގައި، އެފަދަ ވިޔަފާރިތައް ނުހިންގެނީ މިފަދަ އެތައް ސަބަބުތަކެއް ހުރީމަ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން، އެސް.އެމް.އީ ބޭންކެއް ޤާއިމުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފެށީވެސް، އެފަދަ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ބޭނުމުގައި. އެސް.އެމް.އީ ބޭންކުން ޚިދުމަތް ދޭން ފެށީ، މިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހު.

އަޅުގަނޑަށް އެނގިފައި އޮތްގޮތުން، އެ ދުވަހުން ފެށިގެން މިހާތަނަށް، 1.3 ބިލިއަން ރުފިޔާ ހޯދުމަށް، އެކި ފަރާތްތަކުން އެ ބޭންކަށް ހުށަހަޅާފައި އެބައޮތް. އޭގެތެރެއިން މިހާތަނަށް އެކި ފަރާތްތަކަށް 233 މިލިއަން ރުފިޔާ ދިނުމަށް، އެ ބޭންކުން ނިންމައި، ބައެއް ފަރާތްތަކަށް މިހާރު ވަނީ އެ ފައިސާ ދޫކުރެވިފައި.

މިއިން އެނގެނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ޙަޤީޤަތުގައިވެސް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވެފައިވާކަން. އެފަދަ ވިޔަފާރިތައް ހިންދެމިލުމަށް އިޤްތިޞާދީ ދާއިރާގެ ތަރައްޤީގެ ތެރެއިން ޖާގަ ހޯދައިދޭން އެބަޖެހޭ. އެކަމަށްޓަކައި ސަރުކާރުންވެސް މި އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އޮނިގަނޑު ހަރުދަނާކޮށް، އެފަދަ ވިޔަފާރިތަކުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް، ސަރުކާރު ކަމާގުޅޭ އިދާރާތަކުން ވަރަށް ބާރަށް ކުރަމުން އެބަގެންދޭ.

މި ދެންނެވި މަސައްކަތުގެ ތެރެއިން، މި ފެށޭ 2020 ވަނަ އަހަރުގެ ތެރޭގައި އެސް.އެމް.އީ ބޭންކް މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައި. އަޅުގަނޑު ގަބޫލުކުރާގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިދޭ އެހީތެރިކަމުގެ ފައިދާ އަޅުގަނޑުމެންނަށް އިޤްތިޞާދުން ވަރަށް އަވަހަށް ފެނިގެންދާނެ. އަދި މިފަދަ މައުރަޒުތައް ބާއްވައިގެން، އެފަދަ ވިޔަފާރިތަކަށް ރަނގަޅު މާކެޓެއް ހޯދައިދެވިއްޖިއްޔާ، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ފައިދާކުރާނެކަން ޔަޤީން. މިފަދަ މައުރަޒުތަކުން، ރާއްޖޭގައި ތިބި ހުނަރުވެރި މަސައްކަތްތެރީންގެ މަސައްކަތްތައް، އާންމުކޮށް އެއް ތަނަކުން ފެނި، އެފަދަ އުފެއްދުންތަކަށް ހަމަ އަގު ލިބުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެ.

ވަކިން ޚާއްޞަ ގޮތެއްގައި، ހުނަރުވެރި ދިވެހި ޒުވާނުންގެ އުފެއްދުންތަކަށް ރަނގަޅު އަގު ހޯދައިދިނުމަކީ، މި މައުރަޒުގެ ވަރަށް މުހިންމު މަޤްޞަދެއް. ހަމައެފަދައިން، ގޭގައި ތިބެގެން މަސައްކަތްކުރާ ވަރަށް ގިނަ، ވަރަށް ހުނަރުވެރި ދިވެހި އަންހެނުންތަކެއްވެސް، އިޤްތިޞާދީ ނަފާވެރިކަމުން ހަވާސާވެފައި އެބަތިބި. އެމީހުންގެ އުފެއްދުންތައް ވިއްކޭނެ މަގު ފަހިކޮށްދިނުމަކީވެސް މި މައުރަޒުގެ ވަރަށް ބޮޑު ބޭނުމެއް.

މަސައްކަތްތެރި އަންހެނުންގެ އުފެއްދުންތަކަށް، ހަމަ އަގު ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސިއްޖިއްޔާ، އުފެއްދުންތެރިކަން އިތުރުވެ، އެކަމުގެ ހެޔޮ އަސަރު އިޤްތިޞާދަށް ކުރަން ފަށާނެ. ވަކިން ޚާއްޞަ ގޮތެއްގައި، ފަރުދީ ފުދުންތެރިކަން އިތުރުވެ، ޢާއިލާގެ އުފާވެރިކަންވެސް އިތުރުވެގެންދާނެ.

ކޮންމެ މައުރަޒެއްގައިވެސް މުހިންމު ދެ ބައެއް އެބަ ހިމެނޭ. ފުރަތަމަ ބަޔަކީ، އުފެއްދުންތައް ދައްކާލުމުގެ ބައި. އުފެއްދުންތައް އެއް ތަނަކުން ގިނަ ބަޔަކަށް ފެންނާނެ ގޮތް ހެދުން. ދެވަނަ ބަޔަކީ، ވާދަކުރުމުގެ ބައި. މައުރަޒަކަށް މިވަނީ މި ދެބައި އެކުވީމަ.

އެހެންވީމާ، ގިނަ ބަޔަކަށް އުފެއްދުންތައް ދެއްކުމަށްޓަކައި މައުރަޒުގައި އުފެއްދުންތައް ބައިވެރިކުރާއިރު، ބައިވެރިކުރާ ތަކެތީގެ ފެންވަރު ރަނގަޅުކުރުމަކީވެސް ވަރަށް މުހިންމު ކަމެއް. ކޮންމެ އުފެއްދުމެއްގެވެސް އަގު އުފުލިގެން މިދަނީ، އެ އުފެއްދުމެއްގެ ފޭރާން ހެޔޮވެ، މަސައްކަތްތައް ފަށުވިވާ މިންވަރަކުން. އެހެންވީމާ، މައުރަޒެއްގައި ބައިވެރިވުމުގައި އޮންނަ ދެ މަޤްޞަދަކީ، ރަނގަޅު އަގުގައި އުފެއްދުމެއް ވިއްކައިލުމާއި، ރަން ވަނައެއް ހާސިލުކުރުން.

އަޅުގަނޑުމެން ދިވެހީންނަކީ، ޒަމާނުއްސުރެ ތަފާތު ފަންނުތަކުގައި އާދަޔާ ޚިލާފު ހުނަރުވެރި ވިސްނުންތަކެއް ގެންގުޅޭ ބައެއް. ރާއްޖޭގެ އެކި ކަންކޮޅުގައި ހުރި ދުވަސްވީ މިސްކިތްތަކާއި ޒިޔާރަތްތަކަކީ، އިމާރާތް ކުރުމުގެ ފަންނުގައި ދިވެހިންގެ ހުނަރުވެރިކަމާމެދު ސުވާލު ނުއުފެދޭހާ މޮޅު އުފެއްދުންތަކެއް. ލިޔެލާޖެހުމާއި ލާފެންކުރުމަކީވެސް، ކަވި އަދި ފަށުވި މަސައްކަތްތަކަށް، ދިވެހީން ހުޝިޔާރުކަން ސާބިތުކޮށްދޭ ވަރަށް ހިތްގައިމު މަސައްކަތެއް.

ދިވެހި ޒުވާނުންނަކީވެސް އަޅުގަނޑުމެން ހީނުކުރާހާ ހުނަރުވެރި މޮޅު ބައެއް. ބޭނުންވަނީ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ނެރެ ހާމަކޮށްދޭނެ ވަސީލަތްތަކާއި ފުރުޞަތުތައް ފަހިކޮށްދިނުން. ޒުވާނުންނަށް މަގު ފަހިކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމުން މުޅިން އާ ދިވެހި އުފެއްދުންތައް މައުރަޒުތަކުން ފެންނަން ފަށާނެ. މި ޒަމާނަށް ބަލާއިރު، ޘަޤާފީ ކޮންމެ ކަމަކީވެސް، އަދި ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ ކޮންމެ ކަމަކީވެސް، އެތައް ގޮތަކުން އިޤްތިޞާދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންތައްތައް. ކޮންމެ ޤައުމެއްގައިވެސް ބޭރުން އަންނަ މެހުމާނުންނަށް އެންމެ ބޮޑު އަގުގައި ވިއްކޭ އެއްޗަކީ، އެބައެއްގެ ތަރިކައާއި އެބައެއްގެ ޘަޤާފަތާ ގުޅޭ ތަކެތި.

އަޅުގަނޑު އުންމީދުކުރަނީ، މި މައުރަޒަކީވެސް، އަޅުގަނޑުމެން މި ބޭނުންވާ އިޤްތިޞާދީ ކުރިއެރުމަށް މަގު ފަހިވެގެންދާނެ، ފެންވަރު ރަނގަޅު އުފެއްދުންތައް ފެންނާނެ މައުރަޒަކަށް ވެގެންދިޔުން.

އަޅުގަނޑުމެން ދިވެހީންގެ ފަންނުތައް، ދިވެހި ހުނަރުތައް، އަދި ދިވެހީންގެ އުފެއްދުންތެރިކަން ކުރިއަރުވައި ތަރައްޤީކުރުމުގެ ހެޔޮ ތައުފީޤު، މާތް ﷲ އަޅުގަނޑުމެންނަށް މިންވަރުކުރެއްވުން އެދި ދުޢާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

މައުރަޒުގެ އެންމެހައި ބައިވެރިންނަށް ޝުކުރު ދަންނަވަމުން، ވަނަތައް ހޯދާ ހުރިހާ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.